ސަރުކާރުން އިސްކަންދެނީ އަގަކަށް އަގެއް ދިނުމުގެ ބަދަލުގައި، ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ކަމަށާ، މިގޮތުން އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، މަހުގެ އަގު މަތިވާން ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މި އަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކ. ގާފަރުގައި މިރޭ ބޭއްވެވި މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ކޯވިޑް-19 ގެ ބަލިމަޑުކަމުގައި، މުޅި ދުނިޔެއާ ރާއްޖެ ހުއްޓިގެން ދިޔަ އިރު ވެސް ނުހުއްޓި ހިނގަހިނގާ އޮތް އިގްތިޞޯދުގެ ލޭނާރަކަށްވީ މަސްވެރިކަން ކަމަށާއި، މި ސަރުކާރުގެ މިސްރާބަކީ މައުނަވީ ގޮތެއްގައި، އިޚްލާޞްތެރި ނިޔަތަކާ އެކު، ދެމެހެއްޓެނިވި މަސްވެރި ސިނާޢަތެއް ބިނާކުރުމެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ދުވަސް ރަސްމީކޮށް ފާހަގަ ކުރަން ފެށިފަހުން މިއަދަކީ ދިވެހިރާއްޖޭގެ 41 ވަނަ މަސްވެރިންގެ ދުވަސް ކަމުގައި ވިޔަސް ހަޤީޤަތަކީ ދިވެހިންގެ ޙަޔާތުގައި މަސްވެރިންގެ ދުވަސް ނޫން ދުވަހެއް، ދުވަހަކު ވެސް ނާންނަ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުން ފެންނަ ބަދަލު ގޮސްނިމޭނީ، ފުރަތަމަ ކުރަންވާ ކަންތައް ފުރަތަމަ ނިންމާ އުޞޫލަށް ކަމަށާއި، އެހެންކަމުން މަސްވެރިންނަށް އަވަހަށް ފައިސާ ދިނުން އެއީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި އޭގެ ފަހަތުގައިވާ ސަބަބަކީ މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީ ހުރުންކަމަށާއި، އޭރު މަސްވެރިން އެންމެ ބޮޑަށް ކުރަމުން އައި އެއް ޝަކުވާއަކީ، ކިރާ މަހަށް، އަވަހަށް ފައިސާ ނުލިބުމުގެ ޝަކުވާ ކަމަށްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 39.5 މިލިއަން ރުފިޔާ ސަރުކާރުން ދީ ޚަލާސް ކޮށްފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހާރުގެ ސިޔާސަތަކީ ގިނަވެގެން ހަފްތާއެއް ތެރޭގައި ކިރާ މަހަށް ފައިސާ ދީ ނިންމުންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މަހުގެ އަގު ކަނޑައެޅުމުގައި އެންމެ މުހިންމީ މަހުގެ ކޮލިޓީކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަހުގެ ކޮލިޓީ އެގޮތުގައި ހިފެހެއްޓުމަށްޓަކައި ވަށާޖެހޭ ނިޒާމެއް ސަރުކާރުން ބިނާ ކުރަމުން ދާކަމުގައި ހާމަކުރައްވާފައެވެ. އަދި މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ބޮޑު އިންވެސްޓެއް ކުރާ ސަބަބަކީ އެއީ ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިޔަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި، ކ. ގާފަރުގެ އިތުރުން، ރ. މަޑުއްވަރި އަދި ހއ. ހޯރަފުށީ އައިސްޕްލާންޓްގެ މަސައްކަތް ނިމިފައިވާކަމަށާއި، ފެލިވަރުގައި އިތުރު 50 ޓަނުގެ އައިސްޕްލާންޓެއް ވަނީ ޤާއިމުކުރެވިފައި ކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި، މީގެ އިތުރުން، އިތުރު 12 އަތޮޅެއްގައި ޖުމުލަ 18 އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

އަލަށް މި ހުޅުވުނު އައިސްޕްލާންޓް ތަކާއެކު، އަދި އިތުރަށް ޤާއިމުކުރެވޭ ކުރިން މިދެންނެވި އައިސްޕްލާންޓްތައް ނިމުމުން، ހެޔޮބަދަލަކުން ބޮޑުތަފާތެއް ފެންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އޭރުން މަހެއްގެ މައްޗަށް ޖުމްލަ 15000 ޓަނަށް ވުރެ ގިނައިން އައިސް އުފެއްދޭނެ ޤާބިލްކަން ދިވެހި މަސްވެރިކަމުގެ ސިނާޢަތަށް އިތުރުވެގެންދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅުތަކާއި ސިޔާސަތުތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ތަފްޞީލުކޮށް ހާމަކުރައްވާފައެވެ.

މިގޮތުން މަހުގެ ސިނާޢަތް ފުޅާކޮށް، އޭގެ ނަފާ އިތުރުކުރެވޭނީ ހަމައެކަނި ރޯ މަސް އެކްސްޕޯޓް ކުރުމުގެ ވިސްނުން ދޫކޮށްލައި، އޭގެ ބަދަލުގައި ބާނާ މަހަށް އެކުވި-އަގެއް ލިއްބައިދެވޭނެ ވެލިއުއެޑެޑް އުފެއްދުންތަކުގެ ގޮތުގައި މަސް
 އެކްސްޕޯޓް ކުރެވިގެން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މިކަމަށްޓަކައި ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން ފެލިވަރު އެކްސްޕޭންޝަން ޕްރޮޖެކްޓްގެ މަސައްކަތަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ދައުލަތުގެ ވަޒީރުން އަދި ސަރުކާރުގެ އިސް ވެރިން ވަނީ މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.