ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ބަންގުލަދޭޝްގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެކަމަނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ބޮޑުވަޒީރު ޝައިޚް ޙަސީނާ އަދި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބޮޑުވަޒީރާއި ވަފުދުގެ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވީ ދިވެހި ޚާރިޖިއްޔާގެ އިސް ބޭފުޅުންނެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

މި ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު، ރައީސުލްޖުމްހޫރިއްޔާއާ އަދި ދަޢުލަތުގެ ބައެއް ޢިއްޒަތްތެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވެގެންދާނެ ބައެއް އެއްބަސްވުންތައް ދެޤައުމުގެ ދެމެދު ބަދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ދެޤައުމުގެ ދެމެދު މަޝްވަރާކުރައްވާ ކަންކަމާގުޅޭ ތަފްޞީލުތައް ހާމަކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބަންގްލަދޭޝްގެ ބޮޑުވަޒީރު، ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ.

ބަންގްލަދޭޝްއާ ރާއްޖޭގެ މަތީފަންތީގެ ބޭފުޅުން މި އަހަރުގެ ތެރޭގައި މި ދެ ޤައުމުގެ ދެމެދުގައި ކުރެއްވި ރަސްމީ ދަތުރުފުޅުތަކާއެކު ދެ ޤައުމުގެ ގުޅުން ވަނީ އިތުރަށް ބަދަހިވެފައެވެ.