ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ވާހަކަތަކުގައި ދެ ޤައުމުގެ އިސްބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އެތައް ޒަމާންތަކަށް ދެމިގެންދާ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި
މި ބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ވަނީ ދެ ޤައުމުން އިސްކަންދޭ ދާއިރާތަކުގައި މިހާރު ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވައި އެ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ލީޑަރުން ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، ދެ ޤައުމުން އިސްކަންދޭ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ކަންކަމުގައި އެއްބާރުލުމާ ބައިވެރިވުން އިތުރުކުރުމާއި ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެ ލީޑަރުން މަޝްވަރާކުރެއްވި މައުޟޫޢުތަކުގެ ތެރޭގައި ކޯވިޑް-19 ޕެންޑެމިކުން އަރައިގަތުމަށް މަސައްކަތްކުރުމާއި އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި ޞިއްޙީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި ދެ ޤައުމުގެ ދެމެދު ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި ވިސާ ހޯދުމުގެ ކަންކަން ލުއިފަސޭހަކޮށްދިނުމާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއާއި ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުންނާއި ކައުންޓަރ ޓެރަރިޒަމް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާ، މުޅިރާއްޖޭގައި ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މިހާރު ވަރަށް ބޮޑު މަސައްކަތެއް ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. އެ ގޮތުން މި މަސައްކަތް ކުރިޔަށްގެންދަނީ މައިގަނޑު 3 ކަމަށް އިސްކަންދީގެންކަން ފާހަގަކުރައްވައި އޭގެ ތެރޭގައި ހިމެނެނީ ނަރުހުން އަދި މެޑިކަލް ދާއިރާއިން ކިޔަވާ ދަރިވަރުން ތަމްރީނުކޮށް އެދާއިރާގެ އެކި ފަންނުތަކަށް ދަރިވަރުން ޚާއްޞަކުރުމާއި ކުރު އަދި ދިގު މުއްދަތައް ބޭނުންވާ ބިދޭސީ ޑޮކްޓަރުންނާއި ސްޕެޝަލިސްޓު ޑޮކްޓަރުން ހޯދުމާއި، ބޭހާއި ޞިއްޙީ ދާއިރާއަށް ބޭނުންވާ ސާމާނު ހޯދުންކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ މެޑިކަލް އެޑިޔުކޭޝަން އިންސްޓިޓިއުޝަންތަކުގައި ހިންގާ ޑިގްރީ އަދި މާސްޓަރސް ފެންވަރުގެ ޕްރޮގްރާމުތަކުން ދިވެހި ދަރިވަރުންނަށް ފެލޯޝިޕް އަދި ސްކޮލަރޝިޕް ގެ ފުރުޞަތު ހޯދުމާއެކު އިންޓާންޝިޕް ފުރުޞަތުތައް އިތުރުކުރުމަށް މި ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެ. އަދި އިންޖިނިއަރިންގ އަދި ވޮކޭޝަނަލް ސްޓަޑީޒް ފަދަ އިތުރު ދާއިރާތަކުން ވެސް މަތީ ތަޢުލީމުގެ ފުރްޞަތުތައް، ރާއްޖެއަށް ހޯދުމުގެ ޝައުޤުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވިއެވެ.
ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިއަދު ދެޤައުމުގެ ދެމެދު ބަދަލުކުރެވޭ، ޓެކްސްއަށް މަކަރު ހެދުމުގެ ފުރުޞަތު ނައްތާލުމަށާއި ޑަބަލް ޓެކްސޭޝަން ނައްތާލުމުގެ އެއްބަސްވުމަށް އިޝާރާތްކުރައްވައި ދެ ލީޑަރުން ވަނީ މީގެ ސަބަބުން މި ދާއިރާއިން ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރެވިގެންދާނެކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ އާއި، ދިގު މުއްދަތުގެ ސްޓޫޑެންޓް ވިސާ ހަމަޖެއްސުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ ކޯވިޑުގެ ހާލަތު ވަޒަން ކުރުމަށް ފަހު އެކަމާމެދު ގޮތެއް ނިންމަވާނެކަމުގައި ވިދާޅުވިއެވެ.
ރަސްމީ ވާހަކަފުޅުތައް ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި ބޮޑުވަޒީރު ވަނީ ދެޤައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.