ހައްދުންމައްޗަކީ، ރާއްޖޭގައިވާ މުއްސަނދި އަތޮޅުތަކުގެ ތެރެއިންވެސް މުއްސަނދި އަތޮޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހައްދުންމަތީގެ ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުންނާ ހިއްސާކުރެއްވުމަށްޓަކައި މިއަދު ހެނދުނު ޤަޠަރު ޢަމީރު ސްކޫލްގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ލާ މަރްކަޒީ އުސޫލުން އަތޮޅުތައް ހިންގުމުގެ ބޭނުންތެރިކަން މުހިންމުވަނީ ކިތަންމެ ސަބަބުތަކަށްޓަކައި ކަމަށާއި، އަތޮޅުގެ މުއްސަނދިކަމާއި އަތޮޅުގެ އެންމެހާ ވަސީލަތްތައް މިއަތޮޅުން އަދި އެ ޕްރޮވިންސަށް ފަހިވާގޮތަށް ފައިދާވާނެގޮތަށް ސިޔާސަތުތައް ރާވަމުން ކުރިއަށް ގެންދެވޭނީ ލާ މަރްކަޒީ އުސޫލުން ކަންކަން ހިނގާ ބިލް ފާސްވީމާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިހާރު އުފައްދަވާފައިވާ ޕްރޮވިންސް އޮފީސްތަކުގައި ކޮންމެ މިނިސްޓްރީއެއްގެ މޭޒެއް ބަހައްޓަވައިގެން އެ މިނިސްޓްރީއަކުން ޚިދްމަތް ދެއްވުމުގެ އުސޫލެއްގެ ތެރެއިން މަސައްކަތް ކުރައްވަމުން ގެންދެވިނަމަވެސް، އެ މަސައްކަތް ކުރައްވަމުން މި ގެންދަވަނީ، ވަރަށް ދަތީގައި ކަމަށާއި، އެހެންކަމާއެކު މިކަން އެންމެ ފުރިހަމަ ގޮތުގައި ނުހިނގާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެންނަމަވެސް، މިހާރު ހުރި ދަތިތަކުގެ ތެރެއިންވެސް ސަރުކާރުން މަސައްކަތް ކުރިއަށް އެބަގެންދަވާކަމަށް ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޔޮޓުދޯނިފަހަރު ރަޖިސްޓްރީ ކުރުމާއި، ލައިސަންސް ނެގުމާއި، އެއްގަމުގައި ދުއްވާ އެއްޗެތީގެ ފީ ނެގުމާއި، ދަތުރު ފަތުރާގުޅޭ މިބާވަތުގެ ހުރިހާ ޚިދްމަތެއް ކުރިއަށްއޮތް ހަފްތާގެ ތެރޭގައި މި ޕްރޮވިންސުން މިއަތޮޅުން ލިބޭގޮތް ހަމަޖެހިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ހަމައެހެންމެ، ހައުސިންގ މިނިސްޓްރީގެ ދަށުން ހިންގަވާ ހުރިހާ މަޝްރޫޢުތައް ބެލެހެއްޓެވުންވެސް ޕްރޮވިންސް އޮފީހަށް ބަދަލުކުރައްވައި، ލާމަރްކަޒީ އުސޫލުން މިކަން ހިންގެވުމުގެ މަސައްކަތްވެސް ފަށައިގަނެވިދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ހައްދުންމަތީގެ ޢިއްޒަތްތެރި މެންބަރުން، ލާމަރްކަޒީ އުސޫލުގެ ބިލަށް ވޯޓު ނުދެއްވާކަމަށް ވަނީނަމަ، މި މަސައްކަތް ކުރައްވަން ދަތިފުޅުވާނެ ކަމަށާއި، މިކަން މިގޮތަށް ކުރިއަކަށް ނުގެންދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަތޮޅުގެ ރައްޔިތުން އެބޭފުޅުންގެ ވަކީލުންނާ ވާހަކަ ދައްކަވައި، ރައްޔިތުންނަށް ފަހިވާގޮތަށް ރަނގަޅު ގޮތަކަށް ބައްޓަންވެގެންދާ ސިޔާސަތުތައް ތަންފީޒުވުމަށް މަގުފަހިކޮށްދެއްވުމަށް ބާރުއަޅުއްވައި ދެއްވުމަށްވެސް ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.