بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދިރާގުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިސްމާޢީލް ރަޝީދު، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ފޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ދިރާގުގެ އެގްޒެކްޓިވް ކޮމިޓީގެ މެންބަރުން، އަދި ދިރާގުގެ ހީވާގި އެންމެހައި މުވައްޒަފުން، މި ޙަފްލާގެ އެންމެ މުހިންމު ބައިވެރިން ކަމުގައިވާ މި ޕްރޮގްރާމްގައި ބައިވެރިވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑު ހަމަ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަ ކުރެއްވި ހުރިހާ ފަރާތްތަކަށް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އާދެ، ދިރާގުން މިފަދަ ޕްރޮގްރާމެއް، ގިނަ އަހަރުތަކެއް ވަންދެން މެދުކެނޑުމެއްނެތި ކުރިއަށް ގެންދަވާތީ، އެކަމަށްޓަކައި ޚާއްޞަކޮށް، ދިރާގުގެ މެނޭޖްމަންޓަށާއި އަދި ދިރާގުގެ ހީވާގި ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ކުރިމަތީގައި ޤައުމުގެ ތަރައްޤީއަށް އޮތް އެންމެ ބޮޑު ކަމަކީ، އެންމެ މުހިންމު ކަމަކީ މީހުން ބިނާކުރުން. އަޅުގަނޑުމެންނަށް ދިރާގުގެ ތާރީޚުން، ވޭތުވެދިޔަ ގިނަ އަހަރުތަކަކުން ފެނުނު ޓްރެއިނިންގއާއި މަސައްކަތްތައް ދަސްކޮށްދިނުމާއި، އުނގެނުމުގެ ފުރުޞަތުތައް ހޯދައިދީގެން، ވަރަށް ރަނގަޅު ޓީމެއް ބިލްޑްވެގެން އައިތަން. އަޅުގަނޑުމެން ސްކޫލްގައި އުޅުނު ދުވަސްވަރުވެސް، އެންމެ ރަނގަޅު ޚިދުމަތް ލިބޭ އެއް ކުންފުންޏެއްގެ ގޮތުގައި ހަމަގައިމުވެސް އަޅުގަނޑުމެންނަށް ދިރާގު ވަރަށް ބޮޑަށް ފާހަގަކުރެވިގެންދޭ. ދެން އަޅުގަނޑުމެން ފަހުން ޓުއަރިޒަމް އިންޑަސްޓްރީގައި އުޅުނުއިރު، އޭރު ދިރާގުގެ ފްރޮންޓް އޮފީސް ހުޅުވިގެން، ޚިދުމަތްތަކެއް ގެންދިޔުމުންވެސް، އިތުރަށް އެއިންވެސް ސާފުވެގެންދިޔައީ، ވީހާވެސް ގާތުން މީހުންނަށް ޚިދުމަތް ދިނުމުގެ ކަންތައްތަކަށް ދިރާގުން އެ ދޭ ސަމާލުކަން.

އާދެ، ދިރާގަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއް. އެއްވެސް ޤައުމެއް މުވާޞަލާތީ ކަންތައްތަކާނުލައެއް ކުރިއަރައިގެންނެއް ނުދާނެ. އަޅުގަނޑުމެންނަށް މިއަދު ޤައުމުގެ ތަރައްޤީގައި އެންމެ ބޭނުންވަނީ އެ ޓެކްނޮލޮޖީ. އާދެ، ކުރިއަރާފައިވާ ޤައުމުތަކާ އެއް ހަމައެއްގައި ހިފަހައްޓައިލެވޭނެ ކަހަލަ ވަސީލަތްތައް ޤާއިމުކުރެވި ފަސޭހަކަން ގެންނަންޖެހޭ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މަސައްކަތްތައް މިހާރު މި އޮންނަނީ ވަރަށް އެހެން ގޮތަކަށް. ކުރީ ދުވަސްތަކުގައި އަޅުގަނޑުމެން އެއްގޮތަކަށްވެސް، ހިތަށް އެއްވެސް ގޮތަކަށް ނުގެންނަކަހަލަ ގޮތަކަށް. މުޅިން އެހެން ގޮތަކަށް. އަޅުގަނޑުމެންނަށް މިކަންތައްތައް މި ކޯވިޑުގެ ޙާލަތުގައިވެސް ވަރަށް ބޮޑަށް ފެނިގެން ހިނގައްޖެ. އެއްގޮތް ނެތުނީމާ، އަނެއްގޮތްވެސް ހޯދައިގެން، އަޅުގަނޑުމެން ކުންފުނިތައްވެސް ހިންގީ. ޤައުމުވެސް ހިންގީ. ސްކޫލްތަކުގައި ކިޔަވައިދިނުންވެސް ކުރިއަށް ގެންދިޔައީ. އެނޫން ކަންތައްތައްވެސް، އޮންލައިން ކޮންސަލްޓޭޝަންތައްވެސް ދެމުން ގެންދިޔައީ. މި ހުރިހާ ކަމަކީ މިއީ ޓެކްނޮލޮޖީ. އެހެންވީމާ، ދިރާގުން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ތަރައްޤީއަށް ފެށުނީއްސުރެ މި ކުރާ މަސައްކަތްތައް ފާހަގަކޮށް، ދިރާގުގެ ހީވާގި ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑަކީ، ސީ.އީ.އޯ. ވިދާޅުވިގޮތަށް ވަރަށް ކުރިއްސުރެ ފެށިގެން ދިރާގުގެ ވަރަށް ގިނަ މުވައްޒަފުންނާއި، ވަރަށް ގިނަ ބޭފުޅުންނާ ވަރަށް ގާތްކޮށް އެކުއެކީގައި އުޅެވުމުގެ ފުރުޞަތުވެސް ލިބުނު މީހެއް. އަދި ހަމަ އެއާއެކު، ދިރާގުގެ މައި އޮފީހަށާއި އަދި އެކި އޮފީސްތަކަށް ގޮސް، އެތަނުގެ ކަންތައްތައް ހިނގާގޮތް، ކޮންމެވެސްވަރަކަށް ބަލައިލުމުގެ ފުރުޞަތުވެސް ލިބުނު މީހެއް. އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ، ޓީމްވަރކް ވަރަށް ރަނގަޅުކަން. އެ ކަސްޓަމަރ ރިލޭޝަންސް، އެ ކަސްޓަމަރ ސަރވިސް ވަރަށް ރަނގަޅުކަން ވަރަށް ކުރިއްސުރެ. އަޅުގަނޑު މި ދައްކަނީކީ އިއްޔެގެ ވާހަކައެއް ނޫން. މީގެ ޑިކޭޑްސް، ކުރީގެ ވާހަކަ.

އެހެންވީމާ، ކަންތައްތަކެއް ބެންޗްމާރކް ކުރި ކުންފުންޏެއްގެ ގޮތުގައި އަޅުގަނޑަށް ދިރާގު ފާހަގަކުރެވޭ. އަޅުގަނޑު ދަންނަވަން މިއުޅެނީ، ކަސްޓަމަރ ރިލޭޝަންސް، ކަސްޓަމަރ ސަރވިސް، ކަސްޓަމަރ ކެއަރ، އެއީކީ ވަކި ވައްތަރެއްގެ ކުންފުންޏަކަށް ވެގެންނެއް އޮންނަންޖެހޭނެ ޚިދުމަތެއް ނޫން. ކޮންމެ ޒާތެއްގެ މަސައްކަތްތަކެއް ކުރިޔަސް، ކޮންމެ ޒާތެއްގެ، ކޮންމެ ވައްތަރެއްގެ ޚިދުމަތްތަކެއް ދިން ކަމުގައިވިޔަސް، މަސައްކަތެއް ކުރުމުގައި އެންމެ މުހިންމު ވަނީ ވަރުގަދަ ޓީމްވަރކެއް. ހަމަ އެއާއެކު، ޚިދުމަތްތައް ލިބިގަންނަން އަންނަ ފަރާތްތަކަށް ހިތްހަމަޖެހުމާއެކު، އެ ޚިދުމަތްތައް ލިބިގަތުމަށްޓަކައި މަސައްކަތްތަކެއް ކުރުން.

މިއަދު މި ކުރިއަރާފައިވާ ޤައުމުތައް ކުރިއަރާފައި ހުރީވެސް، އެ ޤައުމުތަކުގައި ހުރި އެކިއެކި ކުންފުނިތަކާއި، ސަރުކާރުގެ އޮފީސްތަކާއި އަދި އަމިއްލަ ކުންފުނިތަކުންވެސް ޚިދުމަތަކީ، ސަރވިސްއަކީ އެންމެ މުހިންމު ކަމެއްކަން ދަނެގެން، އެއަށް ވަރަށް ބޮޑު ސަމާލުކަމެއްދީ، ވަރަށް ބޮޑު ފޯކަސްއެއް އެއަށް ދިނުމުން.

އަޅުގަނޑުމެން މިއަދު މި ވާދަކުރަން މި ބޭނުންވަނީ، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޤައުމުތަކާ. އަޅުގަނޑުމެންވެސް ބޭނުންވަނީ އެ ލެވެލް އަށް އަންނަން. އަޅުގަނޑުމެން ތަރައްޤީވެ، އަޅުގަނޑުމެން ބަދަލުވާން އެބަ ބޭނުންވޭ. ސްކެންޑިނޭވިއާ ޤައުމުތަކާއި އަދި ސިންގަޕޫރާއި އަދި ޔޫރަޕާއި، އޮސްޓްރޭލިޔާއާއި، ކެނެޑާފަދަ ޤައުމުތަކަށްވާން އަޅުގަނޑުމެން ބޭނުންވޭ. އެކަމަކު، އެކަން ކުރެވޭނީ އަޅުގަނޑުމެން ވަރަށް ބޮޑަށް ތަރުތީބުވެގެން، ކަންކަމާ ވަރަށް ބޮޑަށް ވިސްނައިގެން. ކަންކަމަށް ވަރަށް ބޮޑަށް އެޓެންޝަން ދެވިގެން ނޫންގޮތަކަށް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ.

ވަސީލަތްތައްވެސް ޤާއިމުކުރެވިދާނެ. އަޅުގަނޑުމެންނަށް ތަންތަންވެސް ހެދިދާނެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ އެ ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތް ދޭން ތިބޭ މީހުންނަކީ، ރަނގަޅު ބަޔަކަށް ނުވާހާ ހިނދަކު، ދުވަހަކުވެސް ހިތްހަމަޖެހޭ ކަސްޓަމަރެއްވެސް އަޅުގަނޑުމެންގެ ނުހުންނާނެ. ހިތްހަމަޖެހޭ ރައްޔިތެއްވެސް އަޅުގަނޑުމެންގެ ތެރޭގައި ނުހުންނާނެ. އެހެންވީމާ، މިއަދު އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، މި ހުރިހާ ސަބަބުތަކަކާ ހެދި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް، މި އަހަރުވެސް، މިދިޔަ އަހަރުވެސް، އޭގެ ކުރީ އަހަރުވެސް، އެންމެ އިސްކަމެއް ދެއްވާ ކަމަކީ މީހުން ބިނާކުރުން. ސަރުކާރުގެ ބަޖެޓުގެ ބޮޑު ބައެއް މި ހޭދަކޮށްލެވެނީ މީހުން ބިނާކުރުމަށްޓަކައި. އަޅުގަނޑުމެންނަށް ވަރުގަދަ ފޯސްއެއް ތައްޔާރުކުރެވިގެން ނޫންކަމަށްވަންޏާ، ޤައުމު ހޭންޑުލްއެއް ނުކުރެވޭނެ. އަޅުގަނޑުމެން ކޮމްޕީޓް ކުރަން ބޭނުންވާ ފަރާތްތަކާ ކޮމްޕީޓެއްވެސް ނުކުރެވޭނެ. އެހެންވީމާ، އަޅުގަނޑުމެން މިއަދު ރާއްޖޭގެ އެހެނިހެން ކުންފުނިތަކާ، އެންމެން އެކުގައި އެބަޖެހޭ މި މަސައްކަތްތައް ބާރަށް ކުރަން.

މީހުން ބިނާކުރުމުގެ މަސައްކަތްތަކަކީ ހަމައެކަނި ސަރުކާރުން ކުރަން އޮންނަ ކަމެއްވެސް ނޫން. އެއީ ހުރިހާ އެންމެން އެކުގައި ކުރަން ޖެހޭނެ ކަންތައްތަކެއް. އަޅުގަނޑަށް އެނގޭ، އަޅުގަނޑު މިހެން ދަންނަވާއިރުވެސް، ދިވެހިރާއްޖޭގެ އެކިއެކި ކުންފުނިތަކުން މި މަސައްކަތް ހަމަ ވަރަށް ރަނގަޅަށް ކުރާކަންވެސް. އެހެންނަމަވެސް، އަޅުގަނޑުމެން މިއަދު އިތުރަށް ވިސްނަން އެބަޖެހޭ. ޕެންޑެމިކްގެ ތެރެއިން އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ، އަދި އަޅުގަނޑުމެން އެންމެ ޕްރެޕެއަރޑެއް ނޫންކަން. އަޅުގަނޑުމެން އެބަޖެހޭ، ރިޒިލިއަންޓް ކޮމިއުނިޓީއެއް، ސޮސައިޓީއެއް ބިލްޑް ކުރަން. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންނަށް ކުރިމަތިވާ ކޮންމެ ޝޮކަކާ ކުރިމަތިލައި، ލިބިގެންދާނޭ ގެއްލުން ކުޑަކުރުމަށްޓަކައި އަޅުގަނޑުމެންގެ ފޯސް ތައްޔާރުކުރަން.

އެހެންވީމާ، މިއަދު އަޅުގަނޑުމެންނަށް މި ފެނިގެންދިޔައީ، އެކިއެކި ދާއިރާތަކަށް އިތުރަށް މީހުން ބޭނުންވާކަން. ޓެކްނިކަލް މީހުން ބޭނުންވާކަން. އިންޖިނިއަރުން ބޭނުންވާކަން. ޑޮކްޓަރުން ބޭނުންވާކަން. ޓީޗަރުން ބޭނުންވާކަން. މިއީ، މިއަދު އަޅުގަނޑުމެން އެންމެ ބޮޑު ފޯކަސްއެއް ދޭންވީ، އަދި ހުރިހާ އެންމެން، އެއް އަމާޒަކަށް މަސައްކަތް ކުރަންވީ ކަމަކީ.

ޙަޤީޤަތުގައި ދިވެހިން ވަރަށް ތޫނުފިލި. ވަރަށް ވިސްނުންތެރި، ވަރަށް ޝާރޕް. އެކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ، އޮސްޓްރޭލިއާގައިވިޔަސް، ޔޫ.އެސް.ގައިވިޔަސް، ޔޫ.ކޭ.ގައިވިޔަސް، ރަންވަނަ އަބަދުވެސް ދިވެހިން ހޯދާ. އަޅުގަނޑަށް ޔަޤީން މިތާނގައިވެސް ތިއްބަވާނެކަން، އެ ޔުނިވަރސިޓީއެއް، ނޫނީ ކޮލެޖެއްގައިވިޔަސް، އެ ރަންވަނަ ހޯއްދަވައިފައިވާ ބޭފުޅުން. އެހެންވީމާ، ދިވެހިންނަކީ ވަރަށް ވަރުގަދަ ސިކުނޑިއެއް އިނގޭތޯ. އެހެންނަމަވެސް، އެ ބޭނުން އަޅުގަނޑުމެން ހެޔޮގޮތުގައި ހިފަންވީ. މިއަދު އަޅުގަނޑުމެން ކުރަންވީ މަސައްކަތަކީ، ލިބޭ ފުރުޞަތުގެ ބޭނުން ރަނގަޅަށް ހިފުން.

އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކީ ތާއަބަދަށް މެނޭޖިންގ ޑައިރެކްޓަރ ކަމުގައިވެސް، ސީ.އީ.އޯ. ކަމުގައިވެސް އަދި މެނޭޖަރ ކަމުގައިވެސް އަދި އެހެން މަގާމެއްގައިވެސް ހުންނާނެ މީހެއް ނޫން. އަދި ކަންކަން ދަސްކުރަން އަޅުގަނޑުމެންނަށް މި ލިބެނީވެސް ޢުމުރުގައި ވަކި ދުވަސްވަރެއް. ކަންކަން ދަސްކުރުމަކީ، އަޅުގަނޑުމެންގެ މުޅި ޢުމުރުގައިވެސް، ހުއްޓުމެއްނެތި ކުރާ ކަންތައްތައް. އެހެންނަމަވެސް، އަޅުގަނޑުމެން ބަހައިލަންޖެހޭ ޢުމުރުގެ ޒުވާން ދުވަސްވަރު. އަޅުގަނޑުމެންނަށް މި ލިބެނީ، ވަރަށް ޕްރެޝަސް ޓައިމެއް. އަޅުގަނޑުމެން އެބަޖެހޭ ކަންކަން ދަސްކޮށް، އަބަދުވެސް އަނެއް މީހާއަށްވުރެ މޮޅަށް ކަންތައްތައް ކުރުމަށްޓަކައި އަޅުގަނޑުމެން ހިތްވަރުލާފައި މަސައްކަތް ކުރަން.

އަޅުގަނޑު މިއަދު ހަމަ ތިޔަކުދިންނަށްވެސް، މި ޕްރޮގްރާމްގައި ބައިވެރިވެ، މި ޕްރޮގްރާމް ނިންމި ކުދިންނަށްވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، ކޮންމެ ކުއްޖަކުވެސް ވާންވީ ޑިފަރެންޓް މީހަކަށޭ. ޑިފަރެންޓް، އެ ތަފާތު މޭކް ކުރަންވީ. އެ މަސައްކަތް ކޮށްފި ކަމަށްވަންޏާ އެއީ ކުރެވޭނެ ކަންތައްތައް އެހެރީ. އެ ހިތްވަރާއި، ކޮމިޓްމަންޓާއި، ކޮންސިސްޓަންސީ، އަޅުގަނޑުމެން ކާމިޔާބީއާ ހަމައަށް ދިޔުމަށްޓަކައި ހުންނަން މި ޖެހެނީ. ދެން އަޅުގަނޑު ހަމަ ތިޔަކުދިންނަށާއި އަދި ރާއްޖޭގެ ހަމަ ޚާއްޞަކޮށް ޒުވާނުންނަށް، އަޅުގަނޑު ހަމަ ގޮވާލަން ބޭނުންވޭ. ހަމަ ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުމެން އެބަޖެހޭ، އެ ވަރުގަދަ ފޯސްއެއް އަޅުގަނޑުމެންގެ ތެރޭގައި އޮތުމަށްޓަކައި، ތައްޔާރު ކުރުމަށްޓަކައި އެ މަސައްކަތުގައި އަޅުގަނޑުމެން ޝާމިލުވެ، އެކަމައިގެން ކުރިއަށްދާން.

އާދެ، އަޅުގަނޑުމެންގެ މިނިސްޓަރ އޮފް އެޑިޔުކޭޝަންވެސް އެބަ އިންނެވި. އާދެ، ސްކިލް ޕްރޮގްރާމްތަކެއްވެސް ހުރޭ. ސަރުކާރުގެ އަމާޒަކީ، ސްކޫލް ނިމޭ ދަރިވަރުންނަކީވެސް މަސައްކަތްތެރި، މަސައްކަތަށް އަހުލުވެރި، އެއީ މުޖުތަމަޢުގެ ތެރޭގައި އުޅެވޭނެކަހަލަ އުފެއްދުންތެރި ބަޔަކަށް ހެދުން. އެ ޕްރޮޑަކްޓިވިޓީ ހައި ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް މި ކުރަނީ. މި ހުރިހާ ކަމެއް ކުރާއިރު، އަޅުގަނޑުމެން މި ވިސްނާލަނީ ކޯޗެއްތޯ އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ. ހަމަ ދިރިއުޅެލަންތޯ ދުނިޔޭގައި، އަޅުގަނޑުމެން އައީތީވެ. އެހެނެއް ނޫން އެއްގޮތަކަށްވެސް. ކޮންމެ މީހަކުވެސް ބޭނުންވަނީ އުފާވެރި ދިރިއުޅުމެއް އުޅެން. ޢާއިލާއާ އެކީގައި ހިތްހަމަޖެހިގެން، އެހެން މީހުންނަށް ޑިޕެންޑްނުވެ، އަމިއްލަ ފައިމައްޗައް ތެދުވެ. އެހެންވީމާ، އެކަން ކުރެވޭނީ، އެ ކުރާ ކަމެއްގައި، އެ މީހެއްގެ ގައިގައި ކޮމިޓްމަންޓާއި ކޮންސިސްޓަންސީ، ހުރެގެން.

ރާއްޖޭގެ ޒުވާނުންގެ އާބާދީ ވަރަށް ބޮޑު. ބޮޑު އާބާދީއެއް ދިވެހިރާއްޖޭގައި އޮތީ. ފުރުޞަތުތައް އޮންނާނެ. އަޅުގަނޑުމެން ޖެހޭނީ ފުރުޞަތުތަކާ ކުރިމަތިލައިގެން، އެއަށް ތައްޔާރުވެ، އެއަށް އަޅުގަނޑުމެން ކުރިމަތިލާން. އަޅުގަނޑު ޤަބޫލުކުރަނީ ރާއްޖޭގައި ޒުވާނުންނަށް ކަންކަން ކުރެވޭނެއޭ. ޙަޤީޤަތުގައި، އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެންގެ ކަންތައްތަކައިގެން އުޅެންޖެހޭނީ އަޅުގަނޑުމެން ކަމަށް.

އެހެންނަމަވެސް، ހަމަ މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން. އަޅުގަނޑުމެންގެ ތެރޭގައި ތިބި އަޅުގަނޑުމެންގެ އެކްސްޕަޓީސްވެސް އެއީ، އަޅުގަނޑުމެންނަށް ލިބޭ ނަސީބެއް. އަޅުގަނޑުމެން އެކީ މަސައްކަތް ކުރާއިރު، ކޮލީގުންގެ ގޮތުގައި ވަރަށް އެކްސްޕީރިއަންސްޑް އެހެން ޤައުމުތަކުގެ ތަޖުރިބާ ކޮށްފައި ތިބޭ ފަރާތްތައް އުޅުމަކީ އެއީވެސް އަޅުގަނޑުމެންނަށް ލިބޭ ފުރުޞަތެއް. އެހެންވީމާ، އެ ފުރުޞަތުގެވެސް ބޭނުން ހިފައި، އެމީހާއަށްވުރެވެސް އަދި މޮޅުވާން އަޅުގަނޑުމެން މަސައްކަތް ކުރަން މިޖެހެނީ. އެހެންވީމާ، ޒުވާން ކުދިންނާ ބައްދަލުވީމާ، އަޅުގަނޑު މި ވާހަކަ މި ދަންނަވާލީ.

އާދެ، ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ވަކިން ޚާއްޞަކޮށް، ދިރާގަށް ޝުކުރު އަދާކުރަން. ދިރާގުން ޚާއްޞަކޮށް، ސީ.އެސް.އާރު.ގެ ދަށުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ވަރަށް ގިނަ މަސައްކަތްތަކެއް، އެކިއެކި ދާއިރާތަކަށް ޚާއްޞަކޮށް ވަނަރަބަލް، ޚާއްޞަކޮށް، އެކަމަކަށް އަޅުގަނޑުމެންނަށް ބޭނުންޖެހިފައި ހުރި ދާއިރާތަކަށް އަބަދުވެސް ވަރަށް ބޮޑަށް އެހީތެރިކަން ދެއްވާކަން އަޅުގަނޑު ފާހަގަކުރަން. އަޚުގަނޑާ ވަރަށް ގިނައިން ސީ.އީ.އޯ.އާވެސް ބައްދަލުވޭ. އަދި ދިރާގުގެ އެހެން މެނޭޖަރުންނާއި، އެހެން އިސްފަރާތްތަކާ ބައްދަލުވެ، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުރި ކަންތައްތައް، އަޅުގަނޑުމެންގެ ސްކޫލްގެ ކަންތައްތަކާއި، އެހެނިހެން ކަންތައްތަކުގައި އެހީތެރިވެދީގެން، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރުމުގެ ވާހަކަ ވަރަށް ގިނައިން ދެކެވޭ. އަދި ހަމަ އެއާއެކު، އެގޮތުން ދިރާގުގެ ފަރާތުން އަބަދުވެސް ކަންކަމަށް އެ ދެއްވާ އެހީތެރިކަން އަޅުގަނޑު ހަމަ މި ފުރުޞަތުގައި ފާހަގަކޮށް، ހުރިހާ ކުދިންނަށް މަރުޙަބާ ކިޔަމުން އަދި ތިޔަބޭފުޅުންނަށްވެސް މަރުޙަބާ ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންގެ އެންމެންގެ މަސައްކަތުން މި ޤައުމު ހަމަ ވަރުގަދަ ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ކޮޅަށްތިބެ އެހެން މީހުންނަށް ނަމޫނާ ދައްކާ ބައެއްގެ ގޮތުގައި، އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވައި، ޤައުމު އާރާސްތު ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލައްވައި، އަޅުގަނޑުމެންނަށް ހެޔޮގޮތްތައް މިންވަރު ކުރެއްވުން. މުޅި ރައްޔިތުންނަށާއި، އަދި މުޅި ޤައުމަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރުކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.