ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލް މަރްޙޫމް ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުގެ ކިތަންމެ ކުރިބޯއްޓެއް، ރާއްޖޭގެ މިޒަމާނުގެ މަލަ މަތިން ފެންނަން އެބަހުރިކަމަށާއި، އެމަނިކުފާނުގެ ޤައުމީ ޚިދުމަތުން ނަމޫނާ ލިބިގަނެ ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓެވުމުގައި އެމަނިކުފާނު ގެންގުޅުއްވި ޙިކްމަތްތެރި ސިޔާސަތުން ޢިބްރަތް ލިބިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވައިލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ދައުލަތުގެ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޢުމަރު ޒާހިރަކީ ދިވެހިންގެ ހިތްތަކުގައި ޤައުމީ އެއްބައިވަންތަކަން ދިރުވައި އާލާކުރެއްވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި، އަދި އެކަމުގައި ވަރަށް މަތިވެރި ނަމޫނާއެއް ދެއްކެވި ބޭފުޅެއްކަމުގައި ފާހަގަކުރައްވާފައެވެ. މިގޮތުން ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުއްވާލައްވާ ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ޢުމަރު ޒާހިރަކީ ހަމައެކަނި ޤައުމީ ޚިދުމަތްތެރިއެއް ނޫނެވެ. އެމަނިކުފާނަކީ ރާއްޖޭގެ މިޒަމާނުގެ ޢުމްރާނީ ތަރައްޤީގެ އެއް ތަނބެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ޢުމަރު ޒާހިރު އެ ކޮށްދެއްވި މަތިވެރި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެމަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ބިނާއެއް ނުވަތަ ތަނެއް ހުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.