بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސް ވެރިންނާއި މުވައްޒަފުން، މިރޭ "ރިވެލި އެވޯޑް" އަދި "ރިވެލި ތަރި" ޙާޞިލް ކުރެއްވި ފަރާތްތައް، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑުމެން މިރޭ އެއްވެ މިތިބީ، އަޅުގަނޑުމެންގެ ހިތްތަކުގައި، ވަރަށް ޚާއްޞަ މަޤާމެއް ދެވިފައިވާ ބައެއްގެ އަގު ވަޒަންކުރުމަށް. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެ މީހުންގެ ލާބަޔަށް އެކި ފަރާތްތަކުން ކުރައްވާ ޚިދުމަތަކީ، އެއްވެސް ގޮތަކުން އަގުކުރެވޭވަރަށްވުރެ، މާ ފުރިހަމަ އަދި އެހާމެ މަތިވެރި ޚިދުމަތްތަކެއް.

އެހެން ނަމަވެސް، އެ މުހިންމު ޚިދުމަތުގެ އަގު، ދައުލަތުގެ ފަރާތުން ކޮންމެވެސް ސިފައެއްގައި ވަޒަންކުރުމަކީ، ކުރަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން. އަދި އެ ޚިދުމަތްތަކަށް ހިތްވަރު ދިނުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ދެމުން އަންނަ ރިވެލި އެވޯޑުގެ އެންމެ މުހިންމު މަޤްޞަދަކީ، މި ދެންނެވި ޚިދުމަތުގެ އަގު ވަޒަންކުރުން. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ޤަދަރާއި އިޙްތިރާމް ފާޅުކުރުން.

އެހެންކަމުން، މިރޭ ރިވެލި އެވޯޑާއި ރިވެލި ތަރި ޙާޞިލު ކުރެއްވި ހުރިހާ ފަރާތްތަކަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރިކްބާދު ދަންނަވަން. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އެންމެހައި ފަރާތްތަކަށް އައްސަރިބަހާއި ސާބަސް ދަންނަވަން.

އާދެ، އަޅުގަނޑުމެން އެންމެން އަދިވެސް މިއުޅެނީ ކޯވިޑް-19ގެ ދަތިކަމުގެ ތެރޭގައި. މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ވަރަށްދަތި އުނދަގޫ ތަޖުރިބާތަކެއްވެސް އަޅުގަނޑުމެން ކޮށްފިން. ނަމަވެސް، ކޯވިޑް-19ގެ ދަތިކަމުގެ ތެރޭގައިވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ އާއިލާތައް ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް އަދި މާގިނަ. އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންވެސް ވަރަށް ގިނަ ހުރަސްތަކެއްވަނީ ކުރިމަތިވެފައި.

މިކަންކަމަށް ރިއާޔަތްކޮށް، ސަރުކާރުން ޚާއްޞަ އެކްޝަން ޕްލޭނެއް އެކުލަވައިލައި، މިދަތިތަކުން އަރައިގަތުމުގައި އެހީތެރިވުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. ކޯވިޑުގެ ސަބަބުން އެކި ދާއިރާތަކުން ލިބުނު ގެއްލުންތައް ވަޒަންކުރިއިރު، ވަޒީފާގެ ބާޒާރަށް ކުރިމަތިވި ލޮޅުންތައް ވަރަށްބޮޑުކަން ފާހަގަކުރެވުނު.

ބައެއް މީހުންގެ ވަޒީފާ ގެއްލިގެންދިޔަ. ވަޒީފާގައި ދެމިތިއްބަސް، އާމްދަނީ ވަރަށް ބޮޑަށް ދަށަށްދިޔަ މީހުންވެސް މަދެއްނޫން. ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ އެއްވެސް މީހެއްގެ ވަޒީފާއަށް އެއްވެސް ބަދަލެއް ނާންނަކަމީ، އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. އަދި ކޯވިޑުގެ ދަތިކަމުގެ ތެރޭގައިވެސް، ނުކުޅެދުންތެރިކަން ހުންނަ 25 މީހަކަށް، ފެނަކައިން އިތުރަށް ވަޒީފާ ދިންކަން، އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކުރަން.

އަޅުގަނޑުމެން އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫން. އަދި ކޮންމެ މީހަކީވެސް، އެހެން މީހުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ މީހެއް. މުޖުތަމަޢެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މިއުޅެވެނީވެސް، އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުންދޭތީ. އެހެންކަމަށްވަންޏާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެ އަޅައިލުމަކީ، މާބޮޑަށް އިސްކަންދޭންޖެހޭ ކަމެއް.

ދައުލަތުގެ ފަރާތުން ޚިދުމަތް ދިނުމުގައިވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދީގެން، އަދި ހަމަޖައްސައިދިނުމަށް، ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. އެފަދަ އެއްކަމަކީ، 2019 ވަނަ އަހަރު ފެށި ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް. އެ ޕްރޮގްރާމްގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން މިހާރުވާނީ އިރާދަކުރެއްވިއްޔާ ހުއްޓުމަކަށް ގެނެވިފައި.

މި ދެންނެވި ފަރުވާއަށް 2019 ވަނަ އަހަރު 3.1 މިލިއަން ރުފިޔާ، އަދި 2020 ވަނަ އަހަރު 7.2 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވުނު. އަދި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް، 18.2 މިލިއަން ރުފިޔާ މިހާތަނަށް ޚަރަދު ކުރެވިއްޖެ.

އެނގިވަޑައިގަންނަވާނެ، ކޯވިޑުގެ ދަތިކަމުގެ ތެރޭގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް، ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވި. އެހެން ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މާލީ އެހީ ދިނުމުގެ ޕްރޮގްރާމަށް، ސަރުކާރުން އެއްވެސް ބަދަލެއް ނުގެންނަން. އެއްވެސް މިންވަރެއް އުނިނުކޮށް، މަހުން މަހަށް އެހީތެރިކަން ފޯރުކޮށްދެވުނު.

މިވަގުތު ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެކި އާލާތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް. އެކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ލަފަޔާއި މަޝްވަރާ ސަރުކާރުން ހޯދިން. އަދި ސަރުކާރުން ހުއްދަކުރާ އެފަދަ އާލާތްތަކުގެ ލިސްޓެއް މިހާރު ވާނީ އެކުލަވާލައިފައި.

އަޅުގަނޑަށް ފެންނަ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ގުޅޭގޮތުން މިހާރު ހިންގާ ޕްރޮގްރާމްތަކަށް ބަދަލުތަކެއް އެބަ ގެންނަންޖެހޭ. އެއީ އެފަދަ މީހުންނާއި ކުދިން ބާރުވެރިކުރެވޭފަދަ ގޮތަކަށް، އެ ޕްރޮގްރާމްތައް ބައްޓަންކުރުން. އެފަދަ ޕްރޮގްރާމްތަކުގެ އެންމެ އެދެވޭ ނަތީޖާއެއް ޙާޞިލް ކުރެވޭނީ އޭރުން.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން މިރޭ އެވޯޑް ޙާޞިލް ކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް، އަދި މިދިޔަ އަހަރު އެވޯޑް ޙާޞިލް ކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް، ވަރަށް ފަންނުވެރި ހުނަރުވެރިން އެބަތިބި. އަޅުގަނޑުމެން ކުރަންވީ ކަމަކީ، އެފަދަ ބޭފުޅުންގެ ހުނަރުތައް ތަރައްޤީ ކުރުމަށް ފުރުޞަތުތައް ފަހިކޮށްދިނުން.

އޭރުން އެފަދަ ބޭފުޅުންގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން އިތުރަށް ތަރައްޤީވެ، މުޖުތަމަޢަށާއި މުޅި ޤައުމަށްވެސް، މިހާރަށްވުރެ އެތައް ގޮތަކުން މަންފާކުރާނެ. އަދި އެއީ އެބޭފުޅުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށްވެސް ލިބޭ އަގުހުރި ފުރުޞަތަކަށްވާނެ.

މިނޫނަސް، އެފަދަ ބޭފުޅުންގެ ޙާލަތު ރަނގަޅު ކުރުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަންތައްތައް އެބަހުރި. އަޅުގަނޑަށް ފެންނަ އެންމެ މުހިންމު އެއްކަމަކީ، އަޅުގަނޑުމެންގެ އަޅައިލުމާއި ލޯތްބާއި އޯގާތެރިކަން، މިހާރަށްވުރެ ފުރިހަމައަށް އެބޭފުޅުންނަށް ދިނުން. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެހީތެރިވުމަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެއްބައި ކަމުގައި ހެދުން.

އޭރުން އެބޭފުޅުންގެ ޙަޔާތުން އެކަނިވެރިކަމާއި ހިތްދަތިކަން ފިލައިގެން ގޮސް، މާ އުފާވެރި ދިރިއުޅުމަކަށް މަގުފަހިވެގެންދާނެ. މުޖުތަމަޢުގައި ހަމަހަމަ ފުރުޞަތުތައް ލިބިގެންވާކަމާއި، ތަފާތުކުރުމެއް ނުގެންގުޅޭކަން އިޙްސާސް ކުރެވޭނެ. މިއީ އެއްވެސް ހޭދައެއް ނުކޮށް، މާބުރަ މަސައްކަތަކާނުލައި، އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމަޢުގެ ވަރަށް މުހިންމު ޙިއްޞާއެއް. ނަމަވެސް، އެ ޙިއްޞާ ފުރިހަމަވެގެންދާނީ، ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން، ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި މުޅި މުޖުތަމަޢު އެކުގައި މަސައްކަތްކޮށްގެން. އެ ނިޒާމު ފުރިހަމަކުރުމަކީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެއްކަން ޤަބޫލުކޮށް، އެކަމަށް މަސައްކަތް ކޮށްގެން.

އަޅުގަނޑުގެ އުންމީދަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް، ސަރުކާރުން މި ކުރާ މަސައްކަތް، މުޖުތަމަޢުގެ ބައިވެރިވުމާއި އެއްބާރުލުމާއެކުގައި، މިހާރަށްވުރެ ފުރިހަމަވެގެންދިޔުން. އަދި އަޅުގަނޑުމެން އެންމެންނަކީވެސް، މުޖުތަމަޢުގައި ތިބި އެފަދަ މީހުންނާއި ކުދިންނަށް އެހީތެރިވެ އެއްބާރުލުން ދޭ ބަޔަކު ކަމުގައިވުން.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް، އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ދުވަސްތަކެއް اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. އަޅުގަނޑުމެންނަކީ، އެކަކު އަނެކަކަށް ލޯތްބާއި އިޙްތިރާމާއި، އޯގާތެރިކަމާ އެކުގައި މުޢާމަލާތުކުރާ ބަޔަކު ކަމުގައި ލައްވައި، ދިވެހިރާއްޖެއަށް އަބަދުވެސް ކުރިއެރުމާއި ފާގަތިކަން އެކަލާނގެ މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.