މާދަމައަކީ، ދިވެހި ސަރުކާރަށާއި ރާއްޖޭގެ ރައްޔިތުންނަށް ވަރަށް މުހިންމު ދުވަހެއް ކަމަށާއި، ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ކަނޑުއަޑީގައި ބޭއްވުމަކީ، އަޅުގަނޑުމެންނަށް ވަރަށްބޮޑު ކާމިޔާބީއެއް ލިބިދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، މިއަދު ހެނދުނު އެމަނިކުފާނު ދެއްވި ރޭޑިއޯ ޚިޠާބުގައި މިޖަލްސާގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރާއްޖޭގެ ސިޔާސީ ވެރިން ރާއްޖޭގެ ކެބިނެޓުން ނިންމަވާ ނިންމެވުމުގެ އަޑު، މުޅި ދުނިޔެއަށް ފޯރާނެ ގޮތެއް ހޯދުން މިވަގުތު ވަރަށް މުހިންމު ކަމަށާއި، އެއީ މޫސުމަށާއި ޖައްވަށް އަންނަ ބަދަލާ ގުޅިގެން، ދިވެހިރާއްޖެއަށް ލިބިދާނެ ގެއްލުން ހުރިހާ ފަރާތްތަކަށްވެސް ފާހަގަކުރެވޭތީ ކަމުގައި ވިދާޅުވިއެވެ. އަދި އެގެއްލުމުން ދިވެހިރާއްޖެ ސަލާމަތްވުމަށްޓަކައި ދުނިޔޭގެ އެންމެހާ ރައްޔިތުންނާއި ދިވެހިންނާ ދެމެދު ވާހަކަތަކެއް ދެކެވެން އެބަޖެހޭ ކަމަށާއި، އެވާހަކަތައް ދެއްކުމަށާއި، އެކަމަށް މަގުފަހިކުރުމަށް ދުނިޔޭގެ ނަޒަރު ދިވެހިރާއްޖެއަށް އެބަ ހުއްޓެންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ވަޒީރުންގެ މަޖިލިސް މޫދުގައި ބައްދަލުވާ ވާހަކަ ނުދައްކާ ނޫހެއް ނުވަތަ ރޭޑިއޯއެއް ނުވަތަ ޓީ.ވީއެއް ދުނިޔޭގައި މިހާރު މަދުވާނެކަން ބަޔާންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގޭ ރޭޑިއޯ ޚިޠާބުގައި، ރައްޔިތުންގެ މަޖިލީހުގައި މިހާރު ބަޙުޘް ކުރެވެމުންދާ ޤާނޫނުލްޢުޤޫބާތުގެ ބިލުގައި، ޢުޤޫބާތެއްގެ ގޮތުގައި މީހުން މެރުން ކަނޑައެޅިފައިވުމާއެކު، އެކަމުގެ މައްޗަށް ބައްލަވާލައްވައި، މިކަމުގައި އެމަނިކުފާނަށް ފެނިވަޑައިގަންނަވާގޮތް ހާމަކުރެއްވިއެވެ. " އަޅުގަނޑަށް ފެންނަ ފެނުމުގައި، އިންސާނެއްގެ ފުރާނަ ހިފެންޖެހޭނީ، އިންޞާފުވެރި، ވަރަށް އިންޞާފުވެރި، އަޅުގަނޑުގެ ނަޒަރުގައި ރަސޫލު ޒަމާނުގެ އިންޞާފުން ކަންކަން ޝަރީޢަތް ކުރެވިގެން، ދެން ތަންފީޒު ކުރެވޭ ޙުކުމެއްގެ ތެރޭގައި. އަޅުގަނޑެއް ނުދެކެން، މި ރާއްޖޭގައި ޝަރްޢީ ނިޒާމު އެއީ އިންޞާފުވެރި، އެހާ އިންޞާފުވެރި ގޮތުގައި ހުރިހާ ކަމެއް ނިންމޭނެފަދަ ޤާބިލުކަން ލިބިފައި ހުރި ޝަރީޢަތުގެ ނިޒާމެއް ކަމަކަށް. އެހެންވީމާ، މަރުގެ ޙުކުމާއެކުގައި އަންނަ ކޮންމެ ރައްޔިތެއްގެ ޙުކުމް މަޢާފް ކުރުމުގެ ބުރަ ނުވަތަ އެ ޙުކުމް ތަންފީޒު ކުރުމުގެ ބުރަ އައިސް އެންމެފަހުން މި ދިމާވާނީ، ހުއްޓޭނީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނުގެ ނަޒަރުގައި ބުއްދިވެރި ގޮތަކީ މީހުންގެ ފުރާނަ ހިފުން އެއީ، ޤާނޫނުލްޢުޤޫބާތުގައި އޮންނަ ޢުޤޫބާތަކަށްނުވުން ކަމުގައި ވިދާޅުވިއެވެ. އަދި މި ފިކުރާ އެކުގައި މަޖިލީހުން މިބިލް ފާސްވެގެން ހިނގައިދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމައެހެންމެ، ރާއްޖޭގައި އަތް ކެނޑުންވެސް އެއީ، މިހާތަނަށް އައިއިރު ޢާންމުކޮށް ކުރަމުން އައި ކަމެއް ނޫން ކަމަށާއި، އެކަން ކުރެވުނު ދެފަހަރެއްގައިވެސް އެކަމާ ގުޅިގެން ނުކުތް ނޭދެވޭ ކަންކަމާއި، ނުރަނގަޅު ކަންކަން އެހާމެ ފުޅާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަން އެއީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ލިޔެވިގެން އެކަން ކުރަމުން ގެންދާ ގޮތަކަށް އޮންނަންވެއްޖެ ކަމެއް ކަމަކަށް ފެނިވަޑައިނުގަންނަވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުން ނިންމެވި ކުރީގެ ރައީސުންނާ ގުޅޭ ބިލުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި ބައްލަވާލެއްވިއެވެ. އަދި ކުށުގެ ތުހުމަތުން ބަރީޢަވެވޭނެ އެއްވެސް ގޮތެއް، ރާއްޖޭގެ އެއްވެސް ޤާނޫނެއްގައި އެއްވެސް މީހަކަށް ލިބިފައި އޮތުމަކީ، ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރީގެ ރައީސުންނަށްވެސް ޢިނާޔަތާއި، ޕެންޝަނާއި، އެހީތެރިކަން ލިބޭގޮތަށް މިހާރު ބަދަލުވެފައިވުމާއެކު، އެކަންކަން ހަމަޖެހިގެން އަންނައިރު، އެކަމާ ގުޅިގެން ނާޖާއިޒު ފައިދާއެއް އެއްވެސް ބޭފުޅަކު ނުނެންގެވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. ކުރީގެ ރައީސުންނަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސީ ވާދަވެރިންނަށް ވެއްޖެނަމަ، ކުރީގެ ރައީސުންނަށްދޭ ޤަދަރެއް ނުލިބޭނެ ކަމަށާއި، އޭގެ ބަދަލުގައި ލިބޭނީ، ވާދަވެރި ސިޔާސީ ޕާޓީގެ ލީޑަރަކަށް ކުރަންޖެހޭ ޤަދަރާއި ދޭންޖެހޭ ޢިއްޒަތް ކަމުގައި ވިދާޅުވިއެވެ. އަދި ކުރީގެ ރައީސުންވެސް އެއީ ސިޔާސީ މަސައްކަތްޕުޅުން އެއްކިބާވެވަޑައިގެން، ހަމައެކަނި ދައުލަތުގެ ޢިއްޒަތްތެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަށް ބަދަލުވީމާ، މިކަންކަން އޮމާންކަމާއެކީގައި ގެންދަން ކިތަންމެ ތަނަކުން ފަސޭހަވާނެކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މިއަދަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކަމަށްވުމާއެކު، މިދުވަހުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި ބައްލަވާލެއްވިއެވެ. ރާއްޖޭގެ ދަނޑުވެރިކަމުގެ ޞިނާޢަތަށް ބަދަލުގެނައުމުގައި އަދި ތަރައްޤީ ކުރުމުގައި ކުރެވެންހުރި ކަންކަން މަދެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި މެންދޫގައި ހިންގާ ޕްރޮގްރާމްގައި ސަރުކާރާ އެކީގައި ބައިވެރިވާނެ ޙިއްޞާދާރެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވަމުން، އެމަސައްކަތުގައި ކާމިޔާބުގެ އައްސޭރިއަކަށް ދާދި އަވަހަށް އަޅުގަނޑުމެން ފޯރާނެ ކަމުގައި ވިދާޅުވިއެވެ.


ދިވެހިރާއްޖޭގެ ސަރަޙައްދު ބޮޑުކުރެއްވުމުގެ ފުރްޞަތު އޮތްތޯ ބެއްލެވުމުގެ މަސައްކަތް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ނިންމަވާފައިވުމާއެކު، މިއީވެސް ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ސަރަޙައްދު ބޮޑުކުރުމުގެ ފުރްޞަތެއް އޮތްކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި، ޤައުމުތަކުގެ ސަރަޙައްދު ކަނޑައެޅުމަށްޓަކައި ޤައުމުތަކުން ކުރަންޖެހޭ ވަކިބާވަތެއްގެ ކަންތައްތަކެއްކޮށް، އ.ދ.އަށް ހުށަހެޅީމާ، އެކަން ހިނގާގޮތަށް އޮންނަނީ ހަމަޖެހިފައި ކަމުގައި ވިދާޅުވިއެވެ. އަދި މިއަދުގެ ސަރުކާރު، ސަރުކާރު ހިންގެވުމާ ޙަވާލުވެވަޑައިގެންނެވިއިރުގައި މިކަމުގެ މަސައްކަތްތައް އެއްގޮތަކަށްވެސް ހުރީ ނުކުރެވި ކަމަށް ވިދާޅުވެ، މިހާރު ވަރަށް ބާރަށް އެމަސައްކަތް ފަށައިގަނެވި، ބައެއް އެކުވެރި ދައުލަތްތަކުގެ އެހީއާއެކު އެމަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ސަރަޙައްދު މިހާރު މިއޮތް މިނަށްވުރެ ބޮޑު ސަރަޙައްދެއްގެ ގޮތުގައި ދާދި އަވަހަށް އިޢްލާނުވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ދެއްވި އެމަނިކުފާނުގެ 19 ވަނަ ރޭޑިއޯ ޚިޠާބު، ރެކޯޑު ކުރެއްވީ ހައްދުންމައްޗަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި އުޅުއްވަމުންނެވެ. މި ދަތުރުފުޅުގެ އެއްބޭނުންފުޅަކީ، ދަތުރުފަތުރުގެ ނިޒާމަކުން އެޕްރޮވިންސް ގުޅާލެވިފައިވުމާއެކު، އެ ނިޒާމު ހިނގާ ނުހިނގާގޮތް ތަޖުރިބާކޮށްލައްވައި، ނިޒާމު ބައްލަވާލެއްވުން ކަމުގައި ވިދާޅުވިއެވެ.