ބުޓާންގެ ޕާރޯގައި ހިންގަމުންދާ ޑިމޮކްރަސީ ހަރުދަނާކުރުމާއި ދެމެހެއްޓުމާބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މިބައްދަލުވުމުގެ ފުރަތަމަ ސެޝަންގެ ރިޔާސަތު ބެލެހެއްޓެވީވެސް ނައިބު ރައީސެވެ. މިސެޝަންގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މިފަދަ ބައްދަލުވުމެއްގެ އެންމެ މުހިންމު އެއްބޭނުމަކީ، ރަނގަޅު ޑިމޮކްރެޓިކް ނިޒާމެއް ހޯދުމަށް ހުރިހާ އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ހޯދައި އެއް ވިސްނުމެއްގައި މަސައްކަތްކުރުން ކަމުގައި ވިދާޅުވިއެވެ. އަދި، ކިތަންމެ ބޮޑު ޚިޔާލުތަފާތުވުންތަކެއް ހުރިކަމުގައިވިޔަސް ހުރިހާ ބައިވެރިންގެވެސް އަމާޒަކީ އެކައްޗެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ފާއިތުވި 20އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ޑިމޮކްރަސީ ގެންނެވުމަށް ދިވެހިން ކުރި މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި، މިމަސައްކަތްތަކުގެ ސަބަބުން މިހާރު ދިވެހިންނަށް ޤަދަރާއި ޢިއްޒަތުގައި ދިރިއުޅުމުގެ ފުރުސަތު ހުޅުވިގެން ހިނގައްޖެކަމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަންފަދަ އަސާސީ އިންސާނީ ޙައްޤުތައް ދިވެހިންނަށް ލިބިގެން ހިނގައްޖެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މިމޭރުމުން ނައިބު ރައީސް ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އަމާންކަމާއި އޮމާންކަމާއެކު ވެރިކަން ބަދަލުވެގެން ދިޔުމުގެ މުހިންމުކަމުގެ މައްޗަށާއި، އެހެންމީހުންގެ ޚިޔާލުތަކަށް އިޙްތިރާމްކުރުމުގެ މުހިންމުކަމުގެ މައްޗަށާއި، އިދިކޮޅު ފަރާތްތަކާއެކު މަސައްކަތްކުރެވޭނެފަދަ ނިޒާމެއް ތަރައްޤީ ކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.