ސްރީލަންކާގެ ޤައުމީ ވޮލީ ބޯޅަ ޓީމާއި، ދިވެހިރާއްޖޭގެ ޤައުމީ ވޮލީ ބޯޅަ ޓީމް ބައްދަލުކުރި ރަޙްމަތްތެރިކަމުގެ މެޗް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.

މި މެޗް ފެށުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ވޮލީ ބޯޅަ ޓީމުގެ ޖާޒީ ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވާފައެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިރޭ ކުޅުނު ފޯރިގަދަ މި މެޗް 3 ސެޓް 1 ސެޓުން ކާމިޔާބުކުރީ ލަންކާ ޓީމެވެ.

މިރޭގެ މެޗަކީ، ބަންގްލަދޭޝްގައި މި މަހު ކުރިއަށްދާ "ބަންގަބަންދު އޭޝިއަން ސެންޓްރަލް ޒޯން މެންސް އެންޑް ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް-2021" އަށް ތައްޔާރުވުމަށް ކުޅުނު ރަޙްމަތްތެރިކަމުގެ މެޗެކެވެ.