ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ތައިލެންޑްގެ ބޮޑުވަޒީރު އަބީސިޓް ވެއްޖަޖިވާއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ އެމަނިކުފާނު ބުޓާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެނބުރި ރާއްޖެ ވަޑައިގަންނަވަމުން، ބެންކޮކްގައި މަޑުކޮށްލެއްވި ވަގުތުކޮޅު ތެރޭގައެވެ.

މިބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ރާއްޖެއާއި ތައިލެންޑާ ދެޤައުމުގެ ދެމެދުގައި އޮންނަ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާބެހޭ ގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކާބެހޭގޮތުންނެވެ. މިގޮތުން، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ތައިލެންޑާ ދެމެދު ކުރެވޭ ވިޔަފާރީގެ މުޢާމަލާތުތައް ވޭތުވެ ދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިގުޅުން އިތުރަށް ފުޅާކުރެއްވުމުގެ ގޮތުން، ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކާއި، ސަރުކާރުން ހިންގަވާ ޕްރައިވަޓައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން ތައިލެންޑްގެ ވިޔަފާރިވެރިންނަށްވެސް ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި މިކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި މިމައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށާއި މިކަމަށް ޙައްލެއް ހޯދުމަށް ރާއްޖެއިން އިސްނަގައިގެން ކުރަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ.

ތައިލެންޑްގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި، ތައިލެންޑްގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ދާއިރާތަކުގެ މަޢުލޫމާތު ދިނުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގައި އިންވެސްޓް ކުރުމަށް ތައިލެންޑްގެ ވިޔަފާރިވެރިންނަށް ހިތްވަރު ދެއްވާ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، މިމަހު ތައިލެންޑްގެ ވިޔަފާރިވެރިންގެ އިސް ވަފުދެއް ރާއްޖެއަށް ޒިޔާރަތެއް ކުރުމަށް ހަމަޖެހިފައިވާ ކަމުގައި ވިދާޅުވެ، މިކަމާ ބެހޭ ގޮތުން ވާހަކަފުޅުވެސް ދެއްކެވިއެވެ. މޫސުމަށް އަންނަ ބަދަލުތަކާބެހޭގޮތުން ތައިލެންޑްގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ ދާއިރާގައި ކުރިއަށް ގެންދަވާ މަޝްވަރާތަކުގައި ތައިލެންޑް ސަރުކާރުން އެއްބާރުލެއްވުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، މިސަރަޙައްދުގެ ޤައުމުތަކުން އިސްނަގައިގެން ޤާއިމްކޮށްފައިވާ ސުނާމީއާއި އަދި މިފަދަ ޤުދްރަތީ ކާރިސާތަކުގެ އިންޒާރުދޭ ނިޒާމު، ރީޖަނަލް މަލްޓި-ހެޒަރޑް އަރލީ ވޯރނިންގ ސިސްޓަމް (ރައިމްސް) އާބެހޭގޮތުން ނައިބު ރައީސާ ތައިލެންޑްގެ ބޮޑުވަޒީރު މަޝްވަރާކުރެއްވިއެވެ.

ރައިމްސްއަކީ، 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު މި ސަރަޙައްދުގެ ޤައުމުތަކުން އިސްނަގައިގެން އުފައްދާފައިވާ މިފަދަ ކާރިސާތަކުގެ އިންޒާރުދޭ ނިޒާމެކެވެ.

މިފަދަ ނިޒާމެއްގެ މުހިންމުކަން ފާހަގަކުރައްވައި މިނިޒާމު އިތުރަށް ފުރިހަމަ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އަދި ބެންކޮކްގައި ހުންނަ ރައިމްސްގެ އޮފީހަށް ނައިބު ރައީސް ކުރެއްވި ޒިޔާރަތުގެ މަޢުލޫމާތުވެސް ބޮޑުވަޒީރަށް ދެއްވިއެވެ.