މޫދު އަޑީގައި ބާއްވަވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާ އަންނަ ހޮނިހިރު ދުވަހު ހެނދުނު 10 ޖަހާއިރު ގިރިފުށީފަޅުތެރޭ ސަރަޙައްދުގައި އޮންނާނެއެވެ. މި ޖަލްސާ މޫދު އަޑީގައި މި ބާއްވަވަނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރަމުން ނޭދެވޭ އަސަރުތަކާއި ރާއްޖެއަށް ހުރި ނުރައްކާތައް ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެންނެވުމަށްޓަކައެވެ. މިއީ، ދުނިޔޭގެ ތާރީޚުގައިވެސް ޤައުމެއްގެ ކެބިނެޓް، މޫދު އަޑީގައި ޖަލްސާއެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި ޖަލްސާގައި ތިމާވެށީގެ ޤަރާރެއްގައި ވަޒީރުން ސޮއި ކުރައްވާނެއެވެ. އަދި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސާއި ވަޒީރުން، މޫދު އަޑިއަށް ފީނާވަޑައިގަތުމުގެ ކުރިން، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ ވެބްސައިޓެއް ޔުނިސެފްގެ ކްލައިމެޓް އެމްބެސެޑަރުން އިފްތިތާޙް ކޮށްދެއްވާނެއެވެ.

މިޖަލްސާގެ ޚަބަރުތައް ވަގުތުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވުމަށްޓަކައި ވަރަށް ގިނަ އަދަދެއްގެ ރިޕޯޓަރުން ރާއްޖެއަށް މިހާރު އަންނަމުން އެބަދެއެވެ. އޭގެތެރޭގައި ބީ.ބީ.ސީ.އާއި، އަލްޖަޒީރާއާއި، އޭ.ބީ.ސީ.ނިއުސްއާއި، ރޮއިޓަރސްއާއި، އެސޯޝިއޭޓެޑް ޕްރެސްއާއި، އިންޑިޔާގެ ސްޓާރ ނިއުސް ހިމެނެއެވެ. އަދި ބައެއް ނޫސްތަކާއި މަޖައްލާތަކުގެ ރިޕޯޓަރުންވެސް ރާއްޖެ އައުމަށްވަނީ ހަމަޖެހިފައެވެ. މި ޖަލްސާގެ ޚަބަރުތައް ގެނެސްދިނުމަށް ގިރިފުށްޓަށް ދިޔުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ރިޕޯޓަރުންނަށް ކަމާބެހޭ މަޢްލޫމާތުތައް ރައީސުލްޖުމްހުރިއްޔާގެ އޮފީހުން މިއަދުވަނީ ދެއްވާފައެވެ.