ރާއްޖޭގައި މިހާރު އޮތީ ވަރަށް ތަޢުލީމީ ހޭލުންތެރި ޒުވާން ޖީލެއްކަމަށާއި، އަދި މި ޖީލުގެ ޒުވާނުންގެ އުންމީދަކީ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް އެޙައްޤުތައް ފުރިހަމައަށް ލިބުންކަމަށް ވުމުން ، އެ އުންމީދު ފުރިހަމަކޮށްދިނުމަށްޓަކައި، ސަރުކާރުން ފުރިހަމައަށް ޒިންމާ އަދާކުރަމުންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރުވައިފިއެވެ. އެމަނިކުފާނު މި ޔަޤީކަން ދެއްވާފައިވަނީ މިރޭ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި، އެޗް.އާރް.ސީ.އެމް.އަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލި އަޅުއްވާލައްވާ ވަރަށް ތަފްޞީލުކޮށް ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރައްޔިތުންގެ ބަސް އިއްވެވުމަަށް ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެއްވެސް ނޫފޫޒެއް ބިރުވެރިކަމެއް ނެތި މަސައްކަތްކުރެއްވޭނެކަމަށާއި، އަދި އެ މެންބަރުންނަށް ސިފައިންނާއި ފުލުހުން ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި މި ސަރުކާރުން ނޫސްވެރިކަމަށް ފުރިހަމައަށް މިނިވަންކަން ދޭނެކަމަށާއި އެކަމުން ސަރުކާރަށް ލިބެނީ ފައިދާކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. ހަމަ އެއާއެކު، އިންސާނާ ދިރިހުރުމުގެ ޙައްޤު ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން މުޅި ރާއްޖޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދާ ކަމަށާ، އަދި އިތުރު މަޝްރޫޢުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން އަސާސީ ޚިދުމަތްތައް ލިބިދޭންޖެހޭ ކަމަށް ކުރީގެ ސަރުކާރުތަކަށް ޤަބޫލުނުކުރެވުނު ކިތަންމެ ރަށެއްގައި، މި ސަރުކާރުން އަންނަނީ އެ ޚިދުމަތްތައް ޤާއިމުކުރަމުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި މީގެ ކުރިން ހަމައެކަނި ލިޔުމުގައި ބަޔާންކޮށްފައިވާ ޙައްޤުތައް މިހާރު ރައްޔިތުންނަށް ފުރިހަމައަށް ލިބޭ ޙައްޤުތަކަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި މޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމުގައި އެންމެ ނާޒުކު ޙާލަތުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދެންޖެހޭ ޙައްޤުތައް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އަންހެނުންނާއި، ކުޑަކުދިން އަދި ޢުމުރުން ދުވަސްވީ މީހުންނަށް ގޯނާކުރުމަކީ މި ސަރުކާރުން ތަޙައްމަލުކުރާނެ ކަމެއް ނޫންކަމަށާއި، ދައުލަތުގެ ހުރިހާ ހަކަތައެއް ބޭނުންކޮށްގެންވެސް، އެ ފަރާތްތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުން، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންސާނާގެ ޒާތާ ގުޅިފައިވާ އަދި އިންސާނާގެ ވަށައިގެންވާ މާޙައުލުގެ އެންމެހައި ކަންކަމުގެ ތެރެއިން، ވެށި ޙިމާޔަތްކުރުމަށް ސަމާލުކަން ދިނުމަށް ބާރުއަޅުއްވާފައެވެ.

މި ރަސްމިއްޔާތުގައި ދެއްކެވިވާހަކަފުޅު ނިންމަވާލައްވަމުން ރައިސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއަރުވައި ރައްކާތެރިކޮށް ދެމެހެއްޓުމަށް، ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން މަސައްކަތް ކުރައްވާއިރުވެސް، އިންސާނީ ޙައްޤުތަކާ ގުޅިފައިވާ ހުރިހާ ދާއިރާތަކަށް މިހާރަށް ވުރެ ބޮޑު ސަމާލުކަމެއް ދެއްވައިގެން އެ މަސައްކަތް ކުރެއްވުމަށް ބާރުއަޅުއްވާފައެވެ.