بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކައުންސިލްތަކުގެ ރައީސުންނާއި، ކައުންސިލްތަކުގެ މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މި ޙަފްލާގައި އިތުރަށް އެއްޗެއް ދެންނެވުމުގެ ކުރިން، އެންމެ ފުރަތަމަވެސް މި މުހިންމު މަޝްރޫޢަށް އެހީތެރިވެދެއްވާ ހުރިހާ ފަރާތްތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ބީލަން ކާމިޔާބުކޮށްގެން، މި މަޝްރޫޢު ހިންގުމަށް ކަނޑައެޅިފައިވާ ސްޕެއިންގެ އުރުބާސާ ކުންފުންޏަށް މަރުޙަބާ ދަންނަވަން.

އެނގިވަޑައިގަންނަވާނެ، މާލެއާއި ރަށްރަށާއި، ރިޒޯޓުތަކުގައި އުފެދޭ ކުނި ޖަމާކުރާ ތަނަކަށް ވެފައި އޮތީ، މީގެ ތިރީހަކަށް އަހަރު ކުރިން ފެށިގެން ކުނިއަޅަމުން އަންނަ ފަޅު. އާދެ، އެ ކުނިތަކުން ހިކިގެން އުފެދިފައިވާ މިހާރުގެ ތިލަފުށި. އޭރު ކުނި ނައްތައިލުމަށް ކުރިހާވެސް ކަމަކީ ކުނި އެންދުން. ތިލަފުށީގައިވެސް އަދި ރަށްރަށުގައިވެސް ކުނި އެންދީ.

އޭގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުމަކަށް އޭރު މާބޮޑަކަށް ބެލިފައެއް ނެތް. ރައްޔިތުންގެ ޞިއްޙަތަށް ލިބޭ ގެއްލުމަކަށްވެސް އޭރަކު ނުބެލޭ. ހުޅަނގު މޫސުން ލައިގެންފިއްޔާ، މާލޭގެ ހުޅަނގު ފަރާތުގައި ދިރިއުޅޭ މީހުންނަށް، ނުބައި ވަހާއި، ދުމުގެ އުނދަގޫ އިންތިހާއަށް ކުރިމަތިވޭ. ވިލިމާލޭ ރައްޔިތުން އުފުލަންޖެހޭ ތަކުލީފު އަދި މާބޮޑު.

ރަށްރަށުން ތިލަފުށްޓަށް ކުނި ގެނައުމުގައިވެސް، އެކަން ކުރަމުން އައީ، ތިމާވެށްޓަށް މާބޮޑު ސަމާލުކަމެއް ދީގެންނެއް ނޫން. މާލެއިން ތިލަފުށްޓަށް ކުނި އުފުލުމުގައިވެސް، ތިމާވެށި ރައްކާތެރިކުރުމަށް މާބޮޑު ސަމާލުކަމެއް އޭރަކު ދެވިފައެއް ނެތް. އެއްތަނުން އަނެއް ތަނަށް ކުނި އުފުލުމުގައި، ނުރައްކާތެރި ބާވަތްތަކުގެ ވަރަށް ގިނަ ކުނި ކަނޑަށް އެޅޭގޮތްވެސް އޭރު މެދުވެރިވޭ. މިއީ ކުނި ރަނގަޅަށް މެނޭޖް ކުރެވޭނެ ނިޒާމެއް ޤާއިމުވެފައި އޮތްނަމަ، ވެގެންވާނެ ގޮތެއް ނޫން.

އޭރު އެކަން ކޮށްފައި އޮތީ، މި ދެންނެވި ކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދީ. ފަހަރުގައި އޭރު އެއީ އެކަން ކުރެވެން އޮތްގޮތް ކަމަށްވެސް ވެދާނެ. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންނަކަށް އެގޮތަށް އެކަން ކުރަން ދޫކޮށްލައިގެން ތިބެވޭކަށް ނެތް.

އާދެ، ޤައުމު ތަރައްޤީ ކުރަންވާނީވެސް، އަދި އިޤްތިޞާދީ ޙަރަކާތްތައް ހިންގަންވާނީވެސް، ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން. އަދި އަމުދުން ރާއްޖެ ފަދަ ބިން ތިރި ޤައުމެއްގައި، ޤުދުރަތީ ވެށްޓާއި މާޙައުލީ ނިޒާމުގެ ޙިމާޔަތަށް ދޭންޖެހޭ ސަމާލުކަން އަދި ވަކިން މާބޮޑު.

މާތް ﷲގެ ވާގިފުޅާއެކު، މިއަދު ތިލަފުށި އެއޮތީ، މީގެކުރިން އެ ތަނުން ލިބުނު އުނދަގޫތައް މިހާރު ނުލިބޭނެ ގޮތަށް އިންތިޒާމު ކުރެވިފައި. މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެކަމަށް ޙައްލެއް ގެނެވިއްޖެ. ހަމަގައިމުވެސް މިހާރު ތިލަފުށިން ދުމެއް ނާރާނެ.

ސަރުކާރުގެ ސިޔާސަތަކީ، ހަމައެކަނި ކުނި މެނޭޖްކޮށްގެން، ތިމާވެށި ރައްކާތެރިކުރުމެއް ނޫން. ތިމާވެށްޓަށް ގެއްލުންދޭ ބާވަތުގެ ކުނި މަދުކުރުމަކީވެސް، ތިމާވެށި ރައްކާތެރި ކުރުމުގެ ވަރަށް މުހިންމު ސިޔާސަތެއް. އެއްފަހަރު ބޭނުންކުރާ ޒާތުގެ ޕްލާސްޓިކް، ރާއްޖޭގައި މަނާކުރުމުގެ ސިޔާސަތު، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ވާނީ ތަންފީޒު ކުރަން ފަށާފައި.

ރައްކާތެރިކަމާއެކު ކުނި މެނޭޖް ކުރުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދޭ ކަމެއް. މިއަދު މި އިފްތިތާޙް ކުރާ "ވޭސްޓް ޓު އެނަރޖީ" މަޝްރޫޢަކީ، މާލެއަތޮޅާއި، އަރިއަތޮޅާއި ވާވު އަތޮޅުގެ ހުރިހާ ރަށްރަށާއި، ރިޒޯޓުތަކުގައި އުފެދޭ ކުނި، ރައްކާތެރި ގޮތުގައި ނައްތައިލުމަށް ފަށާ، ވަރަށް މުހިންމު މަޝްރޫޢެއް. މިއީ ކުނި ނައްތައިލުމާއި، ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން ރާއްޖޭގައި ފަށާ އެންމެ ބޮޑު މަޝްރޫޢު.

މި ޕްރޮޖެކްޓާއި މި މަޝްރޫޢާބެހޭ ވަރަށްގިނަ ތަފްޞީލުތަކެއް، މިނިސްޓަރ ޝައުނާއާއި އަދި އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި ބޭފުޅުން ހާމަކުރައްވައިފި. އާދެ، ދިވެހި ސަރުކާރާއި، ބޭރުގެ އެހީ ދޭ ހަ ފަރާތެއްގެ މާލީ އެހީތެރިކަމާއެކު ހިންގާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ، ކުރިންވެސް ދެންނެވި ފަދައިން، 304 މިލިއަން ޑޮލަރު. މި މަޝްރޫޢުގެ އެންމެ މުހިންމު ބޭނުމަކީ، މިއީ ކުނި ނައްތައިލާ މަޝްރޫޢަކަށް ވާކަން. ޙަޤީޤަތުގައިވެސް ހަމަ ކުނި ނައްތައިލަނީ. މި މަޝްރޫޢުގެ ދަށުން ތިލަފުށީގައި ޤާއިމުކުރާ ޒަމާނީ ވަސީލަތްތަކުން ކުނި ނައްތައިލާއިރު، ކުނީގެ މާނައިގައި ހިމެނިގެން، އެއްލައިލަންޖެހޭ މާބޮޑު އެއްޗެއް ނޯންނާނެ.

ކިތަންމެ ގަދަ ހޫނެއްގައި ކުނި އެންދިޔަސް، އެ މެޝިނުން ދުމެއް، ވިހައެއް އަދި ވަހެއްވެސް ބޭރެއްނުވާނެ. މި މަޝްރޫޢުގެ ނަމުން ދޭހަކޮށްދޭ ގޮތަށް، މި މަޝްރޫޢުގެ ދަށުން ކުނިތައް ނެތިގެންދާއިރު، އޭގެ ބަދަލުގައި މި އުފެދެނީ ހަކަތަ. އާދެ، ކުނި އަންދައިގެން ކަރަންޓް އުފެއްދުމަކީ، އިޢާދަކުރަނިވި ހަކަތަ އިތުރުކުރުމަށް، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް.

ކުނި މެނޭޖްކޮށް، ތިމާވެށި ރައްކާތެރި ކުރުމަކީ، ހަމައެކަނި މާލެ ސަރަޙައްދަށް އަމާޒު ހިފާފައިވާ ސިޔާސަތެއްވެސް ނޫން. މިއީ ރާއްޖޭގެ ހުރިހާ ރަށްތަކާއި، ރިޒޯޓުތަކާއި، ގެސްޓްހައުސްތަކުގައި އުފެދޭ ކުނިވެސް، ރައްކާތެރިގޮތުގައި ނައްތާލައިގެން، ތިމާވެށި އަލުން ދިރުވައި އާލާކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތެއް.

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. ދިރިއުޅުމުގެ ޙާލަތަށްވެސް އަންނަނީ ބަދަލު އަންނަމުން. ޢުމްރާނީ މަސައްކަތްތައްވެސް އަންނަނީ އިތުރުވަމުން. ފަތުރުވެރިކަން ފުޅާވެ، އިޤްތިޞާދީ ޙަރަކާތްތައްވެސް މިދަނީ އިތުރުވަމުން. މިފަދަ ކޮންމެ ބަދަލަކާއެކު، ކުނި އުފެދޭ މިންވަރުވެސް އިތުރުވޭ.

އަޅުގަނޑުމެން މި ތިބެންޖެހެނީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން. އަޅުގަނޑުމެންނަކީ އަބަދުވެސް ރަށްރަށް ކުނިކަހައި، ރީތިކޮށް ބަލަހައްޓާ ބަޔަކަށްވާއިރު، ރަށު ފަތުރުވެރިކަން ފުޅާވެ، ހޯމް ސްޓޭ ފަތުރުވެރިކަން ތަޢާރުފްވާއިރު، ރަށްރަށުގެ ސާފުތާހިރުކަމަށް އިތުރު ސަމާލުކަމެއްވެސް ދޭން އެބަޖެހޭ. ރަށްރަށުގެ މާޙައުލީ ނިޒާމާއި، ތިމާވެށި ޙިމާޔަތްކުރުމަށްވެސް، ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހޭނެ.

ރާއްޖޭގެ ތަފާތު ސަރަޙައްދުތަކުގައި، ކުނި މެނޭޖްކުރާނެ މަރުކަޒުތައް ޤާއިމުކުރުމުގެ ޙަޤީޤީ ބޭނުމަކީ އެއީ. އެ މަރުކަޒުތަކުގެ މަސައްކަތް ފަށައިގަތުމުން، ރަށްރަށުގައި އުފެދޭ ފަނާވާ ޒާތުގެ ކުނި ފިޔަވައި، އެނޫން ބާވަތްތަކުގެ ކުނިތައް، ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ގެންގޮސް، ރައްކާތެރި ގޮތުގައި ނައްތައިލެވޭނެ.

މީގެ ސަބަބުން، ރަށްރަށުގައި ކުނި އެންދުން ހުއްޓުމަކަށް އަންނާނެ. މާނައަކީ ރަށުގައި އުފެދޭ ކުނިން، އެ ރަށެއްގެ މީހުންނަށް އިތުރު އުނދަގޫތަކަކާއި ނުރައްކާތައް ކުރިމަތިވުން ހުއްޓުމަކަށް ގެނައުން.

Now I would like to say a few words in English for the benefit of the foreign dignitaries and officials here with us today.

There is no denying the fact that proper waste management has always been challenging for the Maldives. Our islands are small, making on-site waste management difficult. Additionally, our islands are remote and dispersed over a wide geographical area, adding unique challenges to safely transporting waste.

Solving these problems require innovative and ambitious projects such as this. As we begin the second phase of this project, I would like to acknowledge the hard work done by all the key stakeholders thus far. Through this project, significant improvements have been made to the way in which we collect, transfer and dispose of waste in the Greater Male’ region and other areas. This project is already starting to make a difference. I look forward to seeing the second phase in action, and for the Maldives to be placed on the map as a global leader in sustainable waste management.

Finally, I wish to express my sincerest gratitude to the Asian Development Bank, Japan Fund for Poverty Reduction, Asian Infrastructure Investment Bank, Japan Fund for the Join Crediting Mechanism, Technical Assistance Special Fund and the Islamic Development Bank for their generous assistance. Without such timely assistance, it would be near impossible for the Maldives to attempt such ambitious projects. Thank you very much.

މި ދެންނެވި ފަރާތްތަކުގެ ދީލަތި އެހިތެރިކަން ނުލިބުނުނަމަ، މިވަރުގެ ބޮޑު މަޝްރޫޢެއް ފެށުމަކީ، އަޅުގަނޑުމެންނަށް ކުރެވޭވަރުގެ ކަމަކަށް ނުވާނެ. އެހެންކަމުން، އެ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ޤުދުރަތީ ވެށްޓާއި، އަޅުގަނޑުމެންގެ ޞިއްޙަތު ރައްކާތެރި ކުރެވޭނެ ގޮތަށް، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މި ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ތައުފީޤާއި ކާމިޔާބީ މިންވަރު ކުރެއްވުން. ދިވެހިރާއްޖެއާއި ދިވެހިންނަށް އަބަދުވެސް ފާގަތިކަމާއި ތިޔާގިކަން މިންވަރު ކުރައްވައި، ތަރައްޤީއާއި ކާމިޔާބީގެ މަގަށް އަޅުގަނޑުމެންގެ ވިސްނުން ސީދާކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.