بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ދައުލަތުގެ ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދުވަސްތަކަކަށްފަހު، އަޅުގަނޑުމެން އެންމެން އެއް ތަނަކުން ބައްދަލުވާ ކަމަށްޓަކައި ވަރަށް އުފާކުރަން. އެހެންކަމުން، މި ޕްރޮގްރާމް އިންތިޒާމު ކުރެއްވި ކަމަށްޓަކައި ރައީސް އޮފީހުގެ ޕަބްލިކް ސަރވިސް ޓްރޭނިންގ ޔުނިޓާއި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓްގެ އެންމެހައި ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މިތާ މި ތިއްބެވީ، މިނިސްޓްރީތަކާއި ސަރުކާރުގެ އެކި އޮފީސްތަކުގައި، ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެ އިސް ބޭފުޅުން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ސަރުކާރަށް ތިން އަހަރު ފުރި، ހަތަރުވަނަ އަހަރަކަށް އަޅާފައިވާއިރު، އަޅުގަނޑުމެންނަށް ކުރެވުނު ކަންކަމާއި، ކުރަންވީ ކަންކަމާމެދު ވިސްނައިލުމަކީ ވަރަށް މުހިންމު ކަމެއް.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މި މަޤާމުތަކުގައި މިތިބީ، ރައްޔިތުން އަޅުގަނޑުމެންނާ ޙަވާލުކުރި ވަރަށް މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރުމަށް. މިއަދު ބޭނުންވަނީ މި ދެންނެވި މަސްއޫލިއްޔަތު އަޅުގަނޑުމެންނަށް އަދާކުރެވުނީ ކިހާވަރަކަށްތޯ ބަލައިލަން. އަޅުގަނޑުމެން މިއުޅެނީ އެ މަސްއޫލިއްޔަތުގެ ދަށުން އިތުރަށް ރަނގަޅު ކުރަންހުރި ކަންކަން ދެނެގަނެ އެކަންކަން ފުރިހަމަކުރަން.

ސިޔާސީ މަޤާމެއްގައި ހުރުމަކީ، ހަމައެކަނި ވަޒީފާއެއް އަދާކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް، އެއްވެސް ބޭފުޅަކު ދެކިވަޑައިނުގަންނަވާނެކަން އަޅުގަނޑަށް ހަމަ ޔަޤީން. ކޯވިޑް-19ގެ ފުރަބަންދަށްފަހު، ސަރުކާރު އަލުން ހުޅުވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް މިދެނީ، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އޮފީސްތަކުގެ ޙާލަތު ދެނެގަތުމަށް.

އަޅުގަނޑުމެން މި ޙާޞިލުކުރަން ބޭނުންވާ ނަތީޖާއާ ހަމައަށް ވާޞިލުވެވޭނެ އެންމެ ފަސޭހަ އަދި އެންމެ ކުރު މަގަކީ ކޮބައިތޯ ދެނެގަނެ، ސަރުކާރުގެ ސިޔާސަތުތައް ވީހާ އަވަހަކަށް އަދި ފަސޭހައިން ތަންފީޒު ކުރުމަކީ ވަރަށް މުހިންމު ކަމެއް. މިކަން އެންމެ ފުރިހަމައަށް ކުރެވޭނީ، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ސިވިލް ސަރވިސް މުވައްޒަފުން މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރައްވައިގެން.

އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ކުރުމާ ޙަވާލުވީ، ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ އަސާސީ އަދި އިޖުތިމާޢީ ޚިދުމަތްތަކެއް، ވަކި މުއްދަތުތަކެއްގައި ފުރިހަމަކޮށްދޭން ވަޢުދުވެގެން. އަޅުގަނޑުމެންގެ ހަނދާނުން އެކަން ފޮހެވިގެން ނުވާނެ. އެއީ ވަކި ފަރުދަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެކަނި ފުރިހަމަކުރެވޭނެ ވަޢުދުތަކެއް ނޫން.

އަޅުގަޑުމެން މި މަސައްކަތް ކުރަނީ، ވަކިވަކި އޮފީސްތަކެއްގެ ގޮތުގައި ކަމަށްވިޔަސް، މިއީ އެއް ސަރުކާރެއް. އޮންނާނީ އެއް ސިޔާސަތެއް. ޙާޞިލުކުރަން ބޭނުންވަނީ އެއް ނަތީޖާއެއް. އެހެން ނަމަވެސް، އެ ނަތީޖާ ނެރެވޭނީ ސަރުކާރުގެ ހުރިހާ މުއައްސަސާތައް ގުޅިގެން، އެއް މިޞްރާބަކަށް ދަތުރުކޮށްގެން.

މިދިޔަ ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ތަޙައްމަލް ކުރަން ޖެހުނު ތަޖުރިބާއަކީ، އަޅުގަނޑު ދައްކަން މިއުޅޭ ވާހަކައިގެ ވަރަށް ރަނގަޅު ނަމޫނާއެއް. މި ދަންނަވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އަޅުގަނޑުމެން ކުރި އަދި މިހާރުވެސް ކުރަމުން އަންނަ މަސައްކަތްތަކުގެ ވާހަކަ.

ކޯވިޑުގެ ނުރައްކާ ކުރިމަތިވުމާއެކު، އަޅުގަނޑުމެން އެ ވަބާއިން ރައްކާތެރިވުމަށް ދުރާލައި މަސައްކަތް ފެށިން. ބަލިން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތައް ކަނޑައެޅީ، ވަރަށް ގިނަ މުއައްސަސާތައް އެއްތަންވެގެން. ތަފާތު ފިކުރާއި، ތަފާތު ވިސްނުމުގެ އަދި ތަފާތު ފަންނުގެ އެތައް ބަޔަކު މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްގެން.

ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް ތަންފީޒުކުރުމާ ޙަވާލުވީވެސް، ތަފާތު މުއައްސަސާތަކުގެ ތަފާތު ބޭފުޅުން. ކޮންމެ މުއައްސަސާއަކުން ތަންފީޒު ކުރަންޖެހޭ ކަންކަންވެސް ތަފާތު. އަޅަންޖެހޭ ފިޔަވަޅުތައްވެސް ވަރަށް ތަފާތު. ނަމަވެސް، އެ ހުރިހާ މުއައްސަސާތަކުންވެސް ތަންފީޒުކުރީ، ސަރުކާރުން ކަނޑައެޅި އެއް ސިޔާސަތެއް.

އެއީ ކޯވިޑް-19ގެ ބަލިމަޑުކަމުން ދިވެހީންނާއި ދިވެހިރާއްޖޭގައި އުޅޭހާ ބަޔަކު ރައްކާތެރިކުރުން. އަދި އެ ވަބާގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ދަތިތަކުން އަރައިގަނެ، ޤައުމު އަލުން ތަރައްޤީ ކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެށުން. ބަލި ފެތުރެން ފެށިތާ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، ފުރަބަންދުގެ ޙާލަތު މުޅިން އުވާލައި، އިޤްތިޞާދީ ޙަރަކާތްތަކާއެކު، އަލުން ހިންދެމިލާނެ ފުރުޞަތު މި ލިބުނީ، މިދެންނެވި އެއް ސިޔާސަތު ތަންފީޒު ކުރުމަށް އެންމެން ގުޅިގެން، އެއް އަމާޒަކަށް މަސައްކަތް ކުރުމުން.

ކޯވިޑުގެ ޙާލަތު އެންމެ ގޯސްވި ދުވަސްވަރު، އަޅުގަނޑުމެންގެ ލީޑަރުންގެ ކިބައިން ފެނުނީ، ބިރުވެރިކަމެއް، ވަރުބަލިކަމެއްނެތި، ރެޔެއް ދުވާލެއް ނުބައްލަވައި މަސައްކަތް ކުރެއްވި ތަން. ކެތްތެރިކަމާއި ހިތްވަރާއެކު، ކޮންމެ ކަމެއްގައިވެސް އިސް ސަފުގައި ޙަރަކާތްތެރިވި ތަން. އެ ދުވަހު އެ މަސައްކަތް އެހާ ފުރިހަމައަށް ނުކުރެއްވިނަމަ، މިއަދު އަޅުގަނޑުމެން މި ފޯރަމްގައި ނުތިބީސް. އަޅުގަނޑުމެންގެ ލޯބިވާ އަޚުންނާއި އުޚުތުންގެ ގިނަ ބަޔަކު މިއަދު ދުނިޔޭގައިވެސް ނުތިބީސް.

އެ މަސައްކަތުގެ ލީޑަރޝިޕް ދައުރު އަދާކުރެއްވި، ޢަޖާއިބެއްފަދަ ހިތްވަރުގަދަ ލީޑަރުންނަށާއި، ހުރިހާ ބޭފުޅުންނަށް މިއަދު އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަދި، އެ ރޫޙުގައި އެއް އިދާރާ އަނެއް އިދާރާއާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކޮންމެ ވަގުތެއްގައިވެސް، އެކުގައި ޙަރަކާތްތެރިވާ ވަރުގަދަ ޓީމެއްގެ ގޮތުގައި ކޮންމެ ކަމަކާވެސް ކުރިމަތިލެއްވުމަށް އަޅުގަނޑު ގޮވާލަން.

އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކައަކީ، އަޅުގަނޑުމެން މި މަޤާމުގައި މި ތިބެނީ ރައްޔިތުންނަށް ޚިދުމަތްތަކެއް ފުރިހަމަކޮށްދިނުމަށޭ. ހަމަގައިމުވެސް އަޅުގަނޑުގެ ސިކުނޑީގައި
އެ ވިސްނުން އަބަދުވެސް ހަރުލާފައި އެބަހުރޭ. ޤައުމީ ތަރައްޤީއާ ގުޅިފައިވާ މަޝްރޫޢުތައް މިހާރުވެސް ކުރިއަށް އެބަ ގެންދަން. ނަމަވެސް މިއީ ހަމައެކަނި ސިޔާސަތެއް ކަނޑައަޅައިގެން ޙާޞިލުކުރެވޭނެ ކަންކަމެއް ނޫން.

މި ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެންމެ ކުރީ ސަފުގައި ތިއްބެވީ ތިޔަބޭފުޅުން. ސިޔާސީ މަޤާމުތަކަށް ޢައްޔަނުކޮށްފައި ތިއްބެވި ބޭފުޅުން. އަޅުގަނޑުމެން ސިޔާސީ މީހުންނަކީ، ހަމައެކަނި ކަންކަމުގައި ބަސްކިޔައި، ގޮތެއް ނިންމަން ތިބޭ ބައެއް ނޫން. ޢަމަލީގޮތުން ކަންކަން ކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް މަސްއޫލިއްޔަތު.

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެހީތެރިވެދޭން ތިބޭ ބަޔަކީ، ސިވިލް ސަރވިސްގެ މުވައްޒަފުން. އެ މުވައްޒަފުންގެ ހަކަތަ އިތުރުވާނީ، ތިޔަބޭފުޅުންގެ ޙަރަކާތް އިތުރުކުރިވަރަކުން. ސަރުކާރުގެ ސިޔާސަތެއް ތަންފީޒު ނުވުމުން، އެކަމުގެ ޒިންމާ އުފުލަންޖެހޭނީ، އެ އޮފީހެއްގައި ތިބޭ ސިވިލް ސަރވިސް މުވައްޒަފުން އެކަންޏެއް ނޫން.

ވަކި އޮފީހަކުން ތަންފީޒު ކުރުމަށް ސަރުކާރުން ކަނޑައަޅާ ސިޔާސަތެއް ނުވަތަ ކުރަން ނިންމާ ކަމެއް އެގޮތަކަށް ތަންފީޒުނުވީމާ، އެ ފެއިލްވަނީ އެ އޮފީހުގެ ސިވިލް ސަރވިސް މުވައްޒަފުންނެއް ނޫން. އެ ފެއިލްވަނީ މުޅި އޮފީސް. ސަބަބަކީ، އޮފީސް ހިންގަނީ، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނާއި، ސިވިލް ސަރވަންޓުން ގުޅިގެން ކަމަށްވާތީ.

އާދެ، ކުރުކޮށް ދަންނަވާނަމަ، ސަރުކާރު މި ހިނގަނީ، ސިވިލް ސަރވިސް މުވައްޒަފުންނާއި، ސިޔާސީ މުވައްޒަފުން އެކުވެގެން އުފެދިފައި އޮންނަ އެއް އިންޖީނަކުން. އެ އިންޖީނު އޭގެ ފުރިހަމަ ބާރުގައި ހިނގާނީ، މި ދެ ބައިގެ މެދުގައި ވަރަށް ރަނގަޅު، ވަރަށް ބަދަހި ގުޅުމެއް އޮވެގެން.

ވެރިކަން ކުރަނީ ކޮން ޕާޓީއެއްތޯ، ސަރުކާރުގައި ތިބީ ކޮން ބައެއްތޯ ބެލުމަކީ، ސިވިލް ސަރވިސްގެ ދައުރެއް ނޫން. ސިވިލް ސަރވިސްގެ ދައުރަކީ، އެއިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒު ކުރުން. ރައްޔިތުންގެ އަޣްލަބިއްޔަތު ލިބިގެން، ވަކި މެނިފެސްޓޯއެއް ތަންފީޒު ކުރުމަށް، އެއިރަކު އުފެދިފައި އޮންނަ ސަރުކާރަކަށް، ސިވިލް ސަރވިސްގެ މުހިންމުކަން ބޮޑުވަނީވެސް އެ ސަބަބަށްޓަކައި.

ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނީ، އިންސާނީ ވަސީލަތް ތަރައްޤީކޮށްގެން. މިއަދު މި ފަށާ ޕްރޮގްރާމުގެ ނަތީޖާއަކަށްވާނީ، ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވެގެންދިޔުން.

އެނގިވަޑައިގަންނަވާނެ، ޢާންމު ރައްޔިތުންނާއި ސަރުކާރާ ދެމެދު ކުރިން މުޢާމަލާތު ކުރަމުން އައީ ވަރަށް ހަނި މަގަކުން. އާދެ، އެމީހަކު އޮފީހަކަށް ކަމަކު އެދެންޏާ ނުވަތަ ޝަކުވާއެއް ހުށަހަޅަންވިޔަސް، އެކަން ކުރެވެނީ ސިޓީބިޓީ ބަދަލުކޮށްގެން. ނަމަވެސް މިހާރު މިއޮތީ ވަރަށް ފުޅާ މަގެއް ޤާއިމުކުރެވިފައި. އެމީހަކު ހުރި ރަށަކުން ހުރި ތަނަކުން، އިންޓަރނެޓްގެ ޒަރީޢާއިންGOV.MV މެސެޖުގެ ޚިދުމަތް މެދުވެރިކޮށް މިހާރު ސަރުކާރާ މުޢާމަލާތު ކުރެވޭނެ.

އަޅުގަނޑުމެންނާ މިހާރު އަރައި ހަމަކޮށްފައި މިއޮތީ ޓެކްނޮލޮޖީގެ ޒަމާން. ސަރުކާރު ހިންގުމުގެ ދާއިރާއަށް ޓެކްނޮލޮޖީގެ ލުއިފަސޭހަތައް ތަޢާރުފްކުރިޔަސް، އެކަމުގެ ލުއިފަސޭހަކަން ލިބޭނީ، ޚިދުމަތް ދޭން ތިބޭ މުވައްޒަފުން ޓެކްނޮލޮޖީއަށް އަހުލުވެރިވި މިންވަރަކުން.

މި ޚިދުމަތާއެކު ސަރުކާރު އޮފީސްތަކުގެ އިސްވެރިންގެ ޒިންމާ ކުރިއަށްވުރެ ބޮޑުވެއްޖެ. ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ މިންވަރު އިތުރުވެއްޖެ. އަޑުއަހަންޖެހޭ ޝަކުވާތައް ގިނަވެއްޖެ. ޙައްލު ހޯދައިދޭންޖެހޭ މައްސަލަތައް އިތުރުވެއްޖެ. އެކަމަށްޓަކައި، ސަރުކާރު އޮފީސްތަކުގެ ހުރިހާ މުވައްޒަފުން އެ ޚިދުމަތަށް އަހުލުވެރިވުމަކީ ވަރަށް މުހިންމު ކަމެއް.

އާދެ، ސަރުކާރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ، އެ ދައުލަތެއްގައި ޝާމިލުވާ އެންމެންގެ އަޑުއަހައި، އެންމެންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭން މަސައްކަތް ކުރުން. ސަރުކާރުން ކަމެއް ނިންމާއިރު، އެއްގޮތަށްވުރެ ގިނަ ގޮތްގޮތަށް ވިސްނުން ގެންގުޅެންޖެހޭ. އެހެންކަމުން، ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ތަފާތު ހުނަރުތައް ލިބިފައިވާ، ޤާބިލު އެތައް ބައެއްގެ ބައިވެރިވުން ސަރުކާރަށް ބޭނުންވާނެ.

ރައްޔިތުންގެ މުހުތާދުތައް ފުއްދައިދިނުމަށްޓަކައި، ސަރުކާރުން ކުރަންޖެހޭ ކަންކަން ތަރުތީބުކޮށް، ޙައްލުތައް ވަޒަންކޮށް، ޙިކްމަތްތެރިކަމާއެކު ކަންކަން ނިންމުމުގެ މަސްއޫލިއްޔަތު އަދާކުރައްވަންވާނީ މިއަދު މިތަނުގައި މި ތިއްބެވި ބޭފުޅުން. ތިޔަބޭފުޅުން ތިޔަ ކޮށްދެއްވަނީ  އެއްވެސް ޝައްކެއްނެތްގޮތުގައި ވަރަށް އަގުހުރި މަސައްކަތްޕުޅުތަކެއް.

ތިޔަބޭފުޅުންނަކީ އޮފީސްތަކުގެ ލީޑަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުން. އެ މަސައްކަތުގައި ކޮންމެ ދުވަހަކު އެތައް ގޮންޖެހުންތަކެއް ކުރިމަތިވާނެ. އެ ގޮންޖެހުންތަކުން އަރައިގަނެ، ކަންކަން ޙައްލުކުރުމަށް ލީޑަރުންގެ ގޮތުގައި މަސައްކަތް ކުރައްވާއިރު، ވަރަށް ގިނަ ހުނަރުތަކެއް ބޭނުންވާނެކަން އަޅުގަނޑަށް ޔަޤީން.

ލީޑަރުންގެ ކިބައިގައި ހުންނަންޖެހޭ ހުނަރުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުގެ ހަނދާނަށް އަންނަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައިވާ ވާހަކަކޮޅެއް. އޮބާމާ ވިދާޅުވަނީ، ލީޑަރަކަށްވުމާއެކު، އެ ލީޑަރޝިޕެއްގެ ދަށުގައި ތިބި އެންމެން އޭނާގެ ބާރުގެ ދަށުގައި ފިއްތާލުމަކީ، ބައެއް ލީޑަރުންނަށް ހެދޭ ވަރަށް ބޮޑު ގޯހެއްކަމަށް.

އަދިވެސް އޭނާ ވިދާޅުވެފައިވޭ؛ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަޑު ކަނޑުވާލައި، އެ ފަރާތްތަކުގެ ފަންނީ ލަފާ ބޮލާލާޖަހައި، އެ މުވައްޒަފުން އޮފީހަށް ދީފައިވާ ޤަދަރު ކުޑަވާގޮތްގޮތަށް ލީޑަރުގެ ޢަމަލުތައް ހުރެއްޖެނަމަ، އޮފީހުގެ ވެރިންނާއި މުވައްޒަފުންނާ ދެމެދު އޮންނަންޖެހޭ ގުޅުމަށް ބުރޫއަރައި، އެންމެ ބޮޑަށް ބޭނުންޖެހޭ ވަގުތު، އެ މުވައްޒަފުންގެ ބޭނުން،
އެ މުވައްޒަފުންގެ ފުލް ކެޕޭސިޓީގައި ނުލިބޭނެ ކަމަށް. އަދި މިގޮތަށް ކަން ކުރާނަމަ، އެ ލީޑަރަކީ ކޮންމެ އޮފީހެއްގެ ނުވަތަ ކުންފުންޏެއްގެ މީހެއް ކަމަށްވިޔަސް، އަދި ތަޢުލީމީ ގޮތުން ކިތަންމެ ފުންނާބު އުސް މީހެއް ކަމަށްވިޔަސް، އެތަނަކުން އެ މީހަކު ބޭނުންވާ ނަތީޖާ ހާޞިލުކުރުމަކީ ނާދިރު ކަމެއް ކަމަށް.

އާދެ، އޮބާމާގެ އެ ވާހަކަފުޅުގައި، އަޅުގަނޑުމެން ވިސްނާލަންވީ ވަރަށް ގިނަ ނުކުތާތަކެއް އެބަހުރި. އަޅުގަނޑު ދެކޭގޮތުގައި، އެކުގައި މަސައްކަތްކުރާ މީހުންނަކީ، ތިމާގެ ދަށުގައި މަސައްކަތްކުރާ މީހުން ކަމަށް ދެކިގެން ނުވާނެ. އޭގެ ބަދަލުގައި، އަޅުގަނޑުމެން ދެކެންވީ، އޮފީހުގައި މަސައްކަތްކުރާ އެންމެ އާދައިގެ މުވައްޒަފަކީވެސް، ތިމާ ކުރާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި. ފުރިހަމަ ލީޑަރޝިޕެއްގެ ނުވަތަ ލީޑަރަކަށްވުމުގެ ބިންގަލަކީ އެއީ.

އަޅުގަނޑުމެންގެ އޮފީސްތަކުގައި ތިއްބެވި ސިވިލް ސަރވިސް މުވައްޒަފުންނަކީ، އެތައް އަހަރެއްގެ ތަޖުރިބާއާއި ތަމްރީނު ލިބިވަޑައިގެން ތިއްބެވި ބޭފުޅުން. އެބޭފުޅުންގެ ޢިލްމީ ޤާބިލުކަމާއި ތަޖުރިބާގެ އެންމެ އެދެވޭ ނަތީޖާ ޙާޞިލުކުރެވޭނީ، މި ތަނުގައި މި ތިއްބެވި ބޭފުޅުންގެ ކިބައިގައި، އެ ނަތީޖާ ނެރުމުގެ ޤާބިލުކަން ހުރެގެން. އޭރުން އޮފީހުގެ ޚިދުމަތްތައްވެސް ރަނގަޅުވާނެ، ރައްޔިތުންގެ އިތުބާރުވެސް ލިބޭނެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ތިޔައިގެ ތެރެއިން ކޮންމެ ލީޑަރަކީވެސް އެކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ވާހަކަތައް އަޑުއައްސަވައި، އެ މުވައްޒަފުންގެ ކުރިއެރުމަކީ ތިޔަ ލީޑަރުންގެވެސް ކުރިއެރުން ކަމުގައި ޤަބޫލުކުރައްވާނެ ބޭފުޅުން. ލީޑަރޝިޕް ހުނަރަކީ، އެކަން އެގޮތަށް ބަލައިގަތުމުގެ ޤާބިލުކަން ހުރުން.

މިޒަމާނުގެ ސިޔާސީ އަދި ޑިމޮކްރެޓިކް ނިޒާމުގައި ސަރުކާރު ހިންގާއިރު، ދައުލަތުގެ އޮފީސްތަކުގައި ދެ ބާވަތެއްގެ މުވައްޒަފުން ތިބޭނެ. ސިޔާސީ މުވައްޒަފުންނާއި، ސިވިލް ސަރވިސް މުވައްޒަފުން. މި މުވައްޒަފުންގެ މެދުގައި ގުޅުން އެހާ ރަނގަޅު ނޫން އޮފީސްތައްވެސް އެބަހުރި. މިއީ، ހަމައެކަނި ރާއްޖޭގައި މިއަދު ދިމާވެގެން އުޅޭ ކަމެއް ނޫން.

ނަމަވެސް، ތިޔަބޭފުޅުންނަށް ދަންނަވާލަން އޮތީ، ސިވިލް ސަރވިސް މުވައްޒަފުން ގޮވައިގެން، އެ ބޭފުޅުންގެ ޢިލްމާއި ތަޖުރިބާގެ ބޭނުން ހިފައިގެން، ވެރިކަމުގެ މި ދައުރު ނިމުމުގެ ކުރިން، ސަރުކާރުގެ ވަޢުދުތައް ފުއްދައިދިނުމަށް، އެންމެން އެކުގައި އަތުކުރި އޮޅާލަމާ ހިންގަވާށޭ.

ސަރުކާރުން ޚިދުމަތް ދިނުމުގެ ވައްޓަފާޅިއަށްވެސް އަދި އުޞޫލުތަކަށްވެސް މިހާރު މިއޮތީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައި. އޮފީހުގައި އިނދެގެން ނޫނީ ނުކުރެވޭނެ ކަމަށް، ކުރިން ޤަބޫލުކުރި ކިތަންމެ ކަމެއް، ގޭގައި ތިބެގެން ކުރުމަށް، ކޯވިޑުގެ ވަބާ އަޅުގަނޑުމެން ފަރިތަކޮށްދީފި. މިކަން ކުރެވުނީ ޓެކްނޯލޮޖީއަށް ފަރިތަ ވެރިންތަކެއްގެ މަގުދެއްކުމާއެކު، އައު ކަންކަން ދަސްކުރުމަށް އޮފީސްތަކުގެ މުވައްޒަފުންގެ ހިތްތަކުގައި އޮތް ޝައުޤުވެރިކަމެއްގެ ބޮޑުކަމުން.

ކޯވިޑުގައި އަޅުގަނޑުމެން ކުރި ތަޖުރިބާއަށް ބަލާއިރު، ސަރުކާރުގެ ޑިޖިޓައިޒޭޝަން ސިޔާސަތު ފުރިހަމައަށް ތަންފީޒު ކުރުމަކީ، ސަރުކާރުގެ މަސައްކަތުގެ މާޙައުލަށް އިތުރު އާރޯކަން ގެނައުމަށް ވަރަށް މުހިންމު ކަމެއް. ސަރުކާރުގެ އޮފީސްތަކަކީ މިހާރަށްވުރެ ފުރިހަމައަށް އަދި ބަރާބަރަށް ޚިދުމަތްދޭ ތަންތަނަށް ހެދުމަށްޓަކައި، ޒަމާނީ ޓެކްނޯލޮޖީގެ ބޭނުން ހިފުމަށް އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ގޮވައިލަން.

ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ދައުލަތުގެ މުއައްސަސާތަކުގެ ހިންގުންތެރިކަމާ ގުޅޭގޮތުން އަޅުގަނޑު ދެކެން ބޭނުންވާ ދުވަހެއް އޮވޭ. އެއީ، ދައުލަތުގެ އޮފީސްތަކުން އަދި ވަކިން ޚާއްޞަކޮށް، ސަރުކާރުގެ އޮފީސްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ، ރައްޔިތުން ހެޔޮހިތުން ބަލައިގަންނަ ޚިދުމަތްތަކަކަށް ވެގެންދާ ދުވަސް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މި ފޯރަމަކީ އެކަމުގެ ފެށުން. އަޅުގަނޑުގެ މި ހުވަފެން ޙަޤީޤަތަކަށް ހައްދަވައި ދެއްވާނީ ތިޔަބޭފުޅުން.

ސަރުކާރު އޮފީސްތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މިވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ، ސަރުކާރު އޮފީސްތަކުގެ ސަރވިސް ޗާޓަރުތައް ތައްޔާރުކޮށް ޢާންމުކުރުން. މި ދެންނެވި ޗާޓަރާ ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް، ސިވިލް ސަރވިސްގެ 680 އަށްވުރެ ގިނަ އިދާރާގެ މުވައްޒަފުންނަށް މިހާރުވަނީ ބާއްވާފައި.

އޭގެ ތެރެއިން މިހާތަނަށް ސިވިލް ސަރވިސްގެ 200 އަށްވުރެ ގިނަ އިދާރާއިން، ސަރވިސް ޗާޓަރު ތައްޔާރުކޮށް ޢާންމުކޮށްފި. މި އަހަރު ނިމުމުގެ ކުރިން، ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކެއްގެ ސަރވިސް ޗާޓަރު ތައްޔާރުކޮށް ޢާންމުކުރުމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން.

މި ދަނޑިވަޅުގައި، ސިވިލް ސަރވިސް އިންސްޓިޓިއުޓްގެ ބޭފުޅުންނަށް އަމާޒުކޮށް އެއްޗެއް ދަންނަވާލަން އަޅުގަނޑު ބޭނުން. މިއަދުގެ މި ފޯރަމާއެކު ފެށިގެންދާ ސިލްސިލާ ތަމްރީނު ޕްރޮގްރާމްތަކުގެ އަލީގައި، ސަރުކާރު އޮފީސްތައް މިހާރަށްވުރެ ހަލުވިކޮށް މަސައްކަތް ކުރާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ރައްޔިތުންގެ ފަރާތުން ސަރުކާރަށް ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް މަދުވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އިންސާނީ ވަސީލަތް ބިނާކުރުމަކީ ބުރަކަމެއް. އެއީ އެއް ދުވަހުން، ނޫނީ ދެ ދުވަހަކުން ވާނެކަމެއް ނޫން. އަޅުގަނޑު އެދެނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިގެން ސިވިލް ސަރވިސް އިންސްޓިޓިއުޓުން ތިޔަ ފަށްޓަވާ މަސައްކަތަށް، މާތް ﷲ ކާމިޔާބު މިންވަރު ކުރެއްވުން. މީހުން ބިނާކުރުމުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުންކޮޅަކާއެކު، މި ފޯރަމް ފެށުމަށް ހަމަޖައްސަވާފައިވާކަމީ، މި ޕްރޮގްރާމްގެ ތަފާތު ފެންނާނެ ކަމުގެ ހެތްކެއް ކަމުގައި އަޅުގަނޑު ދެކެން. ތިޔަބޭފުޅުންގެ ތަޖުރިބާގެ އަލީގައި، މި ސަރުކާރުގެ ލީޑަރުންގެ ވިސްނުންފުޅުތައް ތާޒާކުރައްވައި، ވިސްނުންތެރިކަން އިތުރުކުރައްވައި، މަސައްކަތަށް ޝައުޤުވެރިކުރުވާނެ މަގު ދައްކައިދިނުމަށް އަޅުގަނޑު އެދެން.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިވަޑައިގެން، މި ތަމްރީނު ޕްރޮގްރާމް އިންތިޒާމު ކުރެއްވި ކަމަށްޓަކައި، ސިވިލް ސަރވިސް ކޮމިޝަނާއި، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށާއި، މި ފޯރަމްގެ ޓްރެއިނަރުންނާއި ފެސިލިޓޭޓަރުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހުރިހާ ބައިވެރިންނަށްވެސް ވަރަށް ފައިދާހުރި ތަމްރީނު ޕްރޮގްރާމަކަށް ވާނެކަމުގެ އުންމީދުގައި އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.