ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ ރިސަރޗް ގްރޫޕާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ބައްދަލުކުރައްވައި އެ ދިރާސާގެ މަސައްކަތްކުރިޔަށްދާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވައިފިއެވެ.
މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމާއި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ދާއިރާއިން ކުރިޔަށްގެންދާ މި ދިރާސާގެ މުހިންމުކަން ފާހަގަކުރައްވައި މިއީ ތަޢުލީމީ ދާއިރާގައި މިހާރު ހުރި މައްސަލަތައް ދެނެގަނެ އެ ދާއިރާއަށް މީހުން ޝައުޤުވެރިކަން ކުޑަވާ ސަބަބުތައް ހޯދުމަށް މުހިންމު ދިރާސާއެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިކަމަކީ ސްކޫލްތަކުގައި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށާއި ޓީޗަރުންގެ ޤާބިލުކަން އިތުރުކުރުމަށާއި ޓީޗަރުންގެ މުސާރައަށް ހެޔޮބަދަލެއް ގެނައުމަށް ކުރާ މަސައްކަތަށާއި އަދި ސްކޫލްތަކުގެ ތެރެއަށް ވަންނަމުންދާ ސްކޫލްގެ މާހައުލާ ނުގުޅޭ ފިކުރުތަކާއި ކަންކަމަށް ފިޔަވަޅުތައް އެޅުމަށް ވެސް އެހީތެރިވެދޭނެ މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ މި ގުރޫޕުން ފުރިހަމަ ދިރާސާއެއް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނަށް އެބައޮތް ކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ދިރާސާގެ މުހިންމުކަން ފާހަގަކުރައްވައި މި ދިރާސާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ އިތުރުން ސްކޫލްތަކުގައި އަދި ތައުލީމީ ދާއިރާގައި ހުރި ރަނގަޅުކުރަންޖެހޭ މުހިންމު އެތައް ކަންތައްތަކެއް ފެނިގެންދާނެކަން ފާހަގަކުރައްވާފައެވެ.
ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ ހަ ބޭފުޅުންގެ މައްޗަށް އެކުލެވޭ މި ގުރޫޕުގައި ތަޢުލީމީ ދާއިރާއާ ގުޅޭ އެކި ރޮނގުތަކުގެ ޚާއްޞަ ތަޖުރިބާކާރު ބޭފުޅުން ހިމެނެއެވެ. މި ގުރޫޕުން ކުރިޔަށްގެންދާ މި ދިރާސާގެ ކުރިއެރުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވަމުން މިހާރު ދިރާސާގެ ޕްރޮޕޯސަލް އެޕްރޫވްކޮށް މަޢުލޫމާތާއި ޑޭޓާ އެއްކުރުމުގެ މަސައްކަތް ފަށާފައިވާކަން މި ގުރޫޕުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އެގޮތުން ދިރާސާގެ ސާމްޕަލް ކަނޑައަޅައި ފޯކަސް ގުރޫޕްތަކުގެ އިންޓަވިއުތައް މިހާރު ކުރިޔަށްގެންދާކަމަށާއި އަދި ޓީޗަރުންގެ ސާރވޭ ކަރުދާސްތައް ފޮނުވަން ތައްޔާރުވަމުންދާކަމުގައި ވެސް ރިސާޗް ގުރޫޕުން ފާހަގަކުރެއްވިއެވެ.
2019 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތަކާމެދު ޢިލްމީ ދިރާސާތަކެއް ހަދަންޖެހޭކަން ފާހަގަކުރައްވާފައެވެ.