ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 'ބަރމިންގހަމް 2022- ކްއީންސް ބެޓްން' އަށް ދިވެހިރާއްޖެއިން ރަސްމީކޮށް މަރުޙަބާ ދެއްނެވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ. މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ވަނީ އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި، ކޮމަންވެލްތް ގޭމްސް އެސޯސިއޭޝަން މޯލްޑިވްސްގެ ރައީސް އަދި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް 'ބަރމިންގހަމް 2022- ކްއީންސް ބެޓްން' ވަނީ އަރުއްވާފައެވެ. މީގެ އިތުރުން ވެސް މި ރަސްމިއްޔާތުގައި 'ބަރމިންގހަމް 2022- ކްއީންސް ބެޓްން' ގެ ރަސްމީ ޖަރޒީ ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވެދުން ކުރައްވާފައެވެ.

ކޮމަންވެލްތް ގޭމްސްގެ ކްއީންސް ބެޓަން ރިލޭ ފަށާފައި ވަނީ 2021 ގެ އޮކްޓޫބަރު މަހު 7 ވަނަ ދުވަހުގައި އިނގިރޭސިވިލާތުންނެވެ. އެއަށްފަހު، ކްއީންސް ބެޓަންގެ ތާރީޚީ ދަތުރުގައި، ކޮމަންވެލްތްގެ 72 ޤައުމަށް މި ބެޓަން ގެންގޮސް 294 ދުވަހުގެ ތެރޭގައި ކޮމަންވެލްތްގެ ހުރިހާ ކަންކޮޅަކަށް މި ބެޓްން ގެންދާނެއެވެ. މި ދަތުރުން ރަމްޒުކޮށްދެނީ އުންމީދާއި، އެއްބައިވަންތަކަމާއި، ކޮމަންވެލްތްގެ އެއްޤައުމު އަނެއް ޤައުމާ އެކު އޮންނަ ގުޅުމެވެ.

16 ވަނަ ރަސްމީ ކްއީންސް ބެޓްން ރިލޭގެ ތާރީޚީ ދިގު ދަތުރު ނިންމާލާނީ 2022 ވަނަ އަހަރުގައި ޖުލައި މަހުގެ 28 ވަނަ ދުވަހުގައި ބަރމިންގހަމް ގައި ބާއްވާ ކޮމަންވެލްތް ގޭމްސް ގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހުއެވެ.