ކޮލަމްބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސެލެންސީ މިޒް މަރިއާނާ ޕަޗޭކޯ މޮންތޭސް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

މިއަދު މެންދުރުކުރި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ކޮލަމްބިއާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ވަރަށް ގިނަ މައުޟޫޢުތަކަށް މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި، ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި، އިންސާނީ ވަޞީލަތްތަކާއި، ޤާބިލުކަން އިތުރުކުރުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮލަމްބިއާގެ ސަފީރާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް މަސައްކަތަކީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައްކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް އެކި ދާއިރާތަކުން އިންވެސްޓްކުރުމަށް މަރުޙަބާ ކިޔާނެކަމަށާ، އެގޮތުން މަތީ ތައުލީމުގެ ދާއިރާ އާއި މެނުފެކްޗަރިންގ ދާއިރާފަދަ ދާއިރާތައް އެމަނިކުފާނު މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ ބެހޭގޮތުންނާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކޮލަމްބިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް ގައި ބައިވެރިވުމަށް އިނގިރޭސިވިލާތުގެ ގްލާސްގޯއަށް ދާދިފަހުން ކުރެއްވި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ތިމާވެށި ޙިމާޔަތް ކުރުމުގެ ރޮނގުން ދެޤައުމުގެ ރައްޔިތުންގެ ވަރަށް ބޮޑު ޝައުޤުވެރިކަމެއް އޮތްކަން އެކަމަނާ ފާހަގަކުރެއްވެވިއެވެ. އަދި އެކަމަނާ ވަނީ ކޮލަމްބިއާ އަކީ އެމޭޒަން ރެއިންފޮރެސްޓްގެ ބޮޑު ބައެއް ޙިއްޞާކުރާ ޤައުމެއް ކަމަށާއި، ތިމާވެށި ޙިމާޔަތް ކުރުމަކީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް މުހިންމު ކަމެއް ނޫން ކަމަށާއި، ޤައުމެއްގެ ގޮތުގައި ކޮލަމްބިއާ ދެމިއޮތުމަށްޓަކައި ތިމާވެށި ޙިމާޔަތްކުރުން އެޤައުމަށް މުހިންމުކަމުގައި ފާހަގަކުރައްވާފައެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމާވެށި ޙިމާޔަތް ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަކީ ވެސް ރާއްޖެއަށް ވަރަށް މުހިންމު މައްސަލަތަކެއްކަން ފާހަގަކުރައްވާފައެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ކުދި ބަދަލުތަކުގެ ސަބަބުން، އިޢާދަކުރަނިވި ހަކަތަ އިޚްތިޔާރު ކުރުމާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރުގެ ބައްދަލުވުން ނިންމަވާލެއްވީ ދެ ޤައުމުގެ ގުޅުން ރަނގަޅުވުމުގެ އުއްމީދުގައެވެ.