ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރު ފާހަގަކުރުމުގެ ގޮތުން އަންނަ އަހަރު 1 ޖަނަވަރީ 2022 އިން ފެށިގެން "2022: ފަތުރުވެރިކަމުގެ ރަން އަހަރު" ގެ ލޯގޯ ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ރަސްމީ ލެޓަރ ހެޑާއި އީމެއިލް ފުޓަރގައި ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ހަމަޖެއްސެވީ، 7 ޑިސެންބަރު 2021 ވީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރު ފާހަގަކުރުމާބެހޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހުގައެވެ.

2022 ވަނަ އަހަރަކީ، ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާ އަހަރުކަމަށްވާތީ، އެ އަހަރު ކުލަގަދަ ގޮތެއްގައި ފާހަގަކުރެއްވުމުގެ ގޮތުން އެ އަހަރަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ލޯގޯ މިހާރު ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމުން އިފްތިތާޙްކުރައްވާފައެވެ. މި ލޯގޯ ފަރުމާކޮށްފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ރަމްޒުވާ ސިފަތައް ހިމަނައިގެންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައްޔާއި، ރާއްޖެއިން ބޭރުގައި އޮންނަ އެކިއެކި ފެއަރތަކާއި ބައްދަލުވުންތަކުގައި މި ލޯގޯ ބޭނުންކުރާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށާއި، ރާއްޖެއިން ބޭރުގައި މި ލޯގޯ ބޭނުންކުރާނީ އިނގިރޭސިބަހުން ކަމަށްވެސް ވަނީ ހަމަޖައްސަވާފައެވެ.