ތައިލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ޕޮޖް ހާންޕޮލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

މިއަދު މެންދުރުކުރި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ތައިލެންޑްގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ތައިލެންޑާއެކު ރާއްޖެއިން ބާއްވަމުން އަންނަ ގާތް ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ދެބޭފުޅުން ވަނީ ދެޤައުމުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން އިންވެސްޓްމަންޓް ޕްރޮސްޕެކްޓްސް، ޓްރޭޑް އެންޑް ކޮމާރސް، ރައްޔިތުންގެ ގުޅުން އިތުރުކުރުން، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުން ފާހަގަކުރެއްވެވިއެވެ. އަދި މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަތީ ތަޢުލީމުގެ ސްކޮލަރޝިޕްގެ ފުރުޞަތުތައް ދިވެހި ދަރިވަރުންނަށް ހޯއްދަވައިދެއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ތައިލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ވަނީ ތައިލެންޑްގެ ރަސްގެފާނުގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް ރައްދުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ދެޤައުމަށް ވެސް ފައިދާހުރި ދާއިރާތަކުން އެކުގައި މަސައްކަތްކޮށް އެއްބާރުލުން ދިނުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ތައިލެންޑު ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، ވިސާގެ ލުއިފަސޭހަކަމުގެ ޚިދުމަތާއި، ދިވެހި ދަތުރުވެރިންނަށް އޮންނަ ކޮވިޑް-19 ކަރަންޓީން ކުރުމުގެ މެންޑޭޓްގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.


މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ތައިލެންޑާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 21 ޖޫން 1979 ގައެވެ.