* މި އިންޓަރވިޔުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހުގައި ސުވާލުތައް ދެންނެވީ، ރާއްޖެ ޓީ.ވީ.ގެ ހެޑް އޮފް ޕްރޮގްރާމް އެންޑް ކޯޑިނޭޝަން ޢާމިރު ސަލީމެވެ.

ޢާމިރު ސަލީމް:

ޕްރޮގްރާމް ބައްލަވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަން. ޕްރޮގްރާމުގެ މިހާ ހިސާބުން އަޅުގަނޑު ބައްދަލުކޮށްލަނީ، ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިޞަލް ނަސީމާ. މަރުޙަބާ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ.

ޢާމިރު ސަލީމް:

ކިހިނެއްތޯ ޙާލުއަހުވާލު؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، الْحَمْدُ لِلَّـهِ.

ޢާމިރު ސަލީމް:

ފުރަތަމަ ކަމަކަށް ސަރުކާރުގެ ތިންވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަޅުގަނޑު ފައިޞަލަށް އަރިސްކުރަން އިނގޭތޯ. އަޅުގަނޑުމެންގެ ޕްރޮގްރާމަށް ވަގުތުކޮޅެއް ހޭދަކޮށްލައްވަން ވަޑައިގެން ދެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ރާއްޖެ ޓީ.ވީ.ގެ މެނޭޖްމަންޓްގެ ނަމުގަޔާއި، މުވައްޒަފުންގެ ނަމުގަޔާއި، ދެން އަޅުގަނޑުމެންގެ ޝޯގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ.

ޢާމިރު ސަލީމް:

އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެންނާ ފުރަތަމަ ފަހަރަށް ޕްރޮގްރާމުގެ ތެރެއިން ފައިޞަލާ ބައްދަލުވީމާ، ފައިޞަލްގެ ޒާތީ ބައެއް ވާހަކަތައްވެސް އަޅުގަނޑު އަހާލާނަން. އަނެއްހެން މައްސަލައެއް ނެތެއްނޫންތޯ. އޯކޭވާނެ ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ރަނގަޅުވާނެ ދޮގެއްތޯ.

ޢާމިރު ސަލީމް:
ކިހިނެއްތޯ ތިން އަހަރު މި ވޭތުވެގެންދިޔައީ. ނައިބު ރައީސް ކަމުގައި ތިޔަ ހުންނެވީ. މިދިޔަ ތިން އަހަރު ކިހިނެއްތޯ މިދިޔައީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑު، މި ސަރުކާރަށް ތިން އަހަރު ފުރޭ ދުވަސްވީމާ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެންމެ ފުރަތަމަ ބާއްޖަވެރި ދުވަހަކަށް އެދެމުން، އަޅުގަނޑު ދަންނަވާލާނީ، މި ތިން އަހަރު ދުވަސް ވޭތުވެގެންދިޔައިރު، ޙަޤީޤަތަކީ އަޅުގަނޑުމެންނަށް ކުރިމަތިވެއްޖެ، އަޅުގަނޑުމެން މީގެ ތިން އަހަރު ކުރިން، އަދި މީގެ ދިހަ އަހަރު ކުރިންވެސް އަޅުގަނޑުމެން ހީނުކުރާހާ ދަތި އުނދަގޫ، ހިތަށްވެސް ނުގެނެވޭފަދަ ދުވަސްތަކެއް. މި ތިން އަހަރު ތެރޭގައި ބޮޑުބައި މި ދިޔައީ، ދަތި ކަންތައްތަކާ މުޅި ދުނިޔެއާއި މުޅި ރާއްޖެ ކުރިމަތިލައިގެން.

ދެން އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ ﷲގެ އިރާދަފުޅުން، އަޅުގަނޑުމެން އެންމެން އެކުގައި ކުރެވުނު މަސައްކަތުން، ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް، ދިވެހި ޤައުމަށް، ރަށްތަކަށް، ވެވަޑައިގެން ވަޢުދުތައް ފުއްދުމުގައި އިރާދަކުރެއްވީތީ، ވަރަށް ރަނގަޅު ހިސާބެއްގައޭ އަޅުގަނޑުމެންނަށް މި ތިބެވުނީ.

ޢާމިރު ސަލީމް:

އެހެންވީމާ، މައިގަނޑު ގޮތެއްގައި ތިން އަހަރުގެ ކަންތައް މިދިޔައީ، ވަރަށް ރަނގަޅަށޭ ދޮގެއްތޯ. އިޖުތިމާޢީ ކައުންސިލްގެ ކަންތައް، ފައިޞަލް ބަލަހައްޓަވަނީ ނައިބު ރައީސްގެ ހައިސިއްޔަތުން. އިޖުތިމާޢީ ވަރަށް ބޮޑެތި މައްސަލަތައް ޙައްލު ކުރެއްވުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ފައިޞަލް ކުރައްވާތީ ފެނޭ އިނގޭތޯ. މައިގަނޑު ގޮތެއްގައި ކުރެއްވުނު އެންމެ ބޮޑެތި މަސައްކަތްޕުޅުތަކަކީ ކޮބައިތޯ، މިދިޔަ ތިން އަހަރުގެ ތެރޭގައި.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އެނގިވަޑައިގަންނަވާނެ، ސަރުކާރުގެވެސް އެންމެ ބޮޑު ވަޢުދެއްގެ ގޮތުގައިވެސް، ރައީސުލްޖުމްހޫރިއްޔާގެވެސް، ސަރުކާރުގެ ސިޔާސަތަކަށްވެފައި އޮތީ ހަމަޖެހުން ޤާއިމުކުރުން. އަޅުގަނޑަށް ހީވަނީ ޤައުމެއްގައި ރައްޔިތަކަށް ބޭނުންވާނެ އެންމެ ބޮޑު، އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮންނާނީ، އެންމެ ބޭނުންތެރި ކަމެއްގެ ގޮތުގައި އޮންނާނީވެސް ހަމަޖެހުން ޤާއިމުވެގެންދިޔުން. މީގެ ތިން އަހަރު، ހަތަރު އަހަރު ކުރީގައި އަޅުގަނޑުމެންގެ ތެރޭގައި އެ އޮތް ހަލަބޮލިކަން. މިއަދު ހަމަޖެހިލައިގެން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް މަސައްކަތްތައް ކޮށްގެން ކުރިއަށް ދިޔުމުގެ، އެ ފުރުޞަތު މިއަދު އެބައޮތް. އެއީ އަޅުގަނޑު މީގައި ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ތަފްޞީލަކަށް މީގައި ނުދިޔަނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އުޅުނުގޮތް. ތިން އަހަރާ ޖެހެންދެންވެސް އަޅުގަނޑުމެން ތިބީ، ކޮން ތަނެއްގައިކަން، އަޅުގަނޑުމެންގެ ތެރޭގައި އެކިވަރުގެ މީހުން، ކޮންމެހެން އެންމެ މަތީ ފަންތީގައި، ނޫނީ ގޮތްކިޔާ މީހުންގެ ގޮތުގައި ތިބި މީހުން އެކަންޏެއް ނޫން. އެންމެ އާދައިގެ މީހުންނަށް ދާންދެން އެ ދުވަހު ކުރިމަތިލާން ޖެހުނު ކަންތައްތަކާއި މިއަދު، އެ ޙަޤީޤަތް އެދުވަހު ހިނގި ކަންތައްތައް ބަދަލުވެފައިވާ މިންވަރު އެބަ އެނގޭ.

ހަމަޖެހުން ޤާއިމުކުރުމަށްޓަކައި އެކަމާ ގުޅިފައި އޮތީ ގިނަ ކަންތައްތަކެއް، ޚާއްޞަކޮށް، އަޅުގަނޑުމެން ޒުވާނުންނަށް ޒަމާނުއްސުރެ ފެށިގެން. އެކަމަށް އެންމެ ބޮޑަށް އަޅައިނުލެވިގެން ކުރިމަތިވެފައި އޮތް މައްސަލަތަކާއި، އެ ގޮންޖެހުންތަކާއެކު، އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ އަތޮޅުތަކުގެ ޚާއްޞަކޮށް، ޞިއްޙީ ނިޒާމުގެ ކަންތައްތައް، އެ ޚިދުމަތް ލިބެމުންދިޔަގޮތާއި، އަދި ތަޢުލީމީ ދާއިރާއަށް އަޅުގަނޑުމެންނަށް ކުރިމަތިވެފައި އޮތް ކަންތައްތަކާއި، އެއާ އަޅައިލެވިގެންދިޔަ މިންވަރާއި، އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑު މީގައި ފާހަގަކޮށްލާނަން، ހަމަހަމަކަން ޖެންޑަރ އީކުއަލިޓީގެ، ޚާއްޞަކޮށް، އަންހެން ބޭފުޅުންނަށް ލިބެންޖެހޭ ފުރުޞަތުތަކުގެ، އެކަމުގެ ހަމަހަމަކަމާ، މި ހުރިހާ ކަމަކަށް ބަލާއިރު، އަޅުގަނޑު ދަންނަވާނީ، މި ތިން އަހަރުގެ ތެރޭގައި އިޖުތިމާޢީ ދާއިރާއަށް، އަޅުގަނޑުމެންނަށް ރަނގަޅު ކަންތައްތަކެއް ކުރެވިގެން ގޮސްފި. އަދި ގިނަ ކަންތައްތަކެއް މިހާރުވެސް ކުރެވެމުން އެބަދޭ. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނާނެ. މިހާރުވެސް އަޅުގަނޑު ދަންނަވާނީ، މި ދަންނަވާ ދާއިރާތަކަށް ބަލައިފި ކަމަށްވަންޏާ، ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓޭ.

ޢާމިރު ސަލީމް:

ވަރަށް ފިޓްކޮށް ހުންނަވާ ބޭފުޅެއްގެ ގޮތަށް ނައިބު ރައީސް ފާހަގަކުރެއްވެނީ، ކިހިނެއްތޯ. ކަސްރަތު ކުރައްވަންތޯ ވަރަށް ގިނައިން؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ދެން ކުޅެ އުޅެން ކުރީގައި. ކުރީގައި ދެން ވަރަށް ކުޅެން އުޅުނު މީހެކޭ އަޅުގަނޑު ދަންނަވާނީ. އެހާވެސް ބޮޑަށް ކުޅިވަރުގައި އަޅުގަނޑަށް އުޅެވުނީ.

ޢާމިރު ސަލީމް:

މިހާރު އެއްވެސްވަރަކަށް އުޅުއްވޭތޯ ކަސްރަތުގައި؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ކޮންމެވެސްވަރަކަށް ދެން. ނުކުޅެވޭ، އަޅުގަނޑު ބޭނުންވާ ގޮތަކަށް. އެކަންތައްތަކަކަށް އެހާ ވަގުތެއް ނުދެވޭ.

ޢާމިރު ސަލީމް:

އެކި މީހުންނަކީ ސިޔާސީ ގޮތުން އެކި ދުވަސްވަރު ފެންނަ މީހުން. ނޫނީވިއްޔާ، ބައެއް މީހުންނަކީ ވަރަށް ކުރިއްސުރެ އެމީހުންގެ ސިޔާސީ ޙަރަކާތްތައް ފެންނަ މީހުން. އަޅުގަނޑުމެންނަށް ބޮޑަށް ދެން ސިޔާސީ މައިދާނުން ނައިބު ރައީސް ފާހަގަކުރެވުނީ، ކާށިދޫ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން މަޖިލީހުގައި މަސައްކަތް ކުރެއްވިއިރު. ފަހަރެއްގައި އޭގެ ކުރީގައިވެސް ސިޔާސީ ވަރަށް ގިނަ މަސައްކަތްތައް ކުރައްވާފައި ހުރެދާނެ. ސިޔާސީ މައިދާނަށް ވެންނެވުނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު އެންމެ ފުރަތަމަ ކުރިމަތިލީ ޚާއްޞަ މަޖިލީހަށް 2004 ވަނަ އަހަރު. ދެން އަޅުގަނޑުގެ ވިސްނުމުގައި އެއްގޮތަކަށްވެސް އޮތް ކަމެއްނޫން. އަދި އޭރު ޚާއްޞަ މަޖިލީހަކީ އެއީ ކޮންމެހެން ވަކި ޤާނޫނެއްގައި، ވަކި ދުވަހެއްގައި ބާއްވަން އެހެން ކަނޑައަޅާފައި އޮންނަ ކަމެއްވެސް ނޫން، މިހާރު މަޖިލިސް މި އޮންނަ ގޮތަށް، ފަސް އަހަރުން އެއް އަހަރު. އެހެން އޮތް ކަމެއްވެސް ނޫން. ދެން އެހެންނަމަވެސް، ކޮންމެވެސްވަރަކަށް އަޅުގަނޑަށް އުޅެވުނީ، ސްކޫލްގައި އުޅުނުއިރުވެސް ހަމަ ޒުވާނުންނާ އެއްކޮށް. ޚާއްޞަކޮށް، ރަށުގެ ކުޅިވަރާއި އަދި އެނޫނަސް ޒުވާނުންނާ ގުޅުންހުރި ރަށުގެ އެކިއެކި ކަންތައްތަކުގައި އުޅެވުނީ. އެގޮތަށް އުޅެމުންދިޔަ ވަގުތެއްގައި، ޚާއްޞަ މަޖިލީސް އޭރު އިޢުލާނު ކުރެވިގެންދިޔައީ. ދެން، އެދުވަހު އަޅުގަނޑުގެ ބައްޕަ އަޅުގަނޑުގެ ގާތުގައި ވިދާޅުވީ، އިޢުލާނު ކުރެއްވުމާއެކު، ކުރިއަށްދާން ފެންނަ ކަމަށް. ޚާއްޞަ މަޖިލީހަށް ކުރިމަތިލާން ފެންނަ ކަމަށް. ދެން، ބޮޑަށް އެކަމަށް ކުރިމަތިލުމުގެ ވިސްނުން އައީ އޭރުވެސް އަޅުގަނޑު ކުރަމުންދިޔަ ކަންތައްތަކެއް، ކުޅިވަރާއި އަދި މި ދެންނެވި ކަންތައްތަކުގެ ތެރޭގައިވެސް ހުރޭ ދެން، އުނދަގޫ ކަންތައްތަކެއް ކަންތައްތައް ކުރުމުގައި އަބަދުވެސް. އަޅުގަނޑު ހަމަ އޭރުވެސް ބޭނުންވީ އަޅުގަނޑަށް ކުރެވޭ ކޮންމެ ކަމެއްގެ ތެރެއިންވެސް ކަންތައްތަކެއް ފަސޭހަ ކުރުމަށްޓަކައި، ނުވަތަ އަޅުގަނޑުމެން ކުރާ ކަންތައްތައް ފަސޭހަކުރުމަށްޓަކައި، ފަސޭހަ ގޮތްތައް ހޯދުމަކީ އެއީ ކުރަންޖެހޭނެ ކަމެކޭ އެއީ ޒުވާނުންނަށްޓަކައިވެސް. ދެން، އެގޮތުން އަޅުގަނޑަށް ޚާއްޞަ މަޖިލީހަށް ވަދެވިގެންދިޔައީ.

ޢާމިރު ސަލީމް:

ޚާއްޞަ މަޖިލީހަށް އެ ވެންނެވި ވެންނެވުމާއެކު، ދެން، ސިޔާސީ މައިދާނުގައި މަސައްކަތްޕުޅު ފެށްޓެވިފައި އެހުރީ ދޮގެއްތޯ. ދެން އެކި ބޭފުޅުން އެކި ދާއިރާތަކަށް ކުރިމަތިލައްވައިގެން އިންތިޚާބު ކާމިޔާބު ކުރެއްވުމަކީ އަނެއްހެން އާދަޔާޚިލާފު ކަމެއް ނޫން. ނޫނީވިއްޔާ އެއީ ޢާންމު ނޫން ކަމެއްވެސް ނޫން. ފައިޞަލް ނިސްބަތްވެވަޑައިގަންނަވަނީ ފުވައްމުލަކަށް، ކާށިދޫ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވީ. ކިހިނެއްތޯ، ކާށިދޫއާ އަނެއްހެން ކުރީއްސުރެ ގާތްކަމެއް އެ ދާއިރާއާ އޮތީތޯ. ނޫނީވިއްޔާ ހަމަ ކުއްލިއަކަށް އެ ދާއިރާއަށް ކުރިމަތިލައްވައިގެން ކާމިޔާބު ކުރެއްވީތޯ، ކާށިދޫ ދާއިރާއަށް ކުރިމަތިލެއްވީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ނޫން، އަޅުގަނޑު ނުވެސްދަން ކާށިދުއަށްވެސް. އަދި ގާފަރަށްވެސް އަޅުގަނޑު ނުދަން. އަދި އަޅުގަނޑު ދަންނަ ބަޔަކުވެސް ނުތިބޭ، ދެ ރަށުންކުރެ އެއްވެސް ރަށެއްގައި. ވަކި ރައްޓެހި، ގާތް އެހެން ބަޔަކު ތިބީކީވެސް ނޫން. ދެން، 2014 ވަނަ އަހަރު ކަންތައްތައް މެދުވެރިވެގެންދިޔަގޮތް. ދެން، އަޅުގަނޑު ފުވައްމުލަކުގައި ހަމަ ކުޑައިރުއްސުރެ ފެށިގެން އުޅުނީ ޒުވާނުންނާ އެކީގައި. ކަންތައްތައް ކުރީކީވެސް އޭގެ ބަދަލުގައި ކޮންމެހެން ފުވައްމުލަކުގެ އެ ގޮނޑިއަކަށް ކުރިމަތިލުމަކީ އެއީކީ އެކަން އަޅުގަނޑު ގަބޫލުކުރި ގޮތެއްނޫން. އަދި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލަނީކީވެސް އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑު އެކަން ކުރީކީ ކޮންމެހެން، ވަކި ދާއިރާއެއްގައި ހުރި ސީދާ ކަންތައްތަކަށް ޙައްލު ހޯދުމަށްޓަކައި މަސައްކަތް ކުރުމަށްވުރެ ބޮޑަށް މުޅި ޤައުމާއި ރައްޔިތުންނަށްޓަކައި. އެހެންވީމާ، ކޮންމެހެން އަޅުގަނޑަކަށް މުހިންމެއްނުވި، މަޖިލީހުގައި ހުރުމަށްޓަކައި ވަކި ދާއިރާއެއްގެ، ވަކި އަތޮޅަކަށް ނިސްބަތްވާ ގޮނޑިއެއް، ކޮންމެހެން ވަކި މުހިންމެއްވެސްނުވި. ދެން އެގޮތުން ކަންދިމާކުރިގޮތުން، އަޅުގަނޑަށް ކާށިދޫ ދާއިރާއަށް ކުރިމަތިލާން ޖެހުނީ.

ޢާމިރު ސަލީމް:

ކޮންމެވެސް ވަރަކަށް ވިދާޅުވެދެއްވެން އެބައޮތްތޯ، ކާށިދޫ ދާއިރާ ޚިޔާރުކުރެވުނީ ކިހިނެއްތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ދެން އަޅުގަނޑުމެންނަށް އޭރު މަޖިލީހުގެ ޓިކެޓުތައް ހަމަޖެހިފައި އޮތްގޮތުން ވަކިވަރަކަށް ހުރީ. އަޅުގަނޑު ނިސްބަތްވީ އޭރު ޖުމްހޫރީ ޕާޓީއަށް، ވަކި ޢަދަދަކަށް ކަނޑައެޅިފައި ހުރި ހުރުމުގެ ތެރެއިން ގޮސް. ދެން އޭރު އަޅުގަނޑަށް ކާށިދޫ ދާއިރާގެ ޓިކެޓް އަޅުގަނޑަށް ލިބުން އެންމެ ރަނގަޅަށް އެކަމުގައި ކުރިއަށް ދިއުމުގައި އޮތްގޮތަކަށް މެދުވެރިވީ. ދެން އެގޮތުން ހަމަ ކުރިއަށް ގެންދިޔައީ.

ޢާމިރު ސަލީމް:

ނައިބު ރައީސުންނާ ބެހޭގޮތުން ތަފާތު ތާރީޚެއް ރާއްޖޭގައި އެބައޮތް އިނގޭތޯ. މުޙައްމަދު އަމީނުގެ ވެރިކަމުން ފަށައިގެން ގޮސް މިހާ ހިސާބަށް އައިއިރުވެސް. ރައީސުންނަށް އިތުބާރުކުރަން ތަންކޮޅެއް ދަތި ބައެއް ގޮތަށް ނައިބު ރައީސުން ވެފައި މި އޮންނަނީ އިނގޭތޯ. ދެން އެކަމަކު، ހުރިހާ ބޭފުޅުންނެއް ނޫން. ފައިޞަލް ފާހަގަކުރެވޭ އިނގޭތޯ، ރައީސް ޞާލިޙާ ހަމަ ވަރަށް ގުޅުން ރަނގަޅު ނައިބު ރައީސެއްގެ ގޮތުގައި. ކިހިނެއްތޯ މިދިޔަ ތިން އަހަރު ރައީސާ އޮންނަ ގުޅުން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ވަރަށް ރަނގަޅު އިނގޭތޯ. ވަރަށް ރަނގަޅު. ހަމަ ފެށުނީއްސުރެ މިއަދާ ހަމައަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑާ ޙަވާލުކުރައްވާފައިވަނީ. ޚާއްޞަކޮށް، އިޖުތިމާޢީ ދާއިރާގެ ކަންތައްތަކާއި އަދި ސަރުކާރުގެ ގިނަގުނަ މަސައްކަތްތަކެއް ޙަވާލުކުރައްވާފައިވަނީ. އެ ގުޅުން ވަރަށް ރަނގަޅު. އަޅުގަނޑަށް އެނގޭ، އަޅުގަނޑު ކަންތައްތައް ކުރަންޖެހެނީ ކޮންގޮތަކަށް ކަމާއި، އަޅުގަނޑު މަސައްކަތް ކުރަންޖެހޭގޮތާ އެއްޗެހި. އަދި މިއީކީ އަޅުގަނޑު ތަފާތު ދާއިރާއަކަށްވީނަމަވެސް، އަލަކަށް ނޫން އަޅުގަނޑު މަސައްކަތެއްގައި މިއުޅެނީ ގިނަބަޔަކު ގޮވައިގެން. އަދި އެހެން މީހެއްގެ ދަށުގައި ހުރެގެން މަސައްކަތްކުރާވެސް ފުރަތަމަ ފަހަރެއްވެސް ނޫން. އެހެންވީމާ، އަޅުގަނޑުގެ ވެރިޔަކަށް ހުންނަ މީހަކާ ދޭތެރޭ އަޅުގަނޑު ދެކެންޖެހޭނެ ގޮތާއި، މަސައްކަތްތައް، ކަންތައްތައް ބަހައްޓަން ޖެހޭނެގޮތާއި، އެއީ ޙަޤީޤަތަކީ މިއަދު އަޅުގަނޑުމި އަދާކުރާ، މި މަގާމަކީ އަޅުގަނޑުގެ އަމިއްލަ ކަމެއް ނޫން އެއްގޮތަކަށްވެސް. މިއީވެސް ރައްޔިތުންގެ ކަމެއް. އެތައް ލައްކަ ރައްޔިތުންނެއްގެ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ.

އެހެންވީމާ، ރައްޔިތުން ބޭނުންވާ ގޮތަށް އަޅުގަނޑު ކަންތައްތައް ކުރަންޖެހޭނީ. އަޅުގަނޑު ބޭނުންހާ ގޮތަކަށް އަޅުގަނޑަށް ކުރެވޭނީ އަޅުގަނޑުގެ އަމިއްލަ ކަންތައް. އަމިއްލަ ކަންތައްވެސް މި ޒަމާނުގައި ބޭނުންހާ ގޮތަކަށް ނުކުރެވޭ. އެހެންވީމާ، އެގޮތް ދަނެގެން އަޅުގަނޑު ފެށުނީއްސުރެ، މި ހުންނަނީ. ވަރަށް ގުޅުން ރަނގަޅު. އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ އުންމީދަކީ މުޅި ސަރުކާރު އެއްކޮށްވެސް އޮތީ، ވަރަށް ވަރުގަދަ ގުޅުމެއްގެ ގޮތުގައި.

އެނގިވަޑައިގަންނަވާނެ، މި ސަރުކާރު، ރައީސުލްޖުމްހޫރިއްޔާ ވަރަށް ތަފާތު ބޭފުޅަކަށް އެބަވޭ. ޢާންމުގޮތެއްގައި، މިދިޔަ ދުވަސްތަކުގައި ދިވެހިރާއްޖެ ދެކެފައި މިވަނީ މުޅިންވެސް ގުޅިގެން އަންނަ ސަރުކާރުތަކެއް، ކޯލިޝަން ސަރުކާރުތަކެއް. އެހެންނަމަވެސް، މި ސަރުކާރު އަޅުގަނޑުމެންނަށް، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން ފާހަގަކުރައްވަނީ މިއަދާ ހަމަޔަށް އައިއިރުވެސް، ވީ ވަޢުދުމަތީގައި ހިފަހައްޓަވައި، އެންމެންނާ އެއްކޮށް ގުޅިގެން، އަދި މުޅި ރައްޔިތުންގެ އަޑުއައްސަވައިގެން ސަރުކާރުގެ ހިންގުން ކުރިއަށް ގެންދަވާ ބޭފުޅެއްގެ ގޮތުގައި.

ޢާމިރު ސަލީމް:

ގިނަ ކަންކަމުގައި މަޝްވަރާ ކުރައްވާތޯ ރައީސް؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ސަރުކާރުގެ ހުރިހާ މަސައްކަތެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނާ ވަރަށް ބޮޑަށް މަޝްވަރާ ކުރައްވާ. ކެބިނެޓް ވަޒީރުންނާއި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، އަޅުގަނޑާ. އަޅުގަނޑުގެ ދާއިރާގެ ކަންތައްތަކުގައި ހުރިހާ ކަމެއްވެސް މަޝްވަރާ ކުރެވިގެން، ވާހަކަދެކެވިގެން ކުރިއަށްދަނީ.

ޢާމިރު ސަލީމް:

ކިހިނެއްތޯ ޖުމްހޫރީ ޕާޓީއަށް ވެންނެވުނީ. ރާއްޖޭގައި ދެން ވަރަށް ބޮޑެތި ސިޔާސީ ޕާޓީތައްވެސް އެބަހުރި ދޮގެއްތޯ. ތަންކޮޅެއް ބައިގިނަ ޕާޓީތައްވެސް އެބަހުރި. ޖުމްހޫރީ ޕާޓީއަށް ކިހިނެއްތޯ ވެންނެވުނީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ޖުމްހޫރީ ޕާޓީއަށް، އެއީ އަޅުގަނޑުމެން އެންމެ ފުރަތަމަ ޚާއްޞަ މަޖިލީހަށް އަޅުގަނޑުމެން ހޮވުނުއިރު ހޮވުނީކީ ވަކި ޕާޓީއެއްގެ ސްލޮޓެއްގައި، ނޫނީ ވަކި ޕާޓީއެއްގެ ނަމުގައެއް ނޫން. އޭރު ޕާޓީތަކެއް ނެތް، އެވަގުތު ރާއްޖޭގައި. ޚާއްޞަ މަޖިލީސް ހިނގަމުންދަނިކޮށް ދިވެހިރާއްޖޭގައި ޕާޓީ އުފެދިގެން ދިޔައީ. އުފެދިގެން ދިޔުމާއެކު، އޭރު އަޅުގަނޑުމެން ޚާއްޞަ މަޖިލީހަށް ހޮވީ މުޅި ރައްޔިތުން. ޕާޓީތައް ވުޖޫދަށް އައުމާއެކު، އަޅުގަނޑުމެންނަށް ވޯޓުދިން ރައްޔިތުން ގިނަ ޕާޓީތަކަކަށް ބެހިގެންދިޔަ. ދެން އަޅުގަނޑު ފުވައްމުލަކަށް އޭރު ކުރިމަތިލީއިރު، އަޅުގަނޑަށް ރަނގަޅު ނަތީޖާއެއް ލިބުނު. އަށްޑިހަ ފަހެއް، ނުވަދިހަވަރަކަށް ޕަސެންޓު ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވި.

އެހެންވީމާ، ޕާޓީ ވުޖޫދަށް އައުމާއެކު އަޅުގަނޑަށް އުނދަގޫވި، ވަކި ޕާޓީއަކަށޭ އަޅުގަނޑު ގުޅޭނީ. އެގޮތަށް އެކަން އަމިއްލަ ނިންމުމެއް ނިންމަން އުނދަގޫވި. އެހެންވީމާ، އަޅުގަނޑު އޭރު ދިޔައީ ފުވައްމުލަކަށް. ގޮސްފައި އަޅުގަނޑަށް ވޯޓުލީ ހުރިހާ އެންމެންގެ ތެރެއިން ދެން އެވަގުތު އަޅުގަނޑު ދަންނަވައިލި ދެންނެވުމަށް ވަޑައިގެންނެވި ބޭފުޅުންނާ މަޝްވަރާކޮށް، ކޮންމެ އަވަށަކުވެސް، އަށް އަވަށް އޮންނައިރު ކޮންމެ އަވަށަކުވެސް ޖަލްސާތަކެއް ބާއްވާފައި، އަޅުގަނޑު އެ ބޭފުޅުންނަށް ދެންނެވިން، ޕާޓީތަކެއްވެސް ވުޖޫދަށް އައިސްފިކަމާއި، ފުވައްމުލަކުގައި މިހާރު ހަތަރު މެންބަރުން ތިބޭއިރު، ތިން މެންބަރުން ޕާޓީތަކާ ގުޅިއްޖެކަމާއި، އަޅުގަނޑު އެކަނިކަން މިހާރު ޕާޓީއަކާ ނުގުޅި މިހުރީ. ދެން އެހެންނަމަވެސް، އޭރު ކަންތައްތައް އޮތްގޮތުން، ޕާޓީއެއްގައި ހުރެގެން ކަމަށް މަސައްކަތް ކުރަން ފަސޭހަވާނީ.

އެނގިވަޑައިގަންނަވާނެ، އެ ވަގުތަކީ އިޞްލާޙީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުން، ވަރަށް ގިނަ ކަންތައްތަކެއްގެ އިޞްލާޙީ މަސައްކަތްތަކެއް ކުރެވެމުންދިޔައީ. އެގޮތުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފެނިވަޑައިގަތީ، އަޅުގަނޑު އެމް.ޑީ.ޕީ.އާ ގުޅެން، އެ މަސައްކަތުގައި. ޚާއްޞަ މަޖިލީހުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތުގައި. އެހެންނަމަވެސް، 2008 ވަނަ އަހަރު ޤާނޫނުއަސާސީ ތަޞްދީޤުވުމާއެކު، އެވަގުތު ދެން އަޅުގަނޑު ޖުމްހޫރީ ޕާޓީއާ އެކީ، އޮނަރަބްލް ޤާސިމް އިބްރާހީމާ އެކީ، އަޅުގަނޑު މަސައްކަތުގައި ދިޔައީ. އެހެންނަމަވެސް، އެވަގުތުވެސް އަޅުގަނޑުމެން ކުރަމުންދިޔައީ އިޞްލާޙީ މަސައްކަތްތައް. 2008 ވަނަ އަހަރުވެސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ފުރަތަމަ ބުރާއި އަދި ދެވަނަ ބުރުވެސް، އޭރު އެމް.ޑީ.ޕީ. ވެރިކަމަށް އައީ. އެ މަސައްކަތުގައި ހަމަ އުޅެންޖެހުނީ. ރިޔާސީ އިންތިޚާބު ނިމެންދެން އަޅުގަނޑުމެން ތިބީ، އިޞްލާޙީ މަސައްކަތުގައި، އަޅުގަނޑުމެންގެ މަޤްޞަދު ހާސިލުކުރުމަށްޓަކައި.

ޢާމިރު ސަލީމް:

ސިޔާސީ ބޭފުޅުން ވެއްޖިއްޔާ، އަބަދުވެސް ކުރިއަށް ވަޑައިގަތުމުގެ ވިސްނުން ހުންނާނެ، ސިޔާސީ ދާއިރާއިން ދޮގެއްތޯ. އެއްވެސްއިރަކު ހީފުޅުކުރެއްވުނު ކަމެއްތޯ، ރާއްޖޭގެ ވެރިކަމުގެ މިހާހިސާބުގެ މަގާމަކަށް ވަޑައިގެންނެވުން. ނޫނީވިއްޔާ އެކަހަލަ ވިސްނުންފުޅެއް ހުރިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ނޫން. އަޅުގަނޑު އެއްވެސްއިރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އައުމުގެ ވިސްނުމެއްވެސް ކަނޑައަޅައި، އެގޮތަކަށް އަޅުގަނޑު ނުގެންގުޅެން. އެހެންނަމަވެސް، އަޅުގަނޑު ކުރީގައިވެސް ދަންނަވައިފިން، އަޅުގަނޑު ކުޑައިރުއްސުރެ ފެށިގެން، ޒުވާނުންނާ އެކީގައި އަޅުގަނޑު ހަމަ ގިނަ ކަންތައްތަކެއްގައި އުޅުނީމޭ. އެ ވަގުތަކަށް އެންމެ ބޭނުންވާ، އެ ރަށަށް ބޭނުންވާ ކަންތައްތަކެއްގެ ތެރޭގައި އަޅުގަނޑު އުޅުނީމޭ. އެހެންވީމާ، އަދި އަޅުގަނޑުގެ ވަޒީފާގެ މަސައްކަތުގެ ގޮތުންވެސް އަޅުގަނޑު އުޅުނީ ހަމަ އެތައްހާސް ބަޔަކު، އެތައް ސަތޭކަ މުވައްޒަފުންތަކެއްގެ ކަންތައްތައް ބަލަހައްޓައި، ގިނަ މަސައްކަތްތަކެއް ކުރަން އަޅުގަނޑު އުޅުނީ، އަޅުގަނޑުގެ ޢުމުރުން 17 އަހަރުން ފެށިގެން.

އެހެންވީމާ، އަޅުގަނޑު އުފާކުރަން، އަޅުގަނޑަށް އެންމެ ދުވަހެއްވެސް ބޭކާރެއްނުވި. އަޅުގަނޑުގެ ޙަޔާތުން ސްކޫލް ނިމުނު ދުވަހު މަސައްކަތް ފަށައިފިން. އަޅުގަނޑު އަބަދުވެސް ވިސްނީ އަޅުގަނޑަށް ކުރެވޭނީ ކޮންކަމެއްތޯ. އެ ވަގުތެއްގައި އެ ހުންނަ މަގާމެއްގައި، ނޫނީ އެ ހުރި ހައިސިއްޔަތެއްގެ،އެ ވަޒީފާއެއްގެ ތެރެއިންވެސް، ކުރެވޭނީ ކޮންކަމެއްތޯ. އަޅުގަނޑު ވަރަށްކުރާހިތްވި، ޒުވާނުންނާއެކު މި ދެންނެވިކަހަލަ ކަންތައްތައް. އެގޮތުން އެ ވަގުތަކަށް އައިސްފައި، ދިމާވިކަމެއް އަޅުގަނޑު ކުރިމަތިލީ.

ދެން އެނގިވަޑައިގަންނަވާނެ، މިފަހަރު މި މަގާމަށް އައުމުގައި މިއީ ދެން ވަރަށް އެހެންކަހަލަ ކަމެއް އިނގޭތޯ. މިއީ ކޮންމެހެން ޕްލޭން ކޮށްގެން، އެގޮތަށް އޮތް ކަމެއްވެސް ނޫން. ޤައުމު އެ ދުވަހު އޮތް ޙާލަތުން އަޅުގަނޑަށް ހަމަ ދެން އެ ވަގުތު ކަންތައްތައް މެދުވެރިވުން އެއީ، އެއްވެސްކަހަލަ ޕްލޭނެއް، ނޫނީ މިއީ ކުރަންޖެހޭނެ ކަމެއްކަމަށް ގަބޫލުކޮށްގެން، އެއީކީ އަޅުގަނޑު ޤަބޫލުކުރާ ކަންތައްތަކެއް ނޫން. ވަކި މީހަކަށްވީތީވެ، ތިމަންނާ ޖެހޭނެއޭ، މިވެނި މަގާމެއްވެސް އަދާކޮށްލަން. އަދި އެކަން ކޮށްފައޭ ދާންޖެހޭނީ. އެއީ ހަމަ މެދުވެރިވީ އެ ވަގުތު.

ޢާމިރު ސަލީމް:

އަޅުގަނޑު ހިތަށްއަރަނީ އެ ވަގުތުކޮޅު ކޮންމެވެސްވަރަކަށް ޙިއްޞާކޮށްލެއްވިއްޔާ ވަރަށް ރަނގަޅޭ. ރަނިންގމޭޓެއްގެ މަގާމަށް ފައިޞަލް ހަމަޖެއްސެވުން މިއީ، ކިހިނެއް ހިނގައިދިޔަ ކަމެއްތޯ. ކިހިނެއްތޯ އެ ޚަބަރު ފުރަތަމަ ލިބުނީ. މަޝްވަރާ ކުރެވުނުތޯ ކުރިންވެސް.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ދެން އޭގައި އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން އޭރު މަސައްކަތް ކުރަމުންދިޔައީ، ކޯލިޝަން އެންމެން އެކީގައި. ގިނަ ޕާޓީތަކެއް، ދެން ހުރިހާ ޕާޓީތަކެއް. ދެން، އަޅުގަނޑު ދަންނަވާނީ. އޭރު އެންމެ ޕާޓީއެއް އޮތީ ދޮގެއްތޯ. ދެ ޕާޓީއެއްކަންނޭނގެ، އެއީ އެއް ޕާޓީ، އަޅުގަނޑަށް ހީވަނީ ދެބަޔަށް ބަހާލީމާ، ދެން އެ ދެ ޕާޓީ އޮތީ ސަރުކާރު ހިންގުމުގައި. ހުރިހާ އެންމެން ގުޅިގެން، އެ މަސައްކަތް ދިޔައީ. އޭރު ދިމާވެފައި އޮތް ކަންތައްތަކުން ޤައުމު ސަލާމަތް ކުރުމުގެ މަސައްކަތް. ދެން އޭގެތެރެއިން ގޮސްފައި އެވަގުތު، މި ޕްރެޒިޑެންޝަލް ކެންޑިޑޭޓާއި އަދި ވައިސް ޕްރެޒިޑެންޝަލް ކެންޑިޑޭޓު މިއޮތީ ދެ ޕާޓީއަކަށް އެއްބަސްވެވިފައި އޮތީ. ދެން އެގޮތުން އަޅުގަނޑު ނިސްބަތްވީ ޖުމްހޫރީ ޕާޓީއަށް. އަޅުގަނޑު ހުރީ ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި. އެގޮތަށް ހަމަޖެހިގެން ދިއުމާއެކު، އަޅުގަނޑަށްވެސް ބައެއް ފަރާތްތަކުން، އެރޭ ހަމަ އެކަމުގައި އެއްބަސްވެވުނު ރޭ، އަޅުގަނޑު ގާތުގައި ހަމަ ވިދާޅުވި ބައެއް ފަރާތްތަކުން، ޖުމްހޫރީ ޕާޓީއަށް އެ ސްލޮޓް ލިބުނީމާ ކުރިއަށްދާން ފެންނަ ކަމަށާއި، މިވަގުތު މި މަސައްކަތުގައި ދެމިހުންނަންޖެހޭ ކަމަށް. އެގޮތުން ދެން ނިންމީ. ދެން އަޅުގަނޑުވެސް ހަމަ ކުރިއަށް ދިޔައީ. ޚާއްޞަ މަޖިލީހުގައިވެސް، އަޅުގަނޑުގެ ބައްޕަ ވިދާޅުވެގެން އަޅުގަނޑު އެދުވަހު އެގޮތަށް ނިންމިގޮތަށް، މިފަހަރު ހަމަ ކުރިއަށް ގެންދިޔައީ.

ޢާމިރު ސަލީމް:

ޖުމްހޫރީ ޕާޓީގެ ލީޑަރުވެސް ވަރަށް އިތުބާރު ކުރައްވާ ބޭފުޅަކަށްވީމާކަންނޭނގެ، ޖުމްހޫރީ ޕާޓީއަށް އެ ލިބުނު ސްލޮޓްގައި ފައިޞަލް ނަސީމް ޚިޔާރު ކުރައްވާނީ. ނޫނީވިއްޔާ، އެންމެން މަޝްވަރާކޮށްގެން ނަމަވެސް، އެގޮތަށް ނިންމަވާނީ. ކިހާ އިތުބާރެއް ކުރާނެތޯ، ޖުމްހޫރީ ޕާޓީގެ ލީޑަރު.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑަށް އިތުބާރު ނުކުރަންޖެހޭނެ އެއްވެސް ކަމެއް، ދުވަހަކުވެސް ދިމާވެފައެއް ނެތް. ދުވަހަކުވެސް، ޙަޔާތުގައިވެސް ދިމައެއްނުވޭ އެއްވެސް ކަމެއް. މިއީ ދެން އަދި މިއަދާ ހަމައަށްވެސް އެގޮތަށް ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ، އެކަންތައްތައް އޮތީ. މިއަދު މިހުރީ މުޅި ޤައުމުގެ ރައްޔިތުންގެ މަސައްކަތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި.

ޢާމިރު ސަލީމް:

އަދިވެސް ސިޔާސީ ބައެއް ވާހަކަ އަޅުގަނޑު އަދިވެސް ދައްކާނަން. ފައިޞަލަކީ ޙަޤީޤަތުގައި ސިޔާސީ ބޭފުޅަކަށްވުރެ ބޮޑަށް މަސައްކަތްތެރި ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ. ވަރަށް އާދަޔާޚިލާފު މަސައްކަތް ކުރައްވާ ބޭފުޅެއް. އޭގެ އިތުރަށް، ވަރަށް މޮޅަށް ކްރިކެޓްވެސް ކުޅުއްވާ ބޭފުޅެއް. އަޅުގަނޑުގެ މަޢުލޫމާތު ގޯސް ނޫނީވިއްޔާ، ފައިޞަލް ކުޅުއްވިއިރު، ރާއްޖޭގައި ހުރި އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ. އެއީ ރަނގަޅު ވާހަކައެއްތޯ. ކްރިކެޓް ކިހާވަރަކަށް ކުޅުއްވިންތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑުމެން މާލެ އައިސްފައި، ކަންދިމާކުރިގޮތުން އަޅުގަނޑުމެން އުޅެންޖެހުނީކީ މައިންބަފައިންގެ ބެލުމުގެ ދަށުގައެއް ނޫން. ވަރަށް ކުޑައިރު އެކަނި އުޅެންޖެހުނީ ބޭބެއާ ދެ މީހުން. އެހެންވީމާ، ވީގޮތަކީ، ކުޅިވަރަށްވެސް އަޅުގަނޑުމެންނަށް ވަކި ލިމިޓެއް ދެން ނެތް އަނެއްހެނެއް. ކުޅެން ދިޔުމުގައިވެސް. އެހެންވީމާ، ކިޔަވަމުން، ސްކޫލަށްވެސް ދަމުން، ސްކޫލަށްވެސް ނުދާ އެންމެ ދުވަހެއްވެސް އިރާދަކުރެއްވީތީ ނޯންނާނެ. މައިންބަފައިން އަދި ގާތުގައި ނެތް ނަމަވެސް. ދެން އެގޮތުން ކުޅެން ވަރަށް ބޮޑަށް އުޅެވުނު. ކްރިކެޓާއި ފުޓްބޯޅައާއި އަދި އެނޫން ކުޅިވަރުވެސް. އޭގެތެރެއިން ގޮސް ދެން އަޅުގަނޑުގެވެސް ވަރަށް ބޮޑަށް ޝައުޤުވެރިކަން އުފެދުނީ ހަމަ ކްރިކެޓަށް.

އެދުވަސްވަރު އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި އަށްޑިހައިގެ މެދުތެރޭގައި، ނުވަދިހައިގެ ކުރީކޮޅުގައިވެސް ޚާއްޞަކޮށް، ކްރިކެޓަކީ ވަރަށް މަޝްހޫރު، ވަރަށް ބޮޑަށް ސަމާލުކަން ދެވިފައި އޮންނަ ކުޅިވަރެއްގެ ގޮތުގައި، އޭރު ސަރުކާރުންވެސް ވަރަށް ބޮޑަށް، އެގޮތަށް ކްރިކެޓާ ދޭތެރޭގައި. އެގޮތުން، ދެން އަޅުގަނޑަށް ހަމަ ކުޅެން ފެށުނީ. ދެން އެންމެފަހު އަހަރު، އަޅުގަނޑު ނިންމާލި އަހަރު، އެއީ 1991 ވަނަ އަހަރު، އިންޓަރސްކޫލްގައި، ދެން އޭރު އަޅުގަނޑު އީ.ޕީ.އެސް.ގައި ކެޕްޓަންކަންވެސް ކުރިން. ކޮށްފައި، ދެން އެ އަހަރު އަޅުގަނޑާ މޫސާ ކަލީމާ ދެމީހުން، އެ އަހަރު އަޅުގަނޑު އީ.ޕީ.އެސް. ކެޕްޓަން. މޫސާ ކަލީމަކީ މަޖީދިއްޔާ ކެޕްޓަން. ދެން އެ އަހަރު އަޅުގަނޑަށް ލިބުނު ބެޓްސްމަން. އެންމެ މޮޅު ކުޅުންތެރިޔާގެ. ދެން އެހިސާބުން އެހެންނަމަވެސް، އަޅުގަނޑުގެ ކުޅިވަރުގެ ކަންތައް ޖެހުނީ ހުއްޓާލާފައި، އަޅުގަނޑު ވިސްނީ ކުރިއަށް ދިޔުމަށްޓަކައި އޭރުގެ ޙާލަތަށް ބަލައި ކަމަށްވަންޏާ، އަޅުގަނޑުމެން ރަށްރަށުން މި އަންނަނީ. އައިސްގެން އަޅުގަނޑުމެން އައި ބޭނުން އެބަޖެހޭ ހަނދާނުގައި ބަހައްޓަން. މާލެ މިއައީ ކީއްކުރަންކަން. ކިޔަވައިގެން ރަނގަޅު ވަޒީފާތަކެއް ހޯދައިގެން، އަނެއްކާވެސް ޢާއިލާއަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމުގެ މަސައްކަތްކަން. އެހެންވީމާ، އަޅުގަނޑު އެންމެ ރަނގަޅު ގޮތް އަޅުގަނޑު ޚިޔާރުކޮށްގެން މަސައްކަތަށް އަޅުގަނޑު އެނބުރުނީ، ކުޅިވަރު ދޫކޮށްލާފައި.

ޢާމިރު ސަލީމް:

މިހާރުވެސް ރަނގަޅު ފެންވަރަށް ބެޓް ކުރައްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ދެން އެކިފަހަރު އެކިވަރަށް ކުޅެވޭނީ ދޮގެއްތޯ. ކްރިކެޓަކީ ވަރަށް ވައްތަރެއްގެ އެއްޗެއްތާ ދޮގެއްތޯ. ދެން އޭގައި ގިނައިން ސްކޯރ ކުރެވޭ ފަހަރާއި، އެ ދެން ހިނގައިދާނެ ދޮގެއްތޯ.

ޢާމިރު ސަލީމް:

ޑިޒައިން ކުރެއްވުމާއި ތަންތަން ހެއްދެވުމާ، އެ ހުނަރު ވަރަށް ބޮޑަށް ހުރި ބޭފުޅެއްގެ ގޮތުގައި، އަޅުގަނޑު ދުށިން އަޅުގަނޑު ފުވައްމުލަކަށް ދިޔަފަހަރެއްގައި، ފައިޞަލް ޑިޒައިން ކުރައްވައި، އަމިއްލަ އަތްޕުޅުން މަސައްކަތް ކުރައްވަމުން ގެންދެވި ތަނެއް. އެކަން ވަރަށް ރަނގަޅަށް ކުރައްވާ. އެ ކިހިނެއް ކުރައްވާ މަސައްކަތެއްތޯ އެއީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ކުޑައިރުވެސް އަޅުގަނޑު ބައްޕައާ އެކީ، އަޅުގަނޑުގެ ބައްޕަވެސް ވަރަށް ތަފާތު ގިނަ މަސައްކަތްތައް ކުރައްވާނެ. ބޯޓުގެ ކެޕްޓަންކަން. ދެން ގޮސް އަމިއްލަ މަސައްކަތްތައް، ރޭނުމުގެ ކަންތައްވެސް. ފެހުން، ރޭނުން، ވަޑާމުގެ މަސައްކަތުގައިވެސް، އެގޮތުން ކުޑައިރުއްސުރެ އަޅުގަނޑުގެ ޝައުޤުވެރިކަން ހުރޭ. އާ ކަންތައްތަކެއް ކޮށްލަން. ނޭނގޭ ކަމެއް ދަސްކޮށްލުން. އަޅުގަނޑު އުޅެންޖެހުނީ ސްކޫލް ނިންމާފައި ރިޒޯޓް، ޚާއްޞަކޮށް، ޑިވެލޮޕްމަންޓް ކޮންސްޓްރަކްޝަން ބިލްޑިންގއަށް އަޅުގަނޑު ފުރަތަމަ ދާންޖެހުނީ. އެއީ އިންޤިލާބީ ބަދަލުތަކެއް އެވަގުތު ރާއްޖޭގެ އިންޑަސްޓްރީއަށް ގެނެވުނު މަސައްކަތްތަކުގެ ތެރެއިން، ނޫނީ އެ ރިޒޯޓުތަކުގެ ތެރެއިން އެއީ ފެށިގެން އައި ދުވަސްވަރޭ އަޅުގަނޑު ދަންނަވާނީ. 1990 ގެ ކުރީކޮޅު. އެގޮތަށް އުޅެންޖެހުމުގެ ސަބަބުން އަޅުގަނޑުގެވެސް ޝައުޤުވެރިކަން އުފެދުނީ. އަޅުގަނޑު އެންމެ ކުރާހިތްވާ ކަންތައް އެއީ. މިހާރުވެސް އަޅުގަނޑު އެންމެ ކުރާހިތްވާ ހަމަ އެއްކަމަކީ އެއީ. އެ ފުރުޞަތު އަޅުގަނޑަށް ލިބުނީ. އެއީ އަޅުގަނޑަށް ވަރަށް މުހިންމު، ވަރަށްކުރާހިތްވާ ކަމެއް.

ޢާމިރު ސަލީމް:

ވަޑާންވެސް ހަމަ އަމިއްލަފުޅަށް ކުރައްވާ އުޅުއްވާތީ އަޅުގަނޑު ދުށިން އެފަހަރު. ރަނގަޅު ފެންވަރަކަށް ކުރައްވަން ދޮގެއްތޯ އެކަންތައް. ރޭނުންވެސް ހަމަ އެހެންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ދެން ރާނަށް ފެށީމާ ރޭނޭނެ ފާރެއް އެއްޗެއް. ކުރަން ހުންނަ މީހާއަށް އެންމެ މޮޅަށް އެކަން ކުރާކަށް އެނގޭކަށް ކޮންމެހެން ނުޖެހޭ. އެހެންނަމަވެސް، ވަޑާންވެސް އަޅުގަނޑު ކުރަން. ވަޑާންގޭގައި އަޅުގަނޑު ވަރަށް ގިނަ ވަގުތު ހޭދަކުރިން. އަޅުގަނޑު މެނޭޖަރެއްގެ ގޮތުގައި، ނޫނީ އަޅުގަނޑު އެ މަސައްކަތްތައް ކުރަން އުޅުނުއިރު، ދުވާލުގެ ވަރަށް ބޮޑު ބައެއް ވަޑާންކުރުމުގައި، ވަޑާންގޭގައި އަޅުގަނޑު ހޭދަކުރަން. އެކިކަހަލަ ތަކެތި ހެދުމަށާއި އެ މަސައްކަތުގައި.

ޢާމިރު ސަލީމް:

އަޅުގަނޑަށް މި ފެނުނު، ފުވައްމުލަކުގައި މިހުރި ޢިމާރާތުގެ އިތުރަށް، ރާއްޖޭގެ އެހެނިހެން ތަންތާނގައި ހުންނާނެތޯ ފައިޞަލްގެ މަސައްކަތް؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ރިޒޯޓުތަކުގައި ހުންނާނެ.

ޢާމިރު ސަލީމް:

އެއީ ކޮންކަހަލަ މަސައްކަތެއްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އެއީ ދެން ހަމަ ޑިޒައިނިންގ އިންޓީރިއާ. އެއާ ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް ކޮށްފައި ހުންނާނެ އަޅުގަނޑު. ވަރަށް ގިނަ ރިޒޯޓުތަކުގެ އެކިއެކި ކަންތައްތައް ހުންނާނެ.

ޢާމިރު ސަލީމް:

މާނައަކީ ނައިބު ރައީސް ކަމުގައި ނުހުންނަވާ ދުވަހަކުން، ނޫނީވިއްޔާ، ސިޔާސީ ކަންކަމުގައި ނޫޅުއްވާ ދުވަހަކުން އަނެއްކާ އެ މަސައްކަތްތޯ ކުރައްވާނީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑަށް އަނެއްހެން އެއްވެސް މައްސަލައެއް ނޫން އެއީކީ. އަޅުގަނޑު ކުރާހިތްވާ މަސައްކަތެއް، އަޅުގަނޑު އާމްދަނީ ހޯދުމަށްޓަކައި މަސައްކަތް ކުރުން އަޅުގަނޑަށް އެންމެ މުހިންމުވާނީ. އަޅުގަނޑަށް މުހިންމުވާނީކީ ކޮންމެހެން މަގާމެއް ނޫން. އެއްފަހަރު މި މަގާމު އަދާކުރެވުނީތީވެ، ދެން މި ނޫން އެހެން މަގާމެއްގައި ހުރެގެންވެސް ނުވާނެއޭ. އެއީއެއް ނޫން އަޅުގަނޑު ގަބޫލުކުރާ ގޮތަކީ. އަޅުގަނޑު ވަރަށް ހިތްހަމަޖެހިގެން، ދެން އެހެން ގޮތަކަށް ދަންނަވަންޏާ، އަޅުގަނޑު ވަރަށް ލޯބިން އަޅުގަނޑު ކުރި މަސައްކަތެއް ކުރީ.

އެހެންވީމާ، އަޅުގަނޑު އެކަހަލަ މަސައްކަތަކަށް އެނބުރިދިޔުމަކީ އަޅުގަނޑަށް ހަޑިކަމެއްވެސް ނޫން. ހުތުރުކަމެއްވެސް ނޫން އެއްގޮތަކަށްވެސް. އެހެންވީމާ، އަޅުގަނޑުގެ ގައިގައި ވަރުހުރި ދުވަސްވަރު، އަޅުގަނޑުގެ ޢާއިލާއަށްޓަކައި، އަޅުގަނޑު ކުރަންޖެހުނު ކޮންމެ މަސައްކަތެއް، ކޮންމެ ބާވަތެއްގެ މަސައްކަތެއްވިޔަސް، ހެޔޮގޮތުގައި، ރަނގަޅު ގޮތުގައި ކުރާ މަސައްކަތެއް ކަމަށްވަންޏާ، އަޅުގަނޑަކަށް އެއްވެސް މައްސަލައެއް ނޫން އެއީކީ.

ޢާމިރު ސަލީމް:

ފަތުރުވެރިކަމުގެ ދާއިރާގައިވެސް ވަރަށްގިނަ ދުވަހު މަސައްކަތް ކުރައްވާފައި. ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާއަކީ ކޮބައިތޯ. ކިހާ ދުވަހަކު މަސައްކަތް ކުރެއްވިންތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ޖުމްލަ 26 އަހަރު އަޅުގަނޑަށް އުޅެވުނު. ކުރިންވެސް އަޅުގަނޑު ދެންނެވިން، ސްކޫލް ނިންމާފައި ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް އަޅުގަނޑު ޖޮއިންކުރީ. އެހެންނަމަވެސް، ވަރަށް ރަނގަޅު. އަޅުގަނޑަށް މި ކަންތައްތައް މެދުވެރިވީގޮތާމެދު އުފާކުރަން. އެއީ ފުރަތަމަ ވަރަށް ބޮޑަށް މަސައްކަތުގައި އުޅެންޖެހުނީ. އެތައްސަތޭކަ، ތަފާތު އެކި ވައްތަރުގެ، އެކި ޤައުމުތަކުގެ އެކިކަހަލަ މީހުންނާ އެކީ. ބިލްޑިންގ ކޮންސްޓްރަކްޝަން ޑިވެލޮޕްމަންޓްގައި، އަޅުގަނޑު އުޅެންޖެހުނީ. އެހެންވީމާ، އަޅުގަނޑަށް ޑީލްކުރަންޖެހުނީ، އެކިކަހަލަ މީހުންނާއެކު. އެހެންވީމާ، އެ މީހުންގެ ފަރާތުންވެސް އަޅުގަނޑަށް ގިނަ ކަންތައްތަކެއް، ކޮންމެވެސްވަރަކަށް ކަންތައްތަކެއް އަޅުގަނޑަށް ދަސްވި. ނޫނީ އަޅުގަނޑު ކުރިން ދަސްކުރަން ބޭނުންނުވާ، އެގޮތަށް އެކްސްޕެކްޓް ނުކުރާވެސް، އެތައް ގިނަ ކަންތައްތަކެއް އަޅުގަނޑަށް އެނގިގެންދިޔަ، ފެނިގެންދިޔަ.

އެހެންވީމާ، އެއީ ފެށުން. ދެން ހަމައެއާއެކު، ރިޒޯޓު އިންޑަސްޓްރީގައި ދެން އަޅުގަނޑު ގާތްގަނޑަކަށް ޖުމްލަ 26 އަހަރު ހޭދަވެގެންދިޔައިރު އެއީ ވަރަށް ގިނަ ބަޔަކާއެކީ މަސައްކަތް މިކުރަނީ. އެކި ރަށްރަށުގެ އެކި ބޭފުޅުން. އެހެންވީމާ، އެއީ ވަރަށް އެހެންކަހަލަ އެކްސްޕީރިއަންސެއް އަނެއްކާވެސް އިނގޭތޯ. ރާއްޖޭގެ އުތުރާއި ދެކުނުގެ ތަފާތު އެކި ބޭފުޅުންނާއެކު މަސައްކަތް ކުރާއިރު، ކޮންމެ މީހެއްގެވެސް ދިރިއުޅުމެއް އޮންނަކަން، ކޮންމެ މީހެއްގެވެސް ޢާއިލާއެއް އޮންނަކަން، ކޮންމެ މީހަކުވެސް ބޭނުންވާނެ، އޭނާގެ ހުވަފެންތަކެއް ޙަޤީޤަތަކަށް ހެދުމުގައި، އެއީ އަޅުގަނޑުގެ ނަފްސަށް، އަޅުގަނޑުގެ ޢާއިލާއަށް އަޅުގަނޑު އެދޭ ފަދައިން، އަނެކާވެސް ހަމަ ސޭމް.

އެހެންވީމާ، އެ އިޙްސާސްތަކާއި އެމީހުންނާއެކު އެގޮތަށް މަސައްކަތްކުރަން އެ ލިބުނު ފުރުޞަތު ވެގެންދިޔައީ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑަށް ރަނގަޅަށް، ވަޒީފާއެއްގައި ހުރެގެން ހިތްހަމަޖެހިލައިގެން ނުވަތަ މިއަދާ ހަމަޔަށް އަޅުގަނޑަށް އަދި ދަސްވި އެއްޗެއްވެސް، ދަސްވުމުގެ އަޞްލަކަށް ވެގެންދިޔައީ. ހަމައެއާއެކު، ބޭރު ޤައުމުގެ ކަންތައްތައްވެސް އެނގިގެންދޭ، އެ އިންޑަސްޓްރީގެ އެކިއެކި މީހުންނާ ބައްދަލުވީމާ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ އެއީ ދެން ވަރަށް ބޮޑު ފުރުޞަތެކޭ. އޭރު އެކިއެކި ބަސްބަހުން ވާހަކަދައްކާ މީހުންނާ ބައްދަލުވެ، އެއީ ފުރުޞަތެއްގެ ގޮތުގައި، އަޅުގަނޑު ދެކެނީ އެ ދެން އަނެއްކާވެސް ކިޔަވަން، ދަސްކުރަން ލިބުނު ވަރަށް ބޮޑު ފުރުޞަތެއްގެ ގޮތުގައި.

ޢާމިރު ސަލީމް:

ފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ފުރަތަމަވެސް، ރިޒޯޓެއް ހުޅުވިގެން، އަޅުގަނޑު ފުރަތަމަ ހުރީ އެސިސްޓެންޓް މެނޭޖަރަކަށް. އެންމެ ފުރަތަމަ އަޅުގަނޑުގެ ވަޒީފާއަކީ.

ޢާމިރު ސަލީމް:

ޢުމުރުން 17 އަހަރުގައި.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ނޫން. 20 އަހަރުގައި އަޅުގަނޑު އެސިސްޓެންޓް މެނޭޖަރަކަށް. ދެން މެނޭޖަރެއްގެ ގޮތުގައި، ގާތްގަނޑަކަށް ތިންމަސް ތެރޭގައި ބަދަލުވީ. އޭރު އަޅުގަނޑު ވަރަށް ޒުވާން ދޮގެއްތޯ. ވިހި، އެކާވީސް އަހަރުވީމާ ވަރަށް ޅަ. މިހާރު އިޙްސާސްކޮށްލަންވެސް ތަންކޮޅެއް އުނދަގޫ.

ޢާމިރު ސަލީމް:

ދެން 26 އަހަރު ފަތުރުވެރިކަމުގެ ދާއިރާގައި އުޅުއްވައި ނިންމަވައިލެއްވިއިރު ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު އޭރުވެސް، އެހާ ބޮޑަކަށް ވިސްނާ ކަންތައްތަކެއް ނޫން. އަބަދު އެއް މަގާމެއްގައި، އަބަދު މެނޭޖަރު ހެދިފައި، ނޫނީ އެހެން ހުރެގެން ވާނެ ކަމަކަށް ގަބޫލެއްނުކުރަން. އަޅުގަނޑު މި ދެންނެވީ ކުރީގައި، އެވަގުތު ކަންތައްތައް ހުރިގޮތުން ކިޔެވުމަށްޓަކައި ވަރަށް ބޮޑު ހޭދައެއް މިއަދުވެސް މި ކުރަނީ މައިންބަފައިން. ބޭނުމަކު ދޮގެއްތޯ އެއީ. ހަމައެކަނި ކިޔަވައި ނިންމާލާފައި، ސަނަދު ހިފައިގެން ގެޔަށްގޮސް ތިބޭކަށްނޫން. މަސައްކަތްތަކެއް ކޮށްގެން އާމްދަނީ ހޯދަން.

އެހެންވީމާ، އަޅުގަނޑުމެން އަބަދު އެއް މަގާމެއްގައި ތިބެފައި، ފަހަތުން އަންނަ އެއްވެސް ބަޔަކަށް ފުރުޞަތު ނޯންނަގޮތަށް ތިބުމަކީ އެއީކީވެސް އަޅުގަނޑު ގަބޫލުކުރާ ކަމެއްނޫން. އެހެންވީމާ، އަޅުގަނޑު ދިޔައީ ވަކި މުއްދަތަކަށް އެ ކަންތައްތައް ކުރަމުން. އަޅުގަނޑު ބޮޑަށް ބޭނުންވީ، އަޅުގަނޑުގެ އެ 26 އަހަރަށްފަހު ގާތްގަނޑަކަށް އައި ދުވަސްތައް، ޚާއްޞަކޮށް، ނަވާރަ، ވިއްސަކަށް އަހަރު ފަހުން އަޅުގަނޑު ބޮޑަށް ބެލީ، ޑިވެލޮޕްމަންޓް މަސައްކަތްތައް ކުރަން. ޕްރޮޖެކްޓްތަކާއި ބިލްޑިންގއާ، އެކަހަލަ މަސައްކަތްތަކުގައި، ގިނަ ކަންތައްތަކެއް ކުރަން. އެންމެ ކަމަކަށް ލިމިޓްވެގެން ހުރުމަކީ، އަޅުގަނޑަށް ވަރަށްފޫހި ކަމެއް. އެހެންވީމާ، ޑިޒައިންވެސް ކުރުން. އެހެނިހެން މަސައްކަތްތައްވެސް ކުރުން. އަޅުގަނޑަށް އެނގެންޏާ، އެނގޭ ހުރިހާ މަސައްކަތެއް ކުރުން. އެއްވެސްކަމެއް ނުކޮށް ދޫކޮށްނުލުން އެއީ.

ޢާމިރު ސަލީމް:

ރިޒޯޓުތަކުގައި ކުރާ ދެން ހުންނަ މަސައްކަތްތައްވެސް ކުރައްވަން އެނގޭނެތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު މި ދެންނެވީ، ރިޒޯޓުގެ ޖެނެރަލް މެނޭޖަރަކަށް، މެނޭޖަރަކަށް ހުންނަ މީހަކަށް ކޮންމެހެން އެ ހުރިހާ ކަމެއް، މިސާލަކަށް އެފް.އެން.ބީ. ދޮގެއްތޯ، ނޫނީ އެކިއެކި ސްކިލްޑް ވަކި ކަންތައްތަކެއްވެސް ހުރޭ. މި ހުރިހާ ކަމެއް ކޮންމެހެން އަމިއްލަ އަތުން ކުރާކަށް ކޮންމެހެން ނުޖެހޭ އިނގޭތޯ. އެއީ މީހުން ތިބޭ. އެ މީހުން ލައްވައި ކުރުވުން އަދި މާ މުހިންމު ކަމެއް މިއީ. އަޅުގަނޑު ގަބޫލުކުރަނީ މެނޭޖަރެއް ކަމަށްވަންޏާވެސް، މި ޖެހެނީ ވަރަށް ބޮޑު ޓީމެއް އޮވޭ އިނގޭތޯ. ޕްރޮފެޝަނަލް މީހުން އެބަ ތިބޭ. އެމީހުންގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން އެބަޖެހޭ. މެނޭޖަރަކަށް ހުންނަ މީހާ ހުރިހާ ކަމެއް ކޮށްފައި، އެހެން އެންމެން ކަމެއްނުކޮށް، އެއީ އެހެން މީހުންނަށް ދެވޭ ބޮޑު ދެރައެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. އެމީހުންނަށް އޮންނަ ފުރުޞަތު ނަގާލާ މީހަކަށް ވެގެނެއްނުވާނެ ދޮގެއްތޯ، އިސްކޮށް ހުންނަ މީހާއެއް. އެހެންވީމާ، އަޅުގަނޑު ބެލީ އެމީހުންނަށް ދޫކުރަމުން ކުރަމުން ގޮސްފައި، ދެން އަޅުގަނޑު ޖެހޭނީ ނުކުންނާށޭ ވަކި ހިސާބަކުން. އެނގޭނެއޭ، އެތަން ދޫކޮށްލަންޖެހޭ ހިސާބު އައިމާ، ނޫނީ ފަހަތުން އަންނަ މީހާއަށް މަގާމު ލިބޭ ހިސާބުން ދެން ޖެހޭނީ އެހެން ކަމަކަށް ބަދަލުވާށޭ. އެގޮތަށް އަޅުގަނޑު މަސައްކަތްކުރީ.

ޢާމިރު ސަލީމް:

ކިހާ ވަގުތެއް ހޭދަކުރައްވަންތޯ އޭރު ރިޒޯޓުގައި އުޅުއްވިއިރު. ދެން ޢާންމުކޮށް ރިޒޯޓުތަކުގެ މެނޭޖަރުކަމަކީ ސައުވީސް ގަޑިއިރުގެ ވަޒީފާއެއް. ސީދާ ޢަމަލީގޮތުން ނުކުންނަވައިގެން ކިހާއިރަކު އުޅުއްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ހެނދުނުގެ ފެށުމަކީ މުހިންމު ކަމެއް. އޭރުވެސް އަދި މިހާރުވެސް. މިއީވެސް އެކަހަލަ ޕްރޮގްރާމެއް ދޮގެއްތޯ. "ފަށާއިރު". ފެށުން މުހިންމު އިނގޭތޯ. އެހެންވީމާ، އޭރުވެސް އަޅުގަނޑު މެނޭޖަރު ކަމުގައި ހުރިއިރުވެސް އަޅުގަނޑު، މިއަދުވެސް އުފާވޭ އިނގޭތޯ. އަޅުގަނޑު އޭރުވެސް ބޭނުންވޭ، އެންމެ ކުރިން އޮފީހަށް ނުކުންނަ މީހަކަށްވާން. އެންމެ ކުރިން އަޅުގަނޑު ޖެހޭނެ އޮފީހަށް އަންނަން. މިސާލަކަށް، ދެން ތިބި ޑިޕާޓްމަންޓްގެ ހެޑުން، ނޫނީ އަޅުގަނޑުގެ ދަށުން މަސައްކަތް ކުރަން އޮންނަ ޓީމަށްވުރެ އަވަހަށް އަޅުގަނޑު ޖެހޭނެ ކަންތައްތައް ބަލައިލަން. ތަންތަނަށް އަޅުގަނޑު ނުކުމެލައި، ހިނގައިލައި، އެކިއެކި އައުޓްލެޓްތަކާއި، މިސާލަކަށް، ރެސްޓޯރެންޓްތަކާއި، ދެން އެހެނިހެން ޚިދުމަތްދޭ ތަންތަން ކުޑަކޮށް އަޅުގަނޑު ބަލައިލައި، އިންޖީނުގެއާއި، މުވައްޒަފުން ކާ ތަނާއި، ކާން ހުންނަ ބަދިގެ، ނޫނީ މެސްރޫމާ ތަންތަން އަޅުގަނޑު ކުޑަކޮށް ބަލައިލަންވާނެ. އެއީ ވާގޮތަކީ، ދެން އޭރުން އަޅުގަނޑަށް އެނގޭނެ، އެހެން މީހުން ދައްކާ ވާހަކަ، ކިހާވަރަކަށްތޯ މި ދިމާވަނީވެސް.

އެހެންވީމާ، އޭރުވެސް ހެނދުނު އައުން އެއީ އަޅުގަނޑަށް ވަރަށް މުހިންމު ކަމެއް. އެހެންވީމާ، ގިނަ ވަގުތު އެކަމެއްގައި އުޅޭ ކަމަށްވަންޏާ އަޅުގަނޑު އުޅެނީ އެ މަސައްކަތެއް ކުރެވޭތޯ. އެއީ މި ދެންނެވިހެން އެއީކީ މުޅި ޢުމުރަށް ކުރާކަމަކަށްވެސް ނުވާތީވެ. ވަރަށް ލިމިޓެޑް ޓައިމެއް އަޅުގަނޑުމެންނަށް ކޮންމެ ކަމެއް ކުރަން ލިބެނީ. އެހެންވީމާ، މީގައި ރަނގަޅު ގޮތަކީ ވީހާވެސް ގިނަ ވަގުތު، ދެން ރިޒޯޓު ކަމަށްވަންޏާ، ދެން އޮންނާނީ، ކޮންމެވެސްވަރަކަށް ކުޅިވަރުގައި ދޮގެއްތޯ. ފުޓްބޯޅަ ކުޅެލައި، އެކަހަލަ ގޮތަކަށް އޮންނަނީ. ދެން ޢާއިލާއެއް ނޯންނާނެ ދޮގެއްތޯ. އަނެއްކާ ކޮންމެ ދުވަހަކީ އަދި ޢާއިލާއާ ބައްދަލުވާ ދުވަހެއްވެސް ނޫން. އެހެންވީމާ، ވަރަށް ބޮޑަށް މަސައްކަތުގައި ކަމެއް ކުރާއިރު އުޅޭނީ.

ޢާމިރު ސަލީމް:

މާނައަކީ ނައިބު ރައީސަކީ، ކޮންމެ ދުވަހަކުވެސް ވަރަށް ހެނދުނާ ހޭފުޅުލައްވާ ބޭފުޅެކޭ، ކުރިން ފެށިގެންވެސް. މިހާރުވެސް އެހެންތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ނިދާފައެއް ނޯންނަން އިނގޭތޯ. ބަންދު ދުވަހެއްގައިވެސް ކޮންމެހެން އެގޮތަކަށް. ބަންދު ދުވަހަކަށްވިޔަސް.

ޢާމިރު ސަލީމް:

މިހާރު ދެން ކިހާ ވަގުތެއް ހޭދަކުރައްވަންތޯ؟ މިހާރު ދެން ކުރިއަށްވުރެ، ޒިންމާވެސް ބޮޑުވާނެ ދޮގެއްތޯ. އޭރު ރިޒޯޓެއްގައި މުވައްޒަފުން ބެލެހެއްޓުން. މިހާރު ޤައުމުގެ ނައިބު ރައީސްވީމާ، އެ ޒިންމާވެސް ބޮޑުވާނެ. މިހާރު ކިހާ ވަގުތެއް ހޭދަކުރައްވަންތޯ މަސައްކަތުގައި.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ނިދާފަ ނޯންނަ ކޮންމެ ގަޑިއަކީ އެއީ މަސައްކަތުގެ ގަޑި ކަމަށް އަޅުގަނޑު މިހާރު ބަލަނީ. މި ދެންނެވިހެން އަޅުގަނޑުމެންގެ ޒިންމާއެއް، ހުރިހާ ކަމެއްވެސް ދޮގެއްތޯ. ޤައުމުގައި ހިނގާ ކޮންމެ ކަމެއް އެއީ، އަޅުގަނޑުމެން ކުރަންޖެހޭނެ ކަންތައްތައް. އެހެންވީމާ، އޮފީސް ނިންމާލާފައި ގެޔަށް ގޮސްފައި، ނިދަންވަންދެންވެސް، ހަމަ މަސައްކަތް އޮންނާނީ. ދެން ކޮން ކަމެއްތޯ އޮންނާނީ މިހާރު. ނޯންނާނެއެއް ނޫންތޯ އިތުރު ކަމެއް.

ޢާމިރު ސަލީމް:

އެއްވެސް މީހަކު ބުނިތޯ، ފައިޞަލަށް ރަނިންގމޭޓްކަން، ނޫނީ ނައިބު ރައީސްކަން ލިބުނީމާ، ފައިޞަލަށް އެކަމެއް ނުކުރެވޭނެއޭ. ނޫނީ ފައިޞަލަކީ އެކަމަށް އެކަށީގެންވާ މީހެއް ނޫނޭ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ދެން ކޮންމެހެން ބޭނުމެއްނުވޭ، ކުރީގައި އެހެން ހިނގާފައި ހުންނަ ކަންތައްތަކާއި މީހުން ބުނެފައި ހުންނަ ބަސްތަކުގެ ވާހަކަ ދައްކާކަށް. އަޅުގަނޑަށް ހީވަނީ އެއީ، އެ ވާހަކަދެއްކީމާ އެބޭފުޅަކަށްވެސް އެނގޭނެ ދޮގެއްތޯ. މިސާލަކަށް، އެމީހަކަށް އެނގޭނެ، ތިމަންނާ ބުނި ކަންތައްތަކެއްގެ ވާހަކަކަން މިއަދު މި ދެއްކީ. އެކި ވާހަކަ ދައްކާނެ ދޮގެއްތޯ. އެއީ އަޅުގަނޑު ކުރީގައި ނުކުރާ ކަމެއް.

އެހެންވީމާ، ވާނެގޮތަކީ ހަމަ ވަރަށް ގިނަ މީހުން އެހެން ހީކުރާނެ. މިސާލަކަށް، އަޅުގަނޑަކީ މީގެ ޓްރެއިނިންގ ހެދި މީހެއް ނޫން. ނައިބު ރައީސްކަމުގެ ޓްރެއިނިންގއެއް ނޯވެއެއް ނޫންތޯ. އެހެން ކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ އެގޮތަށް ދެކޭ ވަރަށް ގިނަ މީހުންވެސް ތިބެދާނެ. ކުރެވިދާނެ ހެއްޔެވެ؟ އަދި މިއަދުވެސް އަޅުގަނޑު ގަބޫލެއްނުކުރަން، ކޮންމެހެން އަޅުގަނޑަކީ މާމޮޅަށް ކަންތައްތައް ކުރެވޭ މީހަކަށް ވެގެނެއްނޫން، އެއްއިރަކުވެސް އަދި ކުރީގައިވެސް އަޅުގަނޑު އެހެން ހިއެއްނުކުރަން. އެހެންނަމަވެސް، ރަނގަޅަށް ކުރެވޭތޯ ބަލަނީ. އެ މީހުން ބުނާ އެއްޗިއްސާއި، އެ ވިދާޅުވާ އެއްޗިއްސާއެކު، އެ ލިބޭ ކޮމެންޓްސްއާ އެއްކޮށް ދޮގެއްތޯ. އަނހާ ކިހިނެއްހެއްޔޭ، ރަނގަޅުހެއްޔޭ، އެބައޮތްހޭ ރަނގަޅު ކުރަންޖެހޭ ކަމެއްވެސް އުޅުމުގައިވެސް. ވާހަކަ ދެއްކުމުގައިވެސް. މީހުންނާ މުޢާމަލާތް ކުރުމުގައިވެސް އަބަދުވެސް އަހަން، އެކި ފަންތީގެ، އެކި މީހުންގެ ގާތުގައި. އެކި މީހުން އޮނެސްޓްލީ ބުނާނެ ދޮގެއްތޯ. ތިމަންނާއަށް ފެނެއޭ، މިވެނި ކަމެއް، މިވެނި ގޮތަކަށް ކުރަން. އޭގެ އަޑުއަހަން އަޅުގަނޑު.

ޢާމިރު ސަލީމް:

އިޖުތިމާޢީ މަސައްކަތްތަކުގައި ވަރަށް ކުރިއްސުރެ އުޅުއްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެނީ. 'ފައިޞަލް ފައުންޑޭޝަން' ކިޔާ ފައުންޑޭޝަނެއްވެސް އޮވޭ. ފުވައްމުލަކުގައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ވަރަށް ކުރިއްސުރެ ކުރައްވާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި އޮތީ. އިޖުތިމާޢީ ގޮތުން ކުރިން ފެށިގެން ކުރައްވާ މަސައްކަތްޕުޅުތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ވަރަށް ގިނަ ކަންތައްތަކެއްގައި އުޅުނިން. އަޅުގަނޑު ހަމަ ދަންނަވާނީ، ޒުވާނުންނާއެކު، އަޅުގަނޑުމެންނަށް އޭރު ސްކޫލް ބަންދުގައި ލިބޭނެ ގާތްގަނޑަކަށް މަހެއްހާ ދުވަސް، އޭރު ކަނޑުމަގުން ދާންޖެހޭނީ އިނގޭތޯ. މިހާރު ގޮތަށް ވައިގެމަގުން އުދުހިފައެއް ނުދެވޭ. ބައެއްފަހަރު ވަރަށް ގިނަ ދުވަސްވެސް ނަގާނެ. ކަނޑުގަދަވެގެން ހުވަދުއަތޮޅުގައި ތިބެންޖެހިދާނެ. ތ. އަތޮޅުގައި ތިބެންޖެހިދާނެ. މ. އަތޮޅުގައި ތިބެން ޖެހިދާނެ. އެކަހަލަ ހާލެއްގައި އޭރު ދަތުރުފަތުރުގެ ކަންތައްތައް ހުރީ. ދެން އެހެންނަމަވެސް، ރަށަށް ގޮސްފައި، އެ ލިބޭ ދުވަސްތައް އެއީ ޢީދެއް. އެއީ، ހަމަ ޢީދެއްގެ ގޮތުގައި އަންނަނީ. ފުރަތަމަ އަޅުގަނޑު ފެށްޓީ ފުޓްބޯޅައިން 1986 ވަނަ އަހަރު އަޅުގަނޑުމެން ފުޓްބޯޅަ މުބާރާތްތަކެއް އަޅުގަނޑު ބާއްވަން ފެށްޓީ. ވަރަށްފަހަކާ ޖެހެންދެން. 2008 ވަނަ އަހަރާ ހަމައަށް އަޅުގަނޑު ބޭއްވީ. ދެން އެއާއެކު، އޭރު މިޔުޒިކް ޝޯތަކާ އެއްޗެހިވެސް އަޅުގަނޑު ބޭއްވިން.

ދެން ގޮސްފައި، އެވެއަރނަސް ޕްރޮގްރާމްތަކާއި، އެންވަޔަރަންމަންޓަލް އެވެއަރނަސް ޕްރޮގްރާމްތަކާއި، ކްލީނިންގ ޕްރޮގްރާމްތަކާއި އަދި އަންހެނުންގެ ވޮލީ މުބާރާތްތައް، އޭރު އެ ދުވަސްވަރު ކުރާ ކަންތައްތަކެއް ނޫން އެއީކީއެއް އެހާވަރަކަށް. ދެން ޤުރްއާން މުބާރާތް ބާއްވަން އަޅުގަނޑު ފެށްޓީ. އެއާއެކު ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމް، ސްކޫލް ކުދިންނާއި، ޢާންމުންގެ މެދުގައި އެކި ޕްރޮގްރާމްތަކާއި، ދެން އެވަގުތަކަށް ރަށަށް ބޭނުންވި ކަންތައްތަކެއް. މެޑިކަލް ކޭމްޕްތަކާ، އެހެންގޮސް ގިނަ ކަންތައްތަކެއް. ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާ.

އެނގިވަޑައިގަންނަވާނެ، ފުވައްމުލަކަކީ ވަރަށް އެހެންކަހަލަ ގޮތަކަށްވެސް އޮންނަ ރަށެއް. ވަރަށް އެހެންކަހަލަ މާޒީއެއް އޮތީވެސް. ޚާއްޞަކޮށް، ކަނޑުގައި ހިނގާދިޔަ ހާދިސާތަކާއި އަދި މިހާރުވެސް ހިނގަމުންދާ ބައެއް ކަންތައްތަކުގައި. އެހެންވީމާ، އަޅުގަނޑުމެން ކަންބޮޑުވާ ކަންތައްތައް އެއީ. އެހެންވީމާ، ލައިފްޖެކެޓް، މިސާލަކަށް، އަޅުގަނޑު 1999 ވަނަ އަހަރު، އެއީ ބަނދަރު ހެދުމުގެ އަދި މާކުރިން، އެވަގުތު އެނގިވަޑައިގަންނަވާނެ، ބޮޑެތި ބޯޓުފަހަރުން ރަށަށް ލަފަންޖެހެނީ ބޮއްކުރާ ދޯނީގައި، ރާޅުތަކުގެ ތެރެއިން. ވަރަށް ގިނަ މީހުންގެ ފުރާނަވެސް ގެއްލުނު. އެވަގުތު އަޅުގަނޑު ދެން މި ދެންނެވި ގޮތަށް ވިސްނާފައި، އަޅުގަނޑުގެ ސިކުނޑިއަށް އައީ ލައިފްޖެކެޓަކީ ވަރަށް މުހިންމު އެއްޗެކޭ، 1999 ގައި ހުރިހާ އެންމެންނަށް ބަހާލަން.

އެހެންވީމާ، އެކަހަލަ ކަންތައްތަކެއް ކުރަން އަޅުގަނޑު އުޅުނީ. ހުންނާނެ ތަންކޮޅެއް ކުދިކުދި ކަންތައްތައްވެސް، މީހުން ޖޯކުޖަހާކަހަލަ ކަންތައްވެސް ކުރެވިފައި ހުންނާނެ. ދެން އެކަމަކު އަޅުގަނޑަށް ހަމަ ވަރަށް މުހިންމު އެ ކުރެވުނު، މިސާލަކަށް، ލައިފްޖެކެޓާއި، ލައިފް ރިންގް. ރަށް ވަށައިގެން ފަތާ ސަރަޙައްދުގައި ބެހެއްޓުމާއި އަދި އަޅުގަނޑުގެ ފަހުން ދާއިރާގައިވެސް މިކަންތައްތައް ކުރުން އަޅުގނޑަށް ދެން މުހިންމު. މިސާލަކަށް، ލައިފް ޖެކެޓެއްގެ އަގަކީ -/450 ރުފިޔާ. އެކަމަކު ފުރާނައެއް ސަލާމަތްވުމަކީ އެއީ މިލިއަންސް މިލިއަންސް. އަޅުގަނޑުމެންނަށް އަގުނުކުރެވޭނެ. އެކަންވެސް ދިމާވެފައި އޮތީ.

ޢާމިރު ސަލީމް:

ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ކަންތައްތަކުގައިވެސް ވަރަށް ބޮޑަށް އުޅުއްވާތީ ފެނޭ، މަޖިލީހުގެ ތެރޭގައިވެސް، އަމިއްލަގޮތުންވެސް. އެއީ ކިހާވަރަކަށް އެ މަސައްކަތަށް ވަގުތު ދެއްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އެއީ އަޅުގަނޑަށް ވަރަށް އެހެން ގޮތަކަށް ދިމާވި ކަމެއް. އަޅުގަނޑު އޭރު ސްކޫލް ނިންމާފައި ވަޒީފާގައި އުޅެނިކޮށް، އަޅުގަނޑުގެ މަންމަ އެއީ ހަމަ، މަންމަގެ ފަރާތުން އަޅުގަނޑަށް ބޮޑަށް، އެއީ ގޭ ކައިރީގައި ހުންނަ މީހެއް. ދެން އޭނާގެ ޙާލަތު ފެނި، ދެން، އެވަގުތު އަޞްލު އަޅުގަނޑަށް އެކަންތައް ފެށުނީ. 1990ގެ މެދުތެރޭގައި އަޅުގަނޑު ޖަމުޢިއްޔާއެއް ހަދައި، ބޮޑަށް ހޭލުންތެރިކުރުވުމުގެ މަސައްކަތް ދިޔައީ. އޭރު ދެން މާބޮޑަށް އެހީތެރިވެ ކޯޗެއްތޯ ދެވޭނީ. އަޅުގަނޑުމެންނަށް ދެވޭނެ މާބޮޑު އެއްޗެއްވެސް ނެތް. އެހެންނަމަވެސް، އެއީވެސް އުޅޭބައެއްކަމާއި، އެ އީކްއަލް ރައިޓްސް އަޅުގަނޑުމެން އެންމެންނަށް އެބައޮތްކަން. ދުނިޔޭގައި އުޅުމުގެ ފުރުޞަތު، އެ ޙައްޤު އެއީ ކޮންމެ މީހަކަށްވެސް އޮތް އެއްޗެއްކަން. އެހެންވީމާ، އެންމެންގެ ތެރޭގައި އެކަން، އެ ރޫޙު ގަދަކުރުމުގެ ގޮތުން، އެ ދުވަސްވަރު އެ މަސައްކަތް ފެށިގެންދިޔައީ.

ޢާމިރު ސަލީމް:

މިއަދަކީ ދެން ޒުވާނުންގެވެސް ދުވަސް އިނގޭތޯ. އެހެންވީމާ، ޒުވާނުންގެ ތެރޭގައި ހުރި ތަފާތު ކަންކަން ޙައްލުކުރުމަށްވެސް، އިޖުތިމާޢީ ކައުންސިލް މެދުވެރިކޮށްވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާނެ. މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވޭ އެންމެ ބޮޑެތި މައްސަލަތަކަކީ ކޮބައިތޯ ރާއްޖޭގައި.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ދަންނަވާނީ ހަމަ، މީހުން ބިނާކުރުން. ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑަށް އަހަންމިއްޔަތުކަން ދެއްވާ ކަމަކީ މީހުން ބިނާކުރުން. ޒުވާނުންގެ ވަރުގަދަ ޖީލެއް އެބަ ބޭނުންވޭ. އަޅުގަނޑުމެންގެ އޮންނަންޖެހޭ. ޤައުމުގެ ކުރިއެރުމަށް އަޅުގަނޑުމެން މިއަދު މި ކުރާ ހުރިހާ މަސައްކަތަކާ ގުޅިފައި އޮތީ މާދަމާ ޤައުމު ހިންގާނެ، މިއަދު މިއޮތް މި ޓީމަށްވުރެ އަދި މާ ވަރުގަދަ ޓީމެއް އުފެދިގެން ދިޔުން. އެކަމަށްޓަކައި ސަރުކާރުން ހޭދަތަކެއް އެބަ ކުރައްވާ. އެތައް ބިލިއަނެއް ހޭދަކުރެވިގެން މިދަނީ މީހުން ބިނާކުރުމަށް. އެނގިވަޑައިގަންނަވާނެ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއް، ސަރުކާރުން ފަސްޓް ޑިގްރީ، މިއަދާ ހަމައަށް ބަލައިލިނަމަވެސް، އަޅުގަނޑުމެންނަށް މި ފެންނަނީ، ގާތްގަނޑަކަށް އެގާރަހާހަށްވުރެ ގިނަ ދަރިވަރުން.

ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕާއި، ލޯނު ސްކީމަށް ބަލައިލި ނަމަވެސް، އަޅުގަނޑުމެންނަށް ކުރިއަށްވުރެ މާ ފުޅާކޮށް އަދި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް މިއޮތީވެސް އެކުއްޖަކު ބޭނުންވާ ޤައުމަކުން، ބޭނުންވާ ދާއިރާއަކުން. ހަމައެއާއެކު، އަޅުގަނޑުމެންނަށް މީހުން ބިނާކުރުމުގެ ރޮނގުން ޓްރެއިނިންގ، ތަމްރީނު، ވަރަށް ފުޅާ ދާއިރާއެއްގައި އެބަ ކުރިއަށް ގެންދެވޭ. ޕޮލިޓެކްނިކްގެ ކަންތައްތަކަށް އެކަނި ބަލައިލި ނަމަވެސް، އަޅުގަނޑުމެންނަށް ފެންނާނެ، ކުރީގައި ދުއިސައްތަ، ތިންސަތޭކަ ހުންނަތަން، މިހާރު ހާހުން މައްޗަށް ގޮސްފައި ހުރިތަން. އެހެންވީމާ، މިއަދު މުޅި މި ސަރުކާރުން ދެވޭ އެންމެ ބޮޑު ސަމާލުކަމަކީ، އެންމެ ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި އަޅުގަނޑުވެސް ދަންނަވާނީ، ރައީސް ވިދާޅުވިގޮތަށް އެއީ ހަމަ މީހުން ބިނާކުރުމާއި، ހެޔޮލަފާ ޖީލެއް ބިނާކުރުމުގެ މަސައްކަތްތަކަކީ އެއީ، އެންމެ މުހިންމު ކަމެއްގެ ގޮތުގައި.

ޢާމިރު ސަލީމް:

އިޖުތިމާޢީ ގޮތުން ހުންނަ މައްސަލަތައް ބެއްލެވުމަށް، ނޫނީވިއްޔާ ތަންތަނުގައި ހުންނަ އެކަހަލަ ކަންކަން ބެއްލެވުމަށް، މިހެން ވަޑައިގެން އުޅުއްވާތީވެސް ފެނޭ. ޒިޔާރަތް ކުރައްވާތީވެސް ފެނޭ. ކިހާ ވަގުތެއް އެކަމަށް ދެއްވަންތޯ؟ ކިހާވަރަކަށް އެކަންކަން ބައްލަވަންތޯ ނުކުމެވަޑައިގެން އަމިއްލަފުޅަށް.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ މަސައްކަތްތައް ދޮގެއްތޯ، ސަރުކާރުގެ މަސައްކަތްތައް އެއީ. ރައްޔިތުންގެ މަސައްކަތްތައް ކުރައްވަން ތިއްބެވި ބޭފުޅުން އެއީ، ވަރަށް މުހިންމު މަސައްކަތްތަކެއް އެ ކުރައްވަނީ އިނގޭތޯ. އަޅުގަނޑުމެން މިސާލަކަށް، އޮފީހުގައި ތިބޭއިރު، ޙަޤީޤަތުގައި ޤައުމު ހިންގުމުގެ މަސައްކަތްތައް މި ކުރަނީ. އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި ދޮގެއްތޯ، ސިވިލް ސަރވިސް އަދި ދެންވެސް ތިބީ އިނގޭތޯ، ޤައުމުގައި ކޮންމެ މަސައްކަތެއް ކުރިޔަސް، އެއީ އަމިއްލަ ޕްރައިވެޓް ސެކްޓަރވިޔަސް، އެއީ ދައުލަތް. ދައުލަތަށް މިވަނީ ހުރިހާ އެންމެން އެކުވެގެން.

އެހެންވީމާ، އެ ވަރަށް މުހިންމު. އަޅުގަނޑުމެންގެ ޑައިރެކްޓް ޒިންމާއެއްގެ ގޮތުގައި މި އޮންނަނީ މިކަންތައްތައް ބެލުން. އެހެންވީމާ، ވަރަށް މުހިންމު ކަމަކަށްވޭ، އެކިއެކި މުހިންމު މަސައްކަތްތައް ކުރައްވާ ފަރާތްތަކުގެ މަސައްކަތްތައް ފެނި، ކޮންމެ މީހަކަށްވެސް އެނގެން އެބަޖެހޭ، ތިމަންނާއަކީ މިއީ ހުރި މީހެއްކަން. ތިމަންނާއަކީވެސް މުހިންމު މީހެއްގެ ގޮތުގައި، އެހެން މީހުންވެސް ދެކެންޖެހޭކަން. އެހެންވީމާ، މިއަދު ރައީސް ވަރަށް ބޮޑަށް ޕްރެސް ކުރައްވާ ކަމެއް، ކޮންމެ މީހަކު ވަކިވަކި އިންޑިވިޖުއަލް މީހާއަކީ މުހިންމު މީހެކޭ، އޭނާ ކުރާ މަސައްކަތްވެސް ފެންނަންޖެހޭނެއޭ. ބަލަންޖެހޭނެއޭ. އަނެއްކާ އެގޮތުން އެ ގުޅުން އޮންނަން އެބަޖެހޭ އިނގޭތޯ. އެއީ އެއަރޕޯޓަށްވިޔަސް، މިސާލަކަށް، ސްޓެލްކޯ، ފެނަކައަށްވިޔަސް، އެއީ ކައުންސިލްތަކަށްވިޔަސް އިނގޭތޯ. އެއީ ތަޢުލީމީ ދާއިރާއަށްވިޔަސް، ޞިއްޙީ މަރުކަޒުތަކަށްވިޔަސް، މިއީ ވަރަށް ވަރުގަދަ ގުޅުމެއްގެ ގޮތުގައި ވަރަށް ރަނގަޅަށް ކޮމިއުނިކޭޓް ކުރެވެން އެބަޖެހޭ. އެމީހުންނަށް ހުރި ދަތިތައް އަޅުގަނޑުމެންނަށް ސީދާސީދާ އެނގެން އެބަޖެހޭ. އެކަކު ބުނެގެން، އަނެކަކު ބުނެގެން، އަނެކަކު ބުނެގެން، ހަތް މީހުން ތްރޫކޮށެއް ނޫން ކަންތައްތައް އަންނަންޖެހެނީކީ. ކަންކަން އަންނަން ޖެހޭނީ މި ޒަމާނުގައި، މި ސީދާ ޑައިރެކްޓްކޮށް. ކުރިމަތިން ބުނަންޖެހޭނީ، މިވެނިކަމެއް މިވެނިހެން ހުރިކަން. ލޮލަށް ފެންނަންވެސްޖެހޭ.

އެހެންވީމާ، އެއީ ރައީސް އެ ބޭނުންފުޅުވާ ގޮތް. ސީދާސީދާ ފަސްޓް ހޭންޑް އިންފޮމޭޝަން ކަންކަމުގައި ލިބިގެން ދިޔުން. އެހެންވީމާ، އެކަމުގައި އަޅުގަނޑުމެންގެ ޓީމު ވަރަށް ރަނގަޅު. ވަރަށް އެކުގައި ސަރުކާރުގެވެސް ހުރިހާ އެންމެންނާ އަދި ޕްރައިވެޓް ސެކްޓަރއާ އެއްކޮށްވިޔަސް، ރިޒޯޓުތައްވިޔަސް އަދި އެހެނިހެން އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތް، ވަރަށް ކްލޯސް ރިލޭޝަންޝިޕެއް އޮންނަންޖެހޭ. އެގޮތަށް މިއަދު މަސައްކަތް ކުރެވެމުންދަނީ.

ޢާމިރު ސަލީމް:

ކޯޗެއްތޯ އެންމެ ގިނައިން ފަރިއްކުޅުއްވަނީ. ނޫނީ އެންމެ ކަމުދަނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އެގޮތަކަށް ދެން ނުބަލަން މިހާރު. އަޅުގަނޑު މިހާރު ދެން އެހާ ބޮޑަށް ކޮންމެހެން ވަކި އެއްޗެއް ނޫނީ ނުކާން.

ޢާމިރު ސަލީމް:

ކުރިން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ކުރީގައިވެސް އެހާބޮޑަކަށް އަޅުގަނޑު ސަމާލުކަމެއް ނުދެން އެހެން، ކޮންމެހެން ވަކި އެއްޗެއް ނުލިބިއްޖިއްޔާ ނުކައޭ އަޅުގަނޑު ހުންނާނީ. އެހެނެއް ނޫޅެން. އެ ހުރި އެއްޗެއް ކަނީ ދެން. ކެވެންޏާ އޯކޭ. ކޮންމެ އެއްޗެއްވެސް އޯކޭ. ދަންޏާ އޯކޭ.

ޢާމިރު ސަލީމް:

ސެންޓް ޖައްސަވަންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ސެންޓު އަބަދުވެސް ކޮންމެވެސްވަރަކަށް ޖަހަން.

ޢާމިރު ސަލީމް:

ޚާއްޞަ ސެންޓެއް ގެންގުޅުއްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ހުރޭ ހަމަ. ދެން އަނެއްހެން އަޅުގަނޑުގެ ކުރީގެ، ދެން ވަރަށް ކުރީގެ ސެންޓުތައް އަޅުގަނޑުގެ ހަނދާނަށް އަދިވެސް އާދޭ. ހުންނާނެ އަދިވެސް. ދެން އެހާ ބޮޑަށް އަޅުގަނޑު ނުދެންނެވިޔަސް، ވަރަށް ކުރީގެ ކޫލްވޯޓަރވެސް އަޅުގަނޑަށް ރަނގަޅު އަދިވެސް. ކޫލްވޯޓަރ އިނގޭތޯ. ފެރަންހައިޓް ދޮގެއްތޯ. ކޫލްވޯޓަރ، ބޮސް. ހުންނާނެ އެނގޭނެ ދޮގެއްތޯ. ތަންކޮޅެއް ކުރީގައި އަޅުގަނޑުމެން ޢުމުރުގެ. ހަމަގައިމުވެސް ދެން ކުރީގައި ރަނގަޅު އެއްޗިއްސަކީ، އަޅުގަނޑަށް ބާވާ އެއްޗިއްސެއް ނޫނޭ އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ. ކުރީގައި ޚިދުމަތްކުރި ފަރާތްތައް. މިސާލަކަށް، ރާއްޖޭގައި އަޅުގަނޑުމެންނަށް ވަރަށް ޚިދުމަތްތެރި ބޭފުޅުން ދޮގެއްތޯ، ވަރަށް ޚިދުމަތްތެރި، ޤައުމު މިހާ ހިސާބަށް ގެނެސްދެއްވި ބޭފުޅުންގެމަތިން އަޅުގަނޑުމެން ހަނދާންނައްތައިލައިފިއްޔާ ކަމަކުނުދާނެ ދޮގެއްތޯ. އެއްގޮތަކަށްވެސް ކަމަކުނުދާނެ.

ޢާމިރު ސަލީމް:

ލަވަ އަޑުއައްސަވަންތޯ. ވަކި ޚާއްޞަ ލަވައެއް އޮވޭތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑު ހިންދީ ލަވަވެސް އަނެއްހެން ކިޔައިލެވޭނެ. ދެން އިނގިރޭސި ލަވަވެސް ކިޔޭނެ.

ޢާމިރު ސަލީމް:

ކުރިން ލަވަ ވިދާޅުވެ އުޅުއްވިންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ކޮންމެވެސްވަރަކަށް ލަވަކިޔަން. ކޮންމެހެން ސްޓޭޖަށް އަރާކަށް ނުޖެހޭތާ ދޮގެއްތޯ، ލަވަކިޔާ ކޮންމެ މީހަކު. ގޭތެރޭގައިވެސް ލަވަ ކިޔޭނެތާ. އަޅުގަނޑު ވަރަށް ލޯބިކުރާ ކަމެއް އެއީވެސް އިނގޭތޯ. ހަމަ ލަވަވެސް އަޑުއެހުމާއި، މީހާ ހިތްހަމަޖެހިގެން ދޮގެއްތޯ، މީހާއަށް ކަންތައްތައް ކުރެވޭނީ. ހިތްހަމަޖެހޭ. އަޅުގަނޑުމެންނަކީ މުސްލިމުން. އަޅުގަނޑުމެން ފަސް ނަމާދުކޮށް، އަޅުގަނޑުމެން ޤުރްއާން ކިޔަވައި އިނގޭތޯ، ހެޔޮ އެއްޗެހި ކިޔައި، ހެޔޮ ބަސްތައް އަޑުއަހައި، ހުކުރު ޚުޠުބާގެ އަޑުއަހައި، އިންސާނާގެ ސިކުނޑިއަށް ހިތްހަމަޖެހުން ހޯދުމަށްޓަކައި އަޅުގަނޑުމެން ކޮންމެވެސްވަރަކަށް ކުދިކުދި ކަންތައްތައް ކޮށްލަންޖެހޭނެ ދޮގެއްތޯ.

ޢާމިރު ސަލީމް:

އާދެ، ޢާއިލާއާއެކު ވަގުތު ހޭދަކުރެއްވުން ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ތެދުތެދަށް ދަންނަވަންޏާ، މިހާރު އަޅުގަނޑުގެ މި ވަގުތުގެ މިހާރު ދެން ތިން އަހަރު ދޮގެއްތޯ، މިއަދަށް މިއީ. ދެން ބާކީއޮތް ދުވަސްތައް ދޮގެއްތޯ. އަޅުގަނޑު ދެން ވިސްނީ ކޮންމެ ކަމެއް ކުރުމުގައިވެސް ދޮގެއްތޯ، ސެކްރިފައިސްތަކެއް އަންނާނެ. އެހެންވީމާ، މިއަދު އަޅުގަނޑަށް އެހާ ބޮޑަށް އެކަމުގައި އަޅުގަނޑު އުޅެން ބޭނުންވާވަރަށް ނޫޅެވޭ. މިސާލަކަށް، އަޅުގަނޑު ބޭނުންވޭ ސްކޫލްދޮށަށް ދާން. އަޅުގަނޑަކީ ސްކޫލްދޮށަށްދާ މީހެއް. އަޅުގަނޑުގެ ކުދިން ގޮވައިގެން ސްކޫލްދޮށަށްވެސް ދަން. ބަލައިދާންޖެހޭ. ސްކޫލަށްލާން ދާންޖެހޭ. އެހެންނަމަވެސް، މިއަދު މި ކަންތައްތައް ހުންނަގޮތުން، އަޅުގަނޑު އެގޮތަށްދަންޏާ، އެހެން މީހުންނަށް އުނދަގޫވެސްވާނެ. އެހެން ނޫންތޯ ވާނީ. މަގުތަކަށް އުނދަގޫވާނެ. ސްކޫލްތެރޭގައި އެހެން މީހުންނަށް އުނދަގޫވާނެ. އެހެންވީމާ، އެއީ ދެން ވަރަށް ދެރަވާ ކަމެއް. އެކަމަކު އެއީ ސްކޫލް. އަޅުގަނޑުގެ ކުދިންވެސް ބޭނުންވޭ އަޅުގަނޑު ދާން. އެހެންނަމަވެސް، ދެން އެކަން ހަމަ ނުކުރެވޭ އިނގޭތޯ. އެހެން މީހުންނަށް އުނދަގޫވެދާނެތީވެ ދެން އަޅުގަނޑަށް ހަމަ، މިކަން ނިމުނީމާ ދެން އަނެއްކާވެސް ސްކޫލްދޮށަށް ދާނީ އަޅުގަނޑު.

ދެން އެހެންވީމާ، ޢާއިލާއަށް ވަގުތު ހަމަ ކުޑަ. ދެން ނޯންނާނެ ދޮގެއްތޯ، އޮފީސް ނިންމާލާފައި، ހަތަރެއް، ނޫނީ ފަހެއް، ނޫނީ ފަސްގަޑި ބައިގައި، ނޫނީ މިސާލަކަށް ގޮސްފައި، ދެންވެސް އަޅުގަނޑުމެންނަށް މާ މުހިންމުވޭ އަޞްލު މިއަދު އަންނަ ފޯނުކޯލްތައް ދޮގެއްތޯ. ކަންތައްތައް ބެލުމާއި އަދި ވަކިން މި ދިމާވި ކަންތައްތަކާ ގުޅިގެން، ހީނުކުރާކަހަލަ ކަންތައްތަކެއް އައިސް ބޯމަތިވީ. ދެން މުޅިން އެހެން ކަންތައްތަކެއް ކުރަން ޖެހިއްޖެ. ރައީސުލްޖުމްހޫރިއްޔާގެ ވަގުތުތައް ރައީސުލްޖުމްހޫރިއްޔާ ހޭދަކުރައްވަން ޖެހިވަޑައިގަތީ ރެޔާދުވާލު މުޅިން ޕްލޭން ނުކުރާ ކަމެއްގައި. އެވަގުތު މުޅި ޤައުމު އޮތީ މުޅިން އެހެން ގޮތަކަށް. އެހެންވީމާ، އެކަމާ ހެދިވެސް ޓައިމް އެބަ ބޭނުންވޭ އިނގޭތޯ. މިހާރު މި ލިބޭ ވަގުތުވެސް އަޞްލު، ސައުވީސް ގަޑިއިރަކީ މަދު އިނގޭތޯ. އަނެއްހެން ދަންނަވާ ކަމަށްވަންޏާ، އެހާވެސް ބޮޑަށް ވަގުތު ދޭންޖެހޭ.

ޢާމިރު ސަލީމް:

ކޮންމެ މީހެއްގެ ޙަޔާތުގައިވެސް އެންމެ މުހިންމު ބަޔަކަށް ވާނީ އެމީހެއްގެ މައިންބަފައިން ދޮގެއްތޯ. ބައެއް މީހުންނަކީ މައިންބަފައިން މިހެން ދީފައި ހުންނަ ނަޞޭޙަތް، ނޫނީ، ބުނުއްވާފައި ހުންނަ އެއްޗެހި އަބަދުވެސް ހަނދާނުގައި ބަހައްޓައިގެން، ހުރިހާ އެއްޗެއް ހަނދާނުގައި ބަހައްޓައިގެން އުޅޭ މީހުންވެސް އުޅޭ. އެކަމަކު ވަކި ޚާއްޞަ ނަޞޭޙަތެއް އަބަދުވެސް ހަނދާން ހުންނަ ކަންކަންވެސް ބައެއް މީހުންގެ، ބައެއް ބޭފުޅުންގެ ހުރޭ. ހުރޭތޯ، އެގޮތަށް ހަނދުމަފުޅު ހުންނަ ކަމެއް؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑު ހަނދާނަށް އަންނަނީ، އަޅުގަނޑު ވަޒީފާއަށްދިޔަ ދުވަސް. އެންމެ ފުރަތަމަ އަޅުގަނޑު 1992 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ވަރަށް އެހެންކަހަލަ ދުވަހެއް އިނގޭތޯ. އެއީ 23 ވަނަ ދުވަސް. ވަރަށް އެހެންކަހަލަ. މިހާރު ކުއްލިއަކަށް ހަނދާނަށް މިއައީ 23 ސެޕްޓެންބަރޭ އެއީ، އިނގޭތޯ. އަޅުގަނޑު ވަޒީފާއަކަށްދިޔަ ދުވަހޭ އެއީ. އެހެންވީމާ، ވަރަށް އެހެންކަހަލަ ދުވަހެއްތާ ދޮގެއްތޯ. އެކަމަކު އަޅުގަނޑުގެ ބައްޕަ، އަޅުގަނޑު ފާލަމުން އަޅުގަނޑު އޭރު ދޯންޏަށް އަރައިގެން ނައްޓާލި ވަގުތު، އަޅުގަނޑު ގާތުގައި ވިދާޅުވީ، ކޮނޑުގައި ޖަހާލާފައި، "އެނބުރި ނާންނައްޗޭ". އެހެން ހަމައެކަނި. "އެނބުރި ނާންނައްޗޭ". ދެން އިތުރު ވާހަކައެއް. އަދި ބައްޕަ އަޅުގަނޑު ވަރަށް ކުޑައިރު، ދެން އަޅުގަނޑުގެ ބައްޕަ. އަތޮޅުވެރިކަންވެސް ކުރެއްވި އިނގޭތޯ. ދެން ހަމަ ވަރަށް ރަނގަޅު ބޭފުޅެއް އެއީ އިނގޭތޯ އަޅުގަނޑުގެ ބައްޕައަކީވެސް. ހަމަ ވަރަށް މަސައްކަތްތެރިވާނެ، ވަރަށް ހީވާގިވާނެ. އަނެއްހެން ހަމަ ހުއްޓައިނުލާނެ. ކަމެއް ނެތިއްޔާ، ހަމަ ފޫހިވެގެން ހިނގާނެ.

ޢާމިރު ސަލީމް:

އެއީ އަބަދުވެސް ހަނދުމަފުޅު ހުންނަ ވާހަކައެއް ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ދެން ވާގޮތަކީ، ބައްޕަ އަޅުގަނޑު ގާތުގައި ވިދާޅުވީ، މިހާރު މި ކިޔަނީ، ދެން އެއީ ވިދާޅުވި އެއްޗެއް އިނގޭތޯ އެހާ ކުޑައިރު. ބައްޕައަށް ކިޔާނީ ނަސީމް އިނގޭތޯ. މިހާރު އެންމެންވެސް ކިޔާނީ ނަސީމުގެ ފައިޞަލްދޯއޭ. އެ ހަނދާނުގައި ހުރޭ ވަރަށް ކުޑައިރު. އޭތި ބަދަލުވާން ޖެހޭނެ. ފައިޞަލްގެ ބައްޕަ އެގޮތަށް ބަދަލުވާންވާނެއޭ. އެހެންވީމާ، އެގޮތަށް މަސައްކަތް ކުރާށޭ. އެގޮތަށް އުޅޭށޭ. އެއީ.

ޢާމިރު ސަލީމް:

އެހެންވީމާ، މައިންބަފައިން ދޭނީ ހަމަ ރަނގަޅު ހަރުދަނާ ނަޞޭޙަތް ދޮގެއްތޯ. އެކަމަކު ވަރަށް އާދަޔާޚިލާފު ނަޞޭޙަތެއް. މިހާރު ކިޔަނީ ނަސީމުގެ ފައިޞަލޭ. އެހެންވީމާ، ފައިޞަލްގެ ބައްޕައޭ ބުނާ ދުވަހަކާ ހަމަޔަށް މަސައްކަތް ކުރައްޗޭ ދޮގެއްތޯ. ރަނގަޅު ވާހަކައެއްތާ.

ދަތުރު ވަޑައިގެންނެވުން ކަހަލަ ކަންކަންވެސް ޢާއިލާއާއެކު ކުރިން ވަރަށް ގިނައިން ކުރައްވާނެ. ދެން މިހާރު ދަތިފުޅުވާނެކަންނޭނގެ އެކަންކަން ކުރައްވަން. ރާއްޖެއިން ބޭރަށް އެންމެ ވަޑައިގަންނަވަން ޝައުޤުވެރިވާ ތަނަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ދެން އެންމެ ކުރިން ޗުއްޓީއެއްގެ ގޮތުގައި އަޅުގަނޑު އެންމެ ދާހިތްވާ ޤައުމެއްގެ ގޮތުގައި ދެކެން ބޭނުންވީ މައްކާ އިނގޭތޯ. ސަޢުދީ ޢަރަބިއްޔާ. އެއީ ދެން އެންމެ ބޮޑަށް އަޅުގަނޑު ދެކެން ބޭނުންވި، ދާން ބޭނުންވި ތަން. ދެން އެގޮތަށް ޗުއްޓީއެއްގެ ގޮތުގައި ހޭދަކޮށްލަން އަޅުގަނޑު އެންމެ ބޮޑަށް އޭރު ބޭނުންވީ އޮސްޓްރޭލިއާގައި އިނގޭތޯ. އެއީ ދެން އަޅުގަނޑަށް އޮޕޭރާ ހައުސްއާ އެތަންތަން ފެންނާތީ. ދެން އެ ހުންނަ ޑިޒައިނާއި، އެގޮތުން ދެން އަޅުގަނޑު ބޭނުންވީ. ނިއުޔޯރކަށްވެސް އަޅުގަނޑު ވަރަށް ދާހިތްވޭ. އެއީ ދެން ބޮޑަށް އެއްކަލަ، ކަންކަން ދަސްކުރުން މި އޮންނަނީ ދޮގެއްތޯ. ތަންތަންވެސް ހުންނަގޮތާއި، މީހުން އުޅޭގޮތާއި، މަގުތަކާއި، ރީތި ބިލްޑިންގތަކާއި، އެމީހުންގެ ކަލްޗަރ ހުންނަގޮތާއި، އެކަހަލަ ކަންތައްތައް. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދޭ ކަމެއް އެއީ ދަތުރުކުރުން އެއީ ކުރީގައިވެސް. ދުނިޔޭގެ އެކި ޤައުމުތަކަށް ގޮސް، ޖަޕާނާއި އިނގިރޭސިވިލާތާ، އެކަހަލަ ތަންތަން، މިހެން ބަލައިލުން.

ޢާމިރު ސަލީމް:

އެމް.އެމް.ޕީ.އާރު.ސީ.ގެ މައްސަލައިގެ ތެރެއިން ނަމަވެސް، ނޫނީ މިހާރު މިދާ ތިން އަހަރު ތެރެއިން ނަމަވެސް، ކޮރަޕްޝަންގެ އެއްވެސް ކަމެއްގެ ތުހުމަތެއް، އެއްވެސްއިރަކު، އެއްވެސް ބޭފުޅަކަށް ފައިޞަލްގެ މައްޗައް ކުރެވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ނޫން. ނޫން، އަޅުގަނޑު ބަލަނީ އަބަދުވެސް އަޅުގަނޑަށް ލިބޭ އެއްޗަކުން އުޅެން. އަޅުގަނޑުގެ ހުރިހާ ކަމެއް އަޅުގަނޑު ސެޓް ކުރާނީ އަޅުގަނޑަށް ލިބޭ އެއްޗަކުން. އަޅުގަނޑު ކުރާ މަސައްކަތުން، އަޅުގަނޑުގެ އާމްދަނީން. އެއްކަލަ ނުލިބޭ އެއްޗަކަށް އަޅުގަނޑު ބަޖެޓް ނުކުރާނަން. އަޅުގަނޑުގެ ދިރިއުޅުމުގައި އަޅުގަނޑު ހުންނާނެ މަސައްކަތްތައް ކޮށްފައި. އަޅުގަނޑު އަތުގައިވެސް އެއްޗެހިތައްވެސް ހުންނާނެ އިނގޭތޯ. މަދެއްވެސް ނޫން ދެން އަނެއްހެން އަޅުގަނޑުގެ އަމިއްލަ ޢާއިލާގެ ދިރިއުޅުމަށް ބަލާއިރު އަޅުގަނޑުގެ ހުރި. އެހެންވީމާ، އެހެންނަމަވެސް، ބުރަ މަސައްކަތް އަޅުގަނޑު ކުރާނީ. މަސައްކަތް ކޮށްގެން ނުލިބޭ އެއްޗަކުން ބަޖެޓް ކޮށްގެން ކަންކަން ކުރާކަށް އަޅުގަނޑު ނުރާވާނަން.

އެހެންވީމާ، އެއީ އަމާނާތެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. އަޅުގަނޑު މަޖިލިސް މެންބަރެއްގެ ގޮތުގައި ހުރެގެންވެސް އަޅުގަނޑު ރައްޔިތުން ހޮވީ، ވަކި ބޭނުމަކު. އެއީކީ ކޮންމެހެން އަޅުގަނޑު އެ މަގާމު ބޭނުންކޮށްގެން، ވިޔަފާރިކޮށްގެން އެއީ ބޮޑު މުދާގަނޑެއްހެން ހަދައިގެން އުޅޭކަށް ނޫން އޭރުވެސް. ދެން މިއަދު އަދި އަމުދުން ތަފާތު އިނގޭތޯ. މިއީ ވަރަށް ބޮޑު އަމާނާތެއް. އަޅުގަނޑުމެން ރައްކާތެރިވާން ޖެހޭނެ، މިކަހަލަ ކަންތައްތަކުގައި ތިބޭއިރު. އެހެންވީމާ، ނާޖައިޒު ފައިދާ އެއީ ދެން އަޅުގަނޑު ގަބޫލެއް ނުކުރަން އިނގޭތޯ. އެހެންވީމާ، އަޅުގަނޑުގެ މައްޗަކަށް ހަމަ އެއްވެސް މިންވަރެއްގެ އިރާދަކުރެއްވީތީ އަޅުގަނޑު ހަމަ އުފާކުރަން، ނޯންނާނެ އެކަހަލަ ކަމެއް އިނގޭތޯ. އަޅުގަނޑު އުންމީދެއް ނުކުރަން، އެއްވެސް ބޭފުޅަކު އަޅުގަނޑޭ ކިޔައިގެން ދޮގެއް ހަދާނެ ކަމަކަށް.

ޢާމިރު ސަލީމް:

ކޮފީ ބޮންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ހެނދުނު މިހާރު ދެން ކޮންމެސްވަރަކަށް. ދެން ވާގޮތަކީ މިހާރު އަޅުގަނޑުމެންގެ އެއްކަލަ ލައިފް ސްޓައިލް އަޅުގަނޑުމެން ބަދަލުކޮށްލަންޖެހޭ ދޮގެއްތޯ. ޢުމުރުންވެސް ދެން 21 އަހަރެއް ނޫން މިހާރު. އެހެންވީމާ، ދެން ވާގޮތަކީ ބައެއްކަހަލަ އެއްޗެހި މަޑުމަޑުން ޖެހޭ ކުޑަކޮށް ފޭސްއައުޓް ކޮށްލަން.

ޢާމިރު ސަލީމް:

ޑައިޓްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ނޫން. ނޫން. ނުވިސްނަން އެވަރަކަށް. ދެން ބައެއްފަހަރު ގިނައިން ކެވޭ. އަނެއްބައި ފަހަރު މަދުން. އެއްބައިފަހަރު އެއްގޮތަކަށްވެސް ނުކެވޭ. އެހެންވެސް ދާނެ. އެއްބައި ދުވަހު އެއްގޮތަކަށްވެސް ނުކާނީ. އަނެއް ދުވަހު ކާނީ. އެދުވަހަށްވެސް ވާވަރަށްވެސް ފަހަރެއްގައި ކެވިދާނެ. އެހެންވީމާ، ކޮފީ އެއްޗެހިވެސް ދެން ތަންކޮޅެއް މަދުކޮށްލައިފިން މިހާރު އިނގޭތޯ. މެންދުރުފަހަށް އަޅައިލީމާ ކުޑަކޮށް މަދުކޮށްލަނީ. އެކަމަކު ކޮފީއެއް ނުބޮއެއް ދެން ހަމަ ނުހުރެވޭނެ. ދެން އަޅުގަނޑުމެންގެ ހިތްހަމަޖެހުމަށްޓަކައި އަޅުގަނޑުގެ އެކަހަލަ އެއްޗަކުން އަޅުގަނޑަށް ލިބެނީ ކޮފީއެއް ބުއިމުގެ ހިތްހަމަޖެހުން ހަމައެކަނި. ކޮފީ އަޅުގަނޑު ބޮނީ. އެހެންވީމާ، އެ ދެން ދުލެއްނުކުރެވޭ އަދި.

ޢާމިރު ސަލީމް:

އާދެ، ދެން ޒުވާނުންގެ ދުވަސްވީމައާ އެކީގައި އިނގޭތޯ. ސަރުކާރަށް ތިން އަހަރުވީ ދުވަސްވީމައާ އެއްކޮށް، ފާހަގަކޮށްލައްވާނޭ އިތުރު ކަމެއް، ނޫނީވިއްޔާ ދެއްވާނެ އިތުރު މެސެޖެއް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑު ހަމަ މީގައި ބޭނުންވަނީ، އަޅުގަނޑުމެންނަށް އުޅެވޭނީ އެންމެން އެކުގައި. މިސާލަކަށް، ދިވެހިރާއްޖެ އަޅުގަނޑުމެންނަށް މިއަދު މި ކޯވިޑުގެ، އެނގިވަޑައިގަންނަވާނެ، ކުރިމަތިވި ކަންތައްތަކަކީ އެއީ ވަރަށް ބޮޑެތި ކަންތައްތަކެއް. އެހެންނަމަވެސް، އަޅުގަނޑުމެން އުފާކުރަންޖެހޭނެ، ބޯޑަރ ހުޅުވައިލައިގެން، އަޅުގަނޑުމެންނަށް ބޭރު ދުނިޔޭގެ އެހީތައް، މިސާލަކަށް، ވެކްސިނޭޝަން އަޅުގަނޑުމެންނަށް ލިބިގެންދިޔަ. އެންމެ ފުރަތަމަ އިންޑިޔާގެ އެހީތެރިކަމާއެކު، އަޅުގަނޑުމެން މިއަދު މިތިބީ، ފުލީ ހަމަ ގާތްގަނޑަކަށް ނައިންޓީ ފައިވް ޕަސެންޓް، ނައިންޓީ ޕަސެންޓް ވެކްސިނޭޓަޑް ބައެއްގެ ގޮތުގައި. ރިޒޯޓްތަކާ، އަޅުގަނޑުމެންނަށް ބޭރު ދުނިޔެއާ އެކީވެސް މަސައްކަތް ކުރެވެން އެބަޖެހޭ. ރައްޔިތުން އެކުގައި މަސައްކަތް ކުރެވެން އެބަޖެހޭ. ޚާއްޞަކޮށް، ޒުވާނުން އާ ރޫޙެއްގައި މަސައްކަތް ކުރަން އެބަޖެހޭ. އަޅުގަނޑުމެންނަށް މިދިމާވި ކަންތައްތަކުގައި ވިސްނަން އެބަޖެހޭ. ދިމާވާ ކޮންމެ މިކަހަލަ ކަމެއްގައި، އެއަށްވުރެ ރިޒިލިއަންޓް ބަޔަކަށްވާން އެބަޖެހޭ. މި ފޯސް ވަރުގަދަވާން އެބަޖެހޭ. އަޅުގަނޑުމެންނަކީ، އެއްކަލަ އެކްޝަންގެ ބަޔަކަށްވާން އެބަޖެހޭ. ހަމައެކަނި އައިޑިއާސްތަކާއި ވާހަކަދެއްކުމުގެ ބަދަލުގައި.

އެހެންވީމާ، ކޮންމެ މީހަކުވެސް މިއަދު ފުރުޞަތުގެ ބޭނުންހިފައި، ޒުވާނުން ކަންތައްތައް ދަސްކުރަންވީ. ކޮންމެވެސް ދާއިރާއެއް، ޤައުމަށް ބޭނުންވާނޭ ދާއިރާއަކުން ކިޔަވަންވީވެސް އިނގޭތޯ. މިހާރު ޤައުމުގައި ނެތް ވަޒީފާޔަކަށް ކިޔަވާނެކަމެއްވެސް ނެތް. އަޅުގަނޑުމެން ޓެކްނިކަލް ދާއިރާތަކާއި، ހޮސްޕިޓަލްތަކުގެ ޚާއްޞަކޮށް، ސްޕެޝަލިސްޓް ޑޮކްޓަރ ކަމާއި، ޓެކްނީޝަންކަމާއި، ބައޯ މެޑިކަލް އިންޖިނިއަރކަމާ އިނގޭތޯ. ޓީޗަރުން. މިކަހަލަ މަގާމުތަކަށް އަޅުގަނޑުމެން އިސްކަންދީގެން، ކިޔަވައިގެން، އަޅުގަނޑުމެންގެ ޤައުމުގައި ތިބެންވީ. އަޅުގަނޑުމެން ވަޒީފާ އަދާކޮށް ނިމިގެން ބާކީވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން ޢާންމު ގޮތެއްގައި ތިބެންވާނީ. ދެން އެހެން ނަމަވެސް، އަޅުގަނޑުމެންގެ ކުރިއެރުމަށްޓަކައި ޓެކްނިކަލް މީހުންނާއި، އެ އެކްސްޕަރޓީސްއަކީ އެހެން ޤައުމުތަކުގައިވެސް، މިހާރުވެސް ދުބާއިގައިވެސް، ސިންގަޕޯރގައިވެސް އަދިވެސް އެބަތިބި ކޮންމެސްވަރަކަށް ތިބޭނެ، ޓެކްނިކަލް އެހީތެރިކަމާ އެއްޗެހި ބޭނުންވާ ދާއިރާތަކެއް ހުރެދާނެ.

އެހެންވީމާ، އެންމެން އެކީ މަސައްކަތް ކުރެވެންޖެހޭނެ. ބޭރު މީހުންނާވެސް އެކީ އަޅުގަނޑުމެންގެ މިއަދުގެ ނީޑަށް ކޭޓަރ ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭ. ޒުވާނުން މިކަމުގައި މަސައްކަތް ކުރަން އެބަޖެހޭ. މުޅި ޤައުމު ގުޅިގެން ހަލަބޮލިކަން އަބަދު އޮވެގެން މިއަދު ނުޖެހޭ. އެ ސަބަބެއްވެސް އަޅުގަނޑު ގަބޫލެއް ނުކުރަން އިނގޭތޯ. އެއަށްވުރެ މާ އޯޕަންކޮށް، ކުދި ރަށްތަކަށް ޚާއްޞަ ސަމާލުކަމެއް ދެވިގެން މިދަނީ. ކުދި އާބާދީތަކަށް ޚާއްޞަ ސަމާލުކަން. ފެނާއި ނަރުދަމާ ކަންތައްތައް އެބަހުރި. އިންޖީނުގެ، ގާތްގަނޑަކަށް ފަންސާހަކަށް އިންޖީނުގެ އަލަށް އެޅިއްޖެ. ސާޅީސް އިންޖީނުގެ އަޅަމުން އެބަދޭ. ފެނާއި ނަރުދަމާގެ ފަސްދޮޅަސްވަރަކަށް ޕްރޮޖެކްޓް މިހާރުވެސް ހަމަ އޮންގޮއިންގ އެބަހުރި. އަދި ބާކީހުރި ކަންތައް ތައްޔާރުވަމުން އަންނަނީ. ސްކޫލްތަކުގައި އެއްހާހަށްވުރެ ގިނަ ކްލާސްތައް އެބަހުރި. އެތައް މަލްޓިޕަރޕަސް ހޯލް އެބަހުރި. ގުޅުންހުރި ލެބްތަކާއި މަސައްކަތް އެބަހުރި. އެތައް ހެލްތު ސެންޓަރެއް އެބަ އާދޭ. ފަސް ޓަރޝަރީ ހޮސްޕިޓަލްގެ މަސައްކަތް އެބަދޭ. ގާތްގަނޑަކަށް ދެހާހަށްވުރެ ގިނަ ސީ.ޓީ ސްކޭން، ހަމައެކަނި ކުޅުދުއްފުށިން ހެދިއްޖެ. ބާރަސަތޭކައަށްވުރެ ގިނަ އެމް.އާރު.އައި. ހެދިއްޖެ. އައްޑުއަށް ބަލައިފި ކަމަށްވަންޏާވެސް އެބަހުރި. ލާމުގައިވެސް އެބަހުރި. އުނގޫފާރުގައި އިންސްޓޯލް ކޮށްފި.

އެހެންވީމާ، މި ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ރިނިއުބަލް އެނަރޖީއަށް އަޅުގަނޑުމެންމި ދަތުރުކުރަނީ. ދާއިރު މީހުން އަންނަންވީ. އަޅުގަނޑުމެން އެއްކަލަ ޒިންމާދާރު ބަޔަކަށް ކޮންމެ މީހަކީވެސް އެންމެ މުހިންމު މީހާ ކަމަށް ބަލަންވީ. ޤައުމުގައި ހުރި ކޮންމެ މީހަކީ އެންމެ މުހިންމު މީހާ ޤައުމަށް. އެ ނިޔަތުގައި އަޅުގަނޑުމެން މަސައްކަތް ކޮށްފިކަމަށްވަންޏާ، އެއްވެސް ޝައްކެއްނެތް، ކުރިއަށް އޮތް ތާނގައި، އެ ދުވަސް އަންނާނެ އިނގޭތޯ. އެހެން މަސައްކަތް ކޮށްފި ކަމަށްވަންޏާ، ސިންގަޕޯރ އަދި ޑެންމާރކެއް ނޫން އިނގޭތޯ. ކޮންމެވެސް ދުވަހަކުން ޤައުމުގައި ތިބި ބަޔަކަށް ފެންނާނެ، މި ޤައުމު މިއޮތީ އެހިސާބަށް އައިސްފައިކަން.

ޢާމިރު ސަލީމް:

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ، ދެން ޕްރޮގްރާމަށް ވަޑައިގެން، ވަރަށް ގިނަ މަޢުލޫމާތު ޙިއްޞާކޮށްލެއްވީތީ. ޚާއްޞަކޮށް، ދެން އަޅުގަނޑުމެންގެ ހެނދުނުގެ ޝޯއަށް ވަގުތުކޮޅެއް ދެއްވީތީ.

އަޅުގަނޑުމެން ޕްރޮގްރާމް ނިންމާލަނީ. އިރާދަކުރެއްވިއްޔާ، މާދަމާވެސް "ފަށާއިރު"ގެ މުޅިން އައު ޕްރޮގްރާމަކާއެކު ބައްދަލުކޮށްލުމުގެ އުންމީދުގައި. އެންމެހައި ބޭފުޅުންނަށްވެސް ވަރަށް ބާއްޖަވެރި، ރައްކާތެރި ދުވަހަކަށް އެދެން. ޝޯ ބެއްލެވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ.