ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ހޮޅުދޫ ރައްޔިތުންނާއި، ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ މިއަދު މެންދުރުފަހު ވަކިވަކީން ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުންތަކުގައި ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު މޭނާ ސްކޫލް މިހާރު ދެ ކެމްޕަހެއްގެ ގޮތުގައި ހިންގަމުން ދާތީ ދިމާވާ ދަތިތައް ޙައްލުކުރެއްވުމަށް ކަމާގުޅޭ މިނިސްޓްރީއާ މަޝްވަރާކުރެއްވުމަށްފަހު ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތަށް މޭނާ ސްކޫލްގެ ކަންކަން ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ، ހޮޅުދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން މޭނާ ސްކޫލާ ގުޅޭ ގޮތުންނާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި ގުޅޭ ގޮތުންނާއި، ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމުގެ މުހިންމު ކަމާއި، ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކުރުމަށް ބޭނުންވާ ކަމަށާއި، އާބާދީއާ އެކަށޭނަ ޒަމާނީ މިސްކިތެއް ބޭނުންވާ ކަން ހާމަކުރައްވާފައިވެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެ ބޭފުޅުންނަށް މަސައްކަތްކުރުމަށް ވަކި ޚާއްޞަ ޢިމާރާތެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނާއި ކައުންސިލުން އެދިލެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮޅުމީދޫ ތަރައްޤީކުރުމުގައި ސަރުކާރާއި ރައްޔިތުން ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށްގެން ބޭނުންވާ ގޮތްތަކެއް ނިންމެވުމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހޮޅުދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ހޮޅުދޫ ރައްޔިތުން ވަނީ ތަރައްޤީއާގުޅޭ ގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އިޙްސާސްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މި ގޮތުން ހޮޅުދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި، ކުޅިވަރު ތަރައްޤީކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ވިސްނުން ހުރިގޮތާއި ގުޅޭ ގޮތުން އެ ބޭފުޅުން ވަނީ ޝުޢޫރު ފާޅުކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮޅުދޫ ގެ ތަރައްޤީއަށް ރާވާފައިވާ ކަންކަން ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މޭނާ ސްކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރިންގެ ޓީމަކާއި ބައްދަލުކުރައްވާ ސްކޫލާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ސްކޫލްގެ މެނޭޖްމަންޓުން ވަނީ މޭނާ ސްކޫލް އަލުން ޢިމާރާތްކުރުމުގައި ކޮލިޓީ ހިފެހެއްޓޭނެ ގޮތެއް ކަށަވަރުކޮށްދެއްވުމަށް ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުންތަކަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ނ. ހޮޅުދޫގައި ސަރުކާރުން އާބާތުރަ ފިލުވައި ތަރައްޤީކޮށްފައިވާ ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވާ އެ ދަނޑުގައި ކުޅެވުނު ފުޓްބޯޅަ މެޗްގެ ބައެއް ބައްލަވާލައްވާފައެވެ. މި މެޗުގައި ބައްދަލުކޮށްފައި ވަނީ މާލޭ ވެޓެރަންސް ޓީމާއި ހޮޅުދޫ ފުޓްބޯޅަ ޓީމެވެ.
ރައީސުލްޖުމްހޫރިއްޔާ ހޮޅުދުއަށް މި ކުރައްވާ ދަތުރުފުޅުގައި ހޮޅުދޫ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގައި ތަރައްޤީ ކުރަމުންދާ އެކްސްޓެންޝަންގެ މަސައްކަތް ވަނީ ބައްލަވާލައްވާފައެވެ. އެ މަނިކުފާނު ހޮޅުދުއަށް މި ކުރައްވާ ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް އިއްޔެ ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެވެ. އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.