ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މަންތާ އެއަރ އެޕްރެންޓިސްޝިޕް ޕްރޮގްރާމް "މަންތާ ވިންގްސް" އިފްތިތާޙްކޮށްދެއްވައިފިއެވެ. މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން އެމަނިކުފާނު ވަނީ "މަންތާ ވިންގްސް" ގެ ބައިވެރިނަންނަށް ލިޔުން ޙަވާލުކޮށްދެއްވާފައެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ވައިގެ ދަތުރު ފަތުރުގެ ސިނާޢަތުގައި ހިމެނޭ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށާއި، ޒުވާނުން މި ދާއިރާއަށް ތަޢާރަފްކުރުމުގެ މަޤްޞަދުގައި 18 އަހަރާއި 25 އަހަރުގެ ޒުވާނުންނަށް އަމާޒުކޮށްގެން މަންތާ އެއަރ އިން އަލަށް ފަށާ ތަމްރީން ޕްރޮގްރާމެކެވެ. އަހަރަކު ދެ ފަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި 10 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި، މި ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 6 މަސް ދުވަހުގެ މުއްދަތަކަށެވެ.

މިއަދު މެންދުރުކުރިން މީރުމާ އިވެންޓްސްގައި ކުރިޔަށްދިޔަ މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވޭތުވެދިޔަ ތިން އަހަރު މަންތާ އެއަރ އިން ވަރަށް ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވިގޮތުގައި ބަދަލުވަމުން އަންނަ ދުނިޔޭގައި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް މިވަނީ ވަރަށް ބޮޑު އިންގިލާބީ ކުރިއެރުމެއް އައިސްފައެވެ. އަދި ވައިގެ ދަތުރުފަތުރުގެ ސިނާޢަތް ފުޅާވަމުންދާ ވަރަކަށް ސިނާޢަތަށް ބޭނުންވާނެ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަކީ މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިންނަކީ ރަނގަޅު ފެންވަރެއްގެ ޚިދުމަތެއް ދެވޭ ފަދަ ޤާބިލް މަސައްކަތްތެރި ބަޔަކަށް ވުމަށް އަޒުމް ކަނަޑައަޅައިގެން އެ އަމާޒުގައި މަސައްކަތްކުރާ ބަޔަކަށް ވުމަށް ގޮވައިލައްވާފައެވެ. އަދި، ދުނިޔޭގެ އެހެން ޤައުމުތަކުން އެ ދާއިރާއެއްގެ މަސައްކަތް ކުރާ މީހުންގެ އާ ހޯދުންތަކުގެ މަޢުލޫމާތު ހޯދާ އަބަދުވެސް އާ ކަންކަން ދަސްކުރުމަށް އެމަނިކުފާނު ވަނީ ބާރު އަޅުއްވާފައެވެ.