ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. މަނަދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މިއަދު ހަވީރު ނ. މަނަދޫ ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މި ސަރުކާރުން ގިނަ ކަންކަން މަނަދުއަށް ކޮށްދެއްވާފައިވާ ކަން އުފަލާއެކު ފާހަގަކުރައްވާފައެވެ.
ކައުންސިލުން ވަނީ މަނަދޫގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މި ގޮތުން ކައުންސިލުން އެންމެ އިސްކަމެއް ދެއްވައިގެން އަލިއަޅުއްވާލައްވާފައި ވަނީ މަނަދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ބޭނުންވާ ކަމެވެ. އެގޮތުން މަނަދުއަކީ އަތޮޅުގެ ވެރިކަންކުރާ ރަށް ކަމަށްވުމާއެކު މަނަދުއިން ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ޢަދަދު ގިނަވުމާއެކު މަގުތައް ބޭނުންކުރުމުގައި ދިމާވާ ދަތިތައް އަވަހަށް ޙައްލުކުރަންޖެހޭ ކަމަށް ކައުންސިލުން ހާމާކުރެއްވިއެވެ.
މީގެ އިތުރުން ވެސް މަނަދޫގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި، އަލަށް އާބާދުވާ ސަރަޙައްދުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްނުކުރެވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާކަމާއި، ރަށުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހުރުން މުހިންމު ކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. އަދި، އެ ބޭފުޅުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޒަމާނީ ފެންވަރުގެ ފެރީ ޓާރމިނަލަކާއި ލޯކަލް މާރުކޭޓެއްގެ ބޭނުންތެރިކަމުގެ އިތުރުން ޕޮލިޓެކްނިކްގެ ކޯސްތައް ހިންގޭނެ ގޮތް ފަހިކޮށްދެއްވުމަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މަނަދޫގެ ތަރައްޤީއާ ގުޅޭގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މި ގޮތުން މަނަދޫ ފެނުގެ ނިޒާމްގެ މަސައްކަތް ނިމުމުން މަގު ހެދުމުގެ މަޝްރޫޢުގެ ކަންކަން ކުރިއަށްދާނެ ކަމަށާއި، މަނަދޫ ހޮސްޕިޓަލް އެކްސްޓެންޝަންއާއި އައު ހޮސްޕިޓަލް ގެ މަސައްކަތް އެކުއެކީގައި ކުރިޔަށް ގެންދާ ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް މި އަހަރުގެ ފުރަތަމަ ކުއަރޓަރގެ ތެރޭގައި ފުރިހަމަ ކުރެވިގެންދާނެ ކަމުގެ އުންމީދު އެބައޮތް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ މަނަދުއަށް މި ކުރައްވާ ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ތިންވަނަ މަންޒިލެވެ. އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.