ރާއްޖޭގެ ތަރައްޤީއާއި އިޤްތިޞާދީ ޙަރަކާތްތައް ފުޅާވެގެންދާއިރު ވައިގެ ދަތުރުފަތުރުގެ ސިނާޢަތުގެ ދާއިރާއިން މީހުން ބިނާކުރުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅިވެފައި ވަނީ މިއަދު މެންދުރުފަހު މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ ހުޅުވުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހުޅުވުނު މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އަކީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޗެކް ރިޕަބްލިކްގެ ޕްލައިން ސްކޫލެއް ކަމަށްވާ ފްލައިންގ އެކެޑަމީއާ ގުޅިގެން ހިންގާ ފްލައިންގ ސްކޫލެކެވެ. މި ސްކޫލްގައި ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް މިއަދުން ފެށިގެން ކޯހަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވީ ނަމަވެސް ފުރަތަމަ އިސްކަން ދެނީ އެކި ސަބަބުތަކާ ހުރެ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މިއަދު ހުޅުވުނު މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އަކީ ސަރުކާރުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތްތަކުގެ ނަތީޖާކަމަށާއި، މި ސަރުކާރުން މިފަދަ މަޝްރޫޢެއް ހިންގަން އިސްނަގާފައި ވަނީ ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވި ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކަމުގައެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ ވައިގެ ދަތުރުފަތުރު ކުރުމަށް އަންނަމުންދާ ހެޔޮ ބަދަލުތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވެސް އަދި މި ސަރުކާރުން ވެސް އެންމެ އިސްކަމެއް ދެއްވާ އެއް ސިޔާސަތަކީ އެކި ސިނާޢަތްތަކުން މީހުން ބިނާކުރުންކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ރާއްޖޭގެ ޢުމްރާނީ ތަރައްޤީ ކުރިއަރަމުންދާ ވަރަކަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ދާއިރާއިން ތަޢުލީމު ހާސިލުކުރާ ދަރިވަރުން މަސައްކަތުގެ މާޙައުލަށް ނުކުމެ އެކަކު އަނެކަކު ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވަފައެވެ.