ބަންގްލަދޭޝްގެ ބޮޑުވަޒީރު މިހާރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ގުޅިފައިވާ ބަޔާނެއް ދެއްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގުޅިފައިވާ ބަޔާން ދެއްވަމުން، ދެ ލީޑަރުން ވަނީ ދެޤައުމުގެ ދެމެދު އޮންނަ ޒަމާންވީ ތާރީޚީ ގުޅުމާއި އަވަށްޓެރި މި ދެ ޤައުމުން ޤަބޫލުކުރާ އެއްގޮތް އުޞޫލުތަކާއި އާދަކާދަތަކާއި އަދި ޙިއްޞާކުރާ އެއްގޮތްކަންތައްކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފާއިތުވި އަހަރުގެ ތެރޭގައި ދެ ޤައުމުގެ ސަރުކާރުގެ އިސްބޭފުޅުން ދެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިޤްތިޞާދީ، އިޖްތިމާޢީ އަދި ސިޔާސީ ދާއިރާއިން ބަންގްލަދޭޝް އިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތައް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އަރައިގަނެ ތަރައްޤީވަމުން އަންނަ ޤައުމަކަށް ބަދަލުވުމަށް އެޤައުމުން ކުރާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރެއްވިއެވެ.

މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކަށް ރިޢާޔަތްކުރައްވައި ބޮޑުވަޒީރު ޝައިޚް ހަސީނާ ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އުންމީދުގައި، ދެ ޤައުމުގެ ދެމެދު ސީދާ ވައިގެ ދަތުރުތައް އިތުރުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކޯވިޑް-19 ޕެންޑެމިކްގެ މިހާރުގެ ޙާލަތަށް ރިއާޔަތްކޮށް ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ އާއި، ބަންގްލަދޭޝްގައި ތިބި ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ސްޓޫޑެންޓް ވިސާ ހަމަޖެއްސައިދިނުމަށް ބަންގްލަދޭޝް ސަރުކާރުން ނިންމަވާފައިވާކަން އެކަމަނާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ޞިއްޙީ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާއާއި އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ ދާއިރާއާއި ދިފާޢީ ދާއިރާއިން ރާއްޖެއަށް ބަންގްލަދޭޝްއިން ދޭ އެއްބާރުލުން ފާހަގަކުރެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް މިލިޓަރީ އުޅަނދުތަކެއް ހަދިޔާކުރެއްވުމާއި، ޞިއްޙީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއެކު މަތީ ތަޢުލީމަށް ފުރުޞަތު ތަނަސްކޮށްދިނުމާއި ބަންގްލަދޭޝްގައި ތިބި ދިވެހި ދަރިވަރުންނަށް ވޮކޭޝަނަލް ތަމްރީނާއި ހުނަރުވެރިކަން ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުންފަދަ ކަންކަމަކީ ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަންތައްތަކެއްކަން ފާހަގަކުރައްވާފައެވެ.

ގުޅިފައިވާ ބަޔާންދެއްވަމުން ރައީސުލްޖުމްހޫރިއްޔާއާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ އ.ދ.އާއި އެހެނިހެން ބައިނަލްއަޤްވާމީ މައިދާންތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމުގައި ވިދާޅުވެފައެވެ.