بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ތަރައްޤީގެ ވާހަކަ ދައްކަން ފަށަންވާނީވެސް ގައިންތާހިރުވެ ތިބެ ކަމަށް ބުނީ އަޅުގަނޑު. މި ހިނގާ ރިޔާސީ ދައުރަކީ، ދިވެހި ޖުމްހޫރިއްޔާގެ ޙަޔާތުން އައި އެންމެ ސާފުތާހިރު ފަސް އަހަރު ކަމުގައި ދެންނެވީ އަޅުގަނޑު. އަޅުގަނޑުމެންގެ ރިޔާސީ ދައުރުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅާނެކަމުގެ ވަޢުދުވީވެސް ހަމަ އަޅުގަނޑު. ސާފުތާހިރުކަމަކީ އީމާންކަމުގެ އެއްބައި ކަމުގައި ބުނާ ދުރޫސުލް އަޚްލާޤުގެ ފިލާވަޅު އަދިވެސް އަޅުގަނޑުގެ ހަނދާނުގައި އެބަހުރި. އެއީ އޭގެ ޒާތުގައި މަޢުނަވީ ވާޖިބެއް. ނުވާނެކަމުގެ ފާޑުކިޔުމާއި، އަދި އިތުރަށް ވިސްނާލުމުގެ ނަޞޭޙަތާއި މަޝްވަރާ، އެތައް ގޮތަކުން އަޅުގަނޑަށް ލިބުނު. އެހެން ނަމަވެސް، ވާޖިބަކަށް ވަޢުދުނުވެ ހުންނާކަށް އަޅުގަނޑުގެ ޒަމީރު ޖާގައެއް ނުދިން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ތިޔަ ރައްޔިތުން އިޚްތިޔާރު ކުރެއްވި އަޅުގަނޑުމެންގެ މި ދައުރުން އަހަރެއްވީތަނާހެން މުޅި ދުނިޔެ ހުއްޓުނު. ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމުގެ ދަންތުރައިގައި ހުރިހާ ޤައުމެއް ބެދުނު. ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން، މި ބަލިމަޑުކަމަކީ ކުރުން ލާޒިމް ކަންކަން ނުކުރުމަށް އޮތް ބަހަނާއެއް ނޫން. އަދި އަޅުގަނޑުމެން އެހެނެއް ނުވެސް ހަދަމު. އޭގެ އެންމެ ސާފުސާދާ ހެތްކާއި، ދަލީލާއި ޙުއްޖަތު، ސަރުކާރުން މިއަދު މިވަނީ ޤާއިމުކޮށްފައި.

މީހުން ދިރިއުޅޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް، އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ ދުވަހު ފެށިން. މަޝްރޫޢުތައް ޙަވާލުކުރަމުން، މަސައްކަތް ނިންމައި ޚިދުމަތް ދިނުމުގައި އަވަދިނެތި ސަރުކާރު ދެމިއޮތް. އެހެންކަމާއެކުވެސް މަސައްކަތް ހަވާލުނުވެ މިއަދާ ހަމައަށް ވަރަށް މަދު ރަށްތަކެއް ހުރި. އެއީ 16 ރަށެއްގެ ނަރުދަމާއާއި، 23 ރަށެއްގެ ފެނުގެ ނިޒާމް.

މިއަދުގެ މި ޙަފްލާއަށްފަހު، ދިވެހިރާއްޖެ ފުރޮޅި އިންޤިލާބު ވެގެން އެ ދަނީ، ތަރައްޤީގެ މުޅިން އެހެން މަރުޙަލާއަކަށް. ސައިޒުން ކުޑަޔަސް، ނުވަތަ ބޮޑަސް، އަދި މީހުން މަދަސް، ނޫނީ ގިނަޔަސް، ސަރުކާރުން މިކަމުގައި އެއްވެސް ރަށެއް، ކުރި ފަރަޤެއް، ތަފާތެއް، އިރާދަކުރެއްވިއްޔާ ނޯންނާނެ. އެހެންކަމުން މިއަދަށްފަހު، ފެނާއި ނަރުދަމާގެ މަސައްކަތް ޙަވާލުނުކުރެވޭ، މީހުން ދިރިއުޅޭ އެއްވެސް ރަށެއް ދިވެހިރާއްޖެއަކު ނޯންނާނެ. ވެފައިވެސް، ދެންވާން އޮންނާނީ ހަމަ އެންމެ ގޮތެއް. އެއީ ކަމަށް ބޭނުންވާ ޢިމާރާތްތައް އުފުލި، މެޝިނަރީ ގެނެވި، ހޮޅިތައް ވަޅުލެވި، ތަރައްޤީގެ ވާހަކަ ދައްކަން ފަށާ ހިސާބުގައި ގައިންތާހިރުވުމުގެ ފެން މުޅި ރާއްޖެ، އެކުއެކީ ހިނގާން ފެށުން.

އެންމެ ފުރަތަމަ އަޅުގަނޑު ދެއްކި ވާހަކައަކީ، އަދިވީ ވަޢުދަކީވެސް އެއީ. މިއަދަކީ އެ ވަޢުދު ފުއްދުމުގެ މަންޒިލަށް ބަނދަރު ކުރުމަށްޓަކައި މި ޤައުމުގެ ރިޔާ ތަންމިނަށް ހުޅުވާލައި، ކަންކަށިން ފޮނުފޮޅާލައި، ދުވެލި ހަރުކުރި ދުވަސް.

ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ކަމުގައި ބުނެލަން ފަސޭހަޔަސް، ޙަޤީޤަތުގައި އެއީ ނުހަނު ބުރަ، އަދި އެހާމެ ބޮޑު ކަމެއް. ކިތަންމެހާވެސް ގިނަ ފައިސާ، ސަރުކާރުން ޚަރަދު ކުރާންޖެހޭ ކަމެއް. ވޭތުވެދިޔަތަނުގައި އައި ހުރިހާ ސަރުކާރަކަށް ނިންމިފައިވަނީ، 69 ރަށުގެ ނަރުދަމާއާއި، 37 ރަށުގެ ފެނުގެ ނިޒާމް. އެ ހުރިހާ ސަރުކާރުތަކަށާއި ވެރިންނަށް މިއަދު އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ސަބަބަކީ އެ ބޭފުޅުން އެކަން ކުރައްވާފައި ނުވިނަމަ، ބާކީ މުޅި ރާއްޖެ އެކުއެކީ، އެއްފަހަރާ ނިންމާލުމަށް ކޮންމެވެސްވަރެއްގެ އިތުރު ތަކުލީފެއް އަޅުގަނޑުމެން އުފުލާންޖެހުނީސް. ސުމަކުން ފަށަން ޖެހުނުނަމަވެސް، މިކަމަކީ އަޅުގަނޑުމެން ދޫކުރާނެ ކަމެއް ނޫން. ސަބަބަކީ ހަމަ ޙަޤީޤަތުގައިވެސް ތަރައްޤީގެ ވާހަކަ ދައްކަން ފަށަން ޖެހޭނީ، ގައިން ތާހިރުވެ ތިބެގެން ކަމަށްވާތީ.

މުޅި ރާއްޖޭގައި ފެނާއި ނަރުދަމާ އަޅާ ނިންމުމުގެ މި ބުރަ މަސައްކަތުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ތަރައްޤީގެ ބޮޑު ބުރަ މަސައްކަތެއްގެ ފެށުން މިއަދު މި ފާހަގަވެގެންދަނީ. އެހެންނަމަވެސް، އަދިވެސް ރައްޔިތުންގެ ބޭނުންތަކަށްޓަކައި، ތަރައްޤީއަށްޓަކައި، އަސާސީ ޚިދުމަތްތައް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ވަރަށްގިނަ މަސައްކަތް އެބަހުރި. އޭގެތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ، މާލޭގެ ރައްޔިތުންގެ ގޯތިގެދޮރުގެ މައްސަލަ. ބޯހިޔާވަހިކަމުގެ މައްސަލަ. ޙަޤީޤަތުގައިވެސް މިއީ ބޮޑު ކަމެއްގެ ގޮތުގައި ދެކި، މި ވާހަކަ ދައްކާ ވަރަށްގިނަ ރައްޔިތުން އެބައުޅޭ. އެއީ ޙަޤީޤަތުގައިވެސް އެކަން އޮތްގޮތް. އަދި އެއާޚިލާފަށް، އެހެން ބޭނުންތަކުގައި
މި ވާހަކަ ދައްކާ މީހުންވެސް އެބައުޅޭ. ސިޔާސީ އެކިއެކި ފައދާ ހޯދުމަށްޓަކައި، ކަނޑައެޅިގެން ކަންއޮތްގޮތް އެނގިހުރެ، މި ވާހަކަ ދައްކާ މީހުން އެބައުޅޭ. އަޅުގަނޑުމެން އެ ހުރިހާ ވާހަކައެއްވެސް އަޑުއަހާނަން. އިރާދަކުރެއްވިއްޔާ، މި ސަރުކާރުގައި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި، ގޯތިގެދޮރުގެ މައްސަލައަށްވެސް ޙައްލެއް ހޯދައިދޭނަން.

މިހާރުވެސް ހުޅުމާލޭގައި 5000 ފްލެޓް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ. މީގެއިތުރުން، މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން ރާވާފައި އެބައޮތް. އަޅުގަނޑުމެން ގޯތިދޭނީ ގުޅިފަޅުން އެކަންޏެއް ނޫން. ހުޅުމާލެއިންވެސް ގޯތި ލިބޭނެ. އަދި އެހެން ފަޅުތަކުންވެސް ލިބޭނެ. އަޅުގަނޑުމެން މި ދައްކަނީ 1000 ގޯތީގެ ވާހަކައެއް ނޫން ދޭން. އޭގެ ދެގުނަ، ތިންގުނަ، އިރާދަކުރެއްވިއްޔާ ހަތަރުގުނަ ގޯތި، މާލޭގެ ރަށްވެހިންނަށް، މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން އަޅުގަނޑުމެން މިކަން ކޮށްދޭނަން.

އާދެ، މި ވާހަކަކޮޅާއެކު އަޅުގަނޑުގެ ވާހަކަ ނިންމާލާނަން. އަޅުގަނޑުގެ އެދުމަކީ، މަސައްކަތްތަކާ ޙަވާލުވެ ތިއްބެވި ވަޒީރުންނާއި މުވައްޒަފުން، މި މަސައްކަތް ކުރަމުންދާގޮތް ރަނގަޅަށް ބައްލަވައި، މީގައި ކަނޑައެޅިފައި ހުރި މުއްދަތުތަކަށް މަސައްކަތް ނިންމުމަށް ކުރަންޖެހޭ ކަންތައްތައް ކުރެއްވުން. ދަތިތައް ދިމާވާނެ. ގޮންޖެހުންތައް ހުންނާނެ. އެހެންނަމަވެސް، މޮނިޓަރކޮށް، ރަނގަޅަށް ބަލައި، ރައްޔިތުން އެދޭގޮތަށް، ރައްޔިތުން ބޭނުންވާގޮތަށް، މި ކަންތައްތައް ކުރިއަށްދޭތޯ ބަލަމުން ގެންދިޔުން އެއީ އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން މިއަދު އެދޭ އެދުމަކީ.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ރައްޔިތުންނަށް މިއަށްވުރެ ފަހި ފާގަތި މާދަމައެއް اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. އަޅުގަނޑުގެ ދުޢާއަކީ، ފެށޭ އާ އަހަރަކީ އަޅުގަނޑުމެން އެންމެންނަށް މިއަށްވުރެ އުފާވެރި އަހަރަކަށް ވެގެންދިޔުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.