بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރު، ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރު ޖަލީލް އަދި ކައުންސިލަރުން، ދިވެހިރާއްޖޭގެ ހީވާގި މަސްވެރިންނާއި އޮޑިވެރިން، ގާފަރުގެ ރައްޔިތުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑުމެން މި ރަށަށް މި ކުރި ޒިޔާރަތުގައި، ގާފަރުގެ ރައްޔިތުން ކިޔުއްވި ހޫނު މަރުޙަބާއާއި، ދެއްވި މެހްމާންދާރީއަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން. މަސްވެރިކަމުގެ ޞިނާޢަތުގެ އެކި ދާއިރާތަކުން ހަނދާނީ ފިލާ މިރޭ ހާސިލު ކުރެއްވި ހުރިހާ މަސްވެރިންނަށް މަރުޙަބާ ދަންނަވަން. އަދި ރާއްޖޭގެ ހުރިހާ ހީވާގި މަސްވެރިންނަށާއި، މަސްވެރި ޢާއިލާތަކާއި،
މި ޞިނާޢަތުގެ ބައިވެރިންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރަން.

ރަސްމީކޮށް ފާހަގަކުރަން ފެށި ފަހުން، މިއަދަކީ ދިވެހިރާއްޖޭގެ 41 ވަނަ މަސްވެރިންގެ ދުވަސް. ޙަޤީޤަތަކީ ދިވެހިންގެ ޙަޔާތުގައި މަސްވެރިންގެ ދުވަސް ނޫން ދުވަހެއް، ދުވަހަކުވެސް ނާދޭ. މޫސުމާއި، ނުމޫސުމުގައިވެސް، ދިވެހިން ކަނޑުފަޅު ނުފީނާ ދުވަހެއް، ފާއިތުވެ ގޮސްފައެއް ނުވޭ. އެހެން އެއްވެސް ވަސީލަތެއް، މަގެއް ފެނިފައި ނެތް ދުވަހު، އޮތް ހަމައެކަނި މަގަކީ، ވަށާ ފެތުރި މި އޮތް މާސިންގާ ކަނޑު. މުނާޖާ ކޮނޑުއަޅައިގެން، މުލުހާލު ތުނބަށް މަސްވެރިން ހޭލާ. ފަތިސް ފަތިހުން ފެށިގެން މުޅި ދުވާލު، ދޭހާ އަތްވާއި، ވެހޭހާ ވާރޭގައި، ވިއްސިހާ ވަޔަކާއި، ބުރުއްސިހާ ލޮނަކު، ކުޅުފޫދުނީ ދިވެހި މަސްވެރިން. މި ދެންނެވި މަސްވެރިންނައިގެން މަސްއޮޑި މަހުން ލެފީމާ، މަސްބައި ގެޔަށް ގެނައިމާ، މަސްލާރިއަށް ހަދަނީ، މަސްވެރި ދިވެހި އަންހެނުން.

ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމުގައި، މުޅި ދުނިޔެއާއި ރާއްޖެ ހުއްޓިގެންދިޔަ. ނުހުއްޓި ހިނގަހިނގާ އޮތް އިޤްތިޞާދުގެ ލޭނާރަކަށްވީ މަސްވެރިކަން. މި ޞިނާޢަތުގެ ވަރުގަދަކަމާއި، މަސްވެރިކަމާއި ދިވެހިންނާ އޮތް ގުޅުމަކީ، ސިޔާސީ މީހުންގެ އިންތިޚާބީ ހަތިޔާރަކަށް މަސްވެރިކަން ހަދާ ސަބަބު. އެހެންނަމަވެސް، މަޢުނަވީ ގޮތެއްގައި، އިޚްލާޞްތެރި ނިޔަތަކާއެކު، ދެމެހެއްޓެނިވި މަސްވެރި ޞިނާޢަތަކަށް ދެވިފައި އޮތް ސަމާލުކަން ކުޑަ. މި ސަބަބަށްޓަކައި، އަޅުގަނޑުމެން ސަރުކާރާ ހަވާލުވެ، ހިފި މިޞްރާބު ތަފާތުވާނެ. ހިސާބު ޢަދަދުން ބެލިޔަސް، އޭގެ ވަރަށް ބޮޑު ފަރަޤު ފެންނަން މިއަދު އެބަހުރި. އަޅުގަނޑުމެންގެ ސިޔާސަތުން ފެންނަ ބަދަލު، ގޮސް ނިމެނީ، އިހަށް ކުރަންވާ ކަންތައްތައް އިހަށް ނިންމާ އުޞޫލުން.

މަސްވެރިންނަށް އަވަހަށް ފައިސާ ދިނުން އެއީ، އަޅުގަނޑުމެންގެ ތަރުތީބުގައި ނަންބަރު 1. ސަބަބަކީ މި ސަރުކާރު ވެރިކަމަށް އައިއިރު، މަސްވެރިން އެންމެ ބޮޑަށް ކުރަމުން އައި އެއް ޝަކުވާއަކީ، ކިރާ މަހަށް، އަވަހަށް ފައިސާ ނުލިބުމުގެ ޝަކުވާ. ކޮންމެ މީހަކުވެސް ކުރާ މަސައްކަތެއް ކުރުމުގެ ބޭނުމަކީ، އެއާ އެކަށޭނަ އަގު، ނުވަތަ އުޖޫރަ ލަސްނުވެ ލިބުން. ދުވަހުން ދުވަހަށް - މަހުން މަހަށް، މަހުގެ އަގު ނުލިބުމުގެ ދައްޗާއި ތަކުލީފު، މަސްވެރިން އުފުލަން ޖެހުމަކީ، ވެގެންވާނެ ގޮތެއް ނޫން. އެތައް ދުވަހަކު ކަނޑު ތަޙައްމަލް ކުރުމަށްފަހު، ޢާއިލާއާއެކު ރަށުގައި ހުންނަ ދުވަހު، އެ ފިކުރު މަސްވެރިންނަށް އޮވެގެން ނުވާނެ. އެ ދުވަހު މަސްވެރިޔާ ހުންނަން ޖެހޭނީ، ކުރި މަސައްކަތުގެ އަގު އަތަށް ލިބިގެން އުފަލުގައި. އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު، ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ހުރީ ނުދީ. ބެޔަސް ނުދީ - އަދިހަމަ ނުބެޔަސް ނުދީ.

އަޅުގަނޑުމެންގެ ސިޔާސަތަކަށްވީ، މަސް ގަތުމަށްފަހު، ދޭންޖެހޭ ފައިސާ ދެވޭނެ އިންތިޒާމު ނިޒާމީ ގޮތެއްގައި ހަމަޖެއްސުން. ގިނަވެގެން އެއް ހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާދީ ޚަލާޞް ކުރުން. މަސްވެރިންނަށް ފައިސާ ނުދީ، އެ ފައިސާވެސް ވަކި އެކައުންޓަކަށް ޖަމާކޮށްގެން، އޭގެ މަންފާ ނުހޯދުން. އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 39.5 މިލިއަން ރުފިޔާ ހުރީ ނުދީ. ނަތީޖާއެއްގެ ގޮތުން، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ، ނުދީ ހުރި މަސްވެރިންގެ ޙައްޤު، ޙަލާލު މި ދެންނެވި ފައިސާ، ދީ ޚަލާސް ކުރުން. އިރާދަކުރެއްވީތީ އެކަންވަނީ ކުރެވިފައި. ރައްޔިތުންގެ ލޯ ލާރިއަކަށްވެސް އަޅުގަނޑު އިރާދަކުރެއްވިއްޔާ، ޚިޔާނާތެއް ނުވާނަން. ވެރިކަމުގެ މަސްއޫލިއްޔަތާއި، ޒިންމާގެ ބޮޑުކަމާއި މަތިވެރިކަން، ދައްޗާއި ތުރާލާއި އުނދަގުލުގެ ތެރޭގައިވެސް އަޅުގަނޑުގެ ހަނދާނުން ކެހިގެނެއްނުދާނެ.

އަގު ދިނުމާ އެއްވަރަށް، ސަރުކާރުން އިސްކަންދޭ އަނެއް ކަމަކީ، އަގަކަށް އަގެއް ދިނުމުގެ ބަދަލުގައި، ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުން. މަސްވެރިންނަށް އަވަހަށް ފައިސާ ދިނުމުގެ ނިޒާމު ހަމަޖެއްސުމަކީ، ވިޔަކޮށް، ހިސާބު އަކުރުން ހޯދަން ޖެހުނު ޙައްލެއް. ފުރަތަމަ ޖެހުނީ، މިފްކޯ ފެންމަތީގައި އޮންނާނެ ގޮތެއް ހޯދަން. ދުނިޔޭގެ ބާޒާރުގައި ހުންނަ މަހުގެ އަގަށް ބަލައި، މިފްކޯގެ ގެއްލުން ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި، އެ ކުންފުނި ހިންގޭނެ މަގެއް ހޯދުން. މި މަގު ހޯދުމުގެ އެންމެ މުހިންމު ފިޔަވަޅު އަޅައިދެއްވީ، ރާއްޖޭގެ މަސްވެރިން. އެއީ މިފްކޯއަށް ގަންނަ މަހުގެ އަގަށް، މިދިޔަ އަހަރު އަޅުގަނޑުމެން ގެނައި ވަގުތީ ބަދަލުގެ ބުރަ އުފުއްލަވައިދެއްވީ މަސްވެރިން ކަމުގައިވާތީ. ހިތްހަމަނުޖެހުމާއި، ނުތަނަވަސްކަމާއެކުވެސް، ކުރު މުއްދަތަކަށް އެ ހިތި ބޭސް، މަސްވެރިން ބޭނުންކުރެއްވުމުން، ލިބޭ ދެމެހެއްޓެނިވި ޝިފާ މިހާރު ވަނީ އަތްލެވޭހާ ގާތުގައި.

ދެން އިރާދަކުރެއްވިއްޔާ، ވާން އޮތް ރަނގަޅަކީ، މަސްވެރިންނަށް ރަނގަޅު އަގެއް ލިއްބައިދިނުމުގެ ބޮޑުރަނގަޅު. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، މަހުގެ އަގު މަތިވާން ފަށާނެ. އެ ބަދަލު އަންނާނެ ވާހަކަ، އަޅުގަނޑު މިއަދު މި ދެންނެވީ އެކަމަށްޓަކައި އެތައް ކަމެއް ސަރުކާރުން ކުރަމުންދާތީ. އަދި އެކަން ޙާޞިލުވާނެ ކަމުގެ އުންމީދު އަޅުގަނޑަށް ލިބިފައިވާތީ. ރަނގަޅެއް ހޯދުމަށް މަސްވެރިންނާއި ސަރުކާރު އެކުގައި ތިބުމަށް ބޭނުންކުރި ހިތި ބޭހުގެ ފޮނި ނަތީޖާ، ފުރަތަމަ ފަހަރު ފެންނަން ފަށާނީ އެ ދުވަހު.

މަހުގެ އަގާ ގުޅޭ އެންމެ ބޮޑު އެއްކަމަކީ މަހުގެ ކޮލިޓީ. އެ ކޮލިޓީ އެގޮތުގައި ހިފެހެއްޓުމަށްޓަކައި ވަށާޖެހޭ ނިޒާމެއް މިދަނީ ބިނާކުރަމުން. އެގޮތުން، މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން ބޮޑު އިންވެސްޓެއް އެބަ ކުރަން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ބާރަށް އެބަ ކުރެވޭ. މިރަށާއި ރ. މަޑުއްވަރީގެ އައިސްޕްލާންޓްގެ މަސައްކަތް މިހާރު މިވަނީ ނިމިފައި. އަދި ހއ. ހޯރަފުށީ އައިސްޕްލާންޓްވެސް އެވަނީ ނިމިފައި. ފެލިވަރުގައި އިތުރު 50 ޓަނުގެ އައިސްޕްލާންޓެއް ވަނީ ޤާއިމުކުރެވިފައި. މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި، ކުރީގެ ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދުގެ ދައުރު ވަރަށްބޮޑު. އެކަމަށްޓަކައި މިނިސްޓަރ ޒަހާއަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މީގެ އިތުރުން، އިތުރު 12 އަތޮޅެއްގައި، ޖުމުލަ 18 އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ.

އަލަށް މި ހުޅުވުނު އައިސްޕްލާންޓްތަކާއެކު، އަދި އިތުރަށް ޤާއިމުކުރެވޭ، ކުރިން މި ދެންނެވި އައިސްޕްލާންޓްތައް ނިމުމުން، ހެޔޮ ބަދަލަކުން ބޮޑު ތަފާތެއް ފެންނާނެ. އޭރުން މަހެއްގެ މައްޗަށް ޖުމްލަ 15000 ޓަނަށްވުރެ ގިނައިން އައިސް އުފެއްދޭނެ ޤާބިލުކަން، ދިވެހި މަސްވެރިކަމުގެ ޞިނާޢަތަށް އިތުރުވެގެންދާނެ.

ދިވެހިން ބާނާމަސް ޕްރޮސެސް ނުކޮށް، ރޯމަހުގެ ގޮތުގައި އެކްސްޕޯޓް ކުރުމަކީ، ޒަމާނުއްސުރެ ކަން ހިނގާ ގޮތް. ނަތީޖާއަކަށްވީ މި ޞިނާޢަތު ތަރައްޤީވާންޖެހޭ މިންވަރަށް ތަރައްޤީނުވުން. ރާއްޖޭގެ މަހުގެ އުފެއްދުންތެރިކަން، ޤައުމުގެ އެތެރޭގައި ހިފެހެއްޓި، ހުއްޓުން އަރާފައި އޮތުން. ދިވެހި މަހުގެ ފައިދާ އެހެން ޤައުމުތަކުން ނެގުން. މިކަން މިގޮތަށް ކޮށްލަ ކޮށްލާ - ނޫނީ ގާނާލަ ގާނާލާ ތިބީ އެކަން ކުރި ބަޔަކަށް، އޭގެ ގެއްލުން ނޭނގިގެންނެއް ނޫން. އެގޮތުގައި ދެމިތިބުމުން، ޤައުމުގެ މަސްވެރި ޞިނާޢަތަށާއި، ދިވެހި މަސްވެރިންނަށް ގެއްލުން ބޮޑުކަން، އެބަޔަކަށްވެސް އެނގޭނެ. އެހެން ނަމަވެސް، އެކަމުގައި އުޅޭ ބަޔަކަށް ބޮޑު ފައިދާއެއް ނެގޭނީ އެގޮތުގައިކަން ވަރަށް ސާފު. އަޅުގަނޑުމެން މިދަނީ، މި ދެންނެވި ގެއްލުން ބޮޑު ޒަމާންވީ އާދަ އިންޤިލާބުކޮށްލަން. މިހާރު ހިފާފައިވާ އަމާޒާއި މިޞްރާބުން، ދިވެހި މަސްވެރި ޞިނާޢަތުގައި އެޅުވިފައިވާ މި ދެންނެވި ތަޅު ނެއްޓޭނެ.

މަހުގެ ޞިނާޢަތް ފުޅާކޮށް، އޭގެ ނަފާ އިތުރުކުރެވޭނީ، ހަމައެކަނި ރޯމަސް އެކްސްޕޯޓް ކުރުމުގެ ވިސްނުން ދޫކޮށްލައިގެން. އޭގެ ބަދަލުގައި، ބާނާ މަހަށް އެކުވި-އަގެއް ލިއްބައިދެވޭނެ ވެލިއުއެޑެޑް އުފެއްދުންތަކެއްގެ ގޮތުގައި މަސް އެކްސްޕޯޓް ކުރެވިގެން. މިކަމަށްޓަކައި ވަކި ޚާއްޞަ ކަންތައްތަކެއް ސަރުކާރުން މިދަނީ ކުރަމުން. އެގޮތުން، ދެންމެ ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ވިދާޅުވިފަދައިން، ފެލިވަރު އެކްސްޕޭންޝަން ޕްރޮޖެކްޓްގެ ދަށުން ފެލިވަރުގެ ޕްރޮސެސިންގ ކެޕޭސިޓީ، ދެގުނައަށް އިތުރުކުރެވޭނެ. އެއީ މުޅިން އަލަށް ދުވާލަކަށް އިތުރު 100 ޓަނު ޕްރޮސެސް ކުރުމުގެ ގާބިލުކަން އެ ކާރުޚާނާއަށް ލިބިގެން ދިޔުން. ފެލިވަރުގައި މިކަމަށް ބޭނުންވާ ބިން އިތުރުކުރުމުގެ މަސައްކަތް މިހާރުދަނީ ހިނގަމުން. އިރާދަކުރެއްވިއްޔާ، އަންނަ އަހަރު ޕްރޮސެސިންގ ޕްލާންޓްގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ.

މީގެއިތުރުން، ފެލިވަރު، ކޫއްޑޫ، ކަނޑުއޮތްގިރި، އަދި ތިނަދުއާއި، މުލަކުގައި، ޤާއިމުކުރެވޭ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުން މި އަންނަ އަހަރު ކުރިއަށްދާނެ. އެއީ ޖުމުލަ ކެޕޭސިޓީ 9000 ޓަނަށްވުރެ އިތުރުވެގެންދާނެ މަޝްރޫޢެއް. މި މަޝްރޫޢުތައް ނިމުމުން، މަސްވެރިންގެ އަތުން މަސް ގަނެވޭ މިންވަރު، ދުވާލެއްގެ މައްޗަށް 61 އިންސައްތަ މިހާރަށްވުރެ އިތުރުކުރުމުގެ ޤާބިލުކަން މިފްކޯއަށް ލިބިގެންދާނެ.

ބޮޑުކަންނެލީގެ މަސްވެރިކަމަކީ، ބޮޑު އަގު ލިބޭ މައިގަނޑު ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިއަކަށްވާތީ، އެވިޔަފާރި ކުރިއަރައި ފުޅާވުމަކީ މުހިންމު ކަމެއް. އަދި ސަރުކާރުން އެ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް ވިސްނައި އިސްކަންދެން. މިކަމުގައި އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތަކަށް އަބަދުވެސް ވެފައި އޮންނަނީ، މިކަން އަމިއްލަ ފަރާތްތަކަށް ދޫކޮށްލުން. އެއާއެކު އެ މަގުގައި ކުރިއަށް ދިޔުމަށް ސަރުކާރަށް، އެހިނދަކަށް ވެވެންއޮތް އެންމެބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް އަބަދުވެސް ދެމުން ގެންދިޔުން.

ޙަޤީޤަތުގައި ބޮޑުކަންނެލީގެ މަސްވެރިންނަށްވެސް ނަފާ އިތުރުކުރެވޭނީ، އެކުވި-އަގުގެ އުފެއްދުންތެރިކަން އިތުރުކުރެވިގެން. ރާއްޖޭގައި ޕްރޮސެސް ކުރުން މަތިކުރެވިގެން. މިކަމަށްޓަކައި ކަނޑުއޮތްގިރި އިތުރަށް ތަރައްޤީކޮށް، ސްޓޯރޭޖާއި ޕެކޭޖިންގ ކެޕޭސިޓީ އިތުރުކުރުމަށް މި އަންނަނީ ތައްޔާރުވަމުން. މި މަސައްކަތް ނިމުމުން، އަމިއްލަ ފަރާތްތަކަށް މި ފެސިލިޓީގައި ބޮޑުކަންނެލި އެކްސްޕޯޓް ކުރުމަށް ޕެކޭޖިންގެ މަސައްކަތް ކުރިއަށް ގެންދެވޭނެ.

އަޅުގަނޑުމެން ސަރުކާރާ ހަވާލުވީއިރު، މަސްވެރިންގެ އެންމެ ބޮޑު އަނެއް ޝަކުވާއަކީ، ބާނާމަސް ނުކިރި އުކާލަންޖެހުމުގެ ޝަކުވާ. މަސް ނުކިރެނީ، ކިރާމަސް ފިނިކޮށް، ޕްރޮސެސް ކުރާނެ ޖާގަ ފުލްވާތީ. އެ ޖާގަ އިތުރުވުމަކީ، އެ ޝަކުވާ މަދުވެގެންދިޔުން. އަޅުގަނޑުމެން މި ކުރަނީ އެ މަސައްކަތް.

ހުރި މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް ކުރެވެމުންދާއިރު، ވަގުތީ ޙައްލުތަކެއްވެސް ގެނެވިއްޖެ. މިފްކޯއަށް މަސް ގަތުމުގެ ކެޕޭސިޓީ މިހާރު ވަނީ އިތުރުކުރެވިފައި. ދުވާލަކު 100 ޓަނު މަސް ފިނިކުރެވޭ. އަދި 300 ޓަނު މަސް ސްޓޯރ ކުރެވޭ ބޯޓެއް، މުޅިން އަލަށް ހޯދައި، ވަނީ ޚިދުމަތަށް ނެރެން ތައްޔާރުވެފައި. އަދި މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާރ ކެރިއަރެއް ގަނެ، މިފްކޯއިން ވަނީ ދާދިފަހުން ރާއްޖެ ގެނެސްފައި. ނިމެންމިދާ 2021 ވަނަ އަހަރަކީ، ރެކޯޑް ޢަދަދަކަށް މިފްކޯއަށް މަސް ކިރާފައިވާ އަހަރަކަށް ވެގެންދާނެ. މިއަހަރުގެ މިހާތަނަށް 50,000 މެޓްރިކް ޓަނަށްވުރެ ގިނަ މަސް މިފްކޯއަށް ވަނީ ކިރާފައި.

މި އަހަރުގެ މިހާތަނަށް 775 މިލިއަން ރުފިޔާ ވާނީ މަސްވެރިންނަށް ދީފައި. މިއީ އަތުން އަތަށް، ސީދާ މަސްވެރިންނަށް މިފްކޯއިން ދީފައިވާ ޢަދަދު. މިއީ މި ފާއިތުވީ 15 އަހަރު ތެރޭގައި އެންމެ ގިނައިން މިފްކޯއަށް މަސް ގަނެފައިވާ އަހަރު. ހަމަ ޔަޤީނުންވެސް ފާއިތުވެ މިދިޔަ ދަތި ދުވަސްތަކުގައި، ކަނޑުރޯދިން ފަހިވި އިލާހީ ރަޙްމަތްފުޅު ކިތަންމެހާވެސް ބޮޑު.

މި އަހަރުގެ ތިންވަނަ ކުއަރޓަރގެ ނިޔަލަށް، މަހުގެ އެކްސްޕޯޓްވެސް މިވަނީ ބޮޑު ކުރިއެރުމެއް ހޯދާފައި. 2020 ވަނަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު، ދިވެހިރާއްޖެއިން މަސް އެކްސްޕޯޓް ކޮށްފައިވާ މިންވަރު 37.9 ޕަސެންޓަށް އިތުރުވެއްޖެ.

އައިސް އަޅައިގެން ނުވަތަ ކޯލްޑް ސްޓޯރޭޖްގައި މަސް ބެހެއްޓެނީ، ނޫނީ އެކްސްޕޯޓް ކުރެވެނީވެސް މަސްބޭނިގެން. މަސްބޭނުމަށްޓަކައި އޮއިވާލި ކަނދުފަތީގެ މުހިންމު ކަމާއި، އެކަމަށް މަސްވެރިން އެދެމުންދާ ދިޔުމަށް ސަރުކާރުން އިޖާބަދެން. ކަނދުފަތީގެ ފަސޭހަތަކާއި، އޭގެ ސަބަބުން ތެލަށް ކުރާ ޚަރަދު ލުއިވާ މިންވަރު ބޮޑު.

އޮއިވާލި ކަނދުފަތި ވުޖޫދުވީ ހިސާބުން ފެށިގެން ރާއްޖޭގައި މިހާތަނަށް އެޅިފައި ވަނީ 56 ކަނދުފަތި. 56 ކަނދުފަތީގެ މި ވިއުގައަށް 30 އިތުރުކޮށް، ޖުމްލަ 86 އޮއިވާލި ކަނދުފަތިން މަސްކަނޑުތައް ގަތާލައި ގުޅާލުމަކީ، އަޅުގަނޑުމެންގެ އަމާޒު. މި މަސައްކަތް އިރާދަކުރެއްވިއްޔާ، އަންނަ އަހަރު ފެށޭނެ. މީގެ އިތުރުން، ދެމެހެއްޓެނިވި މަސްވެރި ދިވެހިރާއްޖެއަކަށް، ވިސްނުން ހިޖުރަ ކުރަން އެބަޖެހޭ. ކުރެވެން ހުރި ކަންކަމާއި، އެކުވި-އަގުގެ އުފެއްދުންތައް ފުޅާކުރެވޭނެ ގޮތްތައް ދެނެގަތުން މުހިންމު. މަސްވެރިކަން، އިތުރު އާ މާކެޓްތަކަށް އުފުލައިލާ، ހުޅުވައިލުމުގެ ފުރުޞަތުތައް ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ.

ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމުން އާމްދަނީ ދަށްވި މަސްވެރި ފަރާތްތަކަށް، އިންކަމް ސަޕޯޓް އެލަވަންސް ސަރުކާރުން ދިނިން. އެގޮތުން ކަޅުބިލަ މަހާއި، ބޮޑުކަންނެލީގެ ޞިނާޢަތުގެ 98 ފަރާތަކަށް 1.2 މިލިއަން ރުފިޔާގެ އެހީވެވުނު. ފަރުމަހުގެ މަސްވެރިކަން ކުރާ 1394 ފަރާތަކަށް، ޖުމްލަ 30 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީ ސަރުކާރުން ދިނިން. އަދި ހުއިފިލަނޑައާއި، އިހީގެ ފަރުވެރިކަމުގައި އުޅުނު 362 ފަރާތަކަށް، 8 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީ ސަރުކާރުން ދޫކޮށްފައިވޭ. މި ދެންނެވި 1854 ފަރާތަށް، ޖުމްލަ 39.3 މިލިއަން ރުފިޔާގެ އެހީ ސަރުކާރުން ދެވުނުކަން އުފަލާއެކު އަޅުގަނޑު ފާހަގަކުރަން. އަދި މިއާއެކު، ބޮޑުކަންނެލީގެ މަސްގަންނަ 5 ކުންފުންޏަކަށް 55.4 މިލިއަން ރުފިޔާގެ ލޯނު ސަރުކާރުން ދިނިން. އެއީ ބަލިމަޑުކަމުގެ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމަށްޓަކައި. އަދި ހަމަ އެހެންމެ، އެސް.ޑީ.އެފް.ސީ މެދުވެރިކޮށް، މަސްވެރިކަމުގައި ޙަރަކާތްތެރިވާ 102 ފަރާތަކަށް 144.3 މިލިއަން ރުފިޔާގެ ލޯނު، ސަރުކާރުން ވަނީ ދޫކޮށްފައި. މި ދެންނެވީ، މިދިޔަ އޮކްޓޫބަރުގެ ނިޔަލަށް މި ހިސާބު އޮތްގޮތް.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

އަޅުގަނޑުމެންނަކީ އިންޑިއާ ކަނޑުގައި އޮތް ކަނޑުގެ ސަރަޙައްދު ބޮޑު ޖަޒީރާ ޤައުމެއް. ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާއި، ކާރޫބާރޫގެ ތެރެއިން އުފެދެމުންދާ ނުރައްކާތެރި އުދަބާނި، ރާއްޖޭގެ ހުރަހަށާއި ދިގަށް އެބަ ހިނގާ. ބައިނަލްއަޤްވާމީ ބޮޑެތި ޑްރަގް ނެޓްވާރކްތަކުން، އަބަދާއި އަބަދު ހަރަކާތްތެރިވޭ. ޓެރަރިޒަމާއި އެހެނިހެން ވަގުވިޔަފާރިއާއި، ހަތިޔާރުގެ ޣައިރު ޤާނޫނީ މުޢާމަލާތްތައް ހިންގާ ފަރާތްތައް، މި ސަރަޙައްދުގައި ޙަރަކާތްތެރިވޭ. އަޅުގަނޑުމެންގެ ސަރަޙައްދު ބެލެހެއްޓުމުގައި، އަވަށްޓެރި ޤައުމުތަކާ ގުޅުން ބަދަހިކުރުމަކީ، މި ދެންނެވި މީހުން ރުހޭނެ ކަމެއް ނޫން. ދިވެހިރާއްޖޭގެ ސަރަޙައްދު، އެއްގަމާއި ކަނޑާއި ވައިގެ މަގުން ބެލެހެއްޓޭނެވަރުގެ މަދަދެއް، ރާއްޖެއަށް ލިބުމަކީ، ކުށްވެރިންނަށް ކެތްވާވަރުގެ ކަމެއް ނޫން. ދިވެހި ދައުލަތުގެ ދަށުގައިވާ އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދު، މި ދެންނެވި ބޭނުންތަކަށް ދުލެއްނުކުރެވޭނެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަކީ، މަސްދޯނިފަހަރަށްވުރެ ޑްރަގް ބޯޓްފަހަރު ގިނަވާން ދޫކޮށްލުމެއް ނޫން. އެކަމެއް އަޅުގަނޑުމެން ނުކުރާނަން. ކުރިޔަކަ ނުވެސްދޭނަން.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَىގެ ތަނަވަސް ރަޙްމަތާއި ބަރަކާތާއި ރޯދި އަޅުގަނޑުމެން އެންމެންގެ މައްޗަށް ވެއްސަވައި ތަނަވަސް ކުރެއްވުން. އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތުގައި ފަލާޙާއި ނަޖާތު ލެއްވުން. އަޅުގަނޑުމެން އެންމެންގެ ނިޔަތް ހެޔޮކުރައްވައި - ނުނިޔަތް ނެތިކުރެއްވުން. ދިވެހި ޤައުމަށް ނަޞްރާއި ނަޞީބާއި ކާމިޔާބު އަބަދުގެ އަބަދަށްމެ ލެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.