މޫދު އަޑީގައި ބާއްވަވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާ މިއަދު ހެނދުނު 10.25 ގައި ނިމިއްޖެއެވެ. ގިރިފުށީގެ މޫދު އަޑީގައި ބޭއްވެވި ޖަލްސާގެ ރިޔާސަތުގައި އިންނެވީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. މިއީ، ދުނިޔޭގެ ތާރީޚުގައިވެސް ޤައުމެއްގެ ކެބިނެޓް، މޫދު އަޑީގައި ޖަލްސާއެއް ބޭއްވެވި ފުރަތަމަ ފަހަރެވެ. މިޖަލްސާގައި އޮތީ ރާއްޖެއަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުން ޤަރާރެއް އެކުލަވާލައްވައި، އެޤަރާރުގައި ސޮއިކުރެއްވުމެވެ. މި ޤަރާރުގައި ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސާއި ވަޒީރުން ސޮއިކުރެއްވިއެވެ. މި ޤަރާރު ދެން ހުށަހަޅުއްވާނީ، ޑިސެމްބަރު މަހު ކޯޕަންހޭގަންގައި ބާއްވަވާ ތިމާވެށްޓާބެހޭ ސަމިޓަށެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަހަރުގެ 33 ވަނަ ޖަލްސާ މޫދު އަޑީގައި މިބޭއްވެވީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި ރާއްޖެއަށް ހުރި ނުރައްކާތައް ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެންނެވުމަށްޓަކައެވެ.

މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްފަހު، މޫދުގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި، ކެބިނެޓް ޖަލްސާ މޫދުއަޑީގައި ބޭއްވެވުމުގެ ބޭނުންފުޅަކީ، ރާއްޖެއަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކުގެ ނާޒުކުކަން ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެންނެވުން ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެ ސަލާމަތް ނުކުރެވޭނަމަ، ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް މިފުރްޞަތު ނެތްކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. މިއީ ވަރަށް ސީރިއަސް ގޮތެއްގައި ދެކި ފިޔަވަޅު އަޅަންޖެހޭ މައްސަލައެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިޖަލްސާގައި ސޮއިކުރެއްވި ޤަރާރު، ކޯޕަންހޭގަން ސަމިޓަށް ހުށަހެޅުއްވުމުގެ ބޭނުންފުޅަކީވެސް ޤައުމުތަކުގެ ވެރިންގެ ސަމާލުކަމަށާއި، ބައިނަލްއަޤްވާމީ ސަމާލުކަމަށް މިކަން ގެންނަވައި، އެޤައުމުތަކާއި އެބޭފުޅުންގެ ތާއީދާއި އެއްބާރުލެއްވުން ހޯއްދެވުން ކަމުގައި ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ދެންނެވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޖަވާބު ދެއްވިއެވެ. ކޯޕަންހޭގަން ސަމިޓުން ގޮތެއް ނުނިމިއްޖެނަމަ، ރާއްޖެއަށް ދެންވާނީ ކިހިނެއްތޯ ނޫސްވެރިއަކު ދެންނެވުމުން، އެ ސަމިޓުން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ރާއްޖެ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މޫދު އަޑީގައި މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ޚަބަރުތައް، ވަގުތުން ދުނިޔޭގެ އެކިކަންކޮޅުތަކަށް ފޮނުވުމަށްޓަކައި ވަރަށްގިނަ ޢަދަދެއްގެ ރިޕޯޓަރުން ޙަރަކާތްތެރިވަމުންދިޔައެވެ. އޭގެތެރޭގައި، ބީ.ބީ.ސީ، ސީ.އެން.އެން، އަލްޖަޒީރާ، އޭ.ބީ.ސީ ނިއުސް، ރޮއިޓަރސް، އެސޯޝިއޭޓެޑް ޕްރެސް، އިންޑިއާގެ ސްޓާރ ނިއުސް ހިމެނެއެވެ. އަދި ރާއްޖޭގެ ރިޕޯޓަރުންނާއި، ބޭރުގެ ބައެއް ނޫސްތަކާއި މަޖައްލާތަކުގެ ރިޕޯޓަރުންވެސް ޙަރަކާތްތެރިވަމުންދިޔައެވެ.

މިއަދުގެ ކެބިނެޓް ޑައިވަށްފަހު ވަޒީރުން ބޭއްވެވުމަށް ހަމަޖައްސަވާފައިވާ ބައިސްކަލް ބުރު، މިމަހުގެ 24 ވަނަ ދުވަހު ބާއްވަވާ ގޮތަށް މިހާރުވަނީ ބަދަލުކުރައްވާފައެވެ.