ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ދިވެހިރާއްޖޭގެ އަޑުން މިއަދު ހެނދުނު ގެނެސްދިން "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. މި ޕްރޮގްރާމަކީ، މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ އަޑުގެ 59 ވަނަ އަހަރީދުވަހުގެ މުނާސަބާގައި ގެނެސްދިން ޚާއްޞަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖޭ ގެ އަޑުގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެ ތަނުގެ ހުރިހާ މުވައްޒަފުންނަށް ފޮނުއްވާފައެވެ.

އަދި މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމަނިކުފާނު ކުޅިވަރުގެ ދާއިރާއަށް ބަހައްޓަވާޝައުޤުވެރިކަން ވަރަށް ތަފްޞީލުކޮށް ޙިއްޞާކުރައްވާފައެވެ. އެގޮތުން ފުޓްބޯޅަ ކުޅުއްވަން ކުޑައިރުއްސުރެ ހުންނަ ޝައުޤުވެރިކަން އެމަނިކުފާނު ޚާއްޞަގޮތެއްގައި ފާހަގަކުރެއްވެވިއެވެ. އަދި ކުޅިވަރަކީ ކިޔެވުމާއެކު ކުރިއަށްގެންދަން މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވެވިއެވެ.

ހަމަ އެއާއެކު މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އާއިލީ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ހަޔާތުގައި ކާމިޔާބު މީހަކަށް ވުމުގައި އާއިލީ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވެވިއެވެ.

މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ މި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ރާއްޖޭގެ ސިޔާސީ ކުރިމަގު ފެންނަނީ ވަރަށް އުޖާލާ ކުރިމަގެއްގޮތުގައިކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ ވިސްނުމަކީ އެމީހަކު ލޯބިވާ ފަސްގަނޑުގައި އެމީހެއްގެ އާއިލާއާއެކު ދިރިއުޅުމަށް ފުރުޞަތު ތަނަވަސްކޮށްދިނުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ލޯފަންކުދިން ތަޢުލީމީ ނިޒާމަށް ވެއްދުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އަމިއްލަފުޅު ހަޔާތްޕުޅުގެ ވާހަކަތައްވެސް އަޑުއެހުންތެރިންނާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ކުޑައިރުގެ ދިރިއުޅުއްވުމާ ސްކޫލު ދައުރުގެ ކަންކަމާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި، އެ މަނިކުފާނުގެ ބައެއް އާއިލާ މެންބަރުންނާއި، އެކުވެރިންނާއި އަރިސް ބޭފުޅުންނާއި އަދި ޢާންމުންގެ ތެރެއިން ޕްރޮގްރާމުން ފުރުޞަތުދިން ފަރާތްތަކާ ވެސް އެ މަނިކުފާނު ވަނީ ޕްރޮގްރާމުގެ ތެރެއިން ޚިޔާލު ބަދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.