بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

 الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމް، އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ. ޝާހިދު ޙުސައިން މޫސާ، ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު، ކައުންސިލްގެ މެންބަރުން، ދައުލަތުގެ އިސްވެރިން، އަދި މިއަދު އަޅުގަނޑުމެންގެ މި ޙަފްލާގެ އެންމެ މުހިންމު ބައިވެރިން ކަމުގައިވާ ހޯރަފުށީގެ އަދި މި އަތޮޅުގެ ޢިއްޒަތްތެރި އެންމެހައި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މާތް ދުވަހެއްގެ މި ވަގުތު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުމުން، ހޯރަފުށީގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންގެ އެންމެންނަށް އެ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އެންމެހައި ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި، ފަށަމުންވެސް އެންމެހައި ބޭފުޅުންނަށް ވަރަށް ބާއްޖަވެރި ދުވަހަކަށް އަޅުގަނޑު އެދެން.

އާދެ، އެއަރޕޯޓަށް އެއް އަހަރު ފުރިގެން، އެކަން ފާހަގަކުރާ ދުވަހު، އަނެއްކާ މިއޮތީ ރައްޔިތުންނަށް އެހާމެ ބޭނުންވެފައި އޮތް ބޮޑު ޕްރޮޖެކްޓެއްގެ ފެށުން. އާދެ، އެނގިވަޑައިގަންނަވާނެ، އެއަރޕޯޓުގެ މަސައްކަތް ހިނގަމުންދިޔައީވެސް މުޅި ދުނިޔެ، މުޅި ޤައުމު ދެކެފައިނުވާފަދަ ދަތި އުނދަގޫ ދުވަސްވަރެއްގައި. އާދެ، އެހެން ނަމަވެސް، ދެންމެ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދުވެސް އެ ވިދާޅުވިގޮތަށް، ރައސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ ހުރިހާ ރަށްތަކަށް ވަޑައިގެން، ހުރިހާ ރައްޔިތުންނާ ބައްދަލުކުރައްވައި ވަޢުދުތަކެއް ވެވަޑައިގެންނެވި. ދަތި އުނދަގޫ ކަންތައްތަކެއްގެ ތެރެއިންވެސް ރައީސުލްޖުމްހޫރިއްޔާ އަހަންމިއްޔަތުކަން ދެއްވީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށްޓަކައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް.

އާދެ، އަޅުގަނޑުމެންނަށް ޕްރޮޖެކްޓްތައް ހިނގާތަން ފެންނަނީކީ ހަމައެކަނި ހިކިފަސްތާކުނޫން. އަޅުގަނޑުމެންގެ އިސްކޮޅު ނުޖެހޭ ފަޅުތަކުގައިވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ހަމަ އުތުރުން ދެކުނަށް ބޮޑެތި މަޝްރޫޢުތައް ހިނގާ މަންޒަރު. އާދެ، މިއަދު ދިވެހި ރައްޔިތުން ބަލަންވީ ކަމަކީ ޒަމާނުއްސުރެ ފެށިގެން އެއީ އަޅުގަނޑުމެންގެ އާދައެއް ކަމުގައި ދުށް އެއް ކަމެއްގެ ގޮތުގައި މިއޮތީ ކުދި އާބާދީތައް، ކުދި ރަށްތައް ތަންކޮޅެއް އެއްފަރާތަށް ޖައްސާލުން. އާދެ، މިއަދުގެ ރައީސް، އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކަމަކީ، ދިވެހި ރައްޔިތުން ފާހަގަކުރައްވާ ކަމަކީ، ތަފާތުކުރުމެއްނެތި ރައްޔިތުންނަށް އާދެ، ކުދި އާބާދީވިޔަސް، ބޮޑެތި އާބާދީތައްވިޔަސް، މި ދެންނެވި ގޮތަށް، އެންމެ ބޭނުންވާ ކަންތައްތަކަށް އިސްކަން ދެއްވައިގެން މަސައްކަތްތައް ކުރައްވާކަން.

އާދެ، ރައީސް އަޅުގަނޑުމެންނަށް ފާހަގަވަނީ، ރައްޔިތުންގެ ރަޙްމަތްތެރިއެއްގެ ގޮތުގައި. ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި. އާދެ، މިއީ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ މި ޤައުމު ނުދެކޭފަދަ ބޭފުޅެއް. މި ވާހަކަ އަޅުގަނޑުމެން ދެއްކީ 2018ގައި. އަޅުގަނޑުމެން އެ ދުވަހުވެސް މިކަހަލަ ސްޓޭޖުތަކަށް އަރައި، ރައްޔިތުންނަށް އަޅުގަނޑުމެން ދިން ޔަޤީންކަމަކީ، މި ވެގެންދާނީ ދިވެހިރާއްޖެ ނުދެކޭފަދަ، ރައްޔިތުންނަށް އޯގާތެރި، ރައްޔިތުންނަށް އަޅާލައި، ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންތައްތަކަށް އިސްކަންދެއްވާ، ކުދި ބޮޑު އާބާދީގެ ތަފާތުކުރުމެއްނެތި ޤައުމު ތަރައްޤީކުރަން 21 ވަނަ ޤަރުނަށް ބޭނުންވާފަދަ ޖީލެއް ތައްޔާރުކުރުމަށްޓަކައި ހީވާގިކަމާއެކު މަސައްކަތް ކުރައްވާނޭ ބޭފުޅެއް. އާދެ، މިއަދު އަޅުގަނޑުމެން އެ ވާހަކަ ދިގުކޮށް ދައްކާކަށް ނުޖެހޭ. އަޅުގަނޑަށް ހަނދާންކުރަން އުނދަގޫ ޕްރޮޖެކްޓްތަކުގެ އަދަދު ގިނަވީމާ. މަދުނަމަ ވަރަށް ފަސޭހަވާނެ ހަނދާންކޮށްލަން، އަޅުގަނޑުމެންނަށް މިގޮތަށް ބުނެލެވެން. އެހެންނަމަވެސް، އެމް.ޓީ.ސީ.ސީ. އަށް އެކަނި ބެލިނަމަވެސް، ނިންމި ޕްރޮޖެކްޓްގެ އަދަދުވެސް ފަންސާހުން މައްޗަށް އަރާ. ހިނގަމުންދާ ޕްރޮޖެކްޓްތަކުގެ އަދަދު ފަސްދޮޅަހުން މައްޗަށް އަރާ. ކުރަންހުރި ކަންތައްތައް އަދި އެއަށްވުރެ ގިނަވާނެ.

އާދެ، ތަރައްޤީއަކީ، މަޝްރޫޢުތަކަކީ ހެޔޮ ކަންތައްތަކަކީ، ދުވަހަކުވެސް ނިމުމެއް އަންނަ ކަމެއް ނޫން. ފެނަކަ އެނގިވަޑައިގަންނަވާނެ، ރަށްރަށަށް ދިޔައިރު ރައްޔިތުންގެ އެންމެ ޝަކުވާ ބޮޑުވެގެންދިޔައީ ކޮން ކަމަކަށްކަން. އަބަދު ކަރަންޓު ކެޑޭނެ، އެންމެ އާދައިގެ ކޭބަލް އަޅާފައި ހުންނަނީ، އިންޖީނުގެ ހުންނާނީ ރަށުގެ އެންމެ އާބާދީ ބޮޑު ތަނުގެ މެދުގައި. އޭރު ފުރާޅުން ފެންފޮދެއް ބުއިމަކީވެސް އަޅުގަނޑުމެންނަށް ނުރައްކާތެރިކަމަކަށް ވެފައި އޮތީ. މިއަދު ފެނަކާއަށް ބަލައިލިނަމަވެސް، އަޅުގަނޑަށް ބުނަން އުނދަގޫ. އެކަމަކު އަޅުގަނޑަށް އެނގެނީ ސާޅީހަކަށް މަޝްރޫޢު ނިންމައިފި. އަދި އެއަށްވުރެ ގިނަ މަޝްރޫޢު ކުރިޔަށް އެބަދޭ. އެތައް މީޓަރެއްގެ ކޭބަލް ބަދަލުކޮށް، ޓްރާންސްފޯމަރުތައް ބަހައްޓައިފި.

ދެން ޖެހިލަންވީ ތަޢުލީމީ ދާއިރާއަށް. ރޭގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އޯލެވެލް އިމްތިހާނުން މަތީ ވަނަތައް ހޯދި ލޮބުވެތި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިނާމު ދެއްވިތަން. ޕެންޑަމިކްގައި ވަރަށް ދަތި އުނދަގޫ ގޮތަކަށް އޮއްވައި، ތަޢުލީމު ކަންތައްތައް ކުރިޔަށް ގެންދެވީ. އާދެ، އަޅުގަނޑުމެންނަށް ފެނުނީ، އެ ޙާލަތުގައިވެސް ވަރަށް ރަނގަޅަށް ތަޢުލީމު ފޯރުކޮށްދެއްވިތަން. ތަޢުލީމު ފޯރުކޮށްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެ ދެއްވި ސަމާލުކަން، އެ އަހަންމިއްޔަތުން އަޅުގަނޑުމެންނަށް ފެނުނީ އެތައް ސަތޭކަ ކުދިންނެއް، ދުނިޔޭގެ ރަން ވަނައިގައި ހިމެނިގެންދިޔަތަން. ކޮބައިތޯ މިއަށްވުރެ މުހިންމު ކަމަކީ؟ ސަރުކާރެއް އޮތުމުގެ ބޭނުމަކީ ކޮބައިތޯ؟ ރަނގަޅު ދަރިންތަކެއް އުފެއްދުން. ތަޢުލީމީ ދާއިރާއަށް އެކަނި ބެއްޔަސް، މީހުން ބިނާކުރުމާއި، ތަމްރީނު ކުރުން ދުވަހަކުވެސް، ދުވަހަކުވެސް މި ޤައުމުގައި ހިލޭކޮށްނުދޭވަރަށް، މުޅި ތާރީޚުގައި ކޮށްނުދޭވަރަށް، ތިން އަހަރުގެ ތެރޭގައި މިއޮތީ ރައީސުލްޖުމްހޫރިއްޔާ އެ ވަޢުދު ފުއްދަވާފައި. އެ ކަންތައްތައް ކޮށްދެއްވާފައި. އާދެ، އެގާރަހާސް އެތައް ސްކޮލަރޝިޕެއް ދެއްވައި އެތައް ސަތޭކަ ބަޔަކު ޓްރެއިން ވެގެން މިދަނީ. ދައުލަތުން ކުރާ ހޭދަ އެހާމެ ބޮޑު. ތަޢުލީމީ ދާއިރާއަށް އެކަނި ބެއްޔަސް، ހަތަރު ބިލިއަނުން މައްޗަށް އަރާ. ކޮބައިތޯ ޞިއްޙީ ކަންތައްތައް، ކޮން ތަނެއްގައިތޯ ތަރައްޤީ ކުރުމުގެ ކަންތައްތައް ކުރިޔަށް ނުދަނީ. މި ހއ. ހދ. އިން ފެށިގެންގޮސް، ސ. އަތޮޅާ ޖެހެންދެން ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ރަށުގައި ތިބެގެން، އަތޮޅުގައި ތިބެގެން، އެއްކަލަ ގަދަ ކަނޑުގައި ދަތުރު ނުކޮށް ޚިދުމަތް ލިބިގަތުމަށްޓަކައި، ކޮންފަދަ ބޮޑެތި މަސައްކަތްތަކެއްތޯ މި ކުރަނީ. މިއީ އަޅުގަނޑުމެންގެ ތިބި އެތައް ލައްކަ ރައްޔިތުންގެ ލޮލުގެ ކުރިމައްޗައް ފެންނަ ކަންތައްތައް. މިއަދު އަޅުގަނޑުމެން ދައްކަންވީ މި ވާހަކަ.

އަޅުގަނޑުމެން މަގުމައްޗައް ނުކުމެ ދައްކަންވީ ކޮންމެވެސް ބަޔަކު ބޭރުކުރާ ވާހަކައެއް ނޫން. ފިތުނަފަސާދައިގެ ވާހަކައެއް ނޫން. ކާކުތޯ ޖަލުގައި ހުރީ؟ ކޮން ސިޔާސީ ދަޢުވާއެއްތޯ ކުރީ؟ ހަމަޖެހިގެން މިއުޅެނީ، ބިރުވެރިކަމެއްނެތި މިއުޅެނީ. އޮންނަ ޙުދޫދުގެ ތެރެއިން ބޭނުން ވާހަކައެއް އަޅުގަނޑުމެންނަށް އެބަ ދެއްކޭ. މަގުތަކަށް ނުކުމެވޭ. ބޭނުންވާ ބަސްބުނެ ޓުވީޓް ކުރެވޭ. ފޭސްބުކްގައި ލައިކް ޖެހޭ. މިނިވަންކަން އެބައޮތް. މިއީ ދިވެހި ރައްޔިތުން ބޭނުންވި ކަންތައް. މީގެ ތިން އަހަރު ކުރިން އަޅުގަނޑަށްވެސް އޮތީ ޓެރަރިޒަމްގެ 8 އަހަރުގެ ދަޢުވާ. ދެން ތިޔަބޭފުޅުން ޤަބޫލު ކުރައްވާ، އަޅުގަނޑަކީ ހަމަގައިމުވެސް، ދުވަހަކުވެސް އެއްޗެއް ބާރަށް ބުނި މީހެއް ނޫން. މީހަކާ ދިމާއަށް ބުނަންނުވާ އެއްޗެއްވެސް ބުނި މީހެއް ނޫން. ރައީސުލްޖުމްހޫރިއްޔާއަށް، މިގޮތަށް ގޮސް ނެތެއްނޫންތޯ ދިވެހިރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ބަލައިލިނަމަވެސް، ކިރިޔާވެސް އެއްޗެއް ބުނެލި މީހެއް ކަމަށްވަންޏާ ކޮންތާކުތޯ އޮތީ؟ އޮންނަން ޖެހުނީ ކޮންތާކުތޯ؟ ތިރީސް އަހަރު ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅާ ކޮންތާކުތޯވީ؟ ޑިމޮކްރަސީ، އިންސާނީ ޙައްޤުތައް، ޒަމާނީ ޑިމޮކްރަސީއެއް ގެނައުމަށްޓަކައި މަސައްކަތް ކުރެއްވި ބޭފުޅާ ކޮންތާކުތޯ ހުރީ؟ ރައްޔިތުންނަށްޓަކައި އެތައް ޤުރުބާނީތަކެއްވެ، އެތައް ބައެއްގެ މަދަދުގާރެއްގެ ގޮތުގައި ހުރި ބޭފުޅާ ކޮންތާކުތޯ ހުންނަން ޖެހުނީ؟ ހެޔޮ ބަހެއް ބުނެލި މީހާ، ހެޔޮ ނަސޭހަތެއް ދިން މީހާ ކޮންތާކުތޯ ހުންނަންޖެހުނީ؟ މިއަދު ވިސްނަންވީ ކަންތައްތައް މިއީ. އެއްޗެއް އަޅުގަނޑުމެން ދޫކުރަންވެސް، ކަންތައްތަކާ ރަނގަޅަށް ފުންކޮށް ވިސްނަންވާނެ. އާދެ، ދިވެހި ރައްޔިތުންނަކީ ވިސްނުންތެރި ބައެއް. ހެޔޮ ނިންމުންތަކެއް ނިންމާ ބައެއް. ހެޔޮބަސްއަހާ ބައެއް. އެހެންވީމާ، އަޅުގަނޑުމެންނަށް އެންމެން އެކުގައި ކޮށްގެން، މި މަސައްކަތް އަޅުގަނޑުމެންނަށް ކާމިޔާބުވީ.

އާދެ، އަޅުގަނޑުމެންގެ ޒުވާނުންނަށް ބަލައިފި ކަމަށްވަންޏާ، ޒުވާނުންނަށްޓަކައި ރަނގަޅު ޖީލެއް އުފެއްދުމަށްޓަކައި ގިނަ މަޝްރޫޢުތަކެއް، ގިނަ ކަންތައްތަކެއް ކުރިއަށް އެބަދޭ. ދެންމެ ވިދާޅުވިފަދައިން، ހަމަ އެންމެ ރަށެއްގައިވެސް ކޮންމެވެސް ފުޓްސަލް ދަނޑެއް، ފުޓްބޯޅަ ދަނޑެއް، ވޮލީ ކޯޓެއް، އިންޑޯ ކޮމްޕްލެކްސް އެއް، ޖިމެއް، ޕާކެއް، އަޅުގަނޑު މި ހަދަނީ ދޮގެއް ކަމަށްވަންޏާ، ބަލައިލަމާ ހިނގާ. އަޅުގަނޑަކީ ދޮގުހަދާ މީހެއްވެސް ނޫން، އަޅުގަނޑު ދޮގެއް ނުވެސްހަދާނަން. ދުވަހަކުވެސް އެކަހަލަ ކަމެއް ނުވެސް ކުރަން. މިއީ ހަމަ ހިނގަމުންދާ ކަންތައްތައް. އެހެންވީމާ، އަޅުގަނޑު ދަންނަވާލާނީ ރައްޔިތުން މިކަމާ ވިސްނަވަން އެބަޖެހެއޭ. އަޅުގަނޑުމެން ދުނިޔޭގައި އުޅެނީ ހެޔޮ ކަންތައްތައްކޮށް، ތަރައްޤީ ހޯދައި، ހަމަޖެހުމާއެކީ މީހުންނާއެކީ އުޅެން. އަޅުގަނޑުމެން ހަމަޖެހުން ދޫކޮށްލައި، ތަރައްޤީ ދޫކޮށްލައި، ރަނގަޅު މީހުން ދޫކޮށްލަން ހަމަ ހެޔޮނުވާނެ. އިންސާނުން ކަންތައްތައް ނުކުރާނެ ގޮތެއް ނެތް. އަޅުގަނޑުމެންގެ އިސްލާމްދީނުގައިވެސް އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބާރުއަޅަނީ ހެޔޮ ކަންތައްތައް ކުރުމަށާއި، ހެޔޮ ބަސްތައް ބުނުމަށާއި، ހެޔޮ ކަންތައްތައް ކުރުމަށް އެކަކު އަނެކަކަށް ވާގިވެރިވުމަށް. ރަނގަޅު ކަންތައްތައް ބަލައިގަތުމަށް، އެހީތެރިވުމަށް. ނުލިބޭ މީހާއަށް ލިބޭ މީހާ ދިނުމަށް. އެހެންވީމާ، ޒަމާން ބަދަލުވެއްޖެ. އަޅުގަނޑުމެން ކަންބޮޑުވި ދުވަސް، އަޅުގަނޑުމެން ބިރުން ތިބި ދުވަސް، އެއްކަލަ ތަނުގައި އަޅުގަނޑުމެން ވަރަށް ކުރުގޮތަކަށް މިހެން ކުޑަކޮށް މިހެން ތިބި ދުވަސް އިރާދަކުރެއްވީތީ މާޒީވެގެން ހިނގައްޖެ. ރަނގަޅުގޮތް ޚިޔާރުކުރެވުނީމާ، ރަނގަޅުގޮތެއް ހޯދުނީމާ، ރަނގަޅު މީހަކު އަތުޖެހުނީމާ، ދެން ޖެހޭނީ އެގޮތުގައި ތިބެން. ރަނގަޅު ގޮތް ހަމަ ދޫކޮށްލަން ހެޔޮނުވާނެ.

އާދެ، އަޅުގަނޑު މި ދަންނަވާލީ ހަމަ ކުޑަކުޑަ ކަންތައްތަކެއްގެ ވާހަކަ. އެނގިވަޑައިގަންނަވާނެ، ކުރިންވެސް މިއަދުގެ ސަރުކާރު އާދެ، އަޅުގަނޑުމެންގެ ކުރީގައި އެންމެ ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބަކަށްފަހު، ސަރުކާރު އައިސްގެން ރައްޔިތުން ބޭނުންވާގޮތަށް، އެ ވަގުތު ކަންތައްތައް ކުރިއިރުވެސް، އެންމެ ބޮޑަށް އިސްކަންދިން ކަމަކީ، އާދެ، އޭރު އެމް.ޑީ.ޕީ.ގެ ސަރުކާރުން ދަތުރުފަތުރު ކަންތައްތައް. ޓްރާންސްޕޯޓް މިނިސްޓަރުވެސް އެބަ އިންނެވި. ސަބަބުތަކެއްވޭ. ކުދި ޖަޒީރާ 180 އަށްވުރެ ގިނަ ރަށް، 160 އަށްވުރެ ގިނަ ރިޒޯޓް އަދި އެތައް ރަށެއް އޮތްއިރު، ދަތުރުފަތުރުގެ ނިޒާމަކުން ގުޅައިނުލެވޭހާ ހިނދަކު ތަރައްޤީއެއް ނުވާނެ. އެކަކު އަނެކަކާ ފަސޭހައިން ބައްދަލުވެވޭނެގޮތްނެތި ތަރައްޤީއެއް ނުވާނެ. އަނެއް ރަށުގައި ހުރީ ކާކުކަންވެސް ނޭނގޭ ނޫންތޯ. ހަމަ އެރަށުގެ މީހުންނަށް އެނގެނީ، އެރަށުގެ މީހުން އެކަނި ނޫންތޯ. މިއަދު ހޯރަފުށީ މީހުން ވަރަށް ފަރިތަވާނެ، ދެކުނުގެ މީހުން. ފުވައްމުލަކު މީހުންވެސް ވަރަށް އެނގޭނެ. އަދި ހުވަދޫ މީހުންވެސް އެނގޭނެ. ލާމު އަތޮޅު މީހުންވެސް އެނގޭނެ. މިއީ ދަތުރުފަތުރުގެ ނިޒާމުގެ މުހިންމު ކަމަކީ. ޚިދުމަތް ހޯދަން، ރާއްޖެ އޮތްގޮތުން މިކަން ކުރަން އެބަޖެހޭ. މިއަދުވެސް ގަދަ ކަނޑުގައި، ޢިއްޒަތްތެރި މެންބަރު ވިދާޅުވި، ނަސީބެކޭ އެކޮޅަށް މިއަދު ދާކަން. އެހެންނޫންނަމަ، ވަރަށް ބޮޑަށް ތަދުވާނެއޭ. އެހާ ކަނޑުގަދައޭ. އެހެންވީމާ، ދަތުރުފަތުރުގެ މުހިންމުކަން އެބަ އެނގޭ. މި ރަށު އެއަރޕޯޓަށް މިއަދު އެއް އަހަރުވީ. ރާއްޖޭގެ ދެކުނުގައި، އަނެއްކާ އަނެއް އެއަރޕޯޓް ހުޅުވެން ތައްޔާރުވަނީ. އިތުރު އެއަރޕޯޓްތަކެއްގެ މަޝްރޫޢު ކުރިޔަށް ދަނީ. ދަތުރުފަތުރުގެ ހައިސްޕީޑް ލިންކް، ހައިސްޕީޑް ފެރީ މި ގުޅައިލެވެނީ. މަސައްކަތްތައް ބާރަށް ކުރިޔަށް އެބަދޭ. މިއީ ތަރައްޤީއަކީ.

ހުކުރު ދުވަހުގެ ހެނދުނު ވަގުތަށްވެފައި، ހޫނުވެސް ތަންކޮޅެއް ގަދަވުމާއެކު، އަޅުގަނޑުގެ ވާހަކަ ކުރުކޮށްލަން އެބަޖެހޭ. އެހެންނަމަވެސް، ދައްކަން ހުރި ވާހަކަ ވަރަށް ގިނަ. ހުސްނުވާވަރަށް ޕްރޮޖެކްޓްތަކުގެ ވާހަކަދައްކަން އެބަހުރި. ސަތޭކައިން ގުނައިލެވޭ އަދަދުގެ ޕްރޮޖެކްޓްތައް އެބަހުރި. ފެނާއި ނަރުދަމާ، އެންމެ އަސާސީ ކަންތައްތައް ކީއްވެތޯ ނުވެއޮތީ؟ މިއަދު ރައީސުލްޖުމްހޫރިއްޔާ ބެއްލެވީ، ޕެންޑެމިކް ތެރޭގައިވެސް ކަންތައްތައް ރަނގަޅަށް މެނޭޖް ކުރައްވަން. އެންމެ ދަތިވި ވަގުތު ބޯޑަރު ބަންދު ކޮށްގެންވެސް، މުޅި ދުނިޔެ ބަންދުވެފައި އޮތް ވަގުތުވެސް، ބަނޑަކަށް ނުޖެހޭ އިރާދަކުރެއްވީތީ. އަޅުގަނޑުމެން މިއަދު އުފާކުރާ ކަމަކީ، ރައީސުލްޖުމްހޫރިއްޔާ، ރެޔާދުވާލު އެ ކުރެއްވި މަސައްކަތް. އެކަން ފެނިވަޑައިނުގަންނަވާ އެންމެ ރައްޔިތެއް ރާއްޖެއަކު ނުހުންނާނެ. ރެޔާދުވާލު އެ ކުރެއްވި މަސައްކަތުން ﷲ އިރާދަކުރެއްވީތީ، ގިނަ ބައެއްގެ ބައިވެރިވުމާއެކު އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އާދެވުނީ. ސްކޫލްތައް ހުޅުވައިލެވުނީ. އަޅުގަނޑުމެންގެ ރިޒޯޓުތައް ހުޅުވި، އިރާދަކުރެއްވީތީ މިއަދުވެސް ރާއްޖޭގެ އެވްރެޖް އޮކިޔުޕެންސީ އުޅެނީ ފަސްދޮޅަހުން މާ މަތީގައި. މި ވަގުތުވެސް މާ މަތީގައި އޮތީ. އެއަރޕޯޓަށް އަންނަ ފަތުރުވެރިންގެ އަދަދު ކުރިޔަށްވުރެ ގިނަވެފައި މިއޮތީ. އެހެންވީމާ، ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅުގަނޑުމެން ކައިރީގައި ހުރި ޤައުމުތަކާ އަޅައި ބަލާކަމަށްވަންޏާ، ވަރަށް ވާހަކަ ދެއްކިދާނެ. ވަރަށް ގިނަ ވާހަކަ ދެއްކިދާނެ. ޕެންޑަމިކް މެނޭޖް ކުރި ގޮތާއި، ކަންތައްތައް ކުރިޔަށް ގެންދިޔަގޮތާއި، އޭގެ ސަބަބުން ކުރި ފައިދާ މިއަދު އަޅުގަނޑުމެންނަށް ފެންނަން އެބައޮތް. މި ވާހަކަވެސް ދައްކާކަމަށްވަންޏާ، ހަމައެކަނި އެކަން ކުރި ގޮތުގެ ވާހަކަ، އެކަމުން އަޅުގަނޑުމެންނަށް މިއަދު ލިބުނު، ހޯދައިގަތް ފިލާވަޅުތަކުން، ކުރި ކަންތައްތަކުގެ ވާހަކަ ދައްކަންވެސް، މިއަދު ހައެއް ޖަހަންދެންވެސް އަޅުގަނޑު މިތާ ހުއްޓަސް ނުނިމޭނެ.

އަޅުގަނޑު ދަންނަވާލަން އޮތީ، ހަމަޖެހުން އަޅުގަނޑުމެން ހޯދަން އެބަޖެހެއޭ. އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުން އޮންނަން އެބަޖެހެއޭ. އިސްކަންދޭންވީ ޤައުމީ ތަރައްޤީއަށް. އަޅުގަނޑުމެންގެ ދަރިންގެ ތަޢުލީމަށް. ރަނގަޅު ދަރިންތަކެއް އުފެއްދުމަށް. އެއަށްވުރެ މުހިންމު ކަމެއް އަޅުގަނޑުމެންގެ ޙަޔާތުގައި ދުވަހަކުވެސް ނާންނާނެ. އެކަމަށް އިސްކަން ދޭންވީ. އަޅުގަނޑުމެން އިސްކަން ދޭންވީކީ، ވަކި މީހަކު ފަހަތުން ދިޔުމަކަށް ނޫން. ހެޔޮގޮތުގައި ހުންނަންވީ. އަޅުގަނޑުމެންނަކީ މުސްލިމުން. ހެޔޮ ވިސްނޭ މީހުން. މިއަދުގެ ހުކުރު ޚުޠުބާގައިވެސް އަންނާނީ ނަސޭހަތް. އަޅުގަނޑުމެން ބަލަންވީ، އެފަދަ ނަސޭހަތުގެ އަޑުއަހައިގެން، ޞުލްޙަވެރިކަމާއެކު ރޭގަނޑު ދޭއް ޖަހާއިރުވެސް އެކަނި ހިނގާލެވެން ޖެހޭނެ. ތިނެއް ޖަހާއިރު ހިނގާލެވެން ޖެހޭނެ. އެކަނި ހިނގާލެވޭވަރަށް އަޅުގަނޑުމެންގެ ތެރޭގައި އަބަދުވެސް ކަންތައްތައް އޮންނަންޖެހޭނެ ދުރު އެކަކުވެސް ނެތް. ތިބީ ތިމާގެ މީހުން. އަވަށްޓެރިން ނުވަތަ ރަށްޓެހިން. އެހެންވީމާ، އަޅުގަނޑު ހަމަ ނިންމާލަމުންވެސް ދަންނަވާލަން އޮތީ، މިކަންކަމަށް އެންމެން އެކުގައި މަސައްކަތް ކުރަން އެބަޖެހެއޭ. ޤައުމެއް ތަރައްޤީ ވަނީ ކުދި ބޮޑު އެންމެން ޝާމިލުވެ ކުރާ މަސައްކަތަކުން. އެއީކީ އެންމެ މީހަކު ނުކުމެ ކުރާ މަސައްކަތަކުން ކުރެވޭނޭ ކަމެއް ނޫން.

އާދެ، މި ރަށުގައި މިފަދަ އުފާވެރި ދުވަހެއްގައި، ރައްޔިތުންނަށް އެހާމެ މުހިންމު ކަމެއްގެ ފެށުމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނީތީ އަށް ޙަމްދުކޮށް، އަޅުގަނޑު ޚާއްޞަކޮށް ޢިއްޒަތްތެރި މެންބަރު އާދެ، ވަރަށް ހީވާގި ބޭފުޅެއް، ވަރަށް ގިނަ ކަންތައްތަކަށް މަސައްކަތް ކުރައްވާ ބޭފުޅެއް. ކުރީގައިވެސް ހީވާގި ބޭފުޅެއް، މިހާރު އަދި އަމުދުން ހީވާގި ބޭފުޅެއް، ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރައްވަން ނުކުންނަވައި ހުންނެވި ބޭފުޅެއް. އަދި ހަމަ އެއާއެކު ކައުންސިލްގެ ރައީސާއި، ކައުންސިލްގެ މެންބަރުންނަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ރަށުގެ އެންމެހައި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަޅުގަނޑުމެންގެ ޓްރާންސްޕޯޓް މިނިސްޓަރަކީވެސް މިރަށު ބޭފުޅެއް އެހެންނޫންތޯ. އެހެންވީމާ، އަޅުގަނޑު އެކަމާވެސް ހަމަ އުފާކުރަން. އަދިވެސް އެއްފަހަރު ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށާއި އެ ބެހެއްޓެވި މެހްމާންދާރީއަށް ޝުކުރު އަދާކުރާ ހާލު، އަޅުގަނޑުގެ ވާހަކަ ނިންމާލާނީ. 

އަޅުގަނޑުގެ ދުޢާއަކީ ޤައުމު އާރާސްތުކޮށް، ޤައުމުގައި ހަމަޖެހުން ދަމަހައްޓައި އެންމެން އެކުގައި މަސައްކަތްކޮށް، ރަނގަޅު އުފެއްދުންތެރި ވަރުގަދަ ޖީލެއް، ނަމޫނާ ޖީލެއް، އުފެއްދުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން މުޅި ޤައުމުގެ އެންމެހައި ރައްޔިތުންނަށް މިންވަރު ކުރެއްވުން. ތިޔަބޭފުޅުންނަށާއި އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް މިންވަރުކުރައްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.