އިނގިރޭސިވިލާތުގެ ކޮންޒަރވެޓިވް ޕާޓީގެ 126 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިނގިރޭސިވިލާތުގެ މެންޗެސްޓަރއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، ކޮންޒަރވެޓިވް ޕާޓީގެ ލީޑަރު ޑޭވިޑް ކެމަރޫން ދެއްވި ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ކޮންޒަރވެޓިވް ޕާޓީގެ އަހަރީ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ރާއްޖޭގެ ޑިމޮކްރަސީ ހަރަކާތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެމަނިކުފާނުގެ ސަރުކާރު، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއރު، ވާރުތަވެފައިވަނީ އިޤްތިޞާދީ ކާރިސާއެއް ކަމަށާއި، މިއީ ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމާއި، ކުރީ ސަރުކާރުން ގެންގުޅުއްވި އިޤްތިޞާދީ ދޯހަޅި ސިޔާސަތުތަކެއްގެ ސަބަބުން ކުރިމަތިވެފައިވާ ކާރިސާއެއް ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، މިއަނދަވަޅުން އަރައިގަނެ، އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން ފުއްދައިގެ ޤައުމުގެ ކަންތައްތައް ކުރިޔަށް ގެންދެވުމަށް މިހާރު ފިޔަވަޅުތަކެއް އަޅުއްވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި، ކޮންޒަރވެޓިވް ޕާޓީގެ ލީޑަރ ޑޭވިޑް ކެމަރޫނާ ބައްދަލުކުރައްވައި، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ސަރުކާރުން ވެވަޑައިގެންފައިވާ ފަސް ވަޢުދު ފުއްދެވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އިނގިރޭސިވިލާތުގެ ޝެޑޯ ފޮރިން ސެކްރެޓަރީ ވިލިއަމް ހޭގާއި، ޝެޑޯ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ އެނަރޖީ އެންޑް ކްލައިމެޓް ޗޭންޖް ގްރެގް ކްލާކާވެސް ބައްދަލުކުރައްވާފައެވެ.