ފާއިތުވި ދެ އަހަރަށް އަލިއަޅުއްވާލައްވަމުން އެމް.ޓީ.ސީ.ސީ އަށް 41 އަހަރު ފުރުން ފާހަގަކުރާ އިރު މި ފާހަގަކުރެވެނީ، އެމް.ޓީ.ސީ.ސީ ގެ ޙަޔާތުގައިވެސް އައި އެންމެ ޙަރަކާތްތެރި އަދި އެންމެ ކާމިޔާބު ދެ އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ އެމް.ޓީ.ސީ.ސީގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ހެންވޭރު ދަނޑުގައި މިރޭ ބޭއްވެވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ސިޔާސަތަކީ ލާމަރުކަޒީ ތަރައްޤީގެ ތެރެއިން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަސާސީ ޚިދުމަތްތައް ޤާއިމުކޮށްގެން ކޮންމެ ކަމެއްގައި މާލެ އަންނަން ނުޖެހި އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އެ ސަރަޙައްދަކުން، އަސާސީ ޚިދުމަތްތައް ލިބޭނެ ގޮތް ހެދުންކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ އެމް.ޓީ.ސީ.ސީ އަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއްކަމުގައި ވިދާޅުވެ ޚާއްޞަކޮށް ރަށްރަށުގެ ޢުމްރާނީ ތަރައްޤީގެ އެންމެ މުހިންމު ބައިވެރިޔާއޭ ދެންނެވިދާނެކަމުގައި ވިދާޅުވެފައެވެ. މިގޮތުން، އެމަނިކުފާނު ވަނީ އެމް.ޓީ.ސީ.ސީއަކީ ރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ކުންފުންޏެއްކަން ފާހަގަކުރައްވާފައެވެ.

މި ޖަލްސާގައި އެމަނިކުފާނު ވަނީ ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމަށް، މިއަހަރުގެ ކުރީކޮޅު ސަރުކާރުން އެމް.ޓީ.ސީ.ސީއާ ބޮޑު މަޝްރޫޢެއް ޙަވާލުކޮށްފައިވާކަން ހާމަކުރައްވައި، އެ މަޝްރޫޢުގެ ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ މެދުގައި، ފެރީގެ ޚިދުމަތް ފެށުމަށް، އެމް.ޓީ.ސީ.ސީ އިން ތައްޔާރުވަމުންއަންނަ ކަމަށާ، މިފަދަ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން، ވަޒީފާގެ އެތައް ބައިވަރު ފުރުޞަތުތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުޅުވިގެންދާނެކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރަށްރަށުގައި އުފެދޭ އެ ވަޒީފާތަކަށް ބޭނުންވަނީ ދިވެހިންކަމުގައި ވިދާޅުވަމުން ރާއްޖޭގައި މިހާރު ހުރި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިއްޕަވައިގެން، ޤައުމީ ތަރައްޤީގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމުގެ ހިންގުންތެރިކަމުގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި އެމް.ޓީ.ސީ.ސީއަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ކުންފުންޏެއްކަމުގައި ވިދާޅުވެ، އެ ކުންފުނިން ހިންގާ ހުނަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމްގެ ދަށުން، 3 އަހަރުގެ ތެރޭގައި 100 މީހުން ތަމްރީންކުރަން އަމާޒު ހިފާފައިވާކަން ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކޯވިޑް-19ގެ ފުރަތަމަ އަހަރުގެ ތެރޭގައިވެސް، އެ ކުންފުނީގެ ޙަރަކާތްތައް ހުއްޓުމެއް ނެތި ކުރިޔަށް ދިޔަކަމުގައި ވިދާޅުވެ މިހާރު އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށާފައިވާއިރު ކުރިއަށް މިއޮތް ދުވަސްތަކުގައި އެ ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ކުންފުނީގެ ދުވެލި މާބޮޑަށް ހަލުވިވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ދިނުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމުގައި، ސަރުކާރުގެ ކުންފުނިތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަކަމަށާއި، ޚާއްޞަކޮށް އަސާސީ ޚިދުމަތްތަކާ ގުޅިފައިވާ ކުންފުނިތަކުގެ ދައުރު ވަކިން ބޮޑުކަން ފާހަގަކުރައްވާފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ދައުލަތުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެމް.ޓީ.ސީ.ސީ ގެ ޗެއަރމަން މުޙައްމަދު ފަޙީމް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެމް.ޓީ.ސީ.ސީ "ކާމިޔާބު 40" ފޮތް ވެދުން ކުރައްވާފައެވެ. މި ޖަލަސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.ޓީ.ސީ.ސީ އަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި މުވައްޒަފުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ 2021 ވަނަ އަހަރުގެ މުވައްޒަފުން ތަމްރީންކުރުމުގެ ޕްރޮގްރާމަށް ހޮވިފައިވާ ފަރާތްތަކަށް ލިޔުން ޙަވާލުކޮށްދެއްވާފައެވެ.