ދިވެހިރާއްޖޭގެ ސަރަޙައްދު ބޮޑުކުރެއްވުމުގެ ފުރުޞަތު އޮތްތޯ ބެއްލެވުމުގެ މަސައްކަތް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިގޮތަށް ނިންމެވީ، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ލިމިޓްސް އ.ދ.އަށް ހުށަހެޅުމާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި މި މަޝްވަރާތައް ގެންދެވީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގުޅިވަޑައިގެން މި ރޮނގުން ކުރައްވާފައިވާ މަސައްކަތްތައްވެސް ބައްލަވައި އެމަސައްކަތްތަކުގެ އަލީގައެވެ.

އެގޮތުން، ކޮންޓިނެންޓަލް ޝެލްފް ކްލެއިމްކުރުންފަދަ މުހިންމު މަސައްކަތްތަކުގައި ޒިންމާވާނެ މުއައްސަސާއެއް ކަނޑައެޅުއްވުމާއި، އެ މުއައްސަސާގެ ބެއްލެވުމުގެ ދަށުން، ދުރާލާ ރޭވިގެން މަސައްކަތްތައް ކުރިއަށްގެންދިޔުމާއި، މިކަމަށް ހިނގާނެ ޚަރަދު، ކުރާނެ ފަރާތެއް ކަނޑައެޅުމާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވިއެވެ.

އެ ޤައުމެއްގެ ކޮންޓިނެންޓަލް ޝެލްފްގެ ކޯޑިނޭޓްސް ވަކިކުރެވި ކްލެއިމް ކުރުމުން، ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އެ ޤައުމަކަށް ކަނޑުއަޑީގެ ބިމުގެ ފަށަލައިގައިވާ މަޢުދަނާއި މިނަރަލްސް އަދި ދިރުމެއްނުވާ ޤުދްރަތީ ވަސީލަތްތަކާއި، ދިރޭތަކެތީގެ ތެރެއިން އޭގެ ޒާތުގައި އެއްތަނުން އަނެއްތަނަށް ދަތުރު ނުކުރެވޭ ތަކެތި (ސެޑެންޓަރީ ސްޕީޝީޒް) އިޤްތިޞާދީގޮތުން ބޭނުންކުރުމުގެ ސިޔާދަތީ ބާރު، އެ ޤައުމަކަށް ލިބިގެންވާނެއެވެ. ކޮންޓިނެންޓަލް ޝެލްފްގެ ތެރެއިން މަސްވެރިކަންކުރުންފަދަ ކަންތައްތައް ކުރުމުގެ ބާރު ނުލިބުނުކަމުގައި ވީނަމަވެސް، މިނަރަލްސްއާއި މަޢުދަނާއި، ގޭސް އަދި ތެޔޮފަދަ ވަސީލަތްތައް ބޭނުންކުރުމުގެ ސިޔާދަތީ ބާރު (ސޮވެރިން ރައިޓް) އެ ޤައުމަކަށް ލިބިގެންދެއެވެ.

1982 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހު ދިވެހިރާއްޖެއިން ސޮއިކޮށް، 2000 ވަނަ އަހަރު ސެޕްޓެމްބަރު 7 ވަނަ ދުވަހު ތަޞްދީޤު ކުރެވުނު އދ. ގެ ލޯ އޮފް ދަ ސީ ގެ 76ވަނަ މާއްދާގެ 8 ގެ ދަށުން، ރާއްޖޭގެ އާކިޕެލާޖިކް ބޭސްލައިން އިން ފެށިގެން 200 ނޯޓިކަލް މޭލުގެ އިތުރުން، އިތުރު ސަރަޙައްދަށް ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ދެމިގެންދާނަމަ، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އިން ކަނޑައަޅައި އެއާބެހޭ މަޢުލޫމާތު، 2010 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 7 ވަނަ ދުވަހުގެ ކުރިން އދ. ގެ ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް ހުށަހަޅަންޖެހެއެވެ.

މި ކޮންވެންޝަންގައި ސޮއިކުރިފަހުން 26 އަހަރު، އަދި ތަޞްދީޤު ކުރިފަހުން 9 އަހަރު ވީއިރު، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަޙައްދު ކްލެއިމްކުރަން މީގެކުރިން ޢަމަލީ އެއްވެސް މަސައްކަތެއް ކުރެވިފައިނުވާކަން މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ. ނަމަވެސް، 2009 ވަނަ އަހަރު މިކަމުގެ މުހިންމުކަން ދެނެގަނެ، މިކަމާބެހޭ މަޝްވަރާ ބައްދަލުވުންތައް ބާއްވައި، ކޮމިޓީތައް ހަދައި، މިކަން ކުރެވޭނެގޮތްތަކާބެހޭ ދިރާސާތައް ކުރަންވަނީ ފަށާފައެވެ. އަދި މިކަމާބެހޭ ޤާނޫނީ ލިޔުމެއްވަނީ މިއަހަރުގެ އޯގަސްޓްމަހު އ.ދ.އަށް ހުށަހަޅާފައެވެ.

މިމައްސަލައާބެހޭގޮތުން މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދައްކަވައި މަޝްވަރާ ކުރެއްވުމަށްފަހު، ކޮންޓިނެންޓަލް ޝެލްފް ކްލެއިމްކުރުންފަދަ މުހިންމު މަސައްކަތްތަކުގައި ޒިންމާވާނެ މުއައްސަސާއަކީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ކަމަށް ކަނޑައަޅުއްވައި، އެ މުއައްސަސާގެ ބެއްލެވުމުގެ ދަށުން ދުރާލާ ރޭވިގެން މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ. އަދި މިފަދަ ސައިންޓިފިކް އަދި ލީގަލް މަސައްކަތްތަކުގައި، ތަޖުރިބާއާއި ޢިލްމު ލިބިވަޑައިގެންފައިވާ ބޭފުންގެ ކޮމިޓީއެއް އެކުލަވާލައްވައި، އެ ކޮމިޓީއާއި އަދި އެމް.އެންޑީ.އެފް.ގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރިއަށް ގެންދެވުމަށްވެސް ނިންމެވިއެވެ. މީގެ އިތުރުން، ރާއްޖޭގައިހުރި އާސާރީ އަދި މިޒަމާނުގެ ޖިއޮލޮޖިކަލް އަދި ޖިއޮގްރަފިކަލް މަޢުލޫމާތު އެއްކުރެވި، އެމަޢްލޫމާތުތައް މިފަދަ މަސައްކަތްތައް ކުރައްވާ ފަރާތްތަކަށް އެމް.އެން.ޑީ.އެފް.ގެ ބެއްލެވުމުގެދަށުން ލިބޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށްވެސް ނިންމެވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޑިމޮކްރެޓިކް ވެރިކަމުގެ ފުރަތަމަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރެއްވުމާބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. މިކަމާބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، މި ދުވަސް ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވުމަށް ހިންގަވާ ހަރަކާތްތަކުގެ ބައެއްގެ ގޮތުގައި، ސަރުކާރުގެ ހުރިހާ ވުޒާރާތަކުގެ މަސައްކަތްތަކާގުޅޭގޮތުން މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ކުރައްވާފައިވާ ކަންތައްތަކުގެ މަޢްލޫމާތު ދެއްވުމަށް "ޑިމޮކްރަސީ ފެއަރ" އެއް ބޭއްވެވުމަށް ނިންމަވައި، މިކަމުގެ މަސައްކަތްތައް ސަރުކާރުގެ ހުރިހާ އިދާރާތައް ގުޅިގެން އަވަހަށް ފެށްޓެވުމަށް ކަނޑައެޅުއްވުމަށް ނިންމެވިއެވެ.