ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ މި ސަރުކާރުން ދާންދޫގެ ތަރައްޤީއަށް ވަރަށް ގިނަ މަޝްރޫޢުތަކެއް އަލަށް ފަށާފައިވާކަން އުފަލާއެކު ފާހަގަކުރައްވައި، މިއީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމަނައިގެން މިވީހާ ތަނަށް ނުހިންގޭހާ ގިނަ މަޝްރޫޢުތަކެއް ކަމުގައި ވިދާޅުވެ އެކަމަށްޓަކައި ޝުކުރުއަދާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ. މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކު ތެރޭގައި، ދިގު މުއްދަތުން ދައްކާ ހަލާސްކުރާ ގޮތަށް ދާންދޫގައި ގެދޮރު ޢިމާރާތް ކުރުމަށް ސަރުކާރުން އެހީތެރިކަން ބޭނުންވާކަމަށާއި، މީހުން ދިރިއުޅޭ ހިސާބެއްގައި އިންޖީނުގެ ޢިމާރާތް ބިނާކޮށްފައިވުމުން ދިމާވާ ދަތިތަކާއި، ރަށުގައި ޤާއިމުކޮށްފައިވާ އައިސްޕްލާންޓްގެ ޚިދުމަތް އަވަސް އަވަހަށް މެދުކެނޑެމުންދާތީދިމާވާ ދަތިތަކާއި، ރަށުގައި އަލަށް ތަރައްޤީކުރަމުންދާ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ބޭނުންވުން ހިމެނެއެވެ.

އަދި، ދާންދޫ ސްކޫލްގައި އޭ ލެވެލް އަށް ކިޔަވައިދުމަށް ފެށުމާއެކު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވުމަށާއި، ބޭންކިންގ ޚިދުމަތް ބޭނުންވާކަމަށާއި، ހުވަދު އަތޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް އޮތުމަށް ރައްޔިތުން އެދޭކަމުގައި ކައުންސިލަރުން ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލުން ވަނީ ޖުމްލަކޮށް ރަށުގެ ތަރައްޤީގެ ކަންކަން ރަނގަޅު ނަމަވެސް ޞިއްޙީ މަރުކަރުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަމުގައި ފާހަގަ ކުރައްވާފައެވެ. އަދި ކައުންސިލުން ވަނީ އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ބަލައިގަންނަ ކަމުގައި ވިދާޅުވެ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި ބޯހިޔާވަހިކަމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯން ސްކީމެއް މިހާރުވެސް އޮތްކަން. ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދާންދޫ ދާއިރާގެ މަޖްލިސް މެންބަރު ޔައުޤޫބް ޢަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ.