ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ލޯފަން ބޭފުޅުންނާ ބައްދަލުކުރައްވައި އެބޭފުޅުންނަށް ދަތިވާކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ބައެއް ލޯފަން ބޭފުޅުންނާއި އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ އިތުރުން، އެންސްޕާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކުން މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައި ވަނީ، ދިރިއުޅުމުގެ ޚަރަދުތަކަށް ބަލާއިރު މިހާރު ދެމުންދާ އެލަވަންސް ކުޑަކަމަށާއި، އެކަމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވާކަމުގައެވެ. އަދި، އެބޭފުޅުންނަށް ފޯރުކޮށްދޭންޖެހޭ ފަރުވާއާއި، އިތުރު ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޯދުމުގައި ގޮންޖެހުންތަކެއް ހުރުމާއެކު، މާލީ އެހީތެރިކަން އިތުރުވެގެން ދިޔުމަކީ އެކަމަށްވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެކަމެއް ކަމަށް އެބޭފުޅުންވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެންސްޕާގެ ބޭފުޅުން މަޢުލޫމާތު ދެއްވިގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރު އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުމުގެ ގަވާއިދު ގެޒެޓް ކުރުމާއި ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ މިންވަރު ކަނޑައަޅައި "ޑިސްއެބިލިޓީ ސިވިއަރނަސް" އަށް ބަލައި ދެވޭ އެލަވަންސް މުރާޖަޢާ ކުރުމުގެ މަޝްވަރާތައް މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއެކު އެންސްޕާއިން ކުރަމުންގެންދާކަމުގައި ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމުގެ ބައިވެރިން ހުށަހެޅުއްވި ކަންކަމަށް ރިޢާޔަތްކޮށް އެކަމަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.