بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އަލްފާޟިލާ މަރްޔަމް މުނާ، ކޮމިޝަންގެ މެންބަރުން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރު، ހިންނަވަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޖީހާން މަޙްމޫދު، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ، މި އަހަރުގެ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް. އެއީ ޑިސެންބަރު 10 ވަނަ ދުވަސް. އާދެ، އެ ދުވަސް އިއްތިފާޤުވެފައި މި އޮންނަނީ، ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހާ. މަސްވެރިކަމަކީ ދިވެހިންގެ ދިރިއުޅުމުގެ ޙައްޤު ދަމަހައްޓައިދޭ އެންމެ ޒަމާންވީ ޞިނާޢަތު. އެހެންވީމާ، މިއީ ޙަޤީޤަތުގައި ވަރަށް ބޮޑު އިއްތިފާޤެއް.

މިރޭގެ މި ޖަލްސާގެ އަނެއް މުނާސަބަތަކީ، ހިއުމަން ރައިޓްސް ކޮމިޝަންގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުން. އެހެންކަމުން، ދުވަހުގެ މުނާސަބަތުގައި، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންނަށާއި، ހުރިހާ މުވައްޒަފުންނަށް ވަރަށް ހޫނު މަރުޙަބާއެއް އަޅުގަނޑު ދަންނަވަން. އަދި ހަމައެއާއެކު، ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް ފާރަވެރިވެ، އެކަން ކުރިއަރުވަން މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތަކަށާއި، އެ ޖަމުޢިއްޔާތަކުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް، ދުވަހުގެ ތަހުނިޔާ އަޅުގަނޑު ފޮނުވަން.

މި އަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހަށް، އ.ދ. މަޖިލީހުން ކަނޑައަޅާފައި އޮތީ ވަރަށް މުހިންމު ޝިޢާރެއް. އެއީ އިންސާނީ ޙައްޤުތަކާމެދު އަޅުގަނޑުމެން އަބަދުވެސް މި ގެންގުޅޭ ފަލްސަފާ. އާދެ، އެޝިޢާރަކީ "All human, all equal".

މި ޝިޢާރަކީ މުޅި ދުނިޔެ މިއަދު އޮތް ޙާލަތާވެސް ވަރަށް ގުޅޭ ޝިޢާރެއް. ކޯވިޑް-19ގެ ބަލިމަޑުކަމުގައި، މި ހޭދަވި ދެ އަހަރެއްހާ ދުވަހުގެ ތަޖުރިބާއިން މުޅި ދުނިޔެއަށްވެސް މިހާރު ޤަބޫލު ކުރެވެނީ، މި ބަލިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި، އެންމެންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭކަން.

މި ބަލިމަޑުކަމުން އަރައިގަނެވޭނީ، މިބައްޔާ ދެކޮޅަށް ކުރާ ހުރިހާ މަސައްކަތެއްގައި، ކުދި ޤައުމުތަކާއި ބޮޑެތި ޤައުމުތަކާ ދެމެދު، އަދި މުއްސަނދި ޤައުމުތަކާއި ފަޤީރު ޤައުމުތަކާ ދެމެދު، ތަފާތުނުކޮށް ހަމަހަމަކަން ޤާއިމުކޮށްގެންކަން ބައިނަލްއަޤްވާމީ މުޖުތަމަޢު މިއަދު ޤަބޫލުކުރޭ.

ކޯވިޑުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގައި، ސަރުކާރުން ގެންގުޅެމުން މިއަންނަ ސިޔާސަތަކީ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތަށް ފިޔަވަޅުތައް އެޅުން. ރާއްޖޭގައި މިހާތަނަށް 365332 އަށްވުރެ ގިނަ މީހުން، ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި. އޭގެ ތެރޭގައި 79313 ބިދޭސީންވެސް ހިމެނޭ. ވެކްސިން ދިނުމުގައިވެސް، އަދި ކޯވިޑް ޖެހިގެން ފަރުވާ ދިނުމުގައިވެސް، އެއްވެސް ދިވެއްސަކާ ބިދޭސީއަކާ އަޅުގަނޑުމެން ތަފާތެއްނުކުރަން. ކުރިމަގުގައިވެސް އެކަން ކުރިއަށްދާނީ އެގޮތުގައި.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ދުނިޔެމަތީގައިވެސް އަޅުގަނޑުމެންނަށް ރަނގަޅު ގޮތްތައް މެދުވެރިވާނީ، އަޅުގަނޑުމެން އިންސާނުން، އެއް ބަޔަކު އަނެއް ބަޔަކަށް އޯގާތެރިވި މިންވަރަކުން. ކޯވިޑުގެ ދަތިތަކުން އަރައިގަތުމުގައި، އެކަށީގެންވާ ކާމިޔާބެއް ޙާޞިލްކުރެވި، އިޤްތިޞާދީ ޙަރަކާތްތައް އަލުން ފެށުމުގެ ނަސީބު ލިބިފައި މިވަނީވެސް، މި ދެންނެވި ހަމަހަމަކަން ޤާއިމުކޮށް، ތަފާތުކުރުމެއް ނުގެންގުޅުމުގެ ސަބަބުން.

އިންސާނީ ޙައްޤުތަކުގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، އިންސާނީ ޙައްޤުތަކާމެދު ރައްޔިތުން ހޭލުންތެރިކުރުވުން އެކަންޏެއް ނޫން. އެންމެ ބޮޑު ބޭނުމަކީ، ޤާނޫނުއަސާސީންނާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް، އެންމެ ފުރިހަމައަށް ރައްޔިތުންނަށް ލިބިދިނުމުގައި، ދައުލަތުގެ މުއައްސަސާތަކުން އަދާކުރަންޖެހޭ ދައުރު އަދާކުރުމަށް ބާރުއެޅުން.

އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި، ދައުލަތުގެ ބާރުތަކަށްވުރެވެސް ކުރިން ޖާގަ ހޯދާފައިވަނީ އަސާސީ ޙައްޤުތައް. އެ ޙައްޤުތަކަކީ، އެންމެ ތަހުޒީބީ މުޖުތަމަޢުތަކުގައިވެސް ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ޙައްޤުތައް. އެ ޙައްޤުތައް ހޯދުމަށްޓަކައި، އެތައް އަހަރެއް ވަންދެން ރައްޔިތުން ވަރަށް ގިނަ ތަކުލީފުތަކެއް އުފުލި.

ދިރިހުރުމުގެ ޙައްޤާއި، ރަނގަޅު ކާނާއާއި، ސާފު ބޯފެން ލިބުމާއި، ރައްކާތެރި ނަރުދަމާ ނިޒާމެއް އޮތުމާއި، ރަނގަޅު ޞިއްޙީ ޚިދުމަތް ލިބިދިނުންފަދަ، ފަރުދުންގެ ޒާތީ ކިތަންމެ ޙައްޤުތަކެއް، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ. މުޅި މުޖުތަމަޢުގެ މަޞްލަޙަތާ ގުޅިފައިވާ ޙައްޤުތަކެއްވެސް ބަޔާންކޮށްފައި އެބަހުރި. ހަމައެފަދައިން، ޤައުމަކަށްވީތީ ޤައުމީ މަޞްލަޙަތާ ގުޅިފައިވާ ޙައްޤުތަކެއްވެސް އެބަހުރި.

މިހާރު އަޅުގަނޑުމެންގެ ތެރޭގައި މިއޮތީ ވަރަށް ތަޢުލީމީ ޒުވާން ޖީލެއް. އިންސާނީ ޙައްޤުތަކުގެ މުހިންމުކަމާއި ބޭނުންތެރިކަން ވަރަށް ރަނގަޅަށް ވަޒަންކުރެވޭ، ވަރަށް ހޭލުންތެރި ޖީލެއް. އަޅުގަނޑުމެންގެ ޒުވާނުން، މި ދެންނެވި ހުރިހާ ޙައްޤުތަކެއްވެސް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދަން ބޭނުންވޭ. ޒުވާނުންގެ ކިބައިގައި ހުރި އެ ވިސްނުމަކީ، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއި ލިބިދިނުމުގެ ވަރަށް ބޮޑު ބާރަކަށްވޭ.

އެ ޙައްޤުތަކާއި މިނިވަންކަން، އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަގޮތެއްގައި ލިބިދިނުމަކީ ދައުލަތުގެ ވާޖިބެއް. ދިވެހި ޒުވާން ޖީލުގެ އެ އުންމީދު ފުރިހަމަކޮށްދިނުމަށްޓަކައި، ސަރުކާރުން ފުރިހަމައަށް ޒިންމާ އަދާކުރަމުންދާނެ ކަމުގެ ޔަޤީންކަން، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.

ޑިމޮކްރެސީއެއްގެ އެންމެ މުހިންމު ބާރަކީ، އެ ޤައުމެއްގެ ރައްޔިތުން. ރައްޔިތުންނަށް ލިބިގެންވާ ބަސް ބުނުމުގެ ޙައްޤުގެ ބޭނުންހިފާ ތަނަކީ ރައްޔިތުންގެ މަޖިލިސް. މީގެ ތިން އަހަރު ކުރިން، ރައްޔިތުންގެ މަންދޫބުންނަށްވެސް، މަޖިލީހުގެ އިދާރާއަށް ވަދެނުކުމެ އުޅުމުގެ މިނިވަންކަން ނެތް ދުވަސްތަކެއްދިޔަ. އަޅުގަނޑުމެންނަށް މަޖިލީހަށް ވަދެވިއްޖިއްޔާ، ދެން ފެންނަނީ، މަޖިލީހުގެ ފާރުމަތިން އަޅުގަނޑުމެން ބޭރުކުރާ މަންޒަރު.

ނަމަވެސް މިއަދު މުޅި މަންޒަރު ބަދަލުވެއްޖެ. ރައްޔިތުންގެ މަންދޫބުން މަޖިލީހުގައި މަސައްކަތް ކުރައްވަނީ، އެއްވެސް ނުފޫޒެއް، ބިރުދެއްކުމެއްނެތި. ސިފައިންނާއި ފުލުހުން މިއަދު އެތިބީ، މަޖިލީހުގެ މެންބަރުންނަށް ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން.

މިނިވަން ދައުލަތެއްގެ އެންމެ ބާރުގަދަ ޙައްޤަކީ، ނޫސްވެރިކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން. މީގެ އަހަރުތަކެއް ކުރިން، ނޫސްވެރިކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުޅި އުދަރެސް އޮތީ، އަބުރުގެ ގާނޫނުގެ ނަމުގައި އޮތް ބަނަ ވިލާގަނޑުތަކަކުން ބައްދާލާފައި. މީޑިއާގެ ކުރިއެރުމާ ގުޅޭ ދެ މުއައްސަސާއެއްގެ ކަމަކީ، ނޫސްވެރިންނާއި، ނޫސް އިދާރާތައް ޖޫރިމަނާކޮށް އަދަބު ދިނުން.

ސަރުކާރުގެ ފިއްތުންތަކާ ހެދި، އޭރު ހުއްޓާލަން ޖެހުނު މީޑިއާތައް މަދެއް ނޫން. މިއަދު އަޅުގަނޑުމެން މިތިބީ ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަމެއް ދީގެން. އެކަމުން ސަރުކާރަށް ވީ އުނދަގުލެއް، ލިބުނު ގެއްލުމެއް ނެތް. އެ މިނިވަންކަން ދިނުމުން، ހަމަގައިމުވެސް އަޅުގަނޑަށް ވީ ފައިދާ.

ޚިޔާލު ފާޅުކުރުމަކީ ޙައްޤަކަށްވާ ފަދައިން، އަބުރު ރައްކާތެރިކުރުމަކީވެސް، ކޮންމެ މީހެއްގެ ޒާތީ ޙައްޤެއް. އެހެންކަމުން ޚިޔާލު ފާޅުކުރަންވާނީވެސް، އަދި ނޫސްވެރިކަން ކުރަންވާނީވެސް، އަނެކާގެ އަބުރު ރައްކާތެރިކުރުމަށް ތިމާގެ ކޮނޑުގައި އެޅިފައިވާ ޒިންމާއަށްވެސް ރައްކާތެރިވެގެން.

އިންސާނީ ޙައްޤުތައް ފެށިގެން އަންނަނީ، ދިރިހުރުމުގެ ޙައްޤާ ހަމައިން. ދިރިހުރުމުގެ ޙައްޤު ފުރިހަމަވަނީ، އަސާސީ އެތައް ޙައްޤުތަކެއް ގެތި ލާމެހިގެން. އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބުމަކީ، އެންމެ މުހިންމު އެއް ޙައްޤު. މި ޙައްޤު ލިބިދިނުމަށްޓަކައި ގިނަ މަޝްރޫޢުތަކެއް މިހާރުވެސް އިރާދަކުރެއްވިއްޔާ ހިނގަމުން އެބަދޭ. އަދި އިތުރު މަޝްރޫޢުތައް ފެށުމަށް މި އަންނަނީ ތައްޔާރުވަމުން.

މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން ފަށައިގެން ކުރިއަށް މިގެންދާ، ތަރައްޤީގެ ކޮންމެ މަޝްރޫޢަކީ، އަސާސީ ޙައްޤުތަކާ ގުޅިފައިވާ ޚިދުމަތްތައް، ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް، ހަމަހަމަގޮތެއްގައި ލިބިދިނުމަށް ހިންގާ މަޝްރޫޢުތަކެއް. އެތައް އަހަރެއް ވަންދެން، ރައްޔިތުން އާދޭސް ކުރަމުން ދިޔައިރުވެސް، އަސާސީ ޚިދުމަތްތައް ލިބިދޭންޖެހޭ ކަމަށް ސަރުކާރަށް ޤަބޫލުނުކުރެވުނު ކިތަންމެ ރަށެއްގައި، އަޅުގަނޑުމެން މި އަންނަނީ އެ ޚިދުމަތްތައް ޤާއިމުކުރަމުން.

އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް. މިދިޔަ ދެ އަހަރަކީ، މި ފަހުގެ ތާރީޚުގައި ރާއްޖެ ނުދެކޭފަދަ އިޤްތިޞާދީ ދަތިތަކާ ކުރިމަތިލާންޖެހުނު ދެ އަހަރު. ނަމަވެސް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ސާފު ބޯފެނާއި، ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުތައް މެދުކެނޑުމެއްނެތި މިގެންދަނީ ކުރިއަށް.

މި ދެންނެވި ޙައްޤުތަކަކީ މީގެ ކުރިން ހަމައެކަނި ޤާނޫނުއަސާސީގެ ދެލިގަނޑުގައި ހުރި ޙައްޤުތަކެއް. އާދެ، ލިޔުމުގައި އޮންނަ، ކިޔުމުގައި ނޯންނަ ޙައްޤުތަކެއް. މިއަދު އަޅުގަނޑުމެންގެ އަމާޒަކީ، މި ދެންނެވި ޙައްޤުތަކަކީ ރައްޔިތުންނަށް ފުރިހަމައަށް ލިބޭ ޙައްޤުތަކެއް ކަމުގައި ހެދުން.

މާތް ﷲގެ ވާގިފުޅާއެކު، ކުރިމަގުގައިވެސް ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ވާނީ، އިންސާނީ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުން. އިންސާނީ ޙައްޤުތަކާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުން. އަދި އިންސާނީ ޙައްޤުތަކަށް ހުރަސްއެޅޭގޮތަށް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި އެއްވެސް ކަމެއް ހުރިނަމަ، އެކަމެއް ނައްތައިލުން.

އިންސާނީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރެވޭނީ، އަންހެނުންނާއި، ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައްވެސް ރައްކާތެރިކޮށްގެން. އެންމެ ނާޒުކު ޙާލަތުގައި ތިބި އެފަދަ މީހުންނަށް އަނިޔާކުރުމާއި ގޯނާކުރުމަކީ، އަޅުގަނޑުމެން ތަޙައްމަލު ކުރާނެ ކަންކަމެއް ނޫން. ދައުލަތުގެ ހުރިހާ ހަކަތައެއް ބޭނުންކޮށްގެންވެސް، އެމީހުން ރައްކާތެރިކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ.

ލާމަރުކަޒީ ނިޒާމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އަޅުގަނޑުމެން ގެނައި ބަދަލުތަކަކީ، އަންހެނުންގެ ސިޔާސީ އަދި މަދަނީ ޙައްޤުތައް ލިބިދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ 33 އިންސައްތައަށްވުރެ މަތީ ނިސްބަތެއް މިހާރު ޙިއްޞާކުރަނީ އަންހެނުން.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ، ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާ އަދި ސަރުކާރުން މުސާރަދޭ ބަޔަކަށް ހެދުމަކީވެސް މުހިންމު ފިޔަވަޅެއް. މިބަދަލުގެ ސަބަބުން، އަންހެނުން ބާރުވެރިކުރެވި، ރަށްރަށުގެ ތަރައްޤީގައި އަންހެނުންގެ ދައުރު ވަރަށް ބޮޑު ތަނުން އިތުރުވެގެންދާނެކަން އަޅުގަނޑަށް ޔަޤީން.

ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަކީވެސް، އިންސާނީ އަސާސީ ޙައްޤުތަކުގެ ޙިމާޔަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް. ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް އެ ވާހަކަ ބަޔާންކޮށްފައި އެބައޮތް. މާކަނޑުގެ ރާޅުތަކާއި، ގަދަ އޮއިވަރާއި، އުދަބާނިތަކުން، މި ޖަޒީރާތައް ރައްކާތެރިކޮށްގެން ނޫނީ، ދިރިހުރުމުގެ ޙައްޤުވެސް އަދި ބަނޑުފުރާނަ މުއްތިކުރުމަށް އާމްދަނީ ހޯދުމުގެ ޙައްޤުވެސް ރައްކާތެރިއެއް ނުކުރެވޭނެ.

އާދެ، ކުރުކޮށް ދަންނަވާނަމަ، އިންސާނާގެ ޒާތާ ގުޅިފައިވާ އަދި އިންސާނާގެ ވަށައިގެންވާ މާޙައުލުގެ އެންމެހައި ކަންކަމަކީ، އިންސާނީ ޙައްޤުތަކާ ގުޅިފައިވާ ކަންކަން. އެހެންކަމުން، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުގެ ޙައްޤުތަކަށް ރައްކާތެރިވާ ފަދައިން، އަޅުގަނޑުމެންގެ ވެށި ޙިމާޔަތްކުރުމަށް ސަމާލުކަން ދޭންޖެހޭނެ.

މި ދެންނެވި ހުރިހާ ޙައްޤުތަކެއް ރައްޔިތުންނަށް ލިބިދިނުމަކީ، ސަރުކާރުގެ ޒިންމާއަކަށްވާއިރު، އެ ޒިންމާ ސަރުކާރުން އަދާކުރާ މިންވަރު ބެލުމަށް އުފެއްދި ތަނަކީ ހިއުމަން ރައިޓްސް ކޮމިޝަން. އެ ކޮމިޝަނަށް މި ފުރުނީ 18 އަހަރު. ޤާނޫނުއަސާސީ ބުނާގޮތުންނަމަ، ބޮޑު މީހަކަށްވެ، ޒިންމާތަކާއި، ޙައްޤުތަކާއި މަސްއޫލިއްޔަތުތައް އިތުރުވެގެންދާ އުމުރަށް އެ އެޅީ.

ނަމަވެސް، ކޮމިޝަންގެ ވޭތުވެދިޔަ ތާރީޚުގައި ކުރިމަތިވި ސިޔާސީ ފިއްތުންތަކެއްގެ ސަބަބުން، ކޮމިޝަންގެ ޙަޤީޤީ ޒިންމާ އަދާކުރެވިފައިވާ ކަމަށް ދެންނެވޭކަށް އަޅުގަނޑަކަށް ނެތް. މިއަދު ސަރުކާރުގެ އެއްވެސް ނުފޫޒެއް މި ކޮމިޝަނަށް، އަދި އެހެން މިނިވަން މުއައްސަސާއަކަށްވެސް ނޯންނާނެކަން އަޅުގަނޑު ޔަޤީންކަމާއެކުގައި ދަންނަވަން. ސަރުކާރުގެ ފަރާތުން މި ކޮމިޝަނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ސަބަބުން، ރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ޙައްޤުތައް ލިބިދޭ މިންވަރާމެދު ސަރުކާރު ޒިންމާދާރު ކުރުމުގައި،
މި ކޮމިޝަންގެ ދައުރު މިހާރު އަންނަނީ ފުޅާވަމުން. އެއީ ހެޔޮ ފާލެއް.

ކޮމިޝަންގެ ރިޕޯޓުގައި، މީގެކުރިން، ކޮމިޝަންގެ ރައީސް ވިދާޅުވިފަދައިން، ޖަލުގައި ބަންދުކޮށްފައި ތިބި މީހުންނާއި، ސަރުކާރުގެ ބެލުމުގައި ތިބި ތަންތަނަށް ޒިޔާރަތްކޮށް ފެނުނު ކަންތައްތަކުގެ ރިޕޯޓް ހުށަހެޅި ވާހަކަ ވިދާޅުވި. އަޅުގަނޑު ޔަޤީންކޮށް މިރޭ ތިޔަބޭފުޅުންނަށް އަރުވަން. އެ ހުރިހާ ކަމަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެޓެންޑްވެ، އެ ކަންތައްތައް ކުރިއަށް ގެންދާނެ ވާހަކަ.

އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއަރުވައި ރައްކާތެރިކޮށް ދެމެހެއްޓުމަށް، ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން މަސައްކަތް ކުރައްވާއިރުވެސް، އިންސާނީ ޙައްޤުތަކާ ގުޅިފައިވާ ހުރިހާ ދާއިރާތަކަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދެއްވައިގެން އެ މަސައްކަތް ކުރެއްވުން. އަޅުގަނޑުމެން މި ބޭނުންވާ ޙައްޤުތައް ލިބެނީ ވަށައިގެންވާ މާޙައުލުންކަން އަޅުގަނޑުމެންގެ ސިކުނޑިތަކުގައި މިހާރަށްވުރެ ބޮޑަށް އެބަ ހަރުލައްވަންޖެހޭ.

އަޅުގަނޑުގެ ދުޢާއަކީ، މި ރާއްޖޭގައި އުޅޭ ހަމަ ކޮންމެ މީހަކަށް، އިންސާނީ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި ކާމިޔާބީ ދެއްވުން. އަޅުގަނޑުމެންނަކީ އަމިއްލަ ނަފްސަށް ލޯބިކުރާ ފަދައިން، އަނެކުންގެ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމްކުރާ، އަދި ލޯތްބާއި އޯގާތެރިކަމާ އެކުގައި މުޢާމަލާތުކުރާ ބަޔަކު ކަމުގައި ލައްވައި، މި ރާއްޖެއަށް އަބަދުވެސް ތަނަވަސްކަމާއި ފާގަތިކަން އެކަލާނގެ މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.