ދިވެހިންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއްކަމަށާއި، އަދި ސަރުކާރު، ސަރުކާރެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ދައުލަތެއްގައި ޝާމިލްވާ އެންމެންގެ އަޑު އަހައި، އެންމެންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭން މަސައްކަތް ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ދައުލަތުގެ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ޙައްލުކުރުމުގެ ގޮތުން ފްލެޓްތައް ނިންމުމަށްޓަކައި، ކުލި ނުނަގައި އިތުރު ތިން މަސްދުވަސް، ފްލެޓްތަކުގެ ވެރިންނަށް ދޭން ސަރުކާރުން ނިންމާފައިވާކަން ވަނީ އިޢުލާނުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މިފެށޭ އަހަރުގެ މާރިޗު މަސް ނިމޭއިރު، ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމައި އެތަނުގައި ފްލެޓް ލިބުނު ފަރާތްތަކަށް ދިރިއުޅެން ފެށޭވަރު ވާނެ ކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެއްބައިވަންތަކަމުގެ ދުވަހެއް މި ފާހަގަކުރަނީ، 2004 ވަނަ އަހަރު ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު އެރި ސުނާމީގައި ރާއްޖެއަށް ކުރިމަތިވި ވަރަށް ބިރުވެރި ވަރަށް ނުރައްކާތެރި ކާރިސާއަކުން ސަލާމަތްވުމުގައި ދިވެހިން ދެއްކި އެއްބައިވަންތަކަން ހަނދާންކުރުމުގެ ގޮތުންކަމުގައި ވިދާޅުވެފައެވެ. އަދި، ސުނާމީ ކާރިސާގައި 190 ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބުނުކަމަށާއި، ސުނާމީ އަރައިގެން އައި ވަގުތުވެސް، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނީ އެއް ޢާއިލާއެއްގެ މީހުން ފަދައިން އެއްބައިވަންތަކަން އިސްކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސުނާމީގައި ލިބުނު ގެއްލުންތަކުގެ ސަބަބުން، ފަނަރަ ހާހަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި އަލުން އާރާސްތުކުރުން އުނދަގޫ މިންވަރަކަށް ފަސް ރަށެއް ހަލާކުވެގެން ދިޔަކަމުގައި ވިދާޅުވެފައެވެ. އަދި، ބައެއް މީހުން ޢުމުރުދުވަހުގެ މަސައްކަތުން ކޮޅަށް ޖެހި ދިރިއުޅުން، ހިނދުކޮޅެއްގެ ތެރޭގައި ސުންނާފަތިވެ، އަމިއްލަ ފުރާނަ ނޫނީ ސަލާމަތެއް ނުކުރެވުނުކަމަށާއި، އެތައް ހާސް ބައެއްގެ އަތްމަތި މުޅިން ހުސްވެގެން ދިޔައިރު އެމީހުންގެ ދިރިއުޅުން އަލުން ކޮޅަށްޖެހުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ދިވެހިންގެ ތެރޭގައި މިއޮތް އެކުވެރިކަމާއި އޯގާތެރިކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ރާއްޖޭގެ މިހާރުގެ ޙާލަތައް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ކޮވިޑްގެ ދަތިކަމުގެ ތެރޭގައިވެސް ދިވެހިންނަށް ލިބުނު އެންމެ ބޮޑު ތަސައްލީއަކީ، އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ކަމަށާއި ގޭގެއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެނާއި އެނޫން ތަކެތި ފޯރުކޮށްދިނުމުގައި، ހިލޭ ސާބަހަށް މަސައްކަތްކުރި އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިކަން އެމަނިކުފާނު ފާހަގަކޮށް އެ ބޭފުޅުންނަށް ޝުކުރުއަދާ ކުރެއްވިއެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑުން ރައްކާތެރިވުމަށް މިކުރާ މަސައްކަތުގައި، މި ސަރަހައްދުގެ ޤައުމުތަކާ އަޅައިބަލާއިރު ރާއްޖެއިން އެކަށީގެންވާ ކުރިއެރުމެއް ހޯދާފައިވާކަން ހާމަކުރައްވާފައެވެ. އަދި، މިހާރު ރާއްޖެ އޮތް ޙާލަތަށް ބަލާއިރު، އިޤްތިޞާދީ ނަޒަރަކުން ވިސްނާ ނަމަ، ރާއްޖެ މިއޮތީ ވަރަށް އުންމީދީ ހިސާބެއްގައިކަމަށާއި، ކޮވިޑްގެ ކުރިން އޮތް ޙާލަތަށް ނުވަތަ އެއަށް ވުރެ ރަނގަޅު ޙާލަތަކަށް، ޤައުމުގެ އިޤްތިޞާދު ގެންދިއުމަށްޓަކައި، އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭކަމަށާއި، މިއީ ޤައުމީ މަޞްލަޙަތު އިސްކޮށް، އެންމެން އެއް ޢަޒުމެއްގައި އެއް ވާނެއްގައި މަސައްކަތް ކުރަންވީ ވަގުތުކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.