ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ މިއަދު މެންދުރުފަހު ހޮޓެލް ޖެންގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ ދެ ޤައުމުގެ ހަރުދަނާ އެކުވެރިކަމުގެ ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އަދި ދެ ޤައުމުގެ މެދުގައި މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކުގެ މައްޗަށް އަލިއަޅުވާލައްވާ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ މަނިކުފާނު މިދިޔަ ނޮވެމްބަރ މަހު ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރުން ބެހެއްޓެވި ޚާއްސަ މެހުމާނުދާރީއަށްޓަކައި އެ ކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ. ކޯވިޑް-19 އާއި ގުޅިގެން ޤައުމު ބިނާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހުނުކަން ހާމަކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ޙާލަތުގައި ބަންގްލަދޭޝްގެ ފަރާތުން ދިވެހިރާއްޖެއަށް ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ، އެކަމަށްޓަކައި ވެސް އެކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ކޯވިޑްގެ ޙާލަތުން އަރައިގަތުމަށްޓަކައި ވެކްސިން ފޯރުކޮށްދިނުމުގައި ދިވެހި ސަރުކާރުން ގެންގުޅޭ ހަމަހަމަ ސިޔާސަތުގެ މަޢުލޫމާތު އެ ކަމަނާއާ ހިއްސާކުރައްވާފައެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވަނީ ދިވެހި ސަރުކާރުން ވެކްސިން ފޯރުކޮށްދިނުމަށް ހިންގި "ކޮވިޑް-19 ދިފާޢު" ކެމްޕޭނުގެ އިތުރުން ޖުމްލަގޮތެއްގައި ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ފިޔަވަޅުތަކަށް ތަޢުރީފުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މީހުން ބިނާކުރުމަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވާކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދެޤައުމު ކަނޑުމަގުން ގުޅާލައި ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށާއި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ފުރުޞަތުތައް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ގަވައިދާއި ޙިލާފަށް އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލައްވާ، ސަރުކާރުން އެންމެހާ ފަރާތްތަކުގެ ހައްޤުތަކަށް އިޙްތިރާމުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން ބަދަހިކޮށް ވަރުގަދަކުރުމުގެ ގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ އިތުރުން ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށް ބަންގްލަދޭޝްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި މޭރުމުން ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ބޭނުންވާ ސްކޮލަރޝިޕް ފުރުޞަތުތައް ބޭނުންވާ ރޮނގުތަކުގެ މައްޗަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝްގެ އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީގައި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވާ، އެ ކަމަނާގެ ޒަޢާމަތުގައި އެ ޤައުމަށް އިތުރު އެދެވޭ ތަރައްޤީ ގެންނަވާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވެފައެވެ

-