‎ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މަސްވެރިންގެ ދުވަހުގެ ޝުއޫރު ފާޅުކުރުމުގެ ގޮތުން މިއަދު މެންދުރު ގުޅީފަޅު ސަރަޙައްދު ކަނޑުމަތީގައި ބޭއްވި ހަރަކާތުގައި ބައިވެރިވެވަޑައިގެން، މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެންފައިވަނީ ސަރުކާރުން މިއަހަރު ރާއްޖޭގައި މަސްވެރިންގެ ދުވަސް ރަސްމީގޮތެއްގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ކ. ގާފަރަށް ވަޑައިގަތުމުގެ ދަތުރުފުޅުގެ ތެރެއިންނެވެ.

‎ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދިޔަ މަސްވެރިންގެ ދުވަހުގެ ޝުއޫރު ފާޅުކުރުމުގެ ހަރަކާތުގައި އެ ޔޫނިއަންގެ ފަރާތުން ވަނީ މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރަށް ހުށައަޅާފައެވެ. އެގޮތުން އެބޭފުޅުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މާލޭގެ ބަނދަރުގެ ދަތިކަމާއި، ކަންނެލި ގަންނަ އެންމެ ކުޑަ އަގެއް ކަނޑައެޅުމާއި، ފޯރާ އަގެއްގައި ސެޓަލައިޓް ފޯނުގެ ޚިދުމަތް މަސްވެރިންނަށް ދިނުމާއި، ބޭރުގެ މަސްބޯޓުތަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދާއެޅުން ހުއްޓުވުމާއި، އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ޤާނޫނު އެކުލަވައިލުން ހިމެނެއެވެ. މި ހަރަކާތުގައި ކަންނެލި މަސްވެރިން ވަނީ އައިސް ފޯރުކޮށްދިނުމުގައި ގެންގުޅޭ ތަފާތުތައް ނައްތާލައި އެއް އަގެއްގައި އައިސް ލިބޭނެ މަގު ފަހިކޮށްދެއްވާފައިވާތީ އެކަމަށްޓަކައި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

‎މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާ، ދިވެހިރާއްޖޭގެ 41 ވަނަ މަސްވެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ލޮބުވެތި މަސްވެރިންނަށާއި މަސްވެރި ޢާއިލާތަކަށް އަރިސް ކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޯވިޑްގެ ޙާލަތުގައި ދިވެހިރާއްޖޭގެ އިޤްތިޞޯދު ހިފެހެއްޓިީ މަސްވެރިން ކަމުގައި ވިދާޅުވެ، މަސްވެރިންގެ ބުރަ މަސައްކަތް ފާހަގަކުރައްވާފައިވެއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސަރުކާރުގެ ސިޔާސަތުތައް ތަފްސީލުކޮށްދެއްވާ، މަހުގެ ހަމަ އަގު މަސްވެރިންނަށް ހޯދައިދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ސަރުކާރުން ސިޔާސަތުތައް ކަނޑައަޅަނީ އެ ދާއިރާއެއްގެ އެންމެހާ ފަރާތްތަކާއި މަޝްވަރާކުރެވިގެން އެފަރާތްތަކުގެ އަޑުއަހައިގެން ކަމުގައި ވިދާޅުވިއެވެ.

‎"މަސްވެރިކަމާ ބެހޭގޮތުން ކުރިއަށްއޮތް ސިޔާސަތުތައް އަޅުގަނޑުމެން ކަނޑައަޅަމުންގެންދާނީ ތިބޭފުޅުންގެވެސް އަޑުއަހައިގެން، ތިބޭފުޅުންނަށްވެސް އެންމެ ފައިދާހުރި ގޮތަކަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަސްވެރިން ފާހަގަކުރެއްވި ދެ ޤާނޫނުގެ ބިލް މިހާރު ޑްރާފް ކުރެވިފައިވާކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް ދައުރުގެ ތެރޭގައި މަޖިލީހުން އެ ބިލްތައް ފާސްކުރުމަށް ބާރުއަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، އިރާދަކުރެއްވިއްޔާ މަސްވެރިންގެ ކަންބޮޑުވުންތަކުގެ ލިސްޓުގައި ހުރި ކަންތައްތަކާ ކުރިމަތިލައްވައި، ލަސްނުވެ އެއަށް ހައްލު ހޯދައިދެއްވައި، އެކަމުގެ މައުލޫމާތުތައް ހިއްސާކުރައްވާނެކަމުގައި ވިދާޅުވިއެވެ.

‎މި ހަރަކާތުގެ ތެރެއިން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ވަނީ އެ ޔޫނިއަންގެ ލޯގޯޖެހި ޓީ-ޝާޓެއް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކޮށްފައެވެ.