ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއް ބަދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި މިއަދު ބަދަލުކުރެވުނު މިއެއްބަސްވުންތަކުގެ ތެރެއިން "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ދަ ރިކްރޫމަންޓް އޮފް ކޮލިފައިޑް ހެލްތް ޕްރޮފެޝަނަލްސް" އަކީ ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ޤާބިލު ޞިއްޙީ ޚިދުމަތްތެރިން ހޯދުމާގުޅޭ އެއްބަސްވުމެކެވެ. މި އެއްބަސްވުން ބަދަލުކުރެއްވުމުގައި ދިވެހިސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް އެވެ. ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެޤައުމުގެ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޒާހިދު މާލިކް އެވެ.

ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމަށް ވެފައިވާ އެއްބަސްވުން އާކުރުމަށް "ރިނިއުވަލް އޮފް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އިން ދަ އޭރިއާސް އޮފް ހެލްތްކެއަރ އެންޑް މެޑިކަލް ސައިންސް"، މި އެއްބަސްވުން ބަދަލުކުރުމުގައިވެސް ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް އާއި ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޒާހިދު މާލިކް އެވެ.

ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ބަދަލުކުރެވުނު އެއްބަސްވުން "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް" އަކީ ކުޅިވަރާއި ޒުވާނުން ތަރައްޤީކުރުމުގެ ރޮނގުން ގުޅުން ބަދަހިކުރުމަށް ބަދަލުކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުން ބަދަލުކުރެއްވުމުގައި ދިވެހިސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފެވެ. ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެޤައުމުގެ ފޮރިން ސެކްރެޓަރީ މައްޞޫދު ބިން މޮމެން އެވެ.

ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ދެން ބަދަލުކުރެއްވި އެއްބަސްވުން، ޓެކްސްއަށް މަކަރު ހެދުމުގެ ފުރުޞަތު ނައްތާލުމަށާއި، ޑަބަލް ޓެކްސޭޝަން ނައްތާލުމުގެ އެއްބަސްވުން ބަދަލުކުރެއްވުމުގައި ދިވެހިސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލެވެ. ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެޤައުމުގެ ނެޝަނަލް ބޯޑް އޮފް ރެވެނިއުގެ ޗެއަރމަން އެމް.ޑީ ރަޙްމަތުލް މުނީމް އެވެ.

މި އެއްބަސްވުންތައް ބަދަލުކުރެއްވުމުގެ އިތުރުން މި ރަސްމިއްޔާތުގައި، ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތަކުގެ ތަޅުދަނޑި ރަމްޒީގޮތުން ހަވާލުކޮށްދެއްވުން ވެސް އޮތެވެ. އެ ގޮތުން ދިވެހިރާއްޖޭގެ ފަރާތުން، މި އަސްކަރީ އުޅަނދުތަކުގެ ރަމްޒީ ތަޅުދަނޑިއާ ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލެވެ. ޗީފް އޮފް ޑިފެންސް ފޯސްއާ ތަޅުދަނޑި ހަވާލުކޮށްދެއްވީ ބަންގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް އެސް.އެމް ޝަފީޢުދީން އަޙްމަދެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އެއްބަސްވުންތައް ބަދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ ދެޤައުމުގެ ސަރުކާރުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައްވެސް ބާއްވަވާފައެވެ.