ސަރުކާރަށް ވަރަށް ގިނަ ދުވަހު ޚިދްމަތް ކުރައްވާފައިވާ އަދި ރާއްޖޭގެ ލިޔުންތެރިކަމުގެ ދާއިރާގައި ވަރަށް މަޝްހޫރު ބޭފުޅެއް ކަމަށްވާ ގަލޮޅު މަންޒިލް އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވުމަށްފަހު މިއަދު 11 ޖަހާއެހާކަންހާއިރު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރަކީ 76 އަހަރެވެ.

އަލްމަރްޙޫމް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދަކީ، 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެންމެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވަނީ ރާއްޖޭގެ ތަޢްލީމީ ދާއިރާގައެވެ. ސަރުކާރުގެ ޚިދްމަތް އޭނާ ފަށްޓަވާފައިވަނީ، 3 ސެޕްޓެމްބަރ 1950 ގައި ވުޒާރަތުއް ދާޚިލިއްޔާގެ ކާތިބު ކަމުންނެވެ. ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާތިބުއްސިއްރުގެ ނަމުގައި ސެކްރެޓެރީއެއްގެ މަގާމު އޭނާ އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން، ވުޒާރަތުލް މަޢާރިފްގެ ޚާއްޞަ މުދައްރިސްކަމާއި، މަޖީދިއްޔާ ސްކޫލުގެ މުދައްރިސްކަމާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެގްޒަމިނަރ ކަމާއި، އެޑިޔުކޭޝަނަލް ސްޕަވިޜަންކަންވެސް ކުރައްވާފައިވެއެވެ. އަދި ނުރަސްމީ ތަޢްލީމުދޭ މަރުކަޒުގެ ޑެޕިޔުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި މުޝީރުކަމުގެ މަގާމުވެސް ފުރުއްވާފައިވެއެވެ. ޢަބްދުއްރަޙީމް ޢަބްދުލްމަޖީދަކީ، 4 އަތޮޅެއްގެ އަތޮޅުވެރިކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން ދ.އަތޮޅާއި، ފ.އަތޮޅާއި، މ.އަތޮޅާއި، ޅ.އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވިއެވެ.

ދިވެހި ސިވިލް ސަރވިސް ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް 15 މެއި 2008 ގައި ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދަށްވަނީ ލިބިވަޑައިގެންފައެވެ. އޭރު ހުންނެވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތައްލީމުގެ ޚާއްޞަ އެހީތެރިޔާ ކަމުގެ މަގާމުގައެވެ.

އަލްމަރްޙޫމް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދަކީ، ޢަރަބި ބަހާއި އުރުދޫބަސް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ލިޔުމުގެ މުދައްރިސެއްވެސް މެއެވެ. ވަރަށް ރީތިކޮށް ޢަރަބި ތާނަ ލިޔުއްވައި، ކެތްތެރި މަޑުމައިތިރި މިޖާޒެއްގެ އަދި ދަރިވަރުންގެ ލޯބި ހޯއްދެވި މުދައްރިސެކެވެ. ތާނަ ޢަރަބި ލިޔުމުގެ ރޮނގުން ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1979 ވަނަ އަހަރު ސަރުކާރުން އޭނާއަށްވަނީ ދެއްވާފައެވެ.

ޢަބްދުއްރަޙީމަކީ، ދިވެހި ލިޔުންތެރިކަމުގެ ރޮނގުންވެސް ވަރަށް ފާހަގަކުރެވޭ ބޭފުޅެކެވެ. އޭނާގެ ވަރަށް ގިނަ ލިޔުއްވުންތައް އެކި މަޖައްލާތަކުގަޔާއި ދުވަހު ނޫސްތަކުގައިވެސްވަނީ ޝާއިޢު ކުރެވިފައެވެ. އޭގެތެރޭގައި ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވާ ވަރަށް ގިނަ ލިޔުންތައް ހިމެނެއެވެ. ސަރުކާރުގެ ޚަބަރު ނެރުއްވި ދުވަސްވަރު އެނޫހަށްވެސް އެކި ލިޔުންތައް ލިޔުއްވިއެވެ. އަދި ބައެއް ޢިލްމީ ފޮތްތައްވެސް އޭނާވަނީ ނެރުއްވާފައެވެ. ދިވެހި ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ސަރުކާރުން ބޭއްވެވި ޖަލްސާގައި ނޫސްވެރިކަމުގެ ރަންގަލަންވެސް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދަށް ވަނީ ލިބިވަޑައިގެންފައެވެ.

އަލްމަރްޙޫމް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު އަވަހާރަވިއިރު، ދުނިޔޭގައި ތިއްބެވީ 11 ބޭފުޅުންނެވެ. އެއީ، ފިރިހެން 6 ބޭފުޅުންނާއި އަންހެން 5 ބޭފުޅުންނެވެ. މަރްޙޫމްގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، މިރޭ ޢިޝާ ނަމާދަށްފަހު މަސްޖިދުއް ސުލްޠާން މުޙަންމަދު ތަކުރުފާނުލްއަޢުޒަމްގައެވެ.