މޯލްޓާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރޫބަން ގައުޗީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި މޯލްޓާގެ އައު ސަފީރަށް މަރުޙަބާ ވިދާޅުވެ އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. ސަފީރުގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަށް މޯލްޓާއާ ދެޤައުމުގެ އެއްގޮތް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. މިގޮތުން ޖޯގުރަފީ ގޮތުން ދެޤައުމުގައި ހުރި އެއްގޮތްކަމުގެ ވާހަކަފުޅުން ފެށިގެން މަލްޓިލެޓަލަރިޒަމް ވިސްނުންތަކާ ހަމަޔަށް ސަފީރު ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި މޯލްޓާގެ އައު ސަފީރު ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވައި، ދެ ޤައުމަށް ފައިދާވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިގޮތުން، އިންސާނީ ވަޞީލަތް ތަރައްޤީކުރުމާ ގުޅޭގޮތުންނާއި، މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުންނާއި، ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިންނާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ކޮވިޑް ޕެންޑަމިކް މެނޭޖްކުރުމާ ގުޅޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭ ފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާ މޯލްޓާގެ ގުޅުން ބަދަހިކުރެއްވުމަށް، ރާއްޖެއާ ގާތުން މަސައްކަތްކުރެއްވުމަށް ޝައުޤުވެރިކަން އޮތްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ރާއްޖެއާ ޔޫރަޕިއަން ޔޫނިއަންއާ ދެމެދުގައިވާ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓް ކުރާ މަހުގެ ޑިއުޓީއާ ގުޅޭގޮތުންނާއި، ވިސާގެ ކަންކަން ފަހިކުރުމާ ގުޅޭގޮތުންނާއި، ކައުންންޓަރ ޓެރަރިޒަމްގެ ދާއިރާއިން އިތުރަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި މޯލްޓާގެ ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރާއްޖެއާއި މޯލްޓާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 5 މާރިޗު 1985 ގައެވެ.