‎ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

‎މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ލީޝިންއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ސަފީރުކަމުގެ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރި ގުޅުންތައް ހަރުދަނާވެ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވަރަށް ޒަމާންވީ ގާތް ގުޅުމެއް ގާއިމުވެފައިވާ ކަމުގައި ވިދާޅުވިއެވެ. އެގޮތުން ތަރައްޤީގެ ސަފުގައި އެ ޤައުމުން ދިވެހިރާއްޖެއަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ދެއްކެވި ވާހަކަފުޅުގައި، ކޯވިޑްގެ ޙާލަތުގައި ޗައިނާއިން ވެދެއްވި އެހީތެރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުންވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ޗައިނާއިން ރާއްޖެއަށް އެކިއެކި ދާއިރާތަކުން، ޚާއްސަގޮތެއްގައި ފަތުރުވެރިކަމާއި ޞިއްޙަތާއި އުމްރާނީ ތަރައްޤީއާއި، މަތީ ތަޢުލީމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އެ ޤައުމުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖެއިން "ވަން ޗައިނާ" އުޞޫލުގައި ހިފަހައްޓާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ޖީ20 ގެ ޑެޓް ސަރވިސް ސަސްޕެންޝަންގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ކުރި މަސައްކަތަށް ޗައިނާ ސަރުކާރުން ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރުއަދާކުރައްވާފައިވެއެވެ. ޖީ20 ގެ ޑެޓް ސަރވިސް ސަސްޕެންޝަންގައި ދިވެހިރާއްޖެއަށް ބައިވެރިވެވުމުގެ ސަބަބުން ކޯވިޑް19 އަށްފަހު ޤައުމުގެ އިޤްތިޞާދު އަލުން ފަށައިގަތުމަށް ވަރަށް ބޮޑު އެހީއަކަށްވި ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

‎ޗައިނާ ސަފީރުގެ ވާހަކަފުޅުގައި، ޗައިނާ ސަރުކާރުގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަރިސްކުރައްވާފައިވެއެވެ. އެ ކަމަނާގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ވަނީ، ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުގައި ދިވެހި ސަރުކާރުން މުހިއްމު ސިޔާސަތުތަކެއް ތަންފީޒުކޮށް، ކުރު މުއްދަތެއްގެ ތެރޭގައި ބޯޑަރުތައް ހުޅުވާލައި ކާމިޔާބުކަމާއެކު ފަތުރުވެރިކަން ހުޅުވާލެއްވީތީ، އެކަމަށްޓަކައި ތަޢުރީފު ކުރައްވާފައެވެ. އަންނަ އަހަރަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރުފުރޭ ރަންޔޫބީލް އަހަރުކަން ފާހަގަކުރައްވާ އެ މުނާސަބަތު ފާހަގަކުރުމަށް އެކިއެކި ހަރަކާތްތައް ހިންގުމަށް ރާވަމުންދާކަމުގައި އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

‎ސަފީރު ލީ ޝިންގެ ވާހަކަފުޅުގައި، ދެ ޤައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކޮށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. އެގޮތުން މެޑިކަލް ޓީމުތައް ފޮނުވުމާއި ދެ ޤައުމު ދޭތެރޭ އޮތް އިޖްތިމާޢީ އަދި ޒަމާންވީ ސަގާފީ ގުޅުންތައް ހަރުދަނާ ކުރުމަށް އިސްކަންދެއްވާނެކަން ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމުގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުންތައް ކުރިޔަށްހުރި ދުވަސްތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރުމުގެ ރޫޙު އާލާކުރައްވަމުންނެވެ.