ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހދ. ނޮޅިވަރަންފަރު ކައުންސިލާއި، ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ސްކޫލުގެ ޖާގައިގެ ދަތިކަމާއި އޭޓީއެމްގެ ޚިދުމަތް ބޭނުންވާކަމާއި މަގުހެދުމާއި ޞިއްހީ ޚިދުމަތް ތަރައްޤީކުރުމަށް ބޭނުންވާކަންކަމާއި ބޭސް ލިބުމުގައި ހުރި ދަތިތަކާއި އެމްބިއުލާންސްގެ ޚިދުމަތް މެދު ނުކެނޑި ލިބުމުގެ މުހިންމުކަމާއި ރަށުގެ ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ އިތުރުން ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯދުމާއި އަދި ރަށުގެ އިޤްތިޞާދީ އިޖްތިމާޢީ ކުރިއެރުމަށް ބޭނުންވާކަންކަން ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ތަރައްޤީއަށް ކުރިޔަށް ގެންދިއުމަށް ކައުންސިލުން ރާވާފައިވާ ކަންކަމާއި ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ކައުންސިލުން މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން އެ ރަށުގެ މަގުހެދުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަންމުގައި ވެސް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.