ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ބުޓާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިއްޔެ އ.ދ.ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް އަދި، "އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިޔާ އެންޑް ދަ ޕެސިފިކް" (އެސްކެޕް)ގެ އެގްޒެކެޓިވް ސެކްރެޓަރީ މިޒް ނޯލީން ހެއިޒަރއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، އަންނަ ނޮވެމްބަރމަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާންޖެހިފައިވާ އެންމެ ނާޒުކު 14 ޤައުމެއްގެ އިސްވެރިންގެ ބައްދަލުވުމާ ބެހޭގޮތުން މިޒް ހެއިޒަރއަށް ނައިބު ރައީސް މަޢްލޫމާތު ދެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރު އޮތް ހިސާބާއި އިޤްތިޞާދު އިތުރަށް ރަނގަޅުކުރެއްވުމަށް ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭގޮތުންވެސް މަޢްލޫމާތު ދެއްވިއެވެ.

މިޒް ހެއިޒަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ހާލަތު އިތުރަށް ރަނގަޅުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން އިޤްތިޞާދީ މާހިރުން ރާއްޖެއަށް ފޮނުއްވައިދެއްވިދާނެ ކަމުގައި ވދާޅުވިއެވެ.