ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދުއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅަކީ ރާއްޖޭގައި ޘަޤާފީ ފަތުރުވެރިކަން ތަޢާރުފު ކުރެއްވުމަށް ހިންގަވާ ފުރަތަމަ މަޝްރޫޢު އިފްތިތާޙު ކުރެއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

[ކަލާފާނު މެމޯރިއަލް ޕްރޮޖެކްޓް“ގެ ނަމުގައި ހިންގަވާ މި މަޝްރޫޢު އިފްތިތާޙު ކޮށްދެއްވުން އޮންނާނީ މިރޭ 9 ޖަހާއިރު ހަންޏާމީދޫގައި ބާއްވަވާ ޖަލްސާއެއްގައެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކަލާފާނާބެހޭ ފަތްކޮޅުތައް ހަދިޔާ ކުރައްވައި، ކަލާފާނާބެހޭ ފޮތް ނެރުއްވައިދެއްވާނެއެވެ. މި ޖަލްސާގައި މިމަޝްރޫޢުގެ ތަޢާރުފަކާއި ބަޔާނެއް ދެއްވާނީ، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުގެ އަލްފާޟިލް އަޙްމަދު ނަޞީރެވެ. ޘަޤާފީ ފަތުރުވެރިކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާނީ، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދެވެ.