ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި އެކަމަނާގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުރަމާނަ ޖާފަތެއް ދެއްވައިފިއެވެ. މި ޖާފަތް ބާއްވާފައި ވަނީ މިރޭ ކުރުނބާ މޯލްޑިވްސްގައެވެ.

މި ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ މެދުގައި އޮންނަ ޒަމާންވީ ވިޔަފާރީގެ ގުޅުންތަކާއި ދެ ޤައުމުގެ ދެމެދު އޮންނަ ބަދަހި އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެ ޤައުމުގެ ސަރުކާރުގެ އިސްބޭފުޅުން ދެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކާއި އަދި ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިންސުރެ ދެޤައުމުގެ ދެމެދު އެއްބާރުލުންދެމުން އަންނަ ދާއިރާތަކުން ގުޅުންތައް އިތުރުކުރެވި، ދެ ޤައުމުގެ ދެމެދު އެއްބާރުލުން އިތުރު ކުރެވިދާނެ އައު ދާއިރާތައް ފާހަގަކުރެވިފައިވާކަމުގައި ވިދާޅުވެފައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ބަންގްލަދޭޝްއާ ރާއްޖެއާ ދެމެދު އެއްބަސްވުންތައް ބަދަލުކުރެވުނު ދާއިރާތަކުގެ ތެރޭގައި މާލީ ދާއިރާއާއި،ޞިއްޙީ ދާއިރާއާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށްވުރެ ދެޤައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުންތައް މާ ބަދަހިކަން ފާހަގަކުރައްވައި ދެ ޤައުމުގެ ފަރުދުންގެ މެދުގައި އޮންނަ ބަދަހި ގުޅުމަކީ މުޅި މިސަރަޙައްދުގެ ޤައުމުތަކުން ވެސް ފާހަގަކޮށްލެވޭފަދަ އެކުވެރި ބަދަހި ގުޅުމެއްކަމުގައި ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ ބަންގާބަންދު ޝެއިޚް މުޖީބުއް ރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ އިޙުތިފާލުތަކުގައި ބައިވެރިވެ ވަޑައިގަތުމަށް މިއަހަރުގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ހަނދާންތައް އައު ކުރައްވަމުން ޝެއިޚް މުޖީބުއް ރަޙްމާނުފަދަ މި ސަރަޙައްދުގެ ތާރީޙުގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު ލީޑަރެއްގެ ހަޔާތާއި ގުޅިފައިވާ ޚިދުމަތްތައް ފާހަގަކުރާ އެފަދަ އިޙްތިފާލެއްގައި ބައިވެރިވެވަޑައިގެންނެވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިކަމީ އެމަނިކުފާނަށް ވަރަށް ޚާއްޞަ ޝަރަފެއް ލިބިވަޑައިގެންނެވި ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި މި މޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވެސް އެކަމަނާގެ ބައްޕާފުޅު ފަދައިން ޚިދުމަތުގެ މަގު އިޚްތިޔާރުކުރައްވައި ކުރިޔަށް ވަޑައިގަންނަވާތީ އެކަމަށްޓަކައި އެކަމަނާއަށް ތަޢުރީފުކުރައްވާފައެވެ.

މި ފުރަމާނަ ޖާފަތުގައި ބޮޑުވަޒީރު ޝައިޚް ހަސީނާ ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝްއާއި ރާއްޖެއަކީ ދީނީ އަދި ޘަޤާފީ ގޮތުން ވަރަށް އެއްގޮތް ކަންތައްތަކެއް ޙިއްޞާކުރާ، އަދި ތަރައްޤީގެ މަގުގައި ވެސް ވަރަށް އެއްގޮތް ކަންތައްތަކެއް ޙިއްޞާކުރާ ދެޤައުމުކަން ފާހަގަކުރެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން އެކަމަނާ ވަނީ ކޯވިޑް-19 ޕެންޑެމިކް ޙާލަތުގައި ދެޤައުމުގެ ދެމެދުގައި އޮތް ބަދަހިގުޅުން ނަމޫނާއަކަށް ބަލައިގެން ވިޔަފާރިއާއި، އިންވެސްޓްމަންޓްތަކާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރެވިދާނެކަން ފާހަގަކުރައްވާފައެވެ.

ބޮޑުވަޒީރުގެ ވާހަކަފުޅުގައި މި ސަރަހައްދުގެ ޤައުމުތަކުގެ އެންމެ ބޮޑު އަމާޒަކަށް ވާންޖެހޭނީ "ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީ" ކަމަށާއި އަދި ހުރިހާ ޤައުމެއްވެސް މައިގަނޑު ދުޝްމަނެއްގެ ގޮތުގައި އޮންނާނީ "ފަގީރުކަން" ކަމުގައި ވިދާޅުވިއެވެ. އެގޮތުން ބަންގްލަދޭޝްގެ ޚާރިޖީ ސިޔާސަތު ބިނާވެފައި ވަނީ އެއްވެސް ފަރާތަކާ ރުޅިވެރިކަން ނުބާއްވައި ރަހުމަތްތެރިކަން އިސްކުރުމަށްކަން ފާހަގަކުރައްވައި އެކަމަނާ ވަނީ ފަގީރުކަމުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާނުގެ އިތުރުން ވަޒީރުންނާއި ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ބަންގްލަދޭޝްގެ ވަފުދުގެ ބޭފުޅުންނާއި ރާއްޖެއާ ރާއްޖޭން ބޭރުގެ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ފުރަމާނަ ޖާފަތާއެކު ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ރަސްމީ ޕްރޮގްރާމު ނިމުނީއެވެ.