ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާދަމާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި ކަނޑުއަޑީގައި ބާއްވަވާ ވަޒިރުންގެ މަޖިލީހުގެ ޖަލްސާގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވާނެއެވެ. އަދި ރާއްޖޭގެ ކެބިނެޓުން ނިންމަވާ ނިންމެވުމުގެ އަޑު، މުޅި ދުނިޔެއަށް ފޯރާނެ ގޮތެއް ހޯދުމުގެ މުހިންމުކަމާބެހޭގޮތުންވެސް އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގައި، މިހާރު ބަޙުޘް ފެށިފައިވާ ޤާނޫނުލްޢުޤޫބާތުގެ ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވައި، މީހުންނަށް މަރުގެ އަދަބު ދިނުމާއި އަތްކެނޑުމާބެހޭގޮތުން އެމަނިކުފާނުގެ ވިސްނުންފުޅު ހުރިގޮތް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ހާމަކުރައްވާނެއެވެ. އަދި މާދަމާއަކީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސްކަމަށްވުމާއެކު، އެދުވަހުގެ މުހިންމު ކަމުގެ މައްޗަށާއި، މި ފެށޭ ހަފްތާގެ ތެރޭގައި އެމަނިކުފާނު އިންޑިޔާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެއްގެ މައްޗަށްވެސް ބައްލަވާލައްވާނެއެވެ.