ހައްދުންމަތީގެ ރަށްރަށަށް ފެރީގެ ޚިދްމަތް ގަވާއިދުން މިހާރު ފަށާފައިވުމާއެކު، ހައްދުންމަތީގެ 5 ރަށަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ފެރީގައި މިއަދު ދަތުރުފުޅު ކުރައްވައިފިއެވެ.

އެމަނިކުފާނު ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު، ފެރީގައި ދަތުރުފުޅު ފުރަތަމަ ފެށްޓެވީ، ގަމުތުނޑީ ބަނދަރުން ކަޅައިދޫއަށް ވަޑައިގަތުމަށެވެ. ކަޅައިދޫން ފެރީގައި އެމަނިކުފާނު ވަޑައިގަތީ މުންޑޫއަށެވެ. މުންޑޫން މާބައިދޫއަށެވެ. މާބައިދޫން ދަނބިދުއަށެވެ. އެންމެފަހުން އެމަނިކުފާނު ވަޑައިގަތީ އިސްދޫއަށެވެ. ރައީސުލްޖުމްހޫރިއްޔާ މިރަށްރަށަށް ވަޑައިގެންނެވިއިރު އެމަނިކުފާނަށް މަރްޙަބާ ދެންނެވުމަށް ރައްޔިތުން ފާލަން ކައިރިއަށް އެއްވެ ތިއްބެވެ.